• 22 ޑިސެންބަރު 2024

    އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް އިތުރު ދަޢުވާތަކެއް ކޯޓަށް ހުށަހެޅުން

    ގ. ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމުގައި ހުރިއިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ޚިޔާންތްތެރިވެ، އެފް.އޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާފައިވާ މައްސަލާގައި ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 22 ޑިސެންބަރު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    1.    ޤާނޫނުލްޢުޤޫބާތުގެ ގެ 215 ވަނަ މާއްދާގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ. 

    ދަޢުވާކުރާ ސަބަބުގެ ޚުލާޞާ: ބައްސާމު ޢަދީލް ޖަލީލު، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ USD 1,200,000 (އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު) އަށް ޚިޔާނާތްތެރިވެފައިވާތީ.

    އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން.

    2.    މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ.

    ދަޢުވާކުރާ ސަބަބުގެ ޚުލާޞާ: ބައްސާމު ޢަދީލް ޖަލީލް، އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ޖީ.އެސް.ޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ -/25,000,000 (ފަންސަވީސް މިލިއަން ރުފިޔާ) ގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފް.އޭ.އެމް.ގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ދައްކާފައިވާތީ.

    އަދަބު: 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން.

    މި ދަޢުވާތަކާ ގުޅިގެން އަންނަނިވި މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެއެވެ. 

    1.    މި ޚިޔާނާތުގެ ސަބަބުން އެފް.އޭ.އެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ USD1,200,000 އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު ބައްސާމު ޢަދީލް ޖަލީލްގެ އަތުން ނަގައިދިނުމަށް އެދި.

    2.    ލޯންޑާ ކޮށްފައިވާ މި ފައިސާ ބޭނުންކޮށްގެން ބައްސާމު ޢަދީލް ޖަލީލް ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް.

    މި މައްސަލާގައި ކުރިން ތަޙުޤީޤުކުރެވިފައިވާ ބައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާކުރުމަށް 21 ޖަނަވަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.

    މި ޢަމަލުތަކުގައި ބައިވެރިވީ އެފް.އޭ.އެމްގެ މުވައްޒަފުންގެ މައްޗަށް ދަޢުވާކުކުރުމަށްޓަކައި މިހާރު މިދަނީ ތައްޔާރުވަމުންނެވެ. މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަމުންދާ މައްސަލައެކެވެ. ތަޙުޤީޤަށް ކުރިއެރުން ލިބޭ ވަރަކުން، ހެކި ޤަރީނާ ވަޒަންކޮށް، މައްސަލާގައި އިތުރު ދަޢުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނަމެވެ.

     

    * މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް  އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.


  • 22 ޑިސެންބަރު 2024

    ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ރިޕޯޓާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ދެންނެވުން

    17 ނޮވެންބަރު 2018 އިން ފެށިގެން 17 ނޮވެންބަރު 2023 އަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ރިޕޯޓު މި އޮފީހަށް ހުށަހަޅާފައިވެއެވެ.

    އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އެ ތަކެތީގެ ޙައްޤުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ، އަދި ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ޚިލާފަށް، އަދި ދައުލަތަށް ގެއްލުންލިބޭ ގޮތަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

    އެ ރިޕޯޓުގައިވާ ކަންކަމަށް މި އޮފީހުން ރިޢާޔަތްކުރުމަށްފަހު، އެ ކަންކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަޙުޤީޤުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއްކަމަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި 17 ޑިސެންބަރު 2024 ގައި ދަންނަވާފައިވާނެއެވެ.

    އަދި މައްސަލައިގެ އަވަސް ތަޙުޤީޤެއް ހިންގުމަށާއި، ތަޙުޤީޤަށް ކުރިއެރުން ލިބެމުންދާ ވަރަކުން މި އޮފީހާ މަޝްވަރާކުރަމުން ގެންދިއުމަށް އެ ކޮމިޝަންގައި ދަންނަވާފައިވާނެއެވެ.


  • 19 ޑިސެންބަރު 2024

    ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވައިފި

    ސަރުކާރުން ހިންގާ "ބިންވެރިޔާ'' އަދި ''ގެދޮރުވެރިޔާ'' ސްކީމަށް އެދި ފޯމު ބަލައިގަތުމުގައާއި ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ކަނޑައެޅިފައިވާ އުޞޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ޢަމަލުކޮށްފައިވުމުގެ ކަންބޮޑުވުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައިސްފައިވެއެވެ. 

    މި ކަމަކީ ޢާންމު މަސްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ، މިއީ ފުރިހަމަ ޖިނާއީ ތަޙުޤީޤެއް ހިންގަންޖެހޭ ކަމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ދެކެވަޑައިގަންނަވައެވެ.

    އެހެންކަމުން، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބޭ ބާރުގެ ދަށުން، "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ މަސައްކަތް ފެށުނީއްސުރެ މިއަދާ ހަމައަށް ހިނގާފައިވާ އެންމެހައި ކަންކަންމުގެ ފުރިހަމަ ޖިނާއީ ތަޙުޤީޤެއް ހިންގުމަށްފަހު، އެކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެމަ، އެކަން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކުރުމަށްޓަކައި މިއޮފީހަށް ހުށަހެޅުމަށް،  ދިވެހި ފުލުހުންގެ ޚިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވައިފިއެވެ.

    އަދި މި މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތް، ކޮންމެ ހަފްތާއަކު 1 ފަހަރު ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙިއްޞާކުރަމުން ގެންދިއުމަށާއި، މި މައްސަލައިގެ އަވަސް ތަޙުޤީޤެއް ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އަމުރުކުރައްވާފައެވެ.


  • 22 ނޮވެންބަރު 2024

    މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ދަޢުވާ ކުރެވޭ ނިސްބަތް 112 އިންސައްތަ އިތުރުވެއްޖެ

    2023 ވަނަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ދަޢުވާކޮށްފައިވާ މިންވަރު 112.5 އިންސައްތަ އިތުރުވެފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

    އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އޮފީސް އޮފް އޯވަރސީސް ޕްރޮސިކިއުޓޯރިއަލް ޑިވަލޮޕްމަންޓް އެސިސްޓެންސް އެންޑް ޓްރެއިނިނިގް (އޯ.ޕީ.ޑީ.އޭ.ޓީ) އިން މިމަހުގެ 17 އިން 21 އަށް ކްރޮސްރޯޑްސްގައި ބޭއްވި "ސައުތް އޭޝިއާ ރީޖަނަލް ކައުންޓަރ ނާކޮޓިކްސް ޓްރެފިކިންގ ޕްރޮގްރާމް" ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން، ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) ޢައްބާސް ޝަރީފް ވިދާޅުވީ، މިހާރު ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ ވައިގެ މަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައްކަމަށެވެ.

    އެގޮތުން އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ 17  ދަޢުވާ ކޯޓަށް ހުށަހަޅާފައިވާކަމަށާއި، އަދި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ 190  ދަޢުވާ މިއަހަރުގެ މިހާތަނަށް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

    މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ކުރި ދަޢުވާތަކާ އަޅާ ބަލާއިރު 112.5 އިންސައްތަ އިތުރުވުމެއްކަމަށާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކުގައި ދަޢުވާކުރެވިފައިވާ ނިސްބަތް 14 އިންސައްތަ އިތުރުވެފައިވާކަމަށެވެ.

    "މިކަމުން ދައްކުވައިދެނީ ޤާނޫނު ތަންފީޛްކުރާ އިދާރާތަކުން މަސްތުވާތަކެތި ހިފަހައްޓާ މިންވަރު މިއަހަރު ތެރޭގައި އިތުރުވެފައިވާކަން. މިކަމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. އަދި މިކަން ތަންފީޛްކުރުމަށް މަސައްކަތްކުރާ އެންމެހައި އިދާރާތަކަށް އަޅުގަނޑު މަރުޙަބާ ދަންނަވަން." ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.

     ދިވެހިރާއްޖޭގެ އިތުރުން ނޭޕާލް، ސްރީ ލަންކާ، ބަނގްލަދޭޝްގެ ޕްރޮސިކިއުޓަރުންނާއި، އިންވެސްޓިގޭޓަރުންނާއި އެނަލިސްޓުން ބައިވެރިވި މި ތަމްރީނު ޕްރޮގްރާމްގައި އެކި ޤައުމުތުން މަސްތުވާތަކެއްޗާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައިވެއެވެ.


  • 13 ނޮވެންބަރު 2024

    އެކްސިޑެންޓެއްގައި މީހަކު މަރުވުމާ ގުޅިގެން ދަޢުވާކުރުން

    6 ސެޕްޓެންބަރު 2024 ދުވަހު 2:44 އެހައިކަށްހައިއިރު ހުޅުމާލެ ބަގީޗާހިނގުން ސެންޓްރަލް ޕާކް ކައިރިން އިރުން ހުޅަނގަށް ބާރުސްޕީޑްގައި ދުއްވާފައިދިޔަ ކާރަކުން ހުޅުމާލެ ރީތިގަސްމަގުން ދެކުނުން އުތުރަށް ދުއްވާފައި އައިސް ބަގީޗާހިނގުމަށް ނުކުތް، ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެ، ސައިކަލް ދުއްވަން އިން ލ. އިސްދޫ، ބީޗްހައުސް، ޙަސަން ސަމާޙް މަރުވެފައިވާ މައްސަލަ.

    ދަޢުވާލިބޭ ފަރާތް: ސ. ހިތަދޫ، ވައިލެޓްފެހި، މުޙައްމަދު ވިސާމު ޞިދުޤީ

    ދަޢުވާ: ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 111 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާ.

    ދަޢުވާކުރާ ސަބަބު: މުޙައްމަދު ވިސާމް ޞިދުޤީ، 06 ސެޕްޓެންބަރު 2024 ދުވަހުގެ 02:44 އެހައިކަށްހައިއިރު، ކާރު ދުއްވުމުގެ ލައިސަންސް ނެތި، ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން އިރުން ހުޅަނގަށް، ރަޖިސްޓްރީ ނަންބަރު: AB1B-P8580 ކާރުގައި ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާފައި ދަނިކޮށް، ހުޅުމާލެ ރީތިގަސްމަގުން ދެކުނުން އުތުރަށް ދުއްވާފައި އައިސް ބަގީޗާހިނގުމަށް ނިކުތް ރަޖިސްޓްރީ ނަންބަރު: AA0M-P2780 ސައިކަލުގައި، ކޮންޓްރޯލުނުވެގެންގޮސް ޖެހި އެކްސިޑެންޓް ވުމުގެ ސަބަބުން އެ ސައިކަލު ދުއްވަންއިން ލ.އިސްދޫ، ބީޗްހައުސް، ޙަސަން ސަމާޙް ނިޔާވެފައިވާތީ.

    ދަޢުވާ ސާބިތުވެއްޖެނަމަ ކަނޑައެޅޭނެ އަދަބު: 6 އަހަރުގެ މުއްދަތަކަށް ޖަލަށް ލުން.

    ދަޢުވާ ހުށަހެޅުނު ތާރީޚް: 31 އޮކްޓޫބަރު 2024

     

    * މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް  އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.


  • 30 އޮކްޓޫބަރު 2024

    ޢަބްދުﷲ ޖިހާދުގެ މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް ނިންމި ނިންމުން މުރާޖަޢާކުރުމަށް ހުށަހެޅުން

    ދަފްތަރު ނަންބަރު 1015، ޢަބްދުﷲ ޖިހާދުގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހެޅި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއްވާން އޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ މައްސަލަ ބެލޭނެތަނެއް ނެތްކަމަށް އެކޯޓުން ކަނޑައެޅުއްވުމާ ގުޅިގެން، އެ މައްސަލަ އިސްތިއުނާފުކުރުމަށް 11 އޮގަސްޓު 2024 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާނެއެވެ. 

    މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ "އިޖުރާއީ ނިންމުން" އިން، އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ޖިހާދަށް މައްސަލައިގެ ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދު ނުކުރެވޭކަމަށް ބަޔާންކޮށް، އޭނާ ކޯޓަށް ހާޒިރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު އަލުން ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދެއްވައި، މައްސަލަ އަނބުރާ މި އޮފީހަށް ފޮނުއްވާފައިވެއެވެ. 

    މި މުއްދަތުގައި ދިވެހި ފުލުހުންގެ ޚިދުމަތް މެދުވެރިކޮށް ޢަބްދުﷲ ޖިހާދު ހުރިތަނެއް ސާފުކުރިއިރު، އޭނާ ރާއްޖެއިން ބޭރަށް ގޮސްފައިވާކަމަށް މަޢުލޫމާތުދީފައިވެއެވެ.

    އެ ސަބަބަށްޓަކައި، ކޯޓުން ދެއްވި މުއްދަތުގައި މައްސަލަ އަލުން ހުށަހެޅުމަށް ހުރަހެއް ކުރިމަތިވެފައިވާކަމަށް ބަޔާންކޮށް، މުއްދަތު އިތުރުކޮށްދެއްވުމަށް 3 އޮކްޓޫބަރު 2024 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނެއެވެ.

    އަދި ޢަބްދުﷲ ޖިހާދު އެނބުރި ރާއްޖެ އައިސްފައިވާކަމަށް 14 އޮކްޓޫބަރު 2024 ގައި ދިވެހި ފުލުހުންގެ ޚިދުމަތުން މި އޮފީހަށް މަޢުލޫމާތު ދެއްވުމާ ގުޅިގެން، ޖެހިގެން އައި 15 އޮކްޓޫބަރު 2024 ގައި މައްސަލަ އަލުން ހައިކޯޓަށް ހުށަހަޅާފައިވާނެއެވެެ.

    ނަމަވެސް އެ ކޯޓުގެ ރަޖިސްޓަރގެ ނިންމުމުން މައްސަލަ ބަލައިނުގަތުމަށް 27 އޮކްޓޫބަރު 2024 ގައި ނިންމަވާފައިވެއެވެ.

    ހައިކޯޓުގެ ރަޖިސްޓްރަރ ގެ ނިންމެވުމާމެދު މި އޮފީހުން ހިތްނަމަ ނުޖެހޭތީއާއި، ރަޖިސްޓްރަރގެ ނިންމެވުން ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާއާއި، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާއާ ފުށޫއަރާކަމަށް ފެންނާތީ، އެ ނިންމެވުން މުރާޖަޢާކޮށްދެއްވުން އެދި މިއަދު (30 އޮކްޓޫބަރު 2024) ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފީމެވެ.  


  • 28 އޮކްޓޫބަރު 2024

    ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢަލީ ސަމީރު އިސްތިއުފާދެއްވުން

    ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޢަލީ ސަމީރު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
     
    އަލްއުސްތާޛް ޢަލީ ސަމީރު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވައި މި އޮފީހަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްއާއި، މި އޮފީހުގެ މުވައްޒަފުން ޝުކުރު އަދާކުރައްވައެވެ. 
     
    އަލްއުސްތާޛް ޢަލީ ސަމީރު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެވުނީ 12 މޭ 2022 ގައެވެ. 

  • 27 އޮކްޓޫބަރު 2024

    ދަޢުވާތަކާއި، ބަންދު މުރާޖަޢާކުރުމަށް އެދި 539 ފޯމު ހުށަހަޅާފައިވޭ

    މި އޮފީހުން ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދަޢުވާތަކާއި، އިސްތިއުނާފުކޮށް ހިނގަމުންދާ އިސްތިއުނާފްތަކާއި، މައްސަލަތަކުގައި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި، ޖުމްލަ 539 (ފަސްސަތޭކަ ތިރީސް ނުވައެއް) ޝަކުވާ މި އޮފީހަށް ލިބިފައިވެއެވެ.

    ހުށަހަޅާފައިވާ ޝަކުވާތަކާއި، މުރާޖަޢާކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން މި އޮފީހުން ބަލަންޖެހޭ ބެލުންތައް މިދަނީ ބަލަމުންނެވެ.

    އަދި ބަލަންޖެހޭ ބެލުންތައް ބަލައި މުރާޖަޢާކުރުމަށްފަހު، މި އޮފީހުން ނިންމާ ގޮތެއް ހުށަހެޅި ފަރާތްތަކާ ޙިއްޞާކުރާނަމެވެ.


    • 02 އޮކްޓޫބަރު 2024

      ދަޢުވާތަކާއި، ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

      މިހާރު ކޯޓަށް ހުށަހެޅިފައިވާ ދަޢުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 1 އޮކްޓޫބަރު 2024 އިން ފެށިގެން 20 (ވިހި) ދުވަހުގެ މުއްދަތަށް ވަނީ ހުޅުވާލެވިފައެވެ.  މުރާޖަޢާކުރުމަށް އެދި ހުށަހަޅާ ފޯމު މި އޮފީހާއި، މި އޮފީހުގެ  ގޮފިތަކުން އަދި ޕޮލިސް ސްޓޭޝަންތަކުންނާއި، ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ލިންކުން ފޯމު ޑައުންލޯޑު ކުރެއްވޭނެއެވެ.

      އޮންލައިންކޮށް  ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ލިންކަށް ވަޑައިގަތުމުން އޮންލައިން ފޯމު ފެނިވަޑައިގަންނަވާނެއެވެ. އަދި އޮންލައިންކޮށް ފޯމު ހުށަހެޅުއްވޭނެއެވެ.

      އިތުރު މަޢުލޫމާތު މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

  • 16 އޮކްޓޫބަރު 2024

    ދަޢުވާތަކާއި، ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

    މިހާރު ކޯޓަށް ހުށަހެޅިފައިވާ ދަޢުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 1 އޮކްޓޫބަރި 2024 އިން ފެށިގެން 20 ދުވަހުގެ މުއްދަތަށް ވަނީ ހުޅުވާލެވިފައެވެ. ރިވިއުކޮށްދިނުމަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 20 އޮކްޓޫބަރު 2024 ގެ ނިޔަލަށެވެ. 


    • 02 އޮކްޓޫބަރު 2024

      ދަޢުވާތަކާއި، ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

      މިހާރު ކޯޓަށް ހުށަހެޅިފައިވާ ދަޢުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 1 އޮކްޓޫބަރު 2024 އިން ފެށިގެން 20 (ވިހި) ދުވަހުގެ މުއްދަތަށް ވަނީ ހުޅުވާލެވިފައެވެ.  މުރާޖަޢާކުރުމަށް އެދި ހުށަހަޅާ ފޯމު މި އޮފީހާއި، މި އޮފީހުގެ  ގޮފިތަކުން އަދި ޕޮލިސް ސްޓޭޝަންތަކުންނާއި، ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ލިންކުން ފޯމު ޑައުންލޯޑު ކުރެއްވޭނެއެވެ.

      އޮންލައިންކޮށް  ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ލިންކަށް ވަޑައިގަތުމުން އޮންލައިން ފޯމު ފެނިވަޑައިގަންނަވާނެއެވެ. އަދި އޮންލައިންކޮށް ފޯމު ހުށަހެޅުއްވޭނެއެވެ.

      އިތުރު މަޢުލޫމާތު މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.