-
01 މޭ 2025
ޖުވެނައިލް ޖަސްޓިސް ކޮންފަރެންސަށް ޚާއްޞަ ވެބްސައިޓެއް ލޯންޗުކޮށްފި
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސްއަށް ޚާއްޞަ ވެބްސައިޓެއް ލޯންޗުކޮށްފިއެވެ.
މި މޭ މަހުގެ 10 އިން ފެށިގެން 12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސްއާގުޅޭ ހުރިހާ މަޢުލޫމާތެއް އެއް ތަނަކުން ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކޮންފަރެންސްއަށް ޚާއްޞަ ވެބްސައިޓެއް ލޯންޗުކޮށްފީމެވެ.
މި ވެބްސައިޓްގެ އެޑްރެހަކީ: https://pgoffice.gov.mv/njjc2025
މި ވެބްސައިޓް ފަރުމާކޮށްފައިވަނީ ކޮންފަރެންސްގެ ޑިޒައިން ޕާރޓްނަރ ލޫޕްކްރާފްޓާއި، މި އޮފީހުގެ އައިސީޓީ ސެކްޝަން ގުޅިގެންނެވެ.
މި ވެބްސައިޓުގައި ކޮންފަރެންސަށް ހުށަހެޅޭ ފަންނީ ކަރުދާސްތަކާއި، ޕެނަލް ޑިސްކަޝަންތަކުގެ މަޢުލޫމާތާއި، ކީ-ނޯޓް ސްޕީކަރުންގެ މަޢުލޫމާތާއި، ކޮންފަރެންސާގުޅޭ އެހެނިހެން މަޢުލޫމާތު ހިމެނޭނެއެވެ.
މި ވެބްސައިޓް ފަރުމާކޮށްފައިވާނީ، ކޮންފަރެންސް ނިމުމަށްފަހުވެސް، ކޮންފަރެންސްގައި މަޝްވަރާކުރެވޭ ކަންކަމާގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތު ހިމެނޭ ގޮތަށެވެ.
-
29 އެޕްރީލް 2025
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސްގެ މީޑިއާ ޕާރޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 ގެ މީޑިއާ ޕާރޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ ހަމަޖައްސައިފިއެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އާމިނަތު ވަޙީދާއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله ޔާމީންއެވެ.
މި އެއްބަސްވުމުގެ ދަށުން މި ކޮންފަރެންސް ޕްރޮމޯޓްކުރުމުގައި ޕީ.އެސް.އެމުން އެހީތެރިވުމާއި، ކޮންފަރެންސްގެ ބައެއް ބައިތައް ޕީ.އެސް.އެމްގެ ޗެނަލްތަކުން ވަގުތުން ދުރަށް ދެއްކުމަށް ހަމަޖެހިފައިވެއެވެ.
-
26 އެޕްރީލް 2025
18 އެޕްރީލް 2025 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލަ
18 އެޕްރީލް 2025 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލައާ ގުޅިގެން އަންނަނިވި އިރުޝާދުތައް 24 އެޕްރީލް 2025 ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާނެއެވެ.
މި ޙާދިސާއާ ގުޅިގެން 24 އެޕްރީލް 2025 ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލާގައި އަނިޔާލިބުނު މީހާގެ ޒާތީ މަޢުލޫމާތާއި، އަނިޔާލިބުނު މީހާ ފެންނަ ފޮޓޯއާއި ވީޑިއޯ ޢާންމުކޮށްފައިވާތީ، އަނިޔާލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެފަދަ އެއްވެސް މަޢޫލޫމާތެއް އިތުރަށް ހާމަނުކުރުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމަށް ދަންނަވާފައިވާނެއެވެ.
އަދި، މި މައްސަލައިގެ ތަޙުޤީޤަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ޙާލަތުގައި ތިބިކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، ކުޑަކަމުދާތަކެތި ނެގުމުގައި ޤާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ފާހަގަކޮށްފައިވާތީ، ޤާނޫނީ އުޞޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަޙުޤީޤުކުރުމަށް މި އޮފީހުން އަންގާފައިވާނެއެވެ.
އަދި، ޖިނާއީ ތަޙުޤީޤުތަކާ ގުޅިގެން މަޢުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ޢަމަލުކުރުމަށާއި، ޖިނާއީ ކުށްތަކާ ގުޅިގެން މަޢުލޫމާތު ޢާންމުކުރުމުގައި އޮޅުންނާރާނެގޮތަށް، ހާމަކަމާއެކު، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، ތަޙުޤީޤަށް ހުރަސްނޭޅޭނެ ގޮތަށް މަޢުލޫމާތު ހާމަކުރުމަށް ދަންނަވާފައިވާނެއެވެ.
މީގެ އިތުރުން، މި މައްސަލަ ތަޙުޤީޤުކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިޙުމާލެއް އަދި އިޖުރާއަތްތަކާ ޚިލާފު ޢަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އަންގާފައިވާނެއެވެ.
މި މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތާމެދު ޢާންމުންގެ ހުރި ޝަކުވާތައް މި އޮފީހަށް ހުށަހެޅުއްވުމުން، އެ ޝަކުވާތަކާމެދުވެސް، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް މި އޮފީހުން އަޅަމުން ގެންދާނަމެވެ.
އަދި، ޖިނާއީ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ފެތުރުމުގައި، ނޫސްވެރިންނާއި، ޢާންމު ރައްޔިތުންވެސް މައްސަލާގައި އަނިޔާލިބޭ މީހުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރަމެވެ.
-
22 އެޕްރީލް 2025
ޖިނާއީ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހަޅައިފި
ދިވެހިރާއްޖޭގެ ކޯޓެއްގައި ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމުގެ ފުރުޞަތު ދީފިއެވެ.
ކުޑަކުއްޖެއްގެ ޢުމުރުން 8 އަހަރުން ފެށިގެން 18 އަހަރާ ހަމައަށް (10 އަހަރު ދުވަސް ވަންދެން) އެކި ފަހަރު މަތިން އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 54 (ފަންސާސް ހަތަރެއް) އަހަރަށް ޖަލަށްލުމަށް 21 އެޕްރީލް 2025 ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށެއްގެ ސަބަބުން ތަހައްމަލު ކުރަންޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރުމަށް މައްސަލާގައި އަނިޔާލިބުނު ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެވެ.
މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ ވަނީ މި އޮފީސް މެދުވެރިކޮށް ކޯޓަށް ބަޔާނެއް ހުށަހަޅައި، މި މައްސަލައިގެ ޙާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ވަރަށް އަސަރާއެކު ބަޔާންކޮށްދީފައެވެ. މި ބަޔާން ކޯޓުގައި އިއްވަވައިދެއްވާފައިވަނީ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އަލްމާސް މުބާރިކެވެ.
ޖިނާއީ މައްސަލަތަކުގެ ތެރެއިން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، މި އޮފީހުން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ވިކްޓިމުން، ބާރުވެރިކުރުވުމެވެ. ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ ވިކްޓިމުން ބާރުވެރިކޮށް، ވިކްޓިމުންނަށް ތަސައްލީ ހޯދައިދިނުމަށްޓަކައި ހުޅުވާލެވިފައިވާ މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި އަމަލުކުރާ އުޞޫލެކެވެ.
މި މައްސަލާގައި ކުށް ސާބިތުވުމަށްފަހު އަދަބު ކަނޑައެޅުމުގެ ކުރިން އަނިޔާލިބުނު ކުއްޖާއަށް ކޯޓުގައި އެކުއްޖާގެ ބަސް އިއްވުމުގެ ފުރުޞަތު ލިބިދިނުމަށް މި އޮފީހުން ކޯޓުގައި އެދުމުން، ކޯޓުން އެ ފުރުޞަތު ދެއްވާފައިވާތީ މި އޮފީހުން އެކަމަށް މަރުޙަބާ ކިޔަމެވެ. މި އޮފީހުން މިގެންދަނީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ވިކްޓިމުންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށްދީ، ވިކްޓިމް-ސެންޓާރޑް ނިޒާމަކަށް މިސްރާބު ޖަހަމުންނެވެ.
މި މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ހައްސާސް މައްސަލައަކަށް ވެފައި، އަނިޔާލިބުނު ކުއްޖާގެ މަޢުލޫމާތު ޙިމާޔަތްކުރުމުގެ ބޭނުމަށްޓަކައި ކުށްކުރި ފަރާތުގެ މަޢުލޫމާތު ހާމަކޮށްފައި ނުވަނީއެވެ.
-
20 އެޕްރީލް 2025
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025
ކުޑަކުދިންގެ ޢަދުލުގެ ޤައުމީ ފެންވަރުގެ މަހާސިންތާ "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" މި މޭ މަހުގެ 10 އިން 12 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކާއި، ގުޅުންހުރި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ ފުރަތަމަ މަހާސިންތާއެވެ.
މިއީ ޔުނިސެފްގެ އެހީތެރިކަމާއެކު މި އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ މަހާސިންތާއެކެވެ.
މި މަހާސިންތާ ބޭއްވުމުގެ މަޤްޞަދުތައް:
- ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ފަންނީ މަޝްވަރާގެ އަލީގައި ޙައްލު ހޯދުން.
- ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށްޓަކައި، މިހާރު ޢަމަލުކުރަމުންދާ އުޞޫލުތަކާއި، ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން.
- ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކާއި ޖަމިއްޔާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުން.
މި މަހާސިންތާގައި ކުރެވޭ ފަންނީ މަޝްވަރާތަކާއި، ހުށަހެޅޭ ދިރާސީ ކަރުދާސްތަކުގެ އަލީގައި ޕޮލިސީ ރެކޮމަންޑޭޝަން ކަރުދާހެއް ތައްޔާރުކޮށް، އެކަންކަން ތަންފީޛްކުރުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ.
-
13 އެޕްރީލް 2025
މި އޮފީހުގެ ސުލޫކީ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން 2 ޕްރޮސިކިއުޓަރަކު ސަސްޕެންޑުކުރުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2021/R-73) ގެ ދަށުން މި އޮފީހުގައި އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، މި އޮފީހުގެ 2 (ދޭއް) ޕްރޮސިކިއުޓަރަކު، މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑުކުރުމަށް މި އޮފީހުން ނިންމާފައިވާނެއެވެ.
ސުލޫކީ ކޮމިޓީން ބަލަމުންދާ މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި، މި އޮފީހުން ޤަބޫލުކޮށް ހިފަހައްޓަމުންދާ އަޙްލާޤީ މިންގަނޑާ ޚިލާފުވުމުގެ މައްސަލައެކެވެ.
މި މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ބެލުންތަކެއް ހުރިކަމަށް ފެންނާތީ، އެކަން މި އޮފީހުން ވާނީ އެ ޚިދުމަތަށް ހުށަހަޅާފައެވެ. އެހެންކަމުން، އެ ޚިދުމަތުންވެސް ގެންދަވަނީ މި މައްސަލަ ތަޙުޤީޤުކުރައްވަމުންނެވެ.
-
24 މާރިޗު 2025
ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިއަކަށް އިންޒާރުދިންކަމަށް ބުނާ މައްސަލަ
14 މާރިޗު 2025 ވަނަ ދުވަހުގެ 19:04 އެހައިކަށްހައިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީ.އީ.އޯ ޙުސައިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި، ބިރު ދައްކައި އިންޒާރުދީފައިވާކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި މައްސަލަ އެ ޚިދުމަތުން ތަޙުޤީޤުކުރުމަށް ފަހު، 23 މާރިޗު 2025 ދުވަހު ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވެއެވެ.
މި މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ ހެކި ޤަރީނާ މި އޮފީހުން ދިރާސާކޮށް ބެލިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޙުސައިން ފިޔާޒު މޫސާއަށް ގުޅައި އިންޒާރު ދިންކަމަށް ޤާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާފައިވާކަން އެނގެން ނެތަތީ، މި މައްސަލައިގައި ދަޢުވާ ނުކުރުމަށް މި އޮފީހުން ވަނީ ނިންމާފައެވެ.
އިންޒާރުދިނުމުގެ ކުށް ޤާނޫނުގައި ތަޖުރީމުކޮށްފައިވާ ގޮތަށް ބަލާއިރު؛
- ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ ބާބު - އިންޒާރެއް ދިންކަމަށް ޤާނޫނީ ގޮތުން ބެލެވޭނީ، މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިކަމަށް ވާނަމައެވެ. އަދި މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކައިފިނަމައެވެ.
- ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާ – އިންޒާރެއް ދިންކަމަށް ޤާނޫނީ ގޮތުން ބެލެވޭނީ، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ޢާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފައިވާ ނަމައެވެ.
ޙުސައިން ފިޔާޒް މޫސާގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހަޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި "ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް" ވިދާޅުވެ އޭނާއަށް އިންޒާރު ދީފައިވާކަމަށް ބަޔާންކޮށް ކަމަށްވާއިރު، މިއީ އިސްވެ ދެންނެވުނު ޤާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ ޢަމަލަކަށްނުވާތީ މިއީ ޖިނާއީ ދަޢުވާއެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް މި އޮފީހުން ނިންމީއެވެ.
-
20 މާރިޗު 2025
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި މި އޮފީހުގެ އިދާރީ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު 10 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި، އަދި މި ދުވަސްތަކަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާނެ ދުވަސްތަކެއް ކަމުގައި މި އޮފީހުން ވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް، އޮފީހަށް ބަލައިގަންނަންޖެހޭ ލިޔެކިޔުން ބަލައިގަތުމަށާއި، މުވައްޒަފުން ކޮންމެހެން އޮފީހަށް ނުކުމެ ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ބައެއް ދުވަސްތަކުގައި އޮފީސް ހުޅުވާފައި ހުންނާނެއެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި މި އޮފީހަށް ބަލައިގަންނަންޖެހޭ ލިޔެކިޔުން ބަލައިގަތުމަށްޓަކައި އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިޔެކިއުން ޙަވާލުކުރުމަށްޓަކައި މި އޮފީސް ހުޅުވައި، ޚިދުމަތްދޭނެ ގޮތުގެ ތަފްޞީލުތައް ތިރީގައި އެވަނީއެވެ.
ރިސެޕްޝަން އަދި ޕްރޮސިކިއުޝަން ޚިދުމަތް:
24 މާރިޗް 2025 (ހޯމަ)
26 މާރިޗް 2025 (ބުދަ)
1. މި ދުވަސްތަކުގައި އޮފީސް ހުޅުވާފައި ހުންނާނީ 09:00 އިން 12:00 އަށެވެ.
2. އޮފީހަށް ހުށަހަޅުއްވަންޖެހޭ ލިޔެކިޔުން ހުށަހެޅުއްވުމަށްޓަކައި ކަނޑައެޅިފައިވާ ވަގުތުގައި އެ ތަކެތި ގެންނެވުމަށް ނުވަތަ ކަނޑައެޅިފައިވާ ވަގުތުގެތެރޭގައި ޚިދުމަތް ލިބިގަތުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.
3. މި ދުވަސްތަކުގައި މި އޮފީހުގެ ގޮފިތަކެއް ހުޅުވާފައެއް ނުހުންނާނެއެވެ. ގޮތްޕަކަށް ކޮންމެހެން ހުށަހަޅުއްވަންޖެހޭ ލިޔެކިޔުމެއް އޮތްނަމަ، މަތީގައި ދަންނަވާފައިވާ ދުވަސްތަކުގައި މާލޭގައި ގާއިމްކޮށްފައިވާ އޮފީހަށް ނުވަތަ އޮންލައިންކޮށް ވެސް ހުށަހެޅުއްވޭނެއެވެ.
4. މި މުއްދަތުގައިވެސް، އަދި އަބަދުވެސް online.pgo.mv މެދުވެރިކޮށް މި އޮފީހުގެ އޮންލައިން ޚިދުމަތްތައް މެދު ނުކެނޑި ލިބިވަޑައިގަންނަވާނެއެވެ.
-
19 މާރިޗު 2025
ފުވައްމުލައް ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެކަމުންލިބޭ ފައިސާ ލޯންޑަރކުރަމުންދިޔަ ބައެއްގެ މައްޗަށް ދަޢުވާކުރުން
ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިޔަފާރިކުރުމާއި ބޭނުންކުރުން ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންގެ ދަށުން، އެ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ނެޓްވޯކެއް އަތުލައިގަނެ، އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވި ޏ.ފުވައްމުލައް، ދޫޑިގަން. ޒަމާނީގެ، ޙަސަން ޢާޒިމާއި، ޏ.ފުވައްމުލައް، ދޫޑިގަން. ކަރަންކާވިލާ، އަޙްމަދު ނިއުޝާދުގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 18 މާރިޗު 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 720 ވަނަ މާއްދާގެ ދަށުން، ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ:
ދަޢުވާކުރާ ސަބަބު: 27 އެޕްރީލް 2024 ދުވަހު ޏ.ފުވައްމުލައް ދޫޑިގަން، ގަސްދޮށުގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާގުޅިގެން ތުހުމަތުކުރެވުނު ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދިރާސާކުރިއިރު އެކިއެކި ފަރާތްތަކުން ކުދި އަދަދުތަކުން ފޮނުވާ ފައިސާ، ގަނޑުކޮށް، ޙަސަން އާޒިމްއާއި، އަޙްމަދު ނިއުޝާދުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާކަން ފާހަގަވުމުން، އެކަން އިތުރަށް ތަޙުޤީޤުކޮށް ބެލިއިރު، ޙަސަން ޢާޒިމް އިސްވެހުރެ، އަޙްމަދު ނިއުޝާދު އާއެކު މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލައްސިޓީއެއްގައި ނެޓްވޯކެއް ޤާއިމްކޮށް އެކި ފެންވަރުގައި، އެކި މިންވަރަށް، އެ ތަކެތި ބަންދުކޮށް ބާޒާރަށް ނެރުމުގައި ހަރަކާތްތެރިވާކަމާއި، އެކި ޑީލަރުންނަށް މުސާރަދީގެން، ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާތީއާއި، އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން ބަލަހައްޓައި، 01 އޮގަސްޓު 2024 ދުވަހުގެ ނިޔަލަށް މި ނެޓްވޯކު ހިންގައި، މި ނެޓްވޯކުގެ އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އިރުޝާދު ދީފައިވާތީ.
2. ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ:
ޙަސަން ޢާޒިމްގެ މައްޗަށް މި ދަޢުވާ ކުރާ ސަބަބު: 1 ޖުލައި 2019 އިން ފެށިގެން 1 އޮގަސްޓު 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން މީނާގެ އެކައުންޓުތަކަށް ޖަމާކުރި 5,998,696.60/- (ފަސްމިލިއަން ނުވަލައްކަ ނުވަދިހަ އަށެއްހާސް ހަސަތޭކަ ނުވަދިހަ ހައެއްރުފިޔާ ފަސްދޮޅަސް ލާރި) އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ޙާލަތުގައި، އެ ފައިސާ މީނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ.
އަޙްމަދު ނިއުޝާދުގެ މައްޗަށް މި ދަޢުވާ ކުރާ ސަބަބު: 1 ޖުލައި 2019 އިން ފެށިގެން 1 އޮގަސްޓު 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން މީނާގެ އެކައުންޓުތަކަށް ޖަމާކުރި 21,855,766.99 (އެކާވީސް މިލިއަން އައްލައްކަ ފަންސާސްފަސްހާސް ހަތްސަތޭކަ ފަސްދޮޅަސް ހައެއް ރުފިޔާ ނުވަދިހަ ނުވަލާރި) އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ޙާލަތުގައި، އެ ފައިސާ މީނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ.
ދައުލަތަށް ނަގައިދިނުމަށް އެދިފައިވާ މުދަލާއި ފައިސާ:
ކުށް ކޮށްގެން ހޯދާފައިވާކަމަށް ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާއިން މުދަލުގެ މިލްކުވެރިކަމާއި، އަތުގެ ވެރިކަމާއި، ތަސައްރަފު ކުރުމުގެ ޙައްޤު ހޯދައި، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާއިން ޙާސިލުކޮށްފައިވާ ނަތީޖާއެއްކަމަށްވީތީ އަންނަނިވި ފައިސާއާއި މުދާ ދައުލަތަށް ނަގައިދިނުމަށް އެދިފައިވާނެއެވެ.
- 1,194,290.31/- (އެއްމިލިއަން އެއްލައްކަ ނުވަދިހަ ހަތަރުހާސް، ދުއިސައްތަ ނުވަދިހަ ރުފިޔާ ތިރީސް ލާރި) – މި ފައިސާއަކީ ކުށްކޮށްގެން ހޯދާއިފައިވާ ފައިސާކަމަށް ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާގެ ތެރެއިން މޯލްޑިވްސް އިސްލާމިކް ބޭންކަށް ޖަމާކޮށް ބަހައްޓާފައިވާ ފައިސާ
- 4 (ހަތަރެއް) ސައިކަލު
- 5 (ފަހެއް) ކާރު
- 2 (ދޭއް) ޕިކަޕް
- 1 (އެކެއް) ކަނޑު އުޅަނދު
- 29 (ނަވާވީސް) ސަންކޮނުއަރ ގުރާ
- 9 (ނުވައެއް) ރިންގްނެކް ގުރާ
* މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.