ޢުންޞުރުގެ 6 ވަނަ ޢަދަދު

31 މާރިޗު 2024

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤަލަމުން

ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް

ޢުންޞުރުގެ އެންމެހައި ކިޔުންތެރިންނަށް ރޯދަ މަހުގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރުކޮށްދެއްވުން އެދި މާތްالله ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. މިއީ މި އޮފީހުގެ ނިއުސްލެޓަރ "ޢުންޞުރު" ގެ 6 ވަނަ ޢަދަދެވެ. 2022 ވަނަ އަހަރު ޑިސެންބަރު މަހުން ފެށިގެން ކޮންމެ 4 މަހަކުން 1 ފަހަރު މި ގެންދަނީ ޢުންޞުރުގެ މުޅިން އައު ޢަދަދެއް ނެރެމުންނެވެ. "ޢުންޞުރު" ގެ މަޤްޞަދަކީ މި އޮފީހުގެ ވިސްނުން ޢާންމުންނަށް ތިލަކޮށްދިނުމެވެ. ޢުންޞުރުގެ 6 ވަނަ ޢަދަދު ނެރޭ ތާރީޚު މިފަހަރު މި ދިމާވީ ރޯދަމަހަކާއެވެ. މި ރޯދަމަހު އެންމެ ޚާއްޞަކަމެއް ދީގެން މި އޮފީހުން ކުރަމުންދާ މަސައްކަތަކީ، ކޯޓުތަކަށް ހުށަހެޅި ގިނަދުވަސްވެފައިވާ މައްސަލަތައް މުރާޖަޢާކުރުމުގެ މަސައްކަތެވެ. އެގޮތުން ދުވަސްވެފައިވާ މައްސަލަތައް ދިރާސާކޮށް، އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަޙަތު އޮތްތޯ މިގެންދަނީ އަލުން ބަލައި ވަޒަންކުރަމުންނެވެ. އަދި ކޯޓަށް ހުށަހެޅުމަށްފަހު ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލަތައް ފާހަގަކޮށް، އެ މައްސަލަތައް އަވަސްކޮށްދެއްވުން އެދި މިގެންދަނީ ކޯޓުތަކަށް ލިޔަމުންނެވެ.

ފަނޑިޔާރު ޝުޢައިބުގެ އިޚްލާޞްތެރި ޚިދުމަތްޕުޅާއި، އެކު އުޅުމުން ޖެހޭ ލޯބީގެ ވާހަކަ

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު

ދިވެހިރާއްޖޭގެ ހައިކޯޓުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވާފައިވަނީ 22 ނޮވެންބަރު 2023 ގައެވެ. ފަނޑިޔާރު ޝުޢައިބަކީ މި އޮފީހުގެ ވަކީލުންގެ މެދުގައި މަޤުބޫލު އަދި އެންމެންގެ އިޙްތިރާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މި އޮފީހުން ކޮންމެ މަހަކު ކުރިއަށްގެންދާ "އެޕަލް މީޓިންގ" ގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ތަޤުރީރުކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވަތު އެރުއްވީ ފަނޑިޔާރު ޝުއައިބު ޙުސައިން ޒަކަރިއްޔާއަށެވެ. އެ ބައްދަލުވުމުގައި، ފަނޑިޔާރުގެ ޙަޔާތްޕުޅުން ވަރަށް އަގުހުރި ވާހަކަތަކެއް ޕްރޮސިކިއުޓަރުންނާ ޙިއްޞާކުރެއްވިއެވެ. އެމަނިކުފާނަކީ ފަނޑިޔާރުކަމުގެ ވަޒީފާގައި އިޚްލާސްތެރިކަން އެންމެ އިސްކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ޙިއްޞާކުރެއްވީ އިޚްލާސްތެރި ޚިދުމަތް އެގޮތުގައި ދެމެހެއްޓެވުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީތަކުގެ ވާހަކަތަކެވެ. އެމަނިކުފާނު ކުރެއްވި މަސައްކަތްތައް ލޯތްބާއެކު ކުރެއްވި ވާހަކައެކެވެ. އެކު އުޅުމުން ލޯބި ޖެހޭ ވާހަކައެވެ.

ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއް

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި ކުޑަކުދިން ވިކްޓިމައިޒްވާ މައްސަލަތަކުގައި ކުދިންގެ މަޢުލޫމާތު ޢާންމު ނުކުރުމަކީ ޒަމާނުއްސުރެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިފަހައްޓާ ހަމައެކެވެ. ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކުރުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/19) ގެ 33 ވަނަ މާއްދާ މަނާކުރާ ކަމެކެވެ. އެފަދަ މަޢުލޫމާތު އެއްވެސް ފަރާތަކުން އެއްވެސް ސިފައެއްގައި ދަޢުރުކޮށްގެން ނުވާނެއެވެ. ކުއްޖާގެ ނަން އުނިކުރުމުން އެކަނި ކުއްޖާގެ ޒާތީ މަޢުލޫމާތު ރައްކާތެރި ކުރެވުނީކަމަކަށް ނުވެއެވެ.

ހަރުކަށި ފިކުރު ނުރައްކާތެރިވަނީ ކީއްވެ

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު

ހަރުކަށި ފިކުރަކީ، ޤާނޫނުއަސާސީގެ ރޫހާއި ޤާނޫނީ ހަމަތަކާއި، ޢާންމު އިޖުތިމާއީ އުޞޫލުތަކަށް ބަހާއި ޢަމަލުން އިންކާރުކޮށް، އެ ކަންކަމާ ދެކޮޅަށް ވަކާލާތުކުރުމުގައި ހަރުކަށިވެ، އަނިޔާވެރިވުމާއި އިހާނެތިކޮށް ހިތުމުގެ ފިކުރެވެ. މިއީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ހަރުކަށި ފިކުރު މާނަކޮށްފައިވާ ގޮތެވެ. ހަރުކަށި ފިކުރުގެ އެންމެ ޢާންމު ވައްތަރަކީ ދީނީ ހަރުކަށި ފިކުރުކަމަށްވީނަމަވެސް ފިކުރީ ހަރުކަށިކަމަކީ ދީނަށް އެކަނި ނިސްބަތް ކުރެވޭ އެއްޗެއް ނޫނެވެ. އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން ހަރުކަށި ފިކުރުގެ ޖަމާޢަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވެއެވެ. ހަރުކަށި ފިކުރުގެ މީހުންނަކީ އެމީހުންގެ ހުންނަ އަމިއްލަ ޤަބޫލުކުރުންތަކެއްގެ ސަބަބުން ދިވެހި ދައުލަތަކީ ކުފުރެއްކަމަށްބުނެ ދިވެހި ޤައުމިއްޔަތާ ދެކޮޅަށް ވަކާލާތުކުރާ މީހުންނެވެ. އެމީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމުން ނޫންކަމަށް ދައްކަން މަސައްކަތްކޮށް ޠާޣޫތުން ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހުން ކަމަށް އެމީހުން ޤަބޫލުކުރެއެވެ. އަދި އެހެން މީހުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގުމަށް އެމީހުން ހިތްވަރުދެއެވެ. ދިވެހި ސަޤާފަތާއި ޒަމާންވީ އާދަކާދަތަކަށް އިންކާރުކޮށް މުޖުތަމައުގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރެއެވެ. މިއީ ކައުންޓަރު ޓެރަރިޒަމް ސެންޓަރުގެ "ހަރުކަށި ފިކުރު މާނަކުރުން" މި ނަމުގައި ނެރެފައިވާ ކަރުދާހުގައި ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެގޮތް ބަޔާންކޮށްފައިވާ ގޮތެވެ.

ޑީއެންއޭ ހެކީގެ މުހިންމުކަމާއި އޭގެ ބުރަދަން

ޑީއެންއޭ އަކީ އިންސާނާގެ ވިރާސީ ކުރެހުމެވެ. މިއީ ކޮންމެ އިންސާނަކަށްވެސް އެމީހެއްގެ މަންމައާއި ބައްޕަގެ ކިބައިން ވާރުތަވާ ޙާއްޞަވެގެންވާ ކްރޮމޮޒޯމްތަކެއްގެ މައްޗަށް ބިނާވާ ވިރާސީ ކުރެހުމެކެވެ. ޑީއެންއޭ ހެދުމަށް އިންސާނުންގެ ހަށިގަނޑުން ނެގޭ އިސްތަށްޓާއި، ކުޅާއި، ލެއާއި، މިނޫނަސް ކޮންމެ މާއްދާއެއްވެސް ބޭނުންކުރެވިދާނެއެވެ. ދިވެހިރާއްޖޭގައިވެސް ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ޑީއެންއޭ ހެކި މައްސަލަތައް ސާބިތުކުރުމުގައި ފުޅާދާއިރާއެއްގައި ދަނީ ބޭނުންކުރެވެމުންނެވެ. އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި، ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ، ޑީއެންއޭ ހެކީގެ މައްޗަށް ބަލައި ރޭޕްކުރުމުގެ ކުށް ސާބިތުވާނެކަމަށް ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން އެބާވަތުގެ މައްސަލަތަކުގައި ޑީއެންއޭ ހެކި ލިބިފައިވާނަމަ، ވޯޓިވް އޮތްކަމުގެ ހެއްކާއި، ކުށްކުރުމުގެ ފުރުޞަތު އޮތްކަމުގެ ޤަރީނާއާއި، ރުހުން ނެތްކަމުގެ ޤަރީނާ ހުރިނަމަ ކުށް ސާބިތުވާނެއެވެ.

ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާއި ނުކުރުން

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު

ބައެއް މައްސަލަތަކުގެ ބާވަތުން ޝަރީޢަތް ނިމެންދެން މީހަކު ބަންދު ނުކުރުމަކީ ޢާންމުންގެ ޝަކުވާ މި އޮފީހަށް ރައްދުވާ ކަމެކެވެ. ހަމަ އެ ބީދައިން، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަކީވެސް ޢާންމުންގެ ޝަކުވާ އޮންނަ މައްސަލައެކެވެ. މިކަމުގައި މި އޮފީހުން މި ގެންދަނީ ލިޔެވިފައިވާ ޚާއްޞަ ހަމަތަކެއް ހިފަހައްޓަމުންނެވެ. މަޤްޞަދަކީ ޙުކުމެއް ކުރުމުގެ ކުރިން ކޮންމެހެން ބަންދުގައި ހުންނަން ނުޖެހޭ މީހަކު ބަންދުގައި ނުބެހެއްޓުމެވެ. ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން މީހުން ބަންދުގައި ބޭތިއްބުމުގެ މައްސަލައަށް އޮތް މައިގަނޑު އަދި ވަށާޖެހޭ ޙައްލަކީ ކޯޓަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމުމެވެ. އެހެނީ ޝަރީޢަތް ނިމެންދެން ކުރެވޭ ބަންދު "ވާނުވާ" ބަންދަކަށްވަނީ ކޯޓުގައި މައްސަލަ ކުރިއަށްގޮސް ނިމޭނެ ގޮތުގެ ތަޞައްވުރެ ބަންދުގައި ހުންނަ މީހާއަށް ދީފައި ނެތީމައެވެ. މައްސަލަތައް އަވަހަށް ނިންމޭނީ ފަނޑިޔާރުންނާއި މުވައްޒަފުން މަސައްކަތްކުރާނެ ރަނގަޅު ވަސީލަތްތައް ލިބިދީގެންނެވެ. އެކަންކަން ފަހިކޮށްދިނުމަކީ މުޅި ދައުލަތުގެ ޒިންމާއެކެވެ.

އިސްތިއުނާފު މަރުޙަލާގައިވެސް މީހުން ބަންދުގައި ބޭތިއްބިދާނެ

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އާމިނަތު ޝާމާ ނަޞީރު

ޢާންމު އުޞޫލެއްގެ ގޮތުން ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން މީހުން ބަންދުކުރަނީ މައްސަލައިގެ ތަޙުޤީޤު މަރުޙަލާ ނުވަތަ ދަށު ކޯޓުގެ ޝަރީޢަތްތައް ކުރިއަށްދާ މަރުޙަލާގައެވެ. ނަމަވެސް ދަށު ކޯޓުން މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅާ މައްސަލަތައް މި އޮފީހުން އިސްތިއުނާފު ކުރާ ޙާލަތުގައިވެސް، އިސްތިއުނާފު ރައްދުވާ މީހާ ބަންދުގައި ބެހެއްޓުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ޙުއްދަކުރާ ކަމެކެވެ. ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޛު އަދި އިތުރު 3 މީހުން ޤަޟިއްޔާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން، އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާއެއްގައި ގޮތެއް ކަނޑައެޅެންދެން ބަޔަކު ބަންދުކުރަން ނިންމެވި ފުރަތަމަ މައްސަލައެވެ. އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްތިއުނާފީ މަރުޙަލާގައި ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބަންދުގައި ބަހައްޓައިދިނުމަށް އެދުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ އިޚްތިޔާރެކެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެތައް ފައިސާއަކަށް ވަނީ ޚިޔާނާތްތެރިވެފަ

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ކާމިލާ ޙުސައިން

އެފް.އޭ.އެމް ހިންގަނީ އެފް.އޭ.އެމްއަށް ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) އަދި ބޭރު ގައުމުތަކުގެ ފުޓްބޯލް އެސޯސިއޭޝަންތަކުން އެހީގެ ގޮތުގައި ދޭ ފައިސާއިންނެވެ. މީގެ އިތުރުން ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދޭ ގްރާންޓް ފައިސާއާއި، އެފް.އޭ.އެމްގެ ދަނޑުތައް ކުއްޔަށް ދީގެން ލިބޭ ފައިސާއިންނެވެ.އެފް.އޭ.އެމްއަށް ފީފާއިން ދޭ ފައިސާ އެފް.އޭ.އެމްގެ ރައީސާއި އެފް.އޭ.އެމްގެ މުވައްޒަފުންގެ ޕަރސަނަލް އެކައުންޓުތަކަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރަމުންދާކަމަށް މި އޮފީހަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް މައްސަލަ ތަޙުޤީޤުކުރުމުގެ އަމުރެއް ޕްރޮސިކިއުޓަރ ޖެނެރަލް ނެރުއްވިއެވެ.

ލާމަރުކަޒީ ސިޔާސަތުގެ ދަށުން މި އޮފީހުގެ އަރުޝީފު ފުވައްމުލަކަށް ބަދަލުކުރުން

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަރުޝީފު ފުވައްމުލައް ސިޓީގައި ޤާއިމުކުރުމާއެކު، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތާރީޚީ ރެކޯޑުތައް ފުރަތަމަ ފަހަރަށް މަރުކަޒީ ގޮތެއްގައި މާލެފިޔަވައި އެހެން ރަށަކަށް ބަދަލުކުރެވުނީއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތާރީޚީ ރެކޯޑުތައް ދެން ބަލަހައްޓަމުންގެންދާނީ ފުވައްމުލައް ސިޓީގައެވެ.