-
04 އޮކްޓޫބަރު 2023
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ދަޢުވާކުރުން
1 މޭ 2023 ދުވަހުގެ މެންދަމުގެ ވަގުތެއްގައި، މާލެ، "ހަބީބީ" ކެފޭތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޙަސަން ޒަރީރަށް ނުރައްކާތެރި ހަތިޔާރާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ، މާރާމާރީ ހިންގި މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 19 ސެޕްޓެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
1. މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲގެ މައްޗަށް:
ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން
2. ތ. ކިނބިދޫ، ދީފުރަމްގެ، އަޙްމަދު އަވްޝަމްއާއި،
3. މ. ތާޖް، މުލާއިމް މުޙައްމަދުގެ މައްޗަށް:
ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުން.
-
03 އޮކްޓޫބަރު 2023
ޕީޖީ ޙުސައިން ޝަމީމު, ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ މަހާސިންތާގައި ތަޤުރީރުކުރައްވައިފި
އިންގިރޭސި ވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގެ އަހަރީ މަހާސިންތާގައި ޕްރޮސިކިއުޓަރ އަލްއުސްތާޛް ޙުސައިން ޝަމީމު ބައިވެރިވެވަޑައިގެންފިއެވެ.
މި ސެޕްޓެންބަރު މަހުގެ 24 އިން 27 އަށް ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގެ ކޮންފަރެންސް އަދި ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު ވަނީ މި އޮފީހުން ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އަލަށް ފަށާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.
އެގޮތުން މި އޮފީހުގެ ތަފާސް ހިސާބު ވަގުތުން ވަގުތަށް ބަލާލެވޭ ވެބްސައިޓް "އާމަހި" ގެ މަޢުލޫމާތާއި, މި އޮފީހުން އަލަށް ތަޢާރަފުކުރި މީޑިއާ ވެބްސައިޓްގެ މަޢުލޫމާތާއި އޭގައިހިމެނޭ ޚާއްޞަ ފީޗަރތަކުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. އެފަދަ ވެބްސައިޓްތައް އެހެން ޤައުމުތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ބޭނުންކުރެވިދާނެ ގޮތްތައް ބަޔާންކުރެއްވިއެވެ.
މި އޮފީހުގެ "އާމަހި" ވެބްސައިޓްގެ ޚާއްޞަކަމަކީ ވަގުތުން ވަގުތަށް އަޕްޑޭޓް ވެފައިވާ ތަފާސްހިސާބު ލިބެންހުރުމެވެ. އެ ވެބްސައިޓަކީ މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމުން އޮޓަމެޓިކުން ޖެނެރޭޓް ކުރާ މަޢުލޫމާތުކަމަށްވާތީ, އޭގައި ހިމެނޭ މަޢުލޫމާތަށް އުނި އިތުރު ނުގެނެވުމެވެ.
މީޑިއާ ވެބްސައިޓުގެ ޚާއްޞަކަމަކީ ވައިބަރ ގުރޫޕާއި އެހެނިހެން މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ނޫސްވެރިންނާ ޙިއްޞާކުރާ މަޢޫލޫމާތު ޢާންމުންނަށްވެސް ފެންނަގޮތް ހެދުމެވެ. އެހެން ހެދުމުން މި އޮފީހުން ދޭ މަޢުލޫމާތަށް ބިނާކޮށް ނޫސްތަކުގައި ލިޔެ ޝާއިޢުކުރާ ޚަބަރުގެ ތެދު ދޮގު, އަދި މި އޮފީހުން އަސްލު ދިން މަޢުލޫމާތަކީ ކޮބާކަން ކޮންމެ މީހަކަށްވެސް ބަލާލެވުމެވެ. އަދި އަމިއްލަ އެކި ފަރާތްތަކުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރަސްމީ މަޢުލޫމާތު ޝާއިޢުކުރުމުން އެތަކެތި ބެލެހެއްޓި ރެކޯޑު ނުކުރެވޭނެތީ, އެކަން ކުރެވޭނެ ހަރުދަނާ ޕްލެޓްފޯމެއް ޤާއިމުކުރުމެވެ.
މި ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ މި އޮފީހުން އޮންލައިންކޮށް ދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ބައިވެރިންނާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އޮންލައިންކޮށް ސިޓީ ފޮނުވުމާއި, ކުށުގެ ރެކޯޑަށް އެދުމާއި, އެމީހެއްގެ މައްސަލައިގެ މަޢުލޫމާތާއި މައްސަލަ އޮތް ހިސާބެއް އޮންލައިންކޮށް ބަލާލެވޭނެ ނިޒާމުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.
މީގެ އިތުރުން ޖިނާއީ މައްސަލަތަކުގައި ވިކްޓިމުންނަށްވާ މީހުންނަށް, އެމީހުންގެ މައްސަލައިގެ މަޢުލޫމާތު އޮންލައިންކޮށް ބަލާލެވޭގޮތަށް ތަޢާރަފުކޮށްފައިވާ ވިކްޓިމް ޕޯޓަލްގެ މަޢުލޫމާތުވެސް ޙިއްޞާކުރެއްވިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު ވަނީ ހާމަކަމާއި ދެފުއްފެންނަ ގޮތަށް, ޢާންމުންނަށް ފަސޭހަކަމާއެކު މަޢުލޫމާތު ހޯދޭނެ ނިޒާމަކުން ޕްރޮސިކިއުޝަންގެ މަސައްކަތް ބައްޓަންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ލަންޑަންގައި ކުރިއަށްގެންދިޔަ "އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސް" ގެ އަހަރީ ކޮންފަރެންސާއި, ޢާންމު ބައްދަލުވުމުގެ މި އަހަރުގެ މަޢުޟޫއަކީ ކުށްކުރުމުގެ އާދަތަކަށް އަންނަ ބަދަލުތަކާއި އެކަމަށް ހުރި ޙައްލުތަކެވެ. ކުށްކުރުމުގެ އާދަތައް ބަދަލުކުރުމުގައި ހާމަކަންބޮޑު ސިޔާސަތެއް ގެންގުޅުމުގެ މުހިންމުކަމުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާހަކަފުޅުގައި އައި އަޅުއްވާލެއްވިއެވެ.
މި ބައްދަލުވުމުގެ ހަވާސާގައި އެހެންޤައުމުތަކުގެ ޕްރޮސިކިއުޝަންގެ ވެރިންނާއެކު ކުރިއަށްގެންދިޔަ ބައްދަލުވުންތަކުގައި އެ ޤައުމުތަކުންވަނީ މި އޮފީހުން އަލަށް ތަޢާރަފުކުރި ޕްލެޓްފޯމްތަކަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި އެފަދަ މަސައްކަތްތަކުގައި މި އޮފީހުގެ ފަންނީ އެހީތެރިކަން ދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.
މި މަހާސިންތާގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމުގެ އަރިހުގައި ޕަބްލިކް ޕްރޮސިކިއުޓަރ ފާތިމަތު މީޝާއާއި, ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ ފާޠިމަތު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.
-
27 ސެޕްޓެންބަރު 2023
ޕީޖީ އޮފީހުގެ ނިއުސްލެޓަރ، "ޢުންޞުރު" ގެ 4 ވަނަ ޢަދަދު ނެރުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތަކާބެހޭ މަޢުލޫމާތުތައް، މީޑިއާއަށާއި ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ކޮންމެ ހަތަރު މަހަކުން އެއްފަހަރު ނެރޭ ނިއުސްލެޓަރ "ޢުންޞުރު" ގެ 4 ވަނަ ޢަދަދު މިހަފްތާގައި ނެރެފީމެވެ. މިޢަދަދުގައި، ތަފާތު އެކި ކަންކަމާގުޅޭ ލިޔުންތައް ހިމެނޭނެއެވެ. އޭގެ ތެރޭގައި، އިންތިޚާބުތަކުގައި ވޯޓުދިނުމާބެހޭ ޝަރްޢީ ރައުޔާއި، ހައްޔަރުކުރުމާއި ބަންދުކުރުމުގެ ކަންކަން ހިނގާ ގޮތާއި، ޕީޖީ އޮފީހުގެ މީޑިއާ ވެބްސައިޓުގައި ހުރި ބައިތަކާބެހޭ މަޢުލޫމާތާއި، ދިވެހިރާއްޖެއަށް ސިއްރުން ރަން އެތެރެކުރާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި ހޯދިފައިވާ ކާމިޔާބީތައް ހިމެނޭ ލިޔުންތައް ހުންނާނެއެވެ.
މީގެ އިތުރުން، ޕީޖީ އޮފީހުގެ މަޝްހޫރު ފުޓްސަލް އަދި ބަހުސްޓީމުގެ ކާމިޔާބީތަކާބެހޭ ވާހަކަވެސް އޮންނާނެއެވެ.
މިއޮފީހުގެ އަމާޒަކީ، މިއޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، އާދަޔާ ޚިލާފަށް މޮޅަށް، ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމެވެ. އެކަން ކުރާ ގޮތް، ޢާންމުންނަށް ސާފުވާނޭހެން ކިޔައިދިނުމެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގެ އިތުބާރު އާލާކޮށް ދެމެހެއްޓޭނެ މިމަގަށް މަސައްކަތް ކޮށްގެންނެވެ.
-
24 ސެޕްޓެންބަރު 2023
ޢަބްދުﷲ ޢަލީ މަނިކު ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށް ސާބިތުވުން
6 މެއިގެ ހާދިސާގެ ވަށައިގެން ހިންގި ތަޙްޤީޤާ ގުޅިގެން، ޢަބްދުﷲ ޢަލިމަނިކާއި މުޙައްމަދު ތަސްލީމްގެ މައްޗަށް ދައުލަތުން ކުރި 'ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާގެ މައްސަލައިގައި މިއަދު ޙުކުމް ކުރައްވައިފިއެވެ.
ޢަބްދުﷲ ޢަލިމަނިކްގެ މައްޗަށް ކުރި ދައުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރެއްވިއެވެ. މިގޮތަށް ޙުކުމް ކުރުމާއެކު، މިމައްސަލއިގައި މީނާ އެންމެ ފުރަތަމަ ހައްޔަރުކުރި ދުވަހުން ފެށިގެން މިހާތަނަށްވެސް ހުރީ ބަންދުގައި ކަމަށްވާތީ، އެމުއްދަތު ޙުކުމުން އުނިކުރުމުން ބާކީ ތަންފީޒުކުރަންޖެހޭ ޙުކުަކީ 2 އަހަރާއި 9 މަހާއި 29 ދުވަހެވެ. ހުކުމް ތަންފީޛުގެ ބާކީ މުއްދަތު (2 އަހަރާއި 9 މަހާއި 29 ދުވަސް)
މުޙައްމަދު ތަސްލީމްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާކަމަށް ކަނޑައެޅުއްވިއެވެ. އެއީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 27-1 ވަނަ މާއްދާގައި ހެކީގެ ނިސްބަތަކީ މި ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ހަތަރު ބާވަތެއްގެ ހެކި ހުރުންކަމާއި، މިމައްސަލައިގައި މުޙައްމަދު ތަސްލީމްގެ މައްޗަށް މިމިންވަރަށް ހެކި ލިބިފައި ނެތްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެއްވިގެންނެވެ.
މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން، މުޙައްމަދު ތަސްލީމްގެ ބައި ހައިކޯޓުގައި އިސްތިއުނާފުކުރުމާމެދު ގޮތެއް ނިންމާނަމެވެ.
-
21 ސެޕްޓެންބަރު 2023
މި އޮފީހުގެ އޮންލައިން ޚިދުމަތްތައް ކޯޓުތަކަށް ތަޢާރަފްކުރުން
މި އޮފީހުން ތަޢާރަފްކޮށްފައިވާ އޮންލައިން ޚިދުމަތްތައް ކޯޓުތަކަށް ތަޢާރަފްކޮށް އެރުވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ހިންގަމުންގެންދާ ޕްރޮގްރާމް ކ. މާފުށީގައި ކުރިއަށްގެންގޮސްފީމެވެ. މީގެ ކުރިން މި ޕްރޮގްރާމް ޑްރަގް ކޯޓަށްވެސް ކުރިއަށްގެންގޮސްފައިވާނެއެވެ. އަދި ކުރިއަށްއޮތް ތަނުގައި މާލޭގައި ޤާއިމުވެފައިހުރި ކޯޓުތަކާއި, މެޖިސްޓްރޭޓް ކޯޓުތަކަށް މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވެއެވެ.
މި އޮފީހުން ތަޢާރަފްކުރި އޮންލައިން ޚިދުމަތްތަކުގެ މަޤްޞަދަކީ މި އޮފީހާއި މުއައްސަސާތަކާ ދެމެދު ސިޓީ ބިޓީ ބަދަލުކުރުމުގެ ބަދަލުގައި މިހާރަށްވުރެ މާ އަވަސް އަދި ފަސޭހަ އިންތިޒާމެއްގެ ދަށުން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
އެގޮތުން މުއައްސަސާތަކަށް އަދި ޢާންމުންނަށް މި އޮފީހުގެ އޮންލައިން ޚިދުމަތްތައް މިހާރު ހޯއްދެވޭނެއެވެ.
އޮންލައިން ޚިދުމަތްތައް ހޯއްދެވުމަށް:
online.pgo.mv
-
21 ސެޕްޓެންބަރު 2023
ޕީޖީ އޮފީހުގެ އޮންލައިން ޚިދުމަތުގެ ތެރެއިން، ޑްރަގް ކޯޓުން ފޮނުވާ ހުރިހާ ލިޔުމެއް، އޮންލައިންކޮށް ފޮނުވަން ފަށައިފި!
މިއޮފީހުން ދާދިފަހުން ތަޢާރަފުކުރި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އޮންލައިން ގަވަރމަންޓް ސަރވިސް ޕްލެޓްފޯމުގެ ތެރެއިން، އެންމެ ފުރަތަމަ ލިޔުންތައް ފޮނުއްވާ އިދާރާއަކަށް ޑްރަގް ކޯޓު ވެއްޖެއެވެ. ޑްރަގް ކޯޓުންމިއޮފީހަށް ފޮނުއްވާ ހުރިހާ ލިޔުމެއް، މިހާރު ފޮނުއްވަމުން ގެންދަވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް، ރައްކާތެރި، އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިންނެވެ. މިބަދަލާއެކު، ލިޔެކިޔުން ބަދަލުކުރުން ވަނީ ކުރިއަށްވުރެ މާބޮޑަށް އަވަސްވެ، ޚަރަދު ކުޑަވެފައެވެ. ކަރުދާހަށް ޕްރިންޓްކުރަން ނުޖެހޭތީ، މިއީ ތިމާވެއްޓާވެސް ރަޙްމަތްތެރި ގޮތެކެވެ.
މިޚިދުމަތަކީ ރާއްޖޭގެ ހުރިހާ ކޯޓުތަކަކަށްވެސް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. އެކަމަށް ބޭނުންވާ ލޮގްއިން މިހާރު ވަނީ ކޯޓުތަކަށް ފޮނުވިފައެވެ. ކޯޓުތަކުން މިކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ރަސްމީ ވަގުތުގައި 3003295 އާ ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.
-
21 ސެޕްޓެންބަރު 2023
ހެއްކާބެހޭ ޤާނޫނުގެ ތަމްރީން ޕްރޮގްރާމް - މެދު ރާއްޖެތެރޭގެ ފަނޑިޔާރުންނާއި ފުލުހުންނަށް
މެދުރާއްޖެތެރޭގައި މަސައްކަތްކުރައްވާ ފަނޑިޔާރުންނާއި، ކޯޓުތަކުގެ މުވައްޒަފުންނާއި ފުލުހުންނަށް އަމާޒުކޮށްގެން، 2 ދުވަހުގެ މުއްދަތަށް އދ. މަހިބަދޫގައި ބޭއްވި، ހެއްކާބެހޭ ޤާނޫނުގެ ތަމްރީން ޕްރޮގްރާމް، ކާމިޔާބު ކަމާއެކު އިއްޔެ ނިންމާލައިފިއެވެ. މިޕްރޮގްރާމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. މުދައްރިބުން ފޯރުކޮށްދެނީ ޕީޖީ އޮފީހުންނެވެ.
މިޕްރޮގްރާމުގައި އދ، އއ އަދި ވ އަތޮޅުގެ ކޯޓުތަކުގައި މަސައްކަތްކުރައްވާ ފަނޑިޔާރުންނާއި އިދާރީ މުވައްޒަފުންނާއި ފުލުހުންގެ އިންވެސްޓިގޭޓަރުން ބައިވެރިވިއެވެ.
ކާމިޔާބުކަމާއެކު މި ތަމްރީން ނިންމާލުމުގައި އދ މަހިބަދޫގައި މަސައްކަތް ކުރައްވާ ޝަރްޢީ ދާއިރާގެ މުވައްޒަފުންނާއި ފުލުހުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ލިބުނު އެއްބާރުލުން ޕީޖީ އޮފީހުން ފާހަގަ ކުރަމެވެ. ޝުކުރުވެރިވަމެވެ.
-
19 ސެޕްޓެންބަރު 2023
ޝަރީޢަތް ނިމެންދެން ބަންދުކުރުމާއި ނުކުރުން
ބައެއް މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން މީހުން ބަންދު ނުކޮށްވަނީ ކީއްވެތޯ ބައެއް ނޫސްވެރިން ސުވާލުކުރައްވައެވެ. ޝަރީޢަތް ނިމެންދެން މީހަކު ބަންދު ނުކޮށްވަނީ ކީއްވެކަން އެއީ ޖަވާބުދިނުން ދަތިވާ ސުވާލެކެވެ. އެހެނީ އަސްލަކީ ބަންދު ނުކުރުމެވެ. ޝަރީޢަން ނިމެންދެން ބަންދުކުރުމަކީ އިސްތިސްނާ ޙާލަތްތަކެއް ވުޖޫދުވެގެން ވަކި ޚާއްޞަ މިންގަނޑަކުން މިނެކިރުމަށްފަހު ނިންމާ ނިންމުމެކެވެ.
ޤާނޫނުއަސާސީ ތަޞައްވުރުކުރާ ގޮތުން މީހަކު ބަންދުކުރާންވާނީ ޙުކުމެއްކޮށް މައްސަލަ ސާބިތުވުމުންނެވެ. ނަމަވެސް ވަކި ޚާއްޞަ ޙާލަތްތަކެއްގައި ތަޙުޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައިވެސް މީހުން ބަންދުގައި ބެހެއްޓެއެވެ. އެއީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ 4 ޙާލަތެވެ.
އެފަދަ ޙާލަތެއް ވުޖޫދުވެއްޖެކަން ފަނޑިޔާރަށް ޤަބޫލުކުރެވޭ މިންވަރަށް ހެކިތަކުން ސާބިތުވާން އޮންނަންޖެހެއެވެ. އެހެންކަމުން ކޮންމެ މައްސަލައެއްގައިވެސް ޝަރީޢަތް ނިމެންދެން މީހަކު ބަންދުކުރަންޖެހޭ ޙާލަތެއް އޮތްކަން ވަޒަންކުރަނީ އެ މައްސަލައެއްގެ ނިސްބަތުންނެވެ. މާނައަކީ ކޮންމެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރަންޖެހޭ ޙާލަތެއް އޮތްތޯ ވަޒަންކުރަން ޖެހޭނީ އެ މައްސަލައަކަށް ވަކިންނެވެ. ހެކި ޤަރީނާ ލިބިފައިވާ މިންވަރާއި، ތުހުމަތުކުރެވޭ މީހާ ކުޅަ ޢަމަލާއި، އޭނާގެ ކުށުގެ ރެކޯޑާއި، މުޖުތަމަޢުގައި އަދާކުރާ ދަޢުރާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތް މިންވަރަށް ބަލައި އެމީހެއްގެ ނިސްބަތުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ޙުކުމް ކުރުމުގެ ކުރިން މީހުން ބަންދުގައި ބެހެއްޓިދާނެ 2 ޙާލަތެއް ވެއެވެ. އެއީ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވުން ނުވަތަ މުޖުތަމަޢުގެ ކުޑަކުދިންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުޞަތު އޮތުމެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި މީހުން ބަންދުކުރުމުގައި ޢަމަލުކުރަން ޤާނޫނުގައި އޮންނަ އިޖުރާޢަތަކީ އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރުމަށްފަހު، އިސްވެ ދެންނެވުނު 2 ޙާލަތް ނުވަތަ އެއިން ޙާލަތެއް ވުޖޫދުވާކަމަށް ތަޙުޤީޤަށް ބެލެވޭނަމަ، އެކަން މި އޮފީހަށް ސިޓީއަކުން މަޢުލޫމާތު ދިނުމެވެ. އަދި ފުލުހުން މީހަކު ބަންދުކުރުމަށް އެދި ހުށަހަޅައިފިނަމަ އަދި މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް މި އޮފީހަށްވެސް ފެންނަމަ، އެކަން ކޯޓަށް ހުށަހަޅާނީއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި ތުހުމަތުކުރެވޭތީ ހަމައެކަނި އެ ސަބަބުގެ މައްޗަށް، މީހަކު ބަންދުގައި ބަހައްޓާކަށް ޤާނޫނު ހުއްދަ ނުކުރެއެވެ. ހުއްދަކުރަނީ އިސްވެ ދެންނެވުނު ސަބަބުތަކުން ކުރެ ސަބަބެއް އޮތްނަމައެވެ. އަދި އެކަން ސާބިތުކޮށްދެވޭނެނަމައެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ރިޕޯޓް ކުރެވުމުން ވިކްޓިމައިޒްވާ ކުއްޖާއާއި ޢާއިލާގެ އިޖްތިމާއީ ޙާލަތާއި ކުއްޖާގެ ނަފްސާނީ ޙާލަތު ދެނެގަތުމަށް އެސެސްމަންޓް ރިޕޯޓްތައް ތައްޔާރުކުރެއެވެ. ވިކްޓިމާއި ވިކްޓިމްގެ ޢާއިލާއަށް ކުށުގެ ސަބަބުން އަސަރުކޮށްފައިވާ މިންވަރާއި، ތުހުމަތުކުރެވޭ ފަރާތުގެ ނުފޫޒު އޮތް މިންވަރު އެ އެސެސްމަންޓްތަކުން ދެނެގަނެވެއެވެ. އަދި އެންމެ ފުރަތަމަ ކަމަކަށް ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރެވެއެވެ.
ކުޑަކުދިން ވިކްޓިމައިޒްވާ މައްސަލަތަކުގައި މިނިސްޓްރީ އޮފް ޖެންޑަރ، ޕޮލިސް އަދި މި އޮފީހު ވިކްޓިމް ސަޕޯޓް ޔުނިޓުގެ ފަރާތުން ކުދިންނާއި ޢާއިލާއާއެކު މަސައްކަތް ކުރަމެވެ. އަދި މުޖުތަމައުގެ ކުޑަކުދިންނަކީ ޖިންސީ ގޯނާއިން ރައްކާތެރިކަން ލިބިގެންވާ ކުދިންކަން ކަށަވަރުކުރުމަށް ޤާނޫނީގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މިދަނީ އަޅަމުންނެވެ.
ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަކީ އިސްވެ ދެންނެވުނު ފަދައިން ވަކި ޚާއްޞަ ޙާލަތްތަކެއްގައި ނިންމާ ނިންމުމެއްކަމަށްވާތީ، އެކަމުގައި މި އޮފީހުން މި ގެންދަނީ ލިޔެވިފައިވާ ޚާއްޞަ ހަމަތަކެއް ހިފަހައްޓަމުންނެވެ. މަޤްޞަދަކީ ޙުކުމެއް ކުރުމުގެ ކުރިން ކޮންމެހެން ބަންދުގައި ހުންނަން ނުޖެހޭ މީހަކު ބަންދުގައި ނުބެހެއްޓުމެވެ.
-
17 ސެޕްޓެންބަރު 2023
ލެތުން (ޖިނާއީ ޢަދުލުގެ ޤާނޫނީ ލިޔުންތަކުގެ ޑާޓާބޭސް) ލޮގްއިން ކުރެވޭ ބައި، އީފާސްގެ ތެރެއަށް އެއްފަސްކުރުން.
މިއޮފީހުން އުފައްދައި، ޢާންމުކޮށްފައިވާ ޖިނާއީ ޢަދުލުގެ ލިޔުންތަކުގެ ޑާޓާބޭސް، ލެތުން ރަޖިސްޓަރކޮށްގެން ބޭނުންކުރެވެން އޮތް އޮތުން، މީގެ ކުރިން ވާނީ އުވާލާފައެވެ. ނަމަވެސް، ރަޖިސްޓަރ ކޮށްފައިވާ މީހުންނަށް ލިބޭ އިތުރު ޚިދުމަތްތަކެއް ހުރެއެވެ. އެއީ، ބުކްމާރކްކުރުމާއި، ނޯޓްސް ނެގުމާއި، އެމީހެއްގެ ނޯޓްސް، އަބަދުވެސް ފެންނާނޭހެން ހުރުމާއި މިބާވަތުގެ ކަންކަމެވެ. އެކަންކަމަށް ލޮގްއިން ވެފައި އޮތުން ބޭނުންތެރިވެއެވެ.
ރަޖިސްޓަރވެގެން ބޭނުންކުރެވޭ ބައިވެސް، ހަރުދަނާ އުޞޫލަކުން އެއްފަސްކުރެވޭނީ، އީފާސް ލޮގްއިން މެދުވެރިކޮށް ވަދެވޭގޮތަށް ބަދަލުކޮށްލައިގެން ކަމަށް ފެންނާތީ، އެބަދަލު މިހާރު ވަނީ ގެނެވިފައެވެ. ލެތުން ވެބްސައިޓުގައި ލޮގްއިން ކުރެއްވުމަށް މިހާރު ބޭނުންކުރައްވާނީ، ސަރުކާރުގެ ރަސްމީ ވެރިފިކޭޝަން ކަމުގައިވާ އީފާސް ވެރިފިކޭޝަނެވެ.
މިޚިދުމަތް، އީފާސް މޮބައިލް އެޕުންވެސް މިހާރު ލިބިވަޑައިގަންނަވާނެއެވެ. ތިރީގައިމިވާ ލިންކުންވެސް ވަދެވޭނެއެވެ.
-
28 އޮގަސްޓް 2023
ލެތުން (ޖިނާއީ ޢަދުލުގެ ޤާނޫނީ ލިޔުންތަކުގެ ޑާޓާބޭސް) ލޮގިން ނުކޮށް ވަދެވޭގޮތް ހެދުން.
މިއޮފީހުން އުފައްދާފައިވާ، ޖިނާއީ ޢަދުލުގެ ޤާނޫނީ ލިޔުންތަކުގެ ޑާޓާބޭސް، :ލެތުން" އަށް ލޮގްއިން ކޮށްގެން ވަންނަގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް، ޢާންމުކޮށް އެންމެންނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލައިފީމެވެ. މިޚިދުމަތާބެހޭ ގޮތުން އެއްވެސް ކޮމެންޓެއް އޮތްނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މިބަދަލު ގެނަޔަސްވެސް، އަދިވެސް، އަމިއްލަ ނޯޓްސް ނެގުމާއި ބުކްމާރކްކުރުމުގެ ޚިދުމަތް ބޭނުންކުރެއްވޭނީ ލޮގްއިން ވެގެން ވެންނެވީމައެވެ. ޖިނާއީ މައްސަލަތައް ތަޙްޤީޤު ކުރައްވާ އިންވެސްޓިގޭޓަރުންނަށް ޚާއްޞަ ބައިތައް ފެންނާނީ، އިންވެސްޓިގޭޓަރަށް ދީފައިވާ ލޮގްއިންއިން ވެންނެވީމައެވެ.
-