މި އޮފީހާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މި މޭމަހުގެ 10 އިން 12 އަށް ވިލާ ނޯޓިކާ ރިސޯޓުގައި ކުރިއަށްގެންދިޔަ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ 100 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި މައިގަނޑު 4 ދާއިރާއަކުން ދިރާސާ ކަރުދާސްތައް ތައްޔާރުކޮށް ހުށަހަޅާފައިވެއެވެ.
އަދި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި 5 މަޢުޟޫއަކަށް ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންގޮސްފައިވާނެއެވެ.
10 މޭ 2025 ދުވަހު މި ކޮންފަރެންސް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މިރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި، ޖުޑީޝަރި ހިމެނޭގޮތުން ދައުލަތުގެ އިދާރާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
އަދި ކޮންފަރެންސް ތެރޭގައި ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންތަކުގެ ތެރެއިން ޓީޗަރުންނާއި ބެލެނިވެރިންގެ ޕެނަލްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފައިވެއެވެ.
މި ކޮންފަރެންސް ތެރޭގައި ދެކެވުނު ވާހަކަތަކާއި، ހުށަހެޅުނު ދިރާސާ ކަރުދާސްތަކުގެ މައްޗަށް "ޕޮލިސީ ރެކޮމަންޑޭޝަން" ތައް ތައްޔާރުކުރުމުގެ މަސައްކަތް މި އޮފީހުން މިގެންދަނީ ކުރަމުންނެވެ.
ކޮންފަރެންސްއަށް ތައްޔާރުކުރެވުނު ދިރާސީ ކަރުދާސްތަކާއި ރެކޮމަންޑޭޝަން ކަރުދާސްތައް ތައްޔާރުވުމުން، ކޮންފަރެންސް ވެބްސައިޓުގައި ޝާއިޢުކުރާނަމެވެ. އޭރުން ފަހުން ކުރެވޭ މިބާވަތުގެ މަސައްކަތްތަކުގައި އެ ތަކެތި ބޭނުންކުރެވޭނެއެވެ.