ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޕްރޮސިކިއުޓަރ ޖެނެރަލް ޝަރަފުވެރިކޮށްދެއްވައިފި

31 މޭ 2025

ދިވެހި ފުލުހުންގެ ޚިދުމަތުގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުގެ، ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފް ޝަރަފްވެރިކޮށްދެއްވައިފިއެވެ. 

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ބެޗްގެ ބެސްޓް އޯލް-ރައުންޑު ދަރިވަރު، ޕޮލިސް ކޮންސްޓަބަލް ޙުސެއިން ތައިމްއާއި، ކޯހުގެ ވަނަވަނައަށް އައި ބައިވެރިންނަށް ހަނދާނީ ފިލާ އަރުވާފައެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފުވި ދުވަސްވަރު، ފުލުހުންގެ މުއައްސަސާގެ ބޮލުގައި އެކި ތުހުމަތުތައް އަޅުވައި ބަދަނާމު ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ފުލުހުންނާމެދު ރައްޔިތުންގެ މެދުގައި އޮތް އިހުތިރާމާއި ޤަދަރު ކުޑަވެގެން ދިޔަކަމަށެވެ. އަދި ފުލުހުންގެ ޤާބިލުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔަ ނަމަވެސް، އޭރު ފުލުހުންނާމެދު އެ އުފެއްދި ކިލަނބު ތަޞައްވުރުން އަދިވެސް އަރައިގަނެވިފައި ނުވާކަމަށެވެ. 

"ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ފުލުހުންގެ މުއައްސަސާއަށް އޮތް ރައްޔިތުންގެ އިތުބާރު އިތުރުކުރަން ފުލުހުންގެ މުއައްސަސާއިން ކުރަމުން ތިޔަ ގެންދަވާ މަސައްކަތް އެހެން ހަރުފަތަކަށް ގެންގޮސްގެން ނޫނީ، މި ބޭނުންވާ ނަތީޖާ ޙާޞިލުނުވާނެ މިންވަރަށް ތަޞައްވުރު ނުސާފުކޮށްފައިވާކަން" ޕީޖީ ވިދާޅުވިއެވެ. 

ފުލުހުންގެ މައްކަތް ޒިންމާދާރުކަމާއެކު އަދާކުރަމުންދާނަމަ ޖިނާއީ ޢަދުލުގެ ނިޒާމުގެ މޫނުމަތި ސާފުވާނެކަމަށާއި، އެއީ ފުލުހުންގެ އެންމެ ބޮޑު އެއް ޒިންމާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ދަސްވެނިވެ ފީލްޑަށް އަލަށް ނުކުންނަ ފުލުހުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ، އަނިޔާ ލިބިފައިވާ މީހުންގެ އެހީތެރިއަކަށް ވުމަށާއި، އިޙްސާންތެރިކަން އިސްކުރުމަށާއި، ބާރު ބޭނުންކުރުމުގައި ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކުރުމަށާއި، އަވަސްވެގަތުމެއްނެތި ފަރުވާތެރިކަމާއި ސަމާލުކަމާއެކު ނިންމުންތައް ނިންމުމަށް އިލްތިމާސް ކުރައްވާފައެވެ.

"ބޮޑީ ވޯން ކެމެރާއަށްވުރެ އަމިއްލަ ނަފްސަށް ތެދުވެރިވާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ" ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.  

މި ކޯހުގައި ޖުމްލަ 210 ފުލުހުން ބައިވެރިވެފައިވާއިރު، 196 ފުލުހުން އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ދަސްވެނިވެފައިވެއެވެ. މިއީ 19 ޖަނަވަރީ 2025 އިން ފެށިގެން ކުރިއަށްގެންދިޔަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިންނެވެ.