-
02 މާރިޗު 2026
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުން
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް 6 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.މި މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން މި އޮފީހުން ދިރާސާކޮށް ބެލިއިރު، މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނުނެގުމަށް ކޯޓުން ނިންމާފައިވަނީ އަދި މައްސަލައިގެ ހެކި ޤަރީނާ ވަޒަންކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ފެނެއެވެ.އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް 2 މާރިޗު 2026 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފީމެވެ. މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި އެކޯޓަށް ތަޙްވީލުކޮށްދެއްވުމަށެވެ.މި އިސްތިއުނާފީ މައްސަލައާއެކު، މަނީ ލޯންޑްރިންގެ ކުށާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 އިން މުޢާމަލާތުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނެއެވެ. މި ގޮތަށް އެދިފައިވާނީ ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ ދަށުންނެވެ.
-
06 ޖަނަވަރީ 2026
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ދަޢުވާއާ ގުޅޭ
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް 6 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ހިމެނޭ މުޢާމަލާތާ ގުޅިގެން ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. އެހެންކަމުން، ހަމަ މި މުޢާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް އެކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މި އޮފީހަށް ބެލެވެއެވެ.އެހެންކަމުން އަމީން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ޤަޞްދުކުރަމެވެ.ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މި އޮފީހަށް ލިބުމުންކަމަށްވާތީ، އެ ިރިޕޯޓް މި އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނަމެވެ.
-
-
01 މާރިޗު 2026
ހުޅުމާލެއިން ގޯތި ލިބިފައިވާކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުންތަކެއް އުފައްދައި، އެ ލިޔުންތައް ހުށަހެޅި މައްސަލަ
"ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިނުވާ މީހުން، ގޯތި ލިބިފައިވާކަމަށް ދައްކައި ޞައްޙަނޫން ލިޔެކިޔުން ހަދައިގެން ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަނަށް ހުށަހަޅާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 1 މާރިޗު 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
1. ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާ.
ދަޢުވާލިބޭ މީހުން ދައުވާކުރާ ސަބަބު
1. ގ. ޕޫލްބަހާރުއާގެ، އަޙްމަދު ޢަތީޤް ޢަބްދުالله
2. ނ. ވެލިދޫ، ޑޭޒީމާގެ އަޙްމަދު މާޒިން
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީ ފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ދުވަސްވަރު، އާންމުން ހުށަހެޅި ފޯމުތަކުގެ މަސައްކަތްކުރުމުގައި އުޅެމުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިކަން އެނގޭނޭ ސައްހަނޫން ރަޖިސްޓްރީ އަދި އެއްބަސްވުން އުފައްދާފައިވާތީ.
2. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ދަށުންނާއި، 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޞައްޙަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.
މ. ފަޅުމަތީގެ، އަރުޝަދު ޢަލީ ބިންވެރިޔާ ސްކީމްގެ މަސައްކަތުގައި އުޅެމުންދިޔަ، ނ. ވެލިދޫ، ޑޭޒީމާގެ، އަޙްމަދު މާޒިންއާ ބައިވެރިވެގެން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިންކަމަށް ރަމްޒުކޮށްދޭ ސައްހަނޫން ރަޖިސްޓްރީއާއި އެއްބަސްވުތަކެއް އުފައްދައިފައިވާތީ. 3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދަޢުވާ.
1. ސ. ހިތަދޫ، ހަޒާރުމާގެ، މަރްޔަމް ސާޢީ
2. މ. ޒޭވަރު، މުޙައްމަދު ފަޟީލް ރަޝީދު
3. ޏ. ފުވައްމުލައް، ދޫޑިގަން، ދިލް، އީމާ ވަހީދު
4. ދަފްތަރު. ނަންބަރު ރސ 9044، ޢާއިޝަތު މަޢުރޫފާ
5. ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ- 46، މުޙައްމަދު އާދަމް
6. ހއ. ދިއްދޫ، ޖަމީލާ، ޢަބްދުލްމަޖީދު މާހިރު
7. މ. ވެސްޓްކޯސްޓް، ޙުސައިން ޒާހިރު ޒައިނު
8. މ. ފަޅުމަތީގެ، އަޝްހަދު ޢަލީ
9. މ. ފަޅުމަތީގެ، އަޙްމަދު ޢަލީ
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދައްކައި، އެ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތްކުރުމުގެ ހުއްދަ ހޯދުމުގެ ގޮތުން، އެ ގޯތީގެ ސައްޙަނޫން އެއްބަސްވުމާއި، ސައްޙަނޫން ރަޖިސްޓްރީ ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަންއަށް ހުށަހަޅާފައިވާތީ.
ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލާގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭތީ، އެ ބައިތައް ވަކި މައްސަލައެއް ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. އެ މައްސަލައިގެ ތަޙުޤީޤު ނިމުމުން ދަޢުވާކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނަމެވެ.
-
28 ފެބުރުވަރީ 2026
3 އޮކްޓޫބަރު 2025 ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ބައެއްގެ މައްޗަށް ދަޢުވާކުރުން
3 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރުކުރުމަށާއި، އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި،
1. ޢަބްދުއްސަލާމްއާއި،
2. މުޙައްމަދު ޙަމާއިދު ޢަބްދުލްޣަނީއާއި،
3. ޢަލީ ނައުފަލްއާއި،
4. މަޢުރޫފް ޛާކިރުއާއި،
5. ޢާއިޝަތު ނަޖުދާ ޢަލީއާއި،
6. ޢަލީ މުޢައްވަޒްއާއި،
7. ފާޠިމަތު ޒަހިއްޔާއާޢި،
8. ޙުސައިން ރަޝީދުގެ މައްޗަށް،
ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ 26 ފެބްރުވަރީ 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
މި މައްސަލާގައި އިތުރު 7 މީހަކަށް ތުހުމަތުކުރެވެއެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤާރީނާ ލިބިފައި ނުވާތީއާއި، ދަޢުވާކުރުމުގެ ޢާންމު މަޞްލަޙަތު ނެތުމުން އެ މީހުންގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލާފައިވާނެއެވެ.
މުޒާހަރާއާ ގުޅުންހުރި މައްސަލަތަކުގައި ދަޢުވާކުރުމުގައި މި އޮފީހުން ހިފަހައްޓާ ހަމައަކީ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ހެކި، ނުވަތަ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިދާނެ ޙާލަތެއް ކުރިމަތިކުރުވާފައިވާކަމުގެ ހެކި ލިބިފައިވާނަމަ، ދަޢުވާކުރުމުގެ ޢާންމު މަޞްލަޙަތު އޮތްކަމަށް ބަލައި ދަޢުވާ ކުރުމެވެ.
-
25 ޖަނަވަރީ 2026
ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ޓީޗަރެއްގެ މައްޗަށް ދަޢުވާކުރުން
މ. ކޮޅުފުށި، ސާދާގެ، ޝުޢައިބު ޢަބްދުﷲ، މ. އަތޮޅު މަދަރުސާގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެ، އެ ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 21 ޖަނަވަރީ 2026 ދުވަހު މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފީމެވެ.
ދަޢުވާ ޤާނޫނީ މާއްދާ އަދަބު 1. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން 2. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން 3. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން 4. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން 5. ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އަސާސީ އަދަބު: 1 މަހާއި 6 ދުވަހަށް ޖަލަށްލުން މި ދަޢުވާތަކަކީ ޝުޢައިބު ޢަބްދުﷲ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ 2 (ދޭއް) ކުއްޖެއް ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި، އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާ ދަޢުވާތަކެކެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ، ޝުޢައިބު ޢަބްދުﷲ ގެ މައްޗަށް މަދުވެގެން 60 (ފަސްދޮޅަސް) އަހަރާއި 1 (އެކެއް) މަހާއި 6 (ހައެއް) ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
* މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
-
22 ޖަނަވަރީ 2026
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله މައުމޫންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ 7 ދަޢުވާގެ ތެރެއިން 5 ދަޢުވާ ސާބިތުނުވާކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ޤަޞްދުކުރުން
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދަޢުވާގެ ތެރެއިން 5 ދަޢުވާ ސާބިތުނުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.
މި 5 ދަޢުވާ ސާބިތުނުވާކަމަށް ނިންމި ސަބަބުތަކަށް ބަލާއިރު މި ނިންމުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މި އޮފީހަށް ބެލެވެއެވެ.
އެހެންކަމުން، ސާބިތުނުވާކަމަށް ކަނޑައެޅުއްވި 5 ދަޢުވާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ޤަޞްދުކުރަމެވެ.
ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މި އޮފީހަށް ލިބުމުންކަމަށްވާތީ، އެ ރިޕޯޓް މި އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނަމެވެ.
މި މައްސަލާގައި ޢަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 2 ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ޢަބްދުالله މައުމޫން 12 (ބާރަ) އަހަރާއި، 9 (ނުވައެއް) މަހާއި، 18 (އަށާރަ) ދުވަހަށް ޖަލަށްލުމަށް 29 ސެޕްޓެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
-
06 ޖަނަވަރީ 2026
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ދަޢުވާއާ ގުޅޭ
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް 6 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ހިމެނޭ މުޢާމަލާތާ ގުޅިގެން ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. އެހެންކަމުން، ހަމަ މި މުޢާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް އެކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މި އޮފީހަށް ބެލެވެއެވެ.އެހެންކަމުން އަމީން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ޤަޞްދުކުރަމެވެ.ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މި އޮފީހަށް ލިބުމުންކަމަށްވާތީ، އެ ިރިޕޯޓް މި އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނަމެވެ.
-
02 ޖަނަވަރީ 2026
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ގ. މާވަނި، ޙުސައިން ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުން
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ގ. މާވަނި، ޙުސައިން ސަނީ ޢުމަރު، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުމަށް މި އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މިއަދު އެ ކޯޓުން ވަނީ ޙުސައިން ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމަވާފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަވަނީ ތަޙުޤީޤު ކުރައްވަމުންނެވެ. ތަޙުޤީޤުގައި ކުރަންހުރި މަސައްކަތަށް ރިޢާޔަތްކޮށް މި އޮފީހުން ވާނީ ޤާނޫނުގައިވާ ގޮތުގެ މަތިން މައްސަލައިގެ ތަޙުޤީޤު މުއްދަތު އިތުރުކޮށްދީފައެވެ.
-
31 ޑިސެންބަރު 2025
ކޭ-ޕާކް ރެޒިޑެންސް އެޕާރޓްމަންޓްތައް އޮޅުވާލާއިގެން މަކަރާއިޙީލަތުން އެކި މީހުންނަށް ވިއްކައި، މަނީ ލޯންޑަރކުރި މައްސަލަ ސާބިތުވާކަމަށް ޙުކުމްކުރުން
މއ. އެރަލްސީ، ޙަސަން މަމްދޫޙްއާއި، ރ. އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދު ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާގެ ސޮއި ފޯޖުކޮށްގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވައި، ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ އެޕާރޓްމަންޓްތައް އޮޅުވާލާއިގެން މަކަރާއިޙީލަތުން އެކި މީހުންނަށް ވިއްކައި، ބައެއް އެޕާރޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށްފައިވާ މައްސަލާގައި ޓެކުމާއި، އޮޅުވާލުމާއި، ޞައްޙަނޫން ލިޔުން ދިނުމާއި، މަނީ ލޯންޑްރިންގެ ކުށާ ގުޅުންހުރި 199 (ސަތޭކަ ނުވަދިހަ ނުވަ) ދަޢުވާ 12 ޑިސެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.
އެ ދަޢުވާތަކުގެ ތެރެއިން 183 (ސަތޭކަ އައްޑިހަ ތިނެއް) ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި 31 ޑިސެންބަރު 2025 ދުވަހު ކޯޓުން އަދަބު ކަނޑައަޅުއްވާފައިވެއެވެ.
ޙަސަން މަމްދޫޙްގެ މައްޗަށް ސާބިތުވި ދަޢުވާތަކާއި ކަނޑައެޅުނު އަދަބު:
ދަޢުވާ
ދަޢުވާގެ ޢަދަދު
އަދަބު
ޓެކުން
46 ދަޢުވާ
364 އަހަރަށް ޖަލަށްލުން
އޮޅުވާލުމުގެ ޢަމަލެއް ކުރުން
44 ދަޢުވާ
13 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުން
މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުން
3 ދަޢުވާ
1 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށްލުން
މަނީ ލޯންޑްރިންގ
1 ދަޢުވާ
15 އަހަރަށް ޖަލަށްލުމާއެކު، 30 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން
393 އަހަރާއި، 7 މަހާއި، 6 ދުވަހަށް ޖަލަށްލުމާއެކު، 30 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން
ޖައިޝާން ސަޢީދުގެ މައްޗަށް ސާބިތުވި ދަޢުވާތަކާއި ކަނޑައެޅުނު އަދަބު:
ދަޢުވާ
ދަޢުވާގެ ޢަދަދު
އަދަބު
ޓެކުމުގައި ބައިވެރިވުން
45 ދަޢުވާ
140 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުން
އޮޅުވާލުމުގެ ޢަމަލެއް ކުރުން
40 ދަޢުވާ
12 އަހަރާއި 4 މަހާއި 18 ދުވަހަށް ޖަލަށްލުން
މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުން
3 ދަޢުވާ
1 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށްލުން
މަނީ ލޯންޑަރކުރުމަށް އެހީތެރިވުން
1 ދަޢުވާ
5 އަހަރަށް ޖަލަށްލުމާއެކު، 300 ހާސް ރުފިޔާއިން ޖޫރިމަނާކުރުން
159 އަހަރާއި، 7 މަހަށް ޖަލަށްލުމާއެކު، 300 ހާސް ރުފިޔާއިން ޖޫރިމަނާކުރުން
ދައުލަތަށް ނަގާ މުދާ:
މި މައްސަލާގައި ޙަސަން މަމްދޫޙްގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވެފައިވާތީ، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ ނަންބަރު: 02-13 އެޕާޓްމަންޓާއި، އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް ޕާކިންގ ސްލޮޓް ދައުލަތަށް ނެގުމަށް އަމުރުކުރައްވާފައިވެއެވެ.
މި މައްސަލާގައި ޙަސަން މަމްދޫޙްއާއި، ޖައިޝާން ސަޢީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ ތެރެއިން 16 (ސޯޅަ) ދަޢުވާއެއް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. އެ ދަޢުވާތައް ސާބިތުނުވާކަމަށް ނިންމަވާފައިވަނީ އެ ދަޢުވާތަކާ ގުޅިގެން ބަދަލު ލިބޭ ފަރާތްތަކުން ހެކިބަސްދޭން ކޯޓަށް ޙާޟިރުވެފައިނުވާތީއެވެ.
-
31 ޑިސެންބަރު 2025
ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ބައެއްގެ މައްޗަށް ކުށް ސާބިތުވުން
2020 ވަނަ އަހަރު އެކި ދުވަސްމަތިން، އަންހެނަކާއި، އުމުރުން 18 އަހަރު ނުފުރޭ 3 ކުދިންނަށް ރުޤްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާޢީލް ވަޙީދާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލްގެ މައްޗަށް ދަޢުވާކުރުމަށް 30 ޑިސެންބަރު 2020 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓަށް ހުށެހެޅި 12 (ބާރަ) ދަޢުވާވެސް ސާބިތުވާކަމަށް 31 ޑިސެންބަރު 2025 ގައި ކޯޓުން ޙުކުމްކުރައްވައި އަދަބު ކަނޑައަޅުއްވާފައިވެއެވެ.
މުޙައްމަދު އަޞީލްގެ މައްޗަށް ސާބިތުވި ދަޢުވާތަކާއި ކަނޑައެޅުނު އަދަބު:
ދަޢުވާ
އަދަބު
1. ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުން
11 އަހަރަށް ޖަލަށްލުން
2. ކުޑަކުއްޖެއްގެ ޙާޟިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ޤަބޫލުކޮށްގެން ޖިންސީ ޢަމަލެއް ކުރުން
07 އަހަރަށް ޖަލަށްލުން
3. ޖިންސީ ގޯނާކުރުން
03 އަހަރަށް ޖަލަށްލުން
4. ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުން
03 އަހަރަށް ޖަލަށްލުން
5. ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން
01 އަހަރާއި 07 މަހާއި 06 ދުވަހަށް ޖަލަށްލުން
6. އަނިޔާއެއް ދިނުން
02 މަހާއި 12 ދުވަހަށް ޖަލަށްލުން
7. ގައިގައި އަތްލުން
01 މަހާއި 06 ދުވަހަށް ޖަލަށްލުން
ޖުމްލަ އަދަބު
25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލަށްލުން
އިސްމާޢީލް ވަޙީދުގެ މައްޗަށް ސާބިތުވި ދަޢުވާތަކާއި ކަނޑައެޅުނު އަދަބު:
ދަޢުވާ
އަދަބު
1. ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށް
03 އަހަރަށް ޖަލަށްލުން
2. މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯރޓްނުކުރުން
02 އަހަރަށް ޖަލަށްލުން
3. ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން
01 އަހަރާއި 07 މަހާއި 06 ދުވަހަށް ޖަލަށްލުން
4. ގައިގައި އަތްލުން
01 މަހާއި 06 ދުވަހަށް ޖަލަށްލުން
5. ގައިގައި އަތްލުން
01 މަހާއި 06 ދުވަހަށް ޖަލަށްލުން
ޖުމްލަ އަދަބު
6 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުން