ނޫސް ބަޔާން - 1 އޮކްޓޫބަރު 2024

ޑައުންލޯޑް

އެކިއެކި ސަބަބުތަކާހުރެ ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ޙާލަތްތަކާއި، ޝަރުޠުތައް މުޠާލިޢާކުރުމާއި މުރާޖަޢާކުރަމުން ގެންދިއުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ބ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާ މަތިކޮށްފައިވާ ޒިންމާއެކެވެ. އަދި ޖިނާއީ ކުށަކާ ގުޅިގެން ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމާ ނިންމުންތައް މުރާޖަޢާކޮށް، އެނިންމުން ބަދަލުކުރުމަކީ އެ މާއްދާގެ (އ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޤާނޫނުއަސާސީގެ އިސްވެ ދެންނެވުނު މާއްދާތަކުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާ މަތިކޮށްފައިވާ މަސްޢޫލިއްޔަތުތަކާއި، ޒިންމާތައް އަދާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެހީތެރިވުމުގެ ގޮތުން މި އޮފީހުގައި އެކަމަށް ޚާއްޞަ މުރާޖަޢާ ކޮމިޓީއެއް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އެކުލަވާލައްވާފައެވެ. އަދި މިހާރު ކޯޓަށް ހުށަހަޅާފައިވާ ދަޢުވާތައް މުރާޖަޢާކުރުމަށް ނުވަތަ އެކި އެކި ސަބަބުތަކާހުރެ ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަދި އެ ކަންކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 1 އޮކްޓޫބަރު 2024 ދުވަހުން ފެށިގެން  20 (ވިހި) ދުވަހުގެ މުއްދަތަށް ހުޅުވާލައިފީމެވެ.

މުރާޖަޢާ ކޮމިޓީގެ މައިގަނޑު މަސައްކަތަކީ މިހާރު ކޯޓަށް ހުށަހެޅިފައިވާ ދަޢުވާތަކާއި، ޖިނާއީ ކުށްތަކާ ގުޅިގެން ހައްޔަރުކޮށް ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާމެދު ޤާނޫނުއަސާސީއާއި، ޤާނޫނާއި، ކަމާ ގުޅުންހުރި ގަވާއިދުތަކުގެ އިމުގެ ތެރެއިން ގޮތެއް ނިންމައި، އެކަންކަމުގައި ޢަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެރުވުމެވެ. އަދި އެ ނިންމުންތައް ބަދަލުކުރަންޖެހޭނަމަ އެކަން ކުރުމެވެ. މި ކޮމިޓީގެ މަސައްކަތްތައް ހިނގާނީ ސީދާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. 

މުރާޖަޢާ ކުރުމަށް އެދި ހުށަހަޅާ ފޯމު މި އޮފީހުންނާއި، އަތޮޅު ތެރޭގައި ޤާއިމުކޮށްފައިވާ މި އޮފީހުގެ ގޮފިތަކުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އޮފީހާއި، އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ އެ ޚިދުމަތުގެ ސްޓޭޝަންތަކުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، އެ ސަރވިސްގެ ދަށުން ހިންގަމުން އަންނަ ޖަލުތަކުން މިހާރު ލިބެން ހުންނާނެއެވެ. އަދި މި އޮފީހުގެ އޮންލައިން ޕްލެޓްފޯމު online.pgo.mv މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެއެވެ. 

1 އޮކްޓޫބަރު 2024 އިން ފެށިގެން 20 (ވިހި) ދުވަސް ތެރޭގައި މުރާޖަޢާކުރުމަށް އެދި ހުށަހަޅާ އެންމެހައި ހުށަހެޅުންތަކާމެދު އެކަށީގެންވާ އަވަސްމިނެއްގައި މި އޮފީހުން ގޮތެއް ނިންމާނަމެވެ. އަދި މި އޮފީހުން ނިންމާ ގޮތެއް ހުށަހަޅާ ފަރާތްތަކަށް އަންގާނަމެވެ.