• 05 ޖުލައި 2024

    މި އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ - ނިޔާވެހިގެ 2 ވަނަ ޢަދަދު ނެރުން

    ވިކްޓިމް ސަޕޯޓްގެ ދާއިރާގައި މަސައްކަތްކުރާ ސޯޝަލް ވަރކަރުންނާއި ޕްރޮސިކިއުޓަރުންނާއި ފުލުހުންނާއި ފަނޑިޔާރުންނާއި އަދި ކިޔަވާ ކުދިންނަށް އަަމާޒުކޮށްގެން މިއޮފީހުން މަހަކު އެއްފަހަރު ނެރޭ، މިއޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" ގެ ދެވަނަ ޢަދަދު ނެރެފީމެވެ. 

     މިޢަދަދުގައި، ހެކިންގެ ހެކިބަށް ނަގައި ނިމުނަސް، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙުތިމާލު ދެމިއޮތްކަމާށް ބަލަންޖެހޭކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާ ނިންމެވުމެއްގެ ތަފްޞީލާއި، ދައުވާލިބޭ މީހާއާ ވަކި ގެއެއްގައި އަނިޔާ ލިބޭ މީހާ ދިރިއުޅުމަކީ އޭނާގެ ސަލާމަތަށް ނުރައްކާ ނެތް ސަބަބެއްކަމަށް ބަލައިގެން ނުވާނެކަމަށް ބުނާ ސުޕްރީމް ކޯޓުގެ ނިންމުމެއެްގެ ވާހަކަ ތަފްޞީލުކޮށްފައިވާނެއެވެ. 

    މީގެ އިތުރުން، ކުޑަކުދިންނާ ދެކޮޅަށް ހިންގޭ ކުށަކާ ގުޅިގެން ހެކިބަސް ދިނުމަށް ޢުޛުރުވެރިނުވެވޭނެކަމަށް  އޮތް ހެއްކާބެހޭ ޤާނޫނުގެ 56 ވަނަ މާއްދާގެ ތަފްޞީލާބެހޭ ގޮތުންވެސް ލިޔެފައިވާނެއެވެ.

    ނިޔާވެހި އަކީ ސަބްސްކްރައިބްކޮށްގެން ކިޔޭގޮތަށް ފަރުމާ ކުރެވިފައިވާ ނިއުސްލެޓަރއެކެވެ. ސަބްސްކްރައިބްކުރެއްވުމުން، މިއޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ނިޔާވެހި ގެ ހުރިހާ ޢަދަދުތަކެއް ފެނިވަޑައިގަންނަވާނެއެވެ. 


  • 02 ޖުލައި 2024

    119 ކިލޯ މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލަ އިސްތިއުނާފުކުރުމަށް ނިންމުން

    12 ޑިސެންބަރު 2021 ދުވަހު، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، ޢަލީ ޒުބެއިރުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، ޢުމުރަށް ޖަލަށްލުމަށާއި، 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް 20 މާރިޗު 2024 ގައި އެ ކޯޓުން ޙުކުމްކުރައްވާފައިވެއެވެ.

    މި މައްސަލައިގައި ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަޙްމަދު ސުނައިނާއި، ގދ. ހޯނޑެއްދޫ، އަލޯރާ، އަޙްމަދު މުޖާހިދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތު ނުވާކަމަށް އެ ކޯޓުން ނިންމަވާފައިވެއެވެ.

    އަޙްމަދު ސުނައިނުގެ ބައިގައި ޙުކުމަށް ވާޞިލުވި ސަބަބުތަކާއި، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްކޮށް، އަޙްމަދު ސުނައިނުގެ ބައިގައި ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމެވުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމައިފީމެވެ. އަދި އަޙްމަދު މުޖާހިދުގެ ބައި އިސްތިއުނާފުކޮށްގެން، ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެނެވިދާނެކަމަށް ނުފެންނާތީ، އޭނާގެ ބައި އިސްތިއުނާފު ނުކުރުމަށް ވާނީ ނިންމާފައެވެ.

    މި މައްސަލައިގެ އިސްތިއުނާފު މުއްދަތު ހަމަވަނީ 08 ޖުލައި 2024 އަށް ކަމުން، އެ ތާރީޚްގެ ކުރިން އިސްތިއުނާފު ކޯޓަށް ހުށަހަޅާނަމެވެ.


  • 01 ޖުލައި 2024

    އެއާރޕޯޓު އެމްޑީގެ ކާރު ވަގަށްނެގި މައްސަލަ

    29 އޭޕްރީލް 2024 ވަނަ ދުވަހުގެ 07:00 ހާއިރު މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ދުއްވުމަށް ހާއްސަކޮށްފައިވާ ކާރެއް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓްރާންސްޕޯޓް އެންޑް ފެރީ ސާރވިސް ބިލްޑިންގގައި ޕާކްކޮށްފައި އޮއްވާ ވަގަށްނަގާފައިވާ މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 27 ޖޫން 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    މ. ސީނީއަސުރުމާގެ، މުޙައްމަދު ޚައިޝަމްއާއި، މ. މޮޑަންކޮމެޓް، އަޙްމަދު ނިޡާމްގެ މައްޗަށް؛

    ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން.

    ދަޢުވާކުރާ ސަބަބު: މުޙައްމަދު ޚައިޝަމްއާއި، އަޙްމަދު ނިޡާމް، 29 އޭޕްރިލް 2024 ދުވަހުގެ 00:00 އާއި، 06:30 އާ ދެމެދުގެ ވަގުތެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ދުއްވުމަށް ހާއްސަކޮށްފައިވާ ވޭން، އެކުންފުންޏަށް ނޭނގި ނަގައިގެން ގޮސްފައިވާތީ.

    އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

    އިސްވެ ދެންނެވުނު ދަޢުވާގެ އިތުރުން، މ. މޮޑަންކޮމެޓް، އަޙްމަދު ނިޡާމްގެ މައްޗަށް އަންނަނިވި ދަޢުވާތައް؛

    1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 311 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، އެއްވެސް މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުން.

    ދަޢުވާ ކުރާ ސަބަބު: 29 އޭޕްރިލް 2024 ދުވަހުގެ 00:00 އާއި، 06:30 އާ ދެމެދުގެ ވަގުތެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވޭނެއް އެކުންފުންޏަށް ނޭނގި ނަގައިގެން ގެންގޮސް، އެ ވޭންގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާއި، އެ އުޅަނދުގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށްފައިވާތީ.

    އަސާސީ އަދަބު: 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

    2. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 220 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުން، މުދަލަށް ގެއްލުންދިނުން.

    ދަޢުވާކުރާ ސަބަބު: 29 އޭޕްރިލް 2024 ދުވަހުގެ 00:00 އާއި، 06:30 އާ ދެމެދުގެ ވަގުތެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވޭން އެކުންފުންޏަށް ނޭނގި ނަގައިގެން ގެންގޮސް، އެ ވޭންގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާއި، އެ އުޅަނދަށް ގެއްލުން ދީފައިވާތީ.

    އަސާސީ އަދަބު: 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

     މި މައްސަލައިގައި ވަގަށް ނަގާފައިވާ ކާރުގެ އަގަކީ 34560 އެމެރިކާ ޑޮލަރެވެ.

     

    * މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް  އުފުލުމަކީ މީހަކު ކުށްވެރިވާ ކަމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.


  • 30 ޖޫން 2024

    ޢުންޞުރުގެ 7 ވަނަ ޢަދަދު ނެރުން

    މި އޮފީހުން ކޮންމެ 3 މަހުން އެއްމަހު ނެރެމުންދާ ނިއުސްލެޓަރ "ޢުންޞުރު" ގެ 7 ވަނަ ޢަދަދު ނެރެފީމެވެ.

    މިއީ 2024 ޖޫން މަހުގެ ޢަދަދެވެ.

    މި ޢަދަދުގައި ޖިނާޢީ ޢަދުލުގެ ނިޒާމުގެ ބައެއް ހަމަތަކާއި، މި އޮފީހުގެ ބައެއް ޙާއްޞަ ހަމަތަކާއި އުޞޫލުތަކުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްއާއި ޕްރޮސިކިއުޓަރުން ލިޔުއްވާފައިވާ އާރޓިކަލްތައް ހިމެނޭނެއެވެ.

    އެގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ގަލަމުން، މި އޮފީހުގައި ކޮރަޕްޝަން ނައްތާލުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ކޮރަޕްޝަން ނައްތާލުމަށް މުއައްސަސާތަކަށް އެޅިދާނެ ފިޔަވަޅުތައް ބަޔާންކުރައްވައި ލިޔުއްވާފައިވެއެވެ.

    ޢުންޞުރުގެ 7 ވަނަ ޢަދަދު ވިދާޅުވުމަށް މި ލިންކަން ވަޑައިގަންނަވާށެވެ.


  • 12 ޖޫން 2024

    ޓެލެގްރާމް ބޭނުންކޮށްގެން ޖިނާއީ އެކި ކުށްތައްކުރަމުންދިޔަ ބައެއްގެ މައްޗަށް ދަޢުވާކުރުން

    ޓެލަގްރާމް އެޕްލިކޭޝަންގައި "ޖަޒީރާ އެޑްމިން" ގެ ނަމުގައި ހަދާފައިވާ ޔޫސަރ ބޭނުންކުރަމުންގެންދާ ފަރާތުން "ޖަޒީރާ" އާއި "ޖަޒީރާ ގަރލްސް" އަދި "ޖަޒީރާ އެސްކޯޓްސް ގެލެރީ" ނަމުގައި ތަފާތު ޗެނަލްތައް އުފައްދައި، މަސްތުވާތަކެތި އިސްތިހާރުކޮށް، މަސްތުވާތަކެތީގެ އެކިބާވަތްތައް ވިޔަފާރިގެ އުސޫލުން ވިއްކުމާއި، ހަށިވިއްކުމަށް ހިތްވަރުދޭގޮތަށް އިސްތިހާރުކޮށް، މިފަދަ ކުށްތަކަށް މީހުން އަރައިގަތުމަށް މަގުފަހިކޮށް، އަދި ރާއްޖޭގައި އާއްމުކޮށް ވިއްކުން މަނާ ބޭހައި އަދި އޮރިޔާން މަންޒަރު އެކުލެވޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓް ކުރަމުންގެންދާ މައްސަލައިގައި، އަންނަނިވި ދަޢުވާތައް ކުރުމަށް 03 ޖޫން 2024  ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

     ދަފްތަރު ނަންބަރު ރސ 12966، އިބްރާހީމް ރަޝީދުގެ މައްޗަށް

    ދަޢުވާ ޤާނޫނީ މާއްދާ އަދަބު

    ހަޑި ހުތުރު އެއްޗެއް ރައްދުކުރުން

    ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 622 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވަލާދީ، އެ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގެ ދަށުން

    4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން

    މަނީ ލޯންޑްރިންގ

    ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، 62 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން   100,000ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން 

    ދިވެހިރާއްޖޭގައި މީހަކު ލައްވާ ހަށިވިއްކުވުމުގައި އެހީތެރިވެދިނުން

    ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން 

     7 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން

    އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުންކުރުން

    ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން 

     25,000ރުފިޔާއާއި 75,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 3 އަހަރަށްވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން

     

    ތ. ވޭމަންޑޫ، ރެދިންގެ، ނިޝާނީ ޢަލީއާއި، ގދ. ރަތަފަންދޫ، ވެލީގެ، އައިސަރު ނަސީމްގެ މައްޗަށް

    ހަޑިހުތުރު އެއްޗެއް ރައްދުކުރުން

    ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 622 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވަލާދީ، އެ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގެ ދަށުން  4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން

    މަނީ ލޯންޑްރިންގ

    ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، 62 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން   100,000ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން 

    މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކްކުރުމަށް ހިތްވަރުދޭ އެއްވެސް އެއްޗެއް ލިޔުން ނުވަތަ ކުރެހުން ނުވަތަ ފާޅުކުރުން ނުވަތަ ހާމަކުރުން ނުވަތަ ޝާއިޢުކުރުން ނުވަތަ ޢާންމުންނަށް ދެއްކުމަށްޓަކައި ނެރުން

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 130 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން  3 އަހަރަށް ޖަލަށްލުން

    އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުންކުރުން

    ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން 
     25,000ރުފިޔާއާއި 75,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 3 އަހަރަށްވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން

     

    މި ދަޢުވާތަކާ ގުޅިގެން މި ތިންމީހުން ކުށްކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ 9,495,685.55 (ނުވަ މިލިއަން ހަތަރު ލައްކަ ނުވަދިހަ ފަސް ހާސް ހަސަތޭކަ އަށްޑިހަ ފަސް ރުފިޔާ ފަންސާސް ފަސް ލާރި) ދައުލަތަށް ނަގައިދިނުމަށް އެދިފައިވާނެއެވެ. އަދި މަނީ ލޯންޑްރިންގގެ ދަޢުވާ ކޮށްފައިވާނީ، މި ފައިސާ އެކި ޢަދަދުތަކުން އެކި އެކައުންޓުތަކުން ދަޢުރުކޮށް ލޯންޑަރކޮށްފައިވާތީއެވެ.

    ހަޑި ހުތުރު އެއްޗެއް ރައްދުކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާނީ ހަށިވިއްކުމަށްޓަކައި ގެންގުޅޭ މީހުންކަމަށް ބެލެވޭ މީހުންގެ ފޮޓޯ ފޮނުވައި، ހަށިވިއްކުމާއި ގުޅުންހުރި މެސެޖްތައް ކޮށް، އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފޮނުވައި، ހަޑިހުތުރު އެއްޗެއްކަން އެނގިހުރެ، މިތަކެތި ފޮނުވައި ރައްދުކޮށްފައިވާތީއެވެ.

    ނޯޓް: މި މައްސަލައިގައި ދަޢުވާލިބޭ އިބްރާހީމް ރަޝީދުގެ ޢާއިލާގެ ފަރާތުން، އިބްރާހީމް ރަޝީދުގެ މައްޗަށް ކުށް ސާބިތު ނުވަނީސް، އިބްރާހީމް ރަޝީދުގެ ފޮޓޯ މި މައްސަލައާ ގުޅުވައި ނޫހުގައި ޝާއިޢު ނުކުރުމަށް މި އޮފީހުގައި އެދިފައިވާ ވާހަކަ ދަންނަވަމެވެ.

     * މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް  އުފުލުމަކީ މީހަކު ކުށްވެރިވާ ކަމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.


  • 06 ޖޫން 2024

    ކުށުގެ ރެކޯޑު ސާފުކޮށްދިނުން އިތުރަށް އަވަސްކޮށް، ހަލުއިކޮށް، ދުވަހުން ދުވަހަށް ލިބޭނޭގޮތް ހަމަޖެއްސުން

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް އޮފީހުގެ ކައުންޓަރަށް ހުށަހަޅާ ފޯމުތައް، މީގެ ކުރިން ދޫކުރުމުން އައީ ހުށަހަޅާ ދުވަހާ ޖެހިގެން އަންނަ ދުވަހުއެވެ. ނަމަވެސް، މިއޮފީހުގެ އަމާޒަކީ، މިއޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހައިވެސް ލުއިފަސޭހަކޮށް، ހަރުދަނާކޮށް، އަވަހަށް ލިބޭނޭ އިންތިޒާމުތަކެއް ހަމަޖެއްސުންކަމަށްވާތީ، މިއަދުން ފެށިގެން، ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމުތައް، އެދުވަހުގެ މެންދުރު 1:30 ގައި ލިބޭގޮތަށް، ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދޭގޮތަށް ހަމަޖައްސައިފީމެވެ. އެދުވަހުގެ މެންދުރު 12 ގެ ފަހުން ހުށަހަޅާ ފޯމުތައް، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބިވަޑައިގަންނަވާނެއެވެ.

     

    މީގެ އިތުރުން، އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑު، ދިހަ މިނިޓު ތެރޭގައި ސާފުކޮށްދިނުމުގެ ޚިދުމަތް މިއޮފީހުން މިހާރުވެސް ދެމުން އެބަ ގެންދަމެވެ.

     

    ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތާބެހޭ އިތުރު މަޢުލޫމާތާއި ސުވާލާއި ޖަވާބު، މި ލިންކުން ލިބިވަޑައިގަންނަވާނެއެވެ. 


  • 06 ޖޫން 2024

    ޕީޖީ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" އިފްތިތާޙުކުރުން

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދެވަނަ ނިއުސްލެޓަރ 'ނިޔާވެހި' އިފްތިތާޙުކޮށްފިއެވެ. މިއީ، ކުށުގެ ސަބަބުން އަނިޔާލިބޭ މީހުންނަށް ރައްކާތެރިކަން ހޯދައިދީ، ޢަދުލް އިންޞާފު ޤާއިމުކޮށްދިނުމުގެ ޒިންމާއާ ޙަވާލުވެތިބި ކަމާބެހޭ ފަންނީ މީހުނަށް، މި ނިޒާމަށް ދުވަހުން ދުވަހަށް އަންނަ ބަދަލުތައް، ފަސޭހަކަމާއެކު ބެލޭގޮތަށް ގެނެސްދިނުމުގެ މަޤްޞަދުގައި ފަށާ މަސައްކަތެކެވެ. 

     

    މިއީ މަހަކު އެއްފަހަރު، ކޮންމެ މަހަކުވެސް، އެމަހެއްގައި ދިމާވި މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވާލާ ނެރޭ ނިއުސްލެޓަރއެކެވެ. މި ނިއުސްލެޓަރގެ އަމާޒަކީ، ދުނިޔޭގެ ފެންވަރުގެ ވިކްޓިމް ސަޕޯޓް ޚިދުމަތެއް ދިނުަމަށް ކުރާ މަސައްކަތަށް އެހީތެރިވެދިނުމެވެ. ކުށުގެ ސަބަބުން އަނިޔާ ލިބޭ މީހުންނަށް އެހީތެރިވާންތިބޭ މީހުންނަށް އެހީތެރިވުމެވެ. އެމީހުންނަށް ޤާނޫނުތަކާއި ގަވާއިދުތަކުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

     

    މިނިއުސްލެޓަރ ބެއްލެވޭނީ ސަބްސްކްރައިބް ކުރައްވައިގެންނެވެ. ސަބްސްކްރައިބް ކުރެއްވުމުން، މިއޮފީހުން އޮންލައިން ޕޯޓަލްގެ ތެރެއިން ނިއުސްލެޓަރ ފެނިވަޑައިގަންނަވާނެއެވެ. އޮންލައިން ޕޯޓަލަށް ވަދެވަޑައިގެންނެވޭނީ ސަރުކާރުން ތަޢާރަފުކޮށްފައިވާ އީފާސް މެދުވެރިކޮށް ލޮގްއިން ކުރައްވައިގެންނެވެ. 


  • 06 ޖޫން 2024

    އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަން އިންޓެލިޖެންސް ޔުުނިޓުގެ މެމްބަރުކަން ދިވެހިރާއްޖެއަށް ލިބިފައިވާތީ މަރްޙަބާ ދެންނެވުން

    ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓުތަކުގެ ބައިނަލްއަޤްވާމީ ނެޓްވަރކ، އެގްމޮންޓް ގްރޫޕްގެ މެންބަރުކަން، ދިވެހިރާއްޖޭގެ ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، އެމް.އެމް.އޭއަށާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް މަރްޙަބާ ދަންނަވަމެވެ. 

     

    އެގްމޮންޓް ގްރޫޕަކީ ދުނިޔޭގެ 174 އަށްވުރެ ގިނަ ޤައުމުތަކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުތަކުން ބައިވެރިވާ، މިދާއިރާގެ އެންމެ ބޮޑު، ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާގެ މަޤްޞަދަކީ، މަނީ ލޯންޑަރިންގާއި ޓެރަރިޒަމް ފައިނޭންސިންގާއި އެ ކުށް ކުރުމުގައި ކުރާ އެހެނިހެން މާލީ ކުށްތަކާބެހޭ މަޢުލޫމާތު، ދޭދޭ ޤައުމުތަކުގައި މެދުގައި ހަރުދަނާކަމާއި، ރައްކާތެރިކަމާއި އަދި އަވަސްކަމާއެކު ބަދަލުކުރެވޭނެ ނެޓްވަރކްތައް ޤާއިމުކުރުމެވެ. މިދާއިރާއިން ލިބެންހުރި ތަމްރީނުތަކާއި، މިދާއިރާއިން ކުރިއެރުމަށް އެކި ޤައުމުތަކުން ކުރާ މަސައްކަތްތަކުގައި، ދުނިޔޭގައި އެކި ދިމަދިމާލުގައި ތިބި ޚަބީރުންގެ އެހީތެރިކަން ހޯދޭނެ ނިޒާމުތައް އުފެއްދުމަކީވެސް މިޖަމްޢިއްޔާއިން ކުރާކަމެކެވެ. 

     

     ކައުންޓަރ ޓެރަރިޒަމްއަކީ ދިވެހިރާއްޖޭގެ އިޤްޠިޞާދީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށްޓަކައި ކޮންމެހެން ސަމާލުވާންޖެހޭ ދާއިރާއެކެވެ. އެގްމޮންޓް ގްރޫޕުގެ މެމްބަރުކަން ލިބުމާއެކު، ދިވެހިރާއްޖޭގެ އެފް.އައި.ޔޫއަށް މިދާއިރާއިން މަޢުލޫމާތު ބަދަލުކޮށް ހެދުން ކުރިއަށްވުރެ ފަސޭހަވެގެންދާނެއެވެ. މި ދާއިރާގެ ތަމްރީނުގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެއެވެ. 

     

    ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި މުހިންމު ބައިވެރިއެވެ. މިއޮފީހުން ކުރާ މަސައްކަތްތަކާއި، ތަޙްޤީޤީ އިދާރާތަކުގެ މަސައްކަތް ކާމިޔާބުވުމުގައި އެފް.އައި.ޔޫގެ ދައުރު ބޮޑެވެ. ވީމާ، އެފް.އައި.ޔޫއަށް ފަންނީގޮތުން ލިބޭ ކޮންމެ ކުރިއެރުމަކީ، އެކަމުގެ ހެޔޮ އަސަރު، މުޅި ޖިނާއީ ޢަދުލުގެ ނިޒާމަށް ކުރާނެ ކަމެކެވެ.


  • 06 ޖޫން 2024

    ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ހުޅުމާލޭގައި ހެދި ކްރިމިނަލް ކޯޓުގެ އޮފީހުގައި ފަށައިގެންފައިވާތީ މަރްޙަބާ ދެންނެވުން

    ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ހިންގުމަށް އޮތް ޖާގައިގެ ދަތިކަމަށް ވަގުތީ ޙައްލެއްގެ ގޮތުގައި ހުޅުމާލޭގައި ހުރި ސިވިލް ކޯޓުގެ ޑިވިޒަން، ކްރިމިނަލް ކޯޓުގެ ބޭނުމަށް ބަދަލުކޮށް، އެތަނުގައި ޝަރީޢަތް ހިންގަން ފައްޓަވާފައިވާތީ، ކްރިމިނަލް ކޯޓަށް މަރްޙަބާ ދަންނަވަމެވެ. މި ބަދަލާއެކު، މިހާރު ޝަރީޢަތްތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އައިސް، ބާރަށް ހިނގައިގަންނާނެކަމަށް މިއޮފީހުން ޔަޤީން ކުރަމެވެ.

     

    ހުޅުމާލޭގައި ކްރިމިނަލް ކޯޓު މިހާރު ހިންގަން ފެށި ޢިމާރާތަކީވެސް، ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލެއް ނޫނެވެ. ދާއިމީ ޙައްލަކީ، ހުޅުމާލޭ ކޮވިޑް ފެސިލިޓީ ބަދަލުކޮށް، ކްރިމިނަލް ކޯޓުގެ ބޭނުމަށް ނިންމައިދިނުމެވެ. އެ މަސައްކަތް، ސަރުކާރުން ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަވައެވެ. މިއޮފީހުން އެދެނީ، އެ މަސައްކަތް ވީހައިވެސް އަވަހަކަށް ނިންމަވައި ދެއްވުމެވެ. އެމަސައްކަތް ނިމި، ކްރިމިނަލް ކޯޓުގެ ޖާގައިގެ މައްސަލަ އެއްކޮށް ޙައްލުވެގެންދާއިރު، ކޯޓުން މަސައްކަތް ކުރަން ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުަތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރުކުރާނެ ނިޒާމުތައް، އެކަން މަތިކޮށްފައިވާ ދައުލަތުގެ އިދާރާތަކުން އެކުލަވައިލައްވައި، އެ މަގަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަޞީލަތްތައްވެސް ކޯޓަށް ފޯރުކޮށްދެއްވާނެކަމަށް މިއޮފީހުން އުއްމީދުކުރަމެވެ.

     

    މިހާރު މި ލިބުނު ވަގުތީ ޙައްލާއެކުވެސް، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކާއި މުޖްތަމަޢުގެ ބޮޑެތި މަޞްލަޙަތުތަކާ ގުޅިފައި ހުރި މައްސަލަތައް އަވަހަށް ހިންގަވާނެއެވެ. އެކަމަށް މިއޮފީސް އޮތީ ތައްޔާރަށެވެ. މައްސަލަތައް ހިނގައި ނިމޭ ވަރަކުން، ޖިނާއީ ޢަދުލުގެ ނިޒާމުގައި ތަޙްޤީޤުކުރާ އިދާރާތަކަށާއި ދައުވާ ކުރުމުގައި ދިމާވާ ޤާނޫނީ އަދި ފަންނީ މައްސަލަތައް ފާހަގަވެ، އެކަންކަން ޙައްލުކުރަން ފުރުޞަތު ލިބޭނެއެވެ. ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ވާނީ ހުރިހާ އިދާރާއެއް އެއްކޮށް، މަސައްކަތް ކޮށްގެންނެވެ. ކޮންމެ ބަޔަކުވެސް، އެބަޔަކާ ޙަވާލުވެފައިވާ ކަމެއް، އެ އޮންނަ މުއްދަތެއްގެ ތެރޭގައި ކޮށްގެންނެވެ. 


    • 03 ޖަނަވަރީ 2024

      ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ނުހިނގާތީ ޕްރޮސިކިއުޓަރ ޖެނެރަލް ކަންބޮޑުވުން ފައުޅުކުރުން

      ދާދި ފަހުން މާލެއަށް ވެހުނު ބޯ ވާރޭގައި، ކްރިމިނަލް ކޯޓު ހިންގާ ޢިމާރާތަށް ފެނުގެ އަސަރުކޮށް، ޝަރީޢަތްތައް ނުހިންގޭ ވަރަށް ޢިމާރާތަށް ގެއްލުންވެފައިވާތީ، ޝަރީޢަތްތައް ހިންގުން މަޑުޖެހިފައިވާކަމީ ޕްރޮސިކިއުޓަރ ޖެނެރަލް ކަންބޮޑުވާކަމެކެވެ. މިމައްސަލަ ޙައްލުކޮށްދެއްވައި، ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނޭ ވަޞީލަތްތައް ހަމަޖައްސަވައި ދެއްވުމަކީ ދައުލަތުގެ ކަމާބެހޭ އެންމެހައި އިދރާތަކަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެކެވެ. އެޒިންމާ އދާކޮށްދެއްވައި، ކޯޓުގެ ވަޞީލަތްތައް ރަނގަޅު ކޮށްދެއްވުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިލްތިމާސެކެވެ.

       

      ކްރިމިނަލް ކޯޓުގެ އެހީތެރިކަން ލިބިގެން، ރަަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ޝަރީޢަތްތައް ހިންގަނީ ޢާންމު ގޮތެއްގައި ހަފްތާއަކު އެއް ދުވަހުއެވެ. އެހެންކަމުން، އެ ދުވަސް ފިޔަވައި، އެހެން ދުވަސްދުވަހު، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި މައްސަލަތައް ކުރިއަށް ގެންދެވޭނޭ އިންތިޒާމު ހަމަޖެހިފައިހުރީތީ، އެމައްސަލަތައް ބާރަށް ހިންގުމަކީވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދުމެވެ.