ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި

14 ފެބުރުވަރީ 2025

ޝަރީޢަތް ނިމެންދެން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ހައްލު ހޯދުމަށް މި އޮފީހުން ކުރިއަށްގެންދާ ބަންދު ފޯރަމް، ޖުޑީޝަރީއަށް ޚާއްޞަކޮށްގެން 13 ފެބްރުވަރީ 2025 ދުވަހު ކުރިއަށްގެންގޮސްފީމެވެ. 

ބަންދު ފޯރަމްގެ ފުރަތަމަ ބައި ކުރިއަށްގެންދިޔައީ ޖުޑީޝަރީ ފިޔަވައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެހެން އިދާރާތަކާއެކު މިމަހުގެ 1 ވަނަ ދުވަހުއެވެ. 

ޖުޑީޝަރީއަށް ޚާއްޞަކޮށްގެން ފޯރަމް ކުރިއަށްގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ، ކޯޓުތަކުގެ ޖާގައާއި ވަސީލަތްތަކުގެ ދަތިކަތަކާ އެކުވެސް، މައްސަލަތަކުގެ ޝަރީޢަތް އަވަސްކުރުމަށްޓަކައި، މި ނިޒާމުގައި ހިމެނޭ އިދާރާތަކުން ކޯޓުތަކަށް ކޮށްދެވޭނެ ކަންކަން ދެނެގަތުމެވެ. އަދި ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީޢަތްތައް ނުނިމި ދިގުލައިގެންދާ މައްސަލަ ހައްލުކުރުމަށްޓަކައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ މެދުގައި އޮންނަ އޮތޯރިޓީގެ ޙައިޞިއްޔަތުން މި އޮފީހަށް ކޮށްދެވެންހުރި ކަންކަން ދެނެގަތުމެވެ.

ޝަރުޢީ ދާއިރާއަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ބަންދު ފޯރަމްގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓުގެ ޤާޟީންނާއި ކޯޓުތަކުގެ މެޖިސްޓްރޭޓުން ހިމެނޭގޮތުން 60 އަށްވުރެ ގިނަ ފަނޑިޔާރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

 

މި ފޯރަމްގައި މަޝްވާރަ ކުރެވުނު ކަންކަން:

- ކޯޓުތަކުގައި ތާވަލުކުރެވޭ އަޑުއެހުންތައް ކެންސަލްކުން މަދުކުރުމަށްޓަކައި، ސެންޓްރަލައިޒްޑް ޝެޑިއުލިންގ ނިޒާމެއް ޤާއިމުކުރުން.

- މައްސަލަތަކުގެ ޢިބްތިދާއީ އަޑުއެހުންތައް މަދުކުރުމަށްޓަކައި، ޝަރީޢަތުގެ ބޭރުން އިދާރީ ގޮތުން ކުރެވެންހުރި ކަންކަން ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމާ ނުލައި ކުރިއަށްގެންދިއުން. 

- ހެކިން ކޯޓަށް ޙާޟިރުކުރުމުގައި ދިމާވާ މައްސަތަކަށް ޙައްލު ހޯދުން. 

- ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން ޝަރުޠުހަމަވާ މީހުން، މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ބަންދުން ދޫކޮށްލުމާ ގުޅޭ ޤާނޫނީ މަޝްވަރާ. 

- ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ނިޒާމު ފުޅާކުރުން. 

- މައްސަލަތަކުގެ ލިޔުންތައް ޙިއްޞާކުރުމަށް އިލެކްޓްރޯނިކް ޱްނިޒާމެއް ޤާއިމުކުރުން. 

 

މި ނޫންވެސް، މައްސަލަތަކުގެ ޝަރީޢަތްތައް މިހާރަށްވުރެ އަވަސްކުރުމަށް ނިޒާމަށް ގެނެވެންހުރި ބަދަލުތަކާގުޅޭގޮތުން މި ފޯރަމްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ.

މި ފޯރަމްގައި ފަނޑިޔާރުންގެ ފަރާތުން މައްސަލަތަކުގެ ޝަރީޢަތް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން އެކަށީގެންވާ އިންސާނީ ވަޞީލަތް ނުލިބުމާއި، ކޯޓުތަކަށް ބޭނުންވާ ޢިމާރާތާއި ވަސީލަތްތައް ނުލިބޭ މައްސަލަ ފަނޑިޔާރުން ތަކުރާރުކޮށް ފާހަގަކުރައްވާފައިވެއެވެ.

މި ފޯރަމްގައި ފަނޑިޔާރުންގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޟާ އާދަމާއި އެ ކޮމިޝަންގެ މެންބަރުންނާއި، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.