• 27 ޖަނަވަރީ 2024

    ތަޙްޤީޤު ހިނގާގޮތާމެދު ޝަކުވާ، އޮންލައިންކޮށް ފޮނުވޭގޮތް ހެދުން

    ޖިނާއީ ކުށެއް ކަމަށް ތުހުމަތު ކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙުޤީޤުތައް ބަލައި އެ ކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމާއި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަޙުޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް އޭނާއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުމަކީ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާއިން ޕްރޮސިކިއުޓަރ ޖެނެރަލާ މަތިކޮށްފައިވާ މަސްއޫލިއްޔަތެކެވެ.

     

    މީހަކު، ޖިނާއީ މައްސަލައެއް ތަޙްޤީޤީ އިދާރާއަކަށް ހުށަހެޅުމުން، ތަޙްޤީޤީ އިދާރާއިން އެމައްސަލަ ބަލާގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެކަން ބަލައިދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ޝަކުވާ ހުށަހެޅިދާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮވެއެވެ. ތަޙްޤީޤު ހިނގާ ގޮތާމެދު މީހެއްގެ ޝަކުވާއެއް އޮތްނަމަ، އޮންލައިންކޮށް އެ ޝަކުވާ ހުށަހެޅޭނެ ނިޒާމެއް މިއޮފީހުން ތަޢާރަފްކޮށްފީމެވެ. ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުގައި ޝަކުވާ ހުށަހަޅާ ޓެބެއް އޮންނާނެއެވެ. ޝަކުވާއެއް ހުށަހަޅަން ފިތާލުމުން، ފޯމެއް ފެންނާނެއެވެ. އެފޯމުގެ ގިނަ، ޢާންމު ބައިބައި ހުންނާނީ ފުރާފައެވެ. ޝަކުވާ ހުށަހަޅާ މީހާ ކުރަންޖެހޭނީ ދެކަމެކެވެ. އޭނާގެ ޝަކުވާއަކީ ކޮބައިކަމާއި، އޭނާ ތަޙްޤީޤީ އިދާރާއަށް ހުށަހެޅި ލިޔުމުގެ ކޮޕީއެއް އަޕްލޯޑުކުރުމާ މިދެކަމެވެ. އެލިޔުން ބޭނުންވަނީ، މައްސަލައެއް ހުށަހެޅުނުކަން ޔަޤީންކުރަންޖެހޭތީއެވެ.

     

    މިދެންނެވި ފޯމު ހުށަހެޅުމުން، އެފޯމު، އޮފީހުގެ ނިޒާމުގެ ތެރެއަށް އެންޓްރީވާނީ އޮޓޮމެޓިކުންނެވެ. ޝަކުވާ ފޯމު ސީދާ ގޮސް ލިބޭނީ އެމައްސަލައެއް ބެލުމާ ޙަވާލުވެ ހުރި ޕްރޮސިކިއުޓަރުގެ ސްކްރީނަށެވެ. އޭނާ އެޝަކުވާ ފޯމު ކިޔުމަށްފަހު، ޖަވާބުދޭނެކަމަށް އަންދާޒާކުރާ ދުވަހެއް ކަނޑައަޅަންޖެހޭނެއެވެ. އޭނާއަށް، އެ ސްކްރީނުން އެހެން ސްކްރީނަކަށް، ނުވަތަ އެހެން މަސައްކަތަކަށް ދެވޭނީ، ޖަވާބުދޭނެ ދުވަހެއް ލިޔުމަށްފަހުއެވެ. ޖަވާބުދޭނެ ދުވަހެއް ނޯޓުކުރާވަގުތު، ޝަކުވާ ހުށަހެޅި މީހާއަށް މެސެޖެއް ލިބޭނެއެވެ. މިވެނި ޕްރޮސިކިއުޓަރަކު، އޭނާ ހުށަހެޅި ޝަކުވާ ބަލަމުންދާކަމަށާއި، މިވެނި ދުވަހެއްގައި ޖަވާބެއްދިނުމަށް މަސައްކަތްކުރަމުންދާކަމަށް އެ މެސެޖުގައި އޮންނާނެއެވެ. އެމެސެޖުގައި ބުނާ ދުވަހުގެ ކުރިއަށް، އިރާދަކުރެއްވިއްޔާ ޖަވާބު ދޭނެއެވެ. ޖަވާބު ތައްޔާރުވުމާއެކުވެސް، ޝަކުވާ ހުށަހެޅި މީހާއަށް މެސެޖެއް ލިބޭނެއެވެ. ޝަކުވާ ހުށަހަޅާކަށްވެސް، ޖަވާބު ހޯދާކަށްވެސް އެއްވެސް ތަނަކަށް ދާކަށް ނުޖެހޭނެއެވެ. އޮންލައިން ޕޯޓަލްގެ ތެރެއިން، އެމީހަކު މިހާތަނަށް ޕީޖީ އޮފީހާ ކުރި ހުރިހާ މުޢާމަލާތުތަކެއް، ހުށަހެޅި ފޯމުތަކާއި އެފޯމުތަކަށް ދީފައިވާ ޖަވާބުތައްވެސް ފެންނަން ހުންނާނެއެވެ.

     

    އޮންލައިން ނިޒާމު އަވަސްވެފައި ފަސޭހަވިޔަސް، އޮންލައިން ނޫން ގޮތަކަށް، ސީދާ ކަރުދާސް ފޯމަކުން ނުވަތަ ސިޓީއަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންވާ މީހުންނަށް، އެފުރުޞަތު، ކުރިއެކޭވެސް އެއްގޮތަށް އަދިވެސް އޮންނާނެއެވެ. 


    ޝަކުވާ ހުށަހެޅުމާގުޅޭ ކަންކަމާބެހޭ ސުވާލާއި ޖަވާބު، މިލިންކުން ފެނިވަޑައިގަންނަވާނެއެވެ. އިތުރު ސުވާލެއް އޮތްނަމަ، [email protected] އަށް އީމެއިލު ކުރެއްވުމުން، އެސުވާލެއްގެ ޖަވާބު، ސުވާލާއި ޖަވާބު ބަޔަށް އިތުރުކޮށްލައިދޭނަމެވެ.


  • 26 ޖަނަވަރީ 2024

    މިއޮފީހުގެ "އެޕަލް މީޓިންގް" ގައި ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ބައިވެރިވެވަޑައިގެން، ތަޖުރިބާ ޙިއްސާކުރެއްވުން

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ހުނަރާއި ކުޅަދާނަކަން އިތުރުކުރުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ޖަނަވަރީ 2024 ގެ ބައްދަލުވުމުގައި، ޝަރުޢީ ދާއިރާގައި ވިހި އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، ރިޓަޔަރ ކުރައްވާފައިވާ ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ބައިވެރިވެވަޑައިގެތް، އެމަނިކުފާނުންގެ ތަޖުރިބާތައް ޙިއްސާ ކުރައްވައިފިއެވެ. 

    ފަނޑިޔާރު ޝުޢައިބުގެ ޙަޔާތްޕުޅުގެ އެކި ޞަފްޙާތަކުން ކުރެއްވިފައި ހުރި ތަޖުރިބާތައް، އެހާމެ ސާފުކަމާއި، ދީލަތިކަމާއެކު ޕްރޮސިކިއުޓަރުންނާއެކު ޙިއްސާކުރެއްވިކަމީ، އެމަނިކުފާނުންގެ ހިތްޕުޅުގައި މިއޮފީހުގެ ޕްރޮސިކިއުޓަރުންނާމެދު އޮތް ގާތްގުޅުން ދައްކުވައިދިން ކަމެކެވެ. އެމަނިކުފާނުން ފަނޑިޔާރުކަން ކުރެއްވިއިރުން ފެށިގެން މިއަދާހަމައަށްވެސް، އެމަނިކުފާނުންގެ ކުރިމައްޗަށް ޙާޟިރުވާ ޤާނޫނީ ވަކީލުންނާމެދު އާދަޔާ ޚިލާފު ގާތްކަމެއް ބަހައްޓަވާކަމުގެ އިޙުސާސަކީ އަޅުގަނޑުމެން، ޤާނޫނީ ވަކީލުން ތަޖުރިބާކުރަމުންދިޔަ ކަމެކެވެ. ސަބަބެއް ކުރިއަކުން ނޭނގެއެވެ. އޭގެ ސިއްރަކީ، އެމަނިކުފާނުންގެ ދިރިއުޅުމުގެ ފަލްސަފާއާ ގުޅިފައިވާ، "އިޙްތިރާމާއެކު އެކުއުޅުމުގެ ސަބަބުން އުފެދިފައިވާ ލޯބި" ކަން މިއަދު އަޅުގަނޑުމެންނަށް ސާފުވެއްޖެއެވެ. އެއާއެކު، ކުރިން އޮތް ޙައިރާންކަން ފިލައިގޮސް، އަޅުގަނޑުމެންގެ ހިތުގައި އެމަނިކުފާނުންނާމެދު އޮތް ލޯބި އިތުރުވެއްޖެއެވެ.

    އެމަނިކުފާނުންގެ ޕްރޮފެޝަނަލް ޙަޔާތްޕުޅުގައި، އެކި ކޯޓުތަކަށް ކުއްލިކުއްލިއަށް ބަދަލުކުރެއްވި ގޮތާބެހޭ ވާހަކަތައްވެސް ކިޔުއްވައި ދެއްވިއެވެ. އެންމެ ޙައިރާންކުރަނިވި ކަމަކަށްވީ، ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް، ހަރުދަނާ ސަބަބުތަކެއް ދެއްކެވުމަކާ ނުލައި، ހައިކޯޓުގެ އުތުރު ގޮފީގެ ނަމުގައި ގޮތްޕެއް ހަދައި، އެގޮތްޕަށް ޢައްޔަންކޮށް، މާލޭގައި ހައެއްކަ މަސްދުވަހު މަސައްކަތެއް ނެތްގޮތަށް ބެހެއްޓެވުމަށްފަހު، ގިނިކަންޏާ، އަމިއްލަފުޅު ޢާއިލާއާ ދުރަށް އައްޑު އަތޮޅަށް ފޮނުއްވުމުންވެސް، ހިތްނުތަނަވަސްކަމެއް، ރުޅިވެރިކަމެއް، މާޔޫސްކަމެއް ނުވަތަ ކަންބޮޑުވެވަޑައިގަތުމެއްވެސް ނެތި، އީޖާބީ ގޮތެއްގައި، ކެތްތެރިކަމާއެކު އެކަންކަމާ ކުރިމަތިލައްވާ، އާޚިރުގައި އެ 'ބަދަލު' ންވެސް ސަލާމަތްވެ ވަޑައިގެންނެވި ގޮތެވެ. މިކަންކަމުން އަޅުގަނޑުމެންނަށް އެނގުނީ، އެމަނިކުފާނުންނަކީ، ހިތްވަރުފުޅުގަދަ، ހިތްޕުޅު ތިރި، އޯގާތެރި، ކުލުނުހުރި، ލޯބިން ފުރިފައިވާ، ނަމަވެސް، ޝަރްޢީ އަދި ޕްރޮފެޝަނަލް ކަންކަމުގައި ދޫދެއްވުމެއް ނެތި މަސައްކަތް ކުރެއްވި ނަމޫނާ އިންސާނެއްކަމެވެ. މިސިފަތައް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތުގެ ފަލްސަފާގެ ތެރެއަށް ވެއްދެމުގެ މުހިންމުކަމެވެ.  

    މިއޮފީހުން އެދެނީ ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާއަށް އުފާވެރި، ބާއްޖަވެރި ޙަޔާތެއް މާތްﷲ މިންވަރު ކުރެއްވުމެވެ. ދިވެހި ޤައުމަށް މިފަދަ ޚިދުމަތްތެރި ހަރުދަނާ ދަރީންގެ ޚިދުމަތް ލިބުމެވެ. ދިވެހި ޤައުމަށް އަބަދުމެ ރޯޝަންކަން ލިބިލިބި ހުރުމެވެ.


  • 25 ޖަނަވަރީ 2024

    ތަފާތު ކުށްކުރުމުގައި ކުޑަކުދިން ބޭނުންކޮށް، އެކްސްޕްލޮއިޓްކުރާ މައްސަލަ ޙައްލުކުރަން ޕީޖީ އޮފީހުން އިސްނެގުން

    ޖިނާއީ އެކި ކުށްކުށުގެ ޢަމަލުތަކުގައި ކުޑަކުދިން ބައިވެރިކޮށްގެންނާއި، ކުޑަކުދިން އެކްޕްލޮއިޓްކޮށްގެން ކުށްކުރާ މައްސަލަތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޕީޖީ އޮފީހުން އިސްނަގައިފީމެވެ. މިއީ، ޔުނިސެފްގެ އެހީތެރިކަމާއެކު، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާއި ކުޑަކުދިންގެ ޢަދުލުގެ ކަމާބެހޭ އިދާރާތަކާއެކު ތިން ދުވަހުގެ މުއްދަތަށް ބޭއްވުނު ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމްގައި ކުރެވުނު މަޝްވަރާއެއްގެ ނަތީޖާއެވެ.

     

    މިސިމްޕޯޒިއަމްގައި، ޖުވެނައިލް ޖަސްޓިސް ނިޒާމުގައި މިހާރު ކުރަން ހުރި މައިގަނޑު ކަންކަން ދެނެގަނެ، ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އެކްޝަން ޕްލޭނަކަށް ވަނީ އެއްބަސްވެވިފައެވެ. މިޕްލޭންގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ މަތިވެފައި އޮތީ، ކުޑަކުދިން އެކްސްޕްލޮއިޓްކުރާ މައްސަލަތަކުގައި ކޯޓުގައި ދައުވާއެއްކޮށް ސާބިތުކުރެވޭ މިންވަރުގެ ހެކި ހޯދޭނޭގޮތަކަށް ފުލުހުންގެ ތަޙްޤީޤު ގެންދާނެ ގޮތުގެ އިރުޝާދެއް ތައްޔާރުކޮށް، ތަންފީޒުކުރުމެވެ. މިމަސައްކަތް މިއޮފީހުން މިހާރު ފަށައިފީމެވެ. އިރާދަކުރެއްވިއްޔާ، މިއަންނަ ރަމަޟާން މަސް އަންނަންވާއިރަށް، އެމަސައްކަތް ނިންމައި، އެކަމާބެހޭ ތަމްރީނުތައް ބާއްވާނަމެވެ.


  • 24 ޖަނަވަރީ 2024

    ނ. މަނަދޫ އަންނާރުމާގޭ ނަޢީމާ މޫސާގެ މަރުގެ މައްސަލައިގެ ޝަރީޢަތާބެހޭ މަޢުލޫމާތު ވަގުތުން ބެލޭގޮތް ހެދުން

    7 އޭޕްރިލް 2023 ދުވަހު، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ އަންނާރުމާގޭ ނަޢީމާ މޫސާގެ މަރުގެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް މާދަމާ (25 ޖަނަވަރީ 2024) ދުވަހު ކްރިމިނަލް ކޯޓުގައި ފެށުމަށް ހަމަޖެހިފައިވެއެވެ. މިޝަރީޢަތާބެހޭ މަޢުލޫމާތަކީ ޢާންމުންގެ މަޞްލަޙަތާއި ޝައުޤުވެރިކަން އޮތް މައްސަލައެއްކަމަށް ފެންނާތީއާއި، އެމައްސަލައިގެ މަޢުލޫމާތު ޢާންމުންނަށް ފެންނާނޭގޮތް ހެދުމަށް، މިއޮފީހުގެ މީޑިއާ ވެބްސައިޓުގެ "ޢާންމު ޝައުޤު" ބައިގައި، އެމައްސަލައިގެ މަޢުލޫމާތު މިދަނީ ޢާންމު ކުރަމުންނެވެ. މީގެ ބޭނުމަކީ، މިމައްސަލައާއި، (މިބާވަތުގެ ޢާންމު މަޞްލަޙަތު ހިމެނޭ މައްސަލަކުގެ އަދާހަމަ މަޢުލޫމާތު ވެބްސައިޓުގައި ޢާންމުކުރަމުން ދިއުމުގެ ސަބަބުން) ބެހޭ މަޢުލޫމާތު މިއޮފީހަށް ގުޅައިގެން ސާފުކުރަން ނުޖެހޭނޭ އިންތިޒާމެއް ހަމަޖެއްސުމެވެ.

     

    އެބައިން، އެމައްސަލައިގެ ހާދިސާއާއާއި، ދައުވާލިބޭ މީހުންގެ މަޢުލޫމާތާއި، ކުރާ ދަޢުވާއާއި، މައްސަލަ މިހާރު އޮތް ހިސާބާއި، މައްސަލައިގެ އަޑުއެހުމެއް ކޯޓުގައި ޝެޑިއުލް ކުރައްވައިފިނަމަ، އެމަޢުލޫމާތު، އޮޓޮމެޓިކުން އަދާހަމަކުރަމުންދާނެއެވެ. މިބަޔަށް ލިބޭ ޚިޔާލަށް ބެލުމަށްފަހު، އިތުރު މަޢުލޫމާތުތައްވެސް ހާމަކުރުމާމެދު ގޮތެއް ނިންމާނަމެވެ. 

     

    މިމައްސަލައިގެ މަޢުލޫމާތު ފެންނާނީ މިލިންކުންނެވެ.


  • 18 ޖަނަވަރީ 2024

    ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ މީހުންގެ ކުށުގެ ރެކޯޑު ސާފުކުރުން ފަސޭހަކޮށްދިނުން

    ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ޤަޞްދުކުރައްވާ ބޭފުޅުންގެ ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ކަންތަކަށް މިއޮފީހުން އޮތީ ތައްޔާރަށެވެ. އެގޮތުން، ކުށުގެ ރެކޯޑެއް ނެތް މީހަކުނަމަ، އެމީހަކު ރެކޯޑަށް އެދޭތާ 5 މިނިޓު ތެރޭގައި ރެކޯޑު ސާފުކޮށްދޭނަމެވެ. ރެކޯޑެއް އޮތްނަމަ، އެއް ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑު ސާފުކޮށްދޭނަމެވެ. 

     

    މިކަން ކުރިއަށްދާއިރު އިތުރު މައްސަލައެއް ދިމާވެއްޖެނަމަ، އެމައްސަލައެއް ޙައްލުކޮށްގެން ކުރިއަށް ގެންދާނީއެވެ. މިކަމާބެހޭ އެއްވެސް ސުވާލެއް އޮތްނަމަ، މިއޮފީހުގެ ނަންބަރު 3000655 އާ ގުޅުއްވުން އެދެމެވެ. ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގައި ޢަމަލުކުރާގޮތް، މިލިންކުން ފެނިވަޑައިގަންނަވާނެއެވެ. 


  • 17 ޖަނަވަރީ 2024

    އދ. ދިގުރަށު ކުނި ގޮނޑުން މަރުވެފައިވާ ކުޑަކުއްޖަކު ފެނިފައިވާ މައްސަލައިގައި ދަޢުވާކުރުން

    3 ޑިސެންބަރު 2023 ވަނަ ދުވަހުގެ ހެނދުނު 9:28 ހާއިރު އދ. ދިގުރަށުގެ ކުނި ގޮނޑުން މަރުވެފައި އޮތް ކުއްޖަކު ފެނިފައިވާ މައްސަލައިގައި ސްރީލަންކާ ރައްޔިތެއްކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 16 ޖަނަވަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ. 

    1.     ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން, އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާ.

    ސަބަބު: ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ، 01 ޑިސެންބަރު 2023 ދުވަހުގެ 22:00 އާއި 03 ޑިސެންބަރު 2023 ދުވަހުގެ 05:00 އާ ދެމެދުގެ ވަގުތެއްގައި، އދ. ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ތެރޭގައި ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، 03 ޑިސެންބަރު 2023 ދުވަހުގެ 05:31 އެހައިކަށްހައިއިރު، އދ.ދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލާލައި، ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާމެދު ޢަމަލުކޮށް ކުއްޖާ މަރާލާފައިވާތީ.

    އަދަބު: 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުގައި ބަންދުކުރުން. 

    2.     ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 124 ވަނަ މާއްދާއާ (ހ) ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން, ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ޞިއްޙަތަށް އުނިކަން އަތުވެދާނެ ފަދަ ޢަމަލެއް ޤަޞްދުގައި ހިންގުމުގެ ކުށުގެ ދަޢުވާ.

    ސަބަބު: ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެއިނީއްސުރެ، ކުއްޖާގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާތީ އާއި، އެފަދަ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ބަލިވެއިންކަން ސިއްރުކޮށް، ވިހަން އުޅޭކަން އެނގުމުން ހޮސްޕިޓަލަށް ނުގޮސް، ވިހެއުމަށް ސިއްހީ ފަރުވާ ލިބޭ ތަނަކަށް ދިއުމުގެ މަގު ފަހިވެފައިވަނިކޮށް އެ ފުރުޞަތުގެ ބެނުން ނުކޮށް، 01 ޑިސެންބަރު 2023 ދުވަހުގެ 22:00 އާއި 03 ޑިސެންބަރު 2023 ދުވަހުގެ 05:00 އާ ދެމެދުގެ ވަގުތެއްގައި، ޞިއްޙީ ގޮތުން އެކަށީގެންނުވާ ގޮތަކަށް އދ.ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނާގައި ހުރި ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، 03 ޑިސެންބަރު 2023 ދުވަހުގެ 05:31 އެހައިކަށްހައިއިރު، މިކޮތަޅު އދ. ދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް އެއްލާލައި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ، އެކުއްޖާގެ ޞިއްޙަތާއި، ރައްކާތެރިކަމާއި، މަޞްލަޙަތަށް އުނިކަން އަންނާނެ ޢަމަލުތައް ޤަޞްދުގައި ހިންގައިފައިވާތީ. 

    އަދަބު: 3 އަހަރަށް ޖަލަށް ލުން. 

    3.     ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 114 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން, އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދަޢުވާ.

    ސަބަބު: ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ، 01 ޑިސެންބަރު 2023 ދުވަހުގެ 22:00 އާއި 03 ޑިސެންބަރު 2023 ދުވަހުގެ 05:00 އާ ދެމެދުގެ ވަގުތެއްގައި، އދ. ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ތެރޭގައި ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، 03 ޑިސެންބަރު 2023 ދުވަހުގެ 05:31 އެހައިކަށްހައިއިރު، އދ.ދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު ލައ، ކުއްޖާ މަރުވިކަން އެނގިހުރެ އެކަން ފޮރުވާފައިވާތީ.

    އަސާސީ އަދަބު: 9 މަހާއި 18 ދުވަހަށް ޖަލުގައި ބަންދުކުރުން.


  • 17 ޖަނަވަރީ 2024

    ބަންދުން ދޫކޮށްލާނަމަ، ޝަރުޠާބެހޭގޮތުން ވާހަކަ ދައްކަން ފުރުޞަތު ދިނުމަށް އެދުން

    ޖިނާއީ މައްސަލައެއްގައި މީހަކު ބަންދުގައި ބަހައްޓަން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ (ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން) ގައި ހުއްދަކޮށްފައި އޮތީ ފަސް ކަމެއް ފުރިހަމަވާނަމައެވެ. އެއީ، 

    1. އެ މީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއް ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި؛ ނުވަތަ

    2. ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި، ނުވަތަ

    3. ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި؛ ނުވަތަ

    4. ފިލައިފާނެ ކަމަށްޓަކައި؛ ނުވަތަ

    5. ބަންދުން ދޫކޮށްލައިފިނަމަ، މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި، މިއެވެ.  

    ޖިނާއީ މައްސަލައެއްިގައި ބަންދުކޮށްފައި ހުރި މީހަކު، މަތީގައި އޮތް ކަންކަމަށް ބަލައި، ޝަރުޠުކޮށްފައި ބަންދުން ދޫކުރެވިދާނެކަމަށްވެސް އެމާއްދާގައި އޮވެއެވެ. އެވާހަކަ ތަފްޞީލުކޮށްދީފައި އޮތީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައެވެ. އެޤާނޫނުގެ 66 ވަނަ މާއްދާ (ކޯޓުން ކަނޑައަޅާ އިތުރު ޝަރުޠަކާއެކު ބަންދުން ދޫކުރުން) ގައި،  ބަންދުގައި ހުރި މީހާ ދޫކޮށްލާފައި ހުންނައިރު އޭނާ އިތުރު ކުށެއް ނުކުރާނެ ކަމަށާއި، ތަޙްޤީޤު މަރުޙަލާގައި ޤާނޫނު ތަންފީޛުކުރާ އިދާރާއިން ހާޒިރުވާން އަންގާ ތަންތަނަށް އޭނާ ހާޒިރުވާނެ ކަމަށާއި، ޝަރީޢަތުގެ މަރުޙަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް އޭނާ ހާޒިރުވާނެ ކަމަށާއި، ކޯޓުން އިތުރު ޝަރުޠުތަކެއް ކަނޑައަޅާނަމަ އެ ޝަރުޠުތައްވެސް ޤަބޫލުކުރާކަމަށް ބަންދުގައި ހުރި މީހާ އިޤްރާރުވެ ސޮއިކުރުމުން، އޭނާ ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރު ނެރެވިދާނެކަމަށް އޮވެއެވެ.

    އެހެންކަމުން، ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލުމަށް ނިންމަވާ ޙާލަތުގައި، މައްސަލައިގެ ވަށައިގެން ހުންނަ ކަންކަމާއި، ތުހުމަތުކުރެވޭ މީހާގެ ޙާލަތަށް ރިޢާޔަތްކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަކި ޚާއްސަ ޝަރުޠެއް ހިމެނުމަށް އެދޭނަމަ، އެކަންކަން ހިމެނުމަށް އެ އަޑުއެހުމުގައި ވާހަކަ ދެއްކުމުގެ ފުރުޞަތަކީ ޤާނޫނުން ފުލުހުންނަށް  ލިބޭންޖެހޭ ފުރުޞަތެވެ. މިހާރުވެސް ބައެއް ކޯޓުތަކުން އެފުރުޞަތު ދެއްވައެވެ. ނަމަވެސް، ބައެއް ކޯޓުތަކުގައި އެފުރުޞަތު ފުލުހުންނަށް ނުލިބޭ ކަމުގެ ޝަކުވާލިބޭތީ، ޤާނޫނުން ލިބޭ ފުރުޞަތު، ހުރިހާ ކޯޓެއްގައި އެއްގޮތަކަށް، ފުލުހުންނަށް ލިބުމަކީ، މިނިޒާމު އެކަށީގެންވާ ގޮތުގައި ހިންގުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއޮފީހުން ދެކެމެވެ. އޭރުން، އެކި ކުށުގެ ތުހުމަތުގައި ހުރެފައި، އެކި ސަބަބުތަކާހުރެ، އެކި ގޮތްގޮތަށް މުޖްތަމަޢަށް ދޫވާ މީހުންނަކީ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ވަކި ގޮތަކަށް ބެލެހެއްޓޭ ބައެއްކަން ފުލުހުންނަށްވެސް ކަށަވަރު ކުރެއްވޭނެއެވެ.


  • 14 ޖަނަވަރީ 2024

    ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އާ ޑިރެކްޓަރ ޖެނެރަލް، ޕްރޮސިކިއުޓަރ ޖެނެރަލާ ބައްދަލުކުރައްވައިފި

    ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ އައު ޑިރެކްޓަރ ޖެނެރަލް , މޭޖަރ (ރޓ) ވައިޘް ވަޙީދު، ޕްރޮސިކިއުޓަރ ޖެނެރަލާ ބައްދަލު ކުރައްވައިފިއެވެ. މިއަދު އޮތް މި ބައްދަލުވުމުގައި އެންސީޓީސީޢިން މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި، ކުރިއަށް ރާއްވަވާފައިހުރި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. 

     

    މިބައްދަލުވުމުގައި؛

    ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމާއި، ތަޙްޤީޤުކޮށް، ޕްރޮސިކިއުޓްކުރުމުގައި ހުރި ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރަން ކުރެވެން ހުރި ކަންކަމާއި؛ އަދި،

    ޓެރަރިޒަމް ހުއްޓުވުމުގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކާއި؛ އަދި،

    ތަފާތު އެކި ޤައުމުތަކުގެ އިދާރާތަކާއެކު ގުޅިގެން، ކުރެވިފައިވާ ދުނިޔޭގެ ފެންވަރުގެ މަސައްކަތްތަކާއި؛ އަދި

    ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާކުރަންޖެހޭ ދާއިރާތަކާބެހޭ ގޮތުން މުޅި ސަރުކާރާއި ދައުލަތުގެ އިދާރާތައް އެއްކޮށް މަސައްކަތްކުރުމާބެހޭ ގޮތުންނާއި؛ އަދި

    މީޑިއާއަށް މަޢުލޫމާތުދިނުމާއި، މިދާއިރާގައި ދައުލަތުގެ އިދާރާތައް ކުރާ މަސައްކަތްތައް މީޑިއާ މެދުވެރިކޮށް ޢާންމުންނަށް އެނގޭނޭގޮތް ހެދުމަށް ކުރާނެ ކަންތައްތަކާބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

     

    އެންސީޓީސީއިން ހިންގަވާ ޕްރޮގްރާމްތަކުގައި، އެންސީޓީސީގެ ލީޑަރޝިޕްގެ ފަހަތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދާއިރާއިން ކުރެވެން ހުރި ހުރިހާ ކަމެއްގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ޕްރޮސިކިއުޓަރ ޖެނެރަލް، ޑިރެކްޓަރ ޖެނެރަލް، މޭޖަރ ރޓ، ވައިޘް ވަޙީދަށް އެރުވިއެވެ. 

     

    މިބައްދަލުވުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުން ކަމުގައިވާ އަލްއުސްތާޛު މަޙްމޫދު ސަލީމާއި އަލްއުސްތާޛު ޢަލީ ސަމީރާއި، މޭޖަރ ކްރައިމް ޔުނިޓުގެ ހެޑު، ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ފަރަހަނާޒް މުޙައްމަދު ދީދީއާއި ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛު މުޙައްމަދު އަފްރާޙު ބައިވެރިވެވަޑައިގެންނެވިއެވެ.


  • 12 ޖަނަވަރީ 2024

    ގދ. ހޯނޑެއްދޫ, އަލަމާގެ, މުޙައްމަދު ޔުނާން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމުން

    ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދަޢުވާލިބޭ ގދ. ހޯނޑެއްދޫ, އަލަމާގެ, މުޙައްމަދު ޔުނާން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް, އޭނާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވަނީ 14 ޑިސެންބަރު 2023 ގައެވެ. 

    އެ ނިންމެވުން މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނިކޮށް, މުޙައްމަދު ޔުނާންގެ މައްޗަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅި ޝަރުތުތަކާ ޚިލާފުވެފައިވާތީ, އޭނާ އަލުން ބަންދުކޮށްދެއްވުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާނެއެވެ. 

    ނަމަވެސް މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅުއްވުމާ ހަމައަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މުޙައްމަދު ޔުނާންގެ ބަންދު މުރާޖަޢާ އަޑުއެހުން ތާވަލުކޮށްދެއްވާފައި ނުވެއެވެ. 

    ދިވެހިރާއްޖޭގެ ހައިކޯޓުން 10 ޖަނަވަރީ 2024 ދުވަހު ނިންމަވާފައިވަނީ މުޙައްމަދު ޔުނާންގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވުމުގެ އިޙްތިމާލު އަދިވެސް އޮތްކަމަށެވެ. އަދި 7 ދުވަހުގެ ތެރޭގައި މުޙައްމަދު ޔުނާންގެ ބަންދާގުޅޭ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެކަށީގެންވާ އަވަސްމިނެއްގައި އެ ހުށަހެޅުމާ ގުޅޭގޮތުން ދަށު ކޯޓުން ގޮތެއް ނިންމަންވާނެކަމަށެވެ.

    ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމާ ގުޅިގެން, ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން 11 ޖަނަވަރީ 2024 ދުވަހު ފުލުހުން, މުޙައްމަދު ޔުނާން ހައްޔަރުކުރީއެވެ.

    އަދި މިއަދު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން އޭނާ އަލުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެ ކޯޓުން ނިންމަވާފައިވެއެވެ.

    މުޙައްމަދު ޔުނާންގެ މައްޗަށް ދަޢުވާކުރާ މައްސަލަ މިހާރު އޮތީ ހެކިބަސް ނަގައި ނިމި, ޚުލާޞާ ބަޔާން ހުށަހެޅުމުގެ މަރުޙަލާގައެވެ.