ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ޢާންމުކުރުމުގައި ކަމާބެހޭ މިނިސްޓްރީއަށް ފަންނީ އެހީތެރިކަން ދިނުމާބެހޭ ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފީމެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ފުރިހަމަ މަޢުލޫމާތު އިންޓަރނެޓުން ފަސޭހައިން ބެލޭނެގޮތަށް ބަހައްޓަން ޖެހެއެވެ. މިކަން ކުރުމަށް މަތިކޮށްފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއެވެ.
މިހާރު މި މަޢުލޫމާތު ޝާއިޢުކުރަމުން މި ގެންދަނީ، މިނިސްޓްރީއާ ގުޅިގެން މި އޮފީހުގެ “އާމަހި” ވެބްސައިޓުގައެވެ. މިއަދު ސޮއިކުރެވުނު ފަހުމްނާމާގެ ދަށުން މިނިސްޓްރީން މި މަޢުލޫމާތު ހޯސްޓުކޮށް، އަޕްޑޭޓްކުރެވޭގޮތަށް ޕޯޓަލް ތަރައްޤީކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
މި މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފްތަރު މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ޝާއިޢުކުރެވޭނެއެވެ.
މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި މިކަމާބެހޭ ފަހުމްނާމާގައި މި އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު މުޙައްމަދެވެ. އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާޢީލް ޢަލީއެވެ.