• 09 ނޮވެންބަރު 2023

    ގއ، ވިލިނގިލީގައި ހިންގި ރޭޕްކުރުމުގެ މައްސަލައިގައި ދައުވާ އުފުލައިފި

    ތިރީގައިވާ މައްސަލަ، މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ. ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ހުށަހެޅި ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި، ކުށުގެ ޢަމަލު ސާބިތުކުރުމަށް ހަރުދަނާ ހެއްކާއި ޤަރީނާ ލިބިފައިވެއެވެ. އޭގެ ތެރޭގައި، ހެކިބަސްދޭ މީހުންނާއި، ސައިކޮލޮޖިސްޓުގެ ރިޕޯޓުތަކާއި، މެޑިކޯ ލީގަލް ރިޕޯޓުތަކާއި، ޑީއެންއޭ ރިޕޯޓުތައް ހިމެނެއެވެ. މިމައްސަލައިގައި ދައުވާލިބޭ މީހުންނަކީ، ލ. ގަން މަތިމަރަދޫ ދަނބުރުއްދޮށުގޭ އިބްރާހީމް ރިޟާއާއި، ގއ. ވިލިނގިލި ކެޔޮވިނަ އަޙްމަދު ޝާލްއާއި ގއ. ވިލިނގިލި މަލަސް މުޙައްމަދު މާއިލް މިހާދުއެވެ. މިތިން މީހުުންވެސް މިވަގުތު ތިބީ ފުލުހުންގެ ބަންދުގައެވެ.

    ޢަމަލު: މިއަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގެ ދުވަހެއްގައި، މި ތިން މީހުން، ގއ. ވިލިނގިލީ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި އަންހެނެއްގެ ނުރުހުމުގައި އޭނާ ހިފަހައްޓައި، މި ތިންމީހުންވެގެން އޭނާ ރޭޕްކުރުން

    ޤާނޫނީ މާއްދާ: ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ)

    ދަޢުވާ: އިބްރާހީމް ރިޟާއާއި އަޙްމަދު ޝާލްއާއި މުޙައްމަދު މާއިލް މިހާދުގެ މައްޗަށް ރޭޕްކުރުމުގެ ކުށުގެ ދަޢުވާ

    އަސާސީ އަދަބު: 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން

    ހުށަހެޅުނު ކޯޓު: ކްރިމިނަލް ކޯޓު

     

    ޤާނޫނީ މާއްދާ: ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ)

    ދަޢުވާ: އިބްރާހީމް ރިޟާއާއި އަޙްމަދު ޝާލްއާއި މުޙައްމަދު މާއިލް މިހާދުގެ މައްޗަށް މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ

    އަސާސީ އަދަބު: 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން

    ހުށަހެޅުނު ކޯޓު: ކްރިމިނަލް ކޯޓު

     

    ޢަމަލު: މަތީގައިވާ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށް، ކުޑަކަމުދާތަކެތި ނަގައި ތަޙުލީލުކުރިއިރު، ކެނަބިސްއަށް ޕޮޒިޓިވްވެފައިވުން

    ޤާނޫނީ މާއްދާ: ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ހ) އާއި، 148 ވަނަ މާއްދާއާ ޙަވާލާދީ، 115 ވަނަ މާއްދާގެ (ށ)

    ދަޢުވާ: އިބްރާހީމް ރިޟާގެ މައްޗަށް ކެނަބިސް ބޭނުންކުރުން

    އަސާސީ އަދަބު: 3 އަހަރަށް ޖަލަށްލުން

    ހުށަހެޅުނު ކޯޓު: ކްރިމިނަލް ކޯޓު


  • 07 ނޮވެންބަރު 2023

    ތަޙްޤީޤުތައް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ގަލޮޅު ޕޮލިހަށް ޕްރޮސިކިއުޓަރ ޖެނެރަލް ޒިޔާރަތްކުރެއްވުން

    ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގަވާ ޖިނާއީ ތަޙްޤީޤުތައް ހަރުދަނާކޮށް، ފެންވަރު ރަނގަޅުކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ކުރާ މަސައްކަތުގެ ތެރެއިން، ގަލޮޅު ޕޮލިސްއަށް ޕްރޮސިކިއުޓަރ ޖެނެރަލް މިއަދު ޒިޔާރަށް ކުރައްވައިފިއެވެ. މިޒިޔާރަތުގައި، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢަލީ ސަމީރާއި، އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢަބްދުﷲ ރާބިޢުއާއި އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޝަމްރާ ޝަމީމާއި، ޕީޖީ އޮފީހުގެ އެކި ޔުނިޓުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

     

    މިއަދުގެ ޒިޔާރަތުގައި، ގަލޮޅު ޕޮލިސް ސްޓޭޝަންގައި ޢާންމުންނަށް ޚިދުމަތްދޭން ހުރި ވަޞީލަތްތައް ޕްރޮސިކިއުޓަރ ޖެނެރަލް ބައްލަވާލައްވައި، އިންވެސްޓިގޭޓަރުންނާ މަޝްވަރާ ކުރެއްވިއެވެ. ސްޓޭޝަންގެ އެކި މަސައްކަތްތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދެވޭނެ އެހީތެރިކަމާބެހޭ ގޮތުންވެސް މަޝްވަރާކުރެވުނެއެވެ. މިސިލްސިލާ މަސައްކަތުގައި ގަލޮޅު ޕޮލިސް ސްޓޭޝަންގައި ނުނިމި ހުރި މައްސަލަތައް ނިންމުމުގައި ޤާނޫނީ ގޮތުން ދެވެން ހުރި ލަފައާއި އިރުޝާދު ދިނުމުގެ ޚާއްޞަ މަސައްކަތްތަކެއްވެސް ވަނީ އިފްތިތާޙު ކުރެވިފައެވެ.  


  • 06 ނޮވެންބަރު 2023

    ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފުތަރު ޑިޖިޓައިޒްކޮށް، ޝާއިޢުކުރުން

    ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 57 ވަނަ މާއްދާ (ކުށްވެރިންގެ ދަފްތަރު ޝާއިޢުކުރުން) ގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ޝާއިޢުކުރަންޖެހޭ ކުށްވެރިންގެ ލިސްޓު، ޑިޖިޓައިޒްކޮށް ޝާއިޢުކޮށްފިއެވެ. ޑިޖިޓަލައިޒޭޝަންގެ މި މަސައްކަތް އިފްތިތާޙު ކޮށްދެއްވީ 5 ނޮވެމްބަރ 2023 ދުވަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގައި އޮތް ޙަފްލާއެއްގައި، މިނިސްޓަރ އޮނަރަބަލް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީއެވެ.

     

    މިލިސްޓު އަޕްޑޭޓްކުރުމުގެ މަސައްކަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަންނީ އެހީތެރިކަން، މިނިސްޓްރީއަށް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން، ކޯޓުން ޙުކުމެއް ކުރުމާއެކު، އެޙުކުމާބެހޭ މަޢުލޫމާތު އޮޓޮމެޓިކުން، ވަގުތުން ވަގުތަށް، މިނިސްޓްރީއަށް ދަނީ ފޯރުކޮށްދެމުންނެވެ. މިލިސްޓު، މިހާރު އޮތް ގޮތަށް ޑިޒައިން ކޮށްފައިވަނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަންނީ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، ޕީޖީ އޮފީހުގެ އައިޓީ މުވައްޒަފުންނެވެ. މިލިސްޓުގައި، ކުށްވެރިންގެ މަޢުލޫމާތު ތަފާތު 7 ފިލްޓަރަކުން ފިލްޓަރ ކުރެވެން ހުންނާނެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މިބާވަތުގެ ލިސްޓުތައް ހުންނަ ގޮތަށް، އެކި ފިލްޓަރު ތަކުން މީސްމީހުންގެ މަޢުލޫމާތު ބެލެން ހުންނާނެއެވެ.

     

    މިކަމާބެހޭ ގޮތުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ނެރުއްވި ނޫސްބަޔާން މިލިންކުން ފެނިވަޑައިގަންނަވާނެއެވެ. މިލިސްޓު އިތުރަށް ފުރިހަމަ ކުރައްވަން، ނުވަތަ ލިސްޓާބެހޭ ގޮތުން ޚިޔާލެއް އޮތްނަމަ، މިއީމެއިލަށް  [email protected] އީމެއިލް ކޮށްދެއްވުމަށް އެ ސަރވިސްއިން އެދިވަޑައިގަންނަވައެވެ. 


  • 31 އޮކްޓޫބަރު 2023

    މިއޮފީހުން، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބުނާ މައްސަލަ

    އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި ހޯއްދަވަން، މެޖިސްޓްރޭޓް އަމުރު ކުރެއްވި މަޢުލޫމާތު، އެކޯޓުން އެދިވަޑައިގެންނެވި ދުވަހަށް ފޮނުވިފައިނުވަނީ، އެ މަޢުލޫމާތަކީ މިއޮފީހަށް މައްސަލައިގައި ލިބިފައިވާ މަޢުލޫމާތަކަށް ނުވާތީއެވެ. އެފަދަ މަޢުލޫމާތު ޕްރޮސިކިއުޝަން މެދުވެރިކޮށް ހޯދޭ ގޮތަށް އޮންނަ އިޖުރާއަތާ އެއްގޮތަށް ދިފާޢުން ހުށަހެޅުއްވުމުން އެ މަޢުލޫމާތު ހޯދުމަށް މަސައްކަތކުރާނެކަމަށް ކޯޓުގައި ދެންނެވުން އެ ގޮތުގެ މަތިން އެފަދަ ހުށަހެޅުމެއް ލިބިފައިނުވާތީއެވެ. ޕްރޮސިކިއުޝަން މެދުވެރިކޮށް މިފަދަ މަޢުލޫމާތެއް ނުހޯދޭ ޙާލަތުގައި އެ މަޢުލޫމާތެއް ހުރި އިދާރާއަކަށް އަމުރު ކުރައްވައިގެން ހޯއްދެވެއެވެ.

     

    އެމަޢުލޫމާތަކީ، ފުލުސް އޮފީހުން ބަލަހައްޓާ މަޢުލޫމާތަކަށްވާތީ، އެމަޢުލޫމާތު ހޯއްދެވޭނެ ގޮތަކީ ފުލުސް އޮފީހަަށް އަމުރެއް ފޮނުއްވައިގެންނެވެ. އެ އަމުރު، ފުލުސް އޮފީހަށް ފޮނުއްވާފައި އޮތްކަމަށް މިއޮފީހަށް މަޢުލޫމާތު ލިބިފައިވެއެވެ. އެފަދަ ކަމެއްގައި، މިއޮފީހުން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބެލުމަކީ އިންޞާފުވެރި ގޮތެއްކަމަށް ނުވެދާނެތީ،  އެއަމުރު މަތީ މަރްޙަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ. މިއޮފީހުގައި ހުރި މަޢުލޫމަތެއް ކޯޓަކުން ބޭނުންފުޅުވެގެން އެދިވަޑައިގެންފިނަމަ، ނުދީ ހިފެހެއްޓުމަކީ މިއޮފީހުން ދުވަހަކުވެސް ކުރި ނުވަތަ ކުރާނެވެސް ކަމެއް ނޫނެވެ. މިއޮފީހުން ކޯޓަށް ހުށަހަޅާ މއްސަލައެއްގައި، މިއޮފީހަށް ލިބޭ ހުރިހާ މަޢުލޫމާތެއް ހާމަކުރަމެވެ. ފޮރުވާނެ އެއްޗެއް ނޯންނާނެއެވެ. ޤާނޫނީ ސަބަބަކާހުރެ އެއްވެސް މަޢުލޫމާތެއް ސިއްރުކުރަން އެދޭނަމަ، އެކަން ކުރަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ކޯޓު އަމުރެއް ލިބިގެންނެވެ. ނަމަވެސް، ތަޙުޤީޤުން ނުލިބޭ، މިއޮފީހުގައި ނުވެސް ނެތް މަޢުލޫމަތެއް ހާމަކުރަން ކޯޓުން އެދޭނަމަ، އެމަޢުލޫމާތެއް ހޯއްދެވޭނީ، އެ މަޢުލޫމާތެއް ހުރި އިދާރާއަކަށް ލިޔުއްވައިގެންނެވެ.  

     

    ނަމަވެސް، މިއޮފީހުގައި ނެތް މަޢުލޫމާތެއް،  ކޯޓަށް ހުށަނާޅައިގެން ހިނގި ކަމެއްގައި، އަދު އަމުދުން އެކަމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 76 ވަނަ މާއްދާ (ޝަރީޢަތުގެ މަޖިލީހުގެ ނިޒާމާ ޚިލާފުވުން) ގައި، އެމާއްދާގެ ދަށުން އަދަބެއް ކަނޑައެޅޭނީ"ޝަރީޢަތުގެ މަޖިލީސް ހިނގަމުންދަނިކޮށް" ހިނގާ ކަމެއްގައި ކަމަށް ސާފުކޮށް އޮއްވާ، މަޖިލީހުގެ ތެރޭގައި ނޫން ގޮތަކަށް ދިމާވި ކަމެއްގައި، އެމާއްދާގެ ދަށުން އަދަބު ކަނޑައެޅުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ.


  • 26 އޮކްޓޫބަރު 2023

    މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ދަރިވަރުން މިއޮފީހުގައި އިންޓަންޝިޕް ފެށުން

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާ ގުޅިގެން، އެމް.އެން.ޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީގައި ކިޔަވާ ދަރިވަރުންނަށް، މަސައްކަތުގެ މާޙައުލުގެ ތަޖުރިބާއާއި ތަމްރީން ފޯރުކޮށްދިނުމަށްޓަކައި، އިންޓަންޝިޕް ޕްރޮގްރާމެއް ފަށައިފީމެވެ. މިޕްރޮގްރާމްގައި މިފަހަރު 4 ކުދިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާނެއެވެ. އެކުދިންނަކީ، 

    1. ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައިންސްގެ ދަރިވަރު ދީމާ ޙުސައިން

    2. ބެޗްލަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދަރިވަރު ފާޠިމަތު ހަމްނާ ޢަބްދުﷲ ޝާން

    3. ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައިންސްގެ ދަރިވަރު ރަޝަން މުޙައްމަދު ޝިހާބު

    4. ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައިންސްގެ ދަރިވަރު ޒާން މުޙައްމަދު ޒުލާލް، 

     

    މިކުދިން، މިޕްރޮގްރާމަށް ހޮވުނީ، މިކަމަށް ކުރިމަތިލެއްވި 15 ދަރިވަރުންގެ މެދުގައި ބޭއްވި ކުޑަ އިމްތިޙާނަކުން އެންމެ މަތިން މާރކްސް ހޯއްދަވައިގެންނެވެ.  މިޕްރޮގްރާމްގެ މަޤްޞަދަކީ، ޔުނިވަރސިޓީ ދަރިވަރުންނަކީ، މަސައްކަތުގެ މާޙައުލަށް ހޭނިފައިވާ ބައެއްކަމުގައި ހެދުމަށް، ފެކަލްޓީން ކުރާ މަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުމެވެ. ޒުވާން ސިކުނޑިތައް، މަސައްކަތުގެ މާޙައުލަށް ހުޅުވާލުމެވެ.

     

    މިއޮފީހުގެ އުއްމީދަކީ، އިންޓަރންޝިޕް ފުރުޞަތު ލިބިވަޑައިގެތް ކުދިން، މި ފުރުޞަތުގެ ބޭނުން ހިއްޕަވައި، ދުނިޔޭގެ ފެންވަރުގެ މަސައްކަތް ކުރެއްވޭ ބައެއްގެ ގޮތުގައި ތަމްރީން ވެގެން ދިއުމެވެ. މިކުދިން މިއޮފީހަށް ކޮށްދެއްވާ މަސައްކަތްޕުޅުގެ ތެރެއިން، މިއޮފީހުން ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެން ދިއުމެވެ.


  • 22 އޮކްޓޫބަރު 2023

    ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާގެ މައްސަލައެއް ތަހްޤީޤުކުރަން އަމުރުކުރުން

    ދިވެހިރާއްޖެއަކީ، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ޤައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަޤީންކަން ދިވެހިރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކަށް އަބަދުމެ ލިބިފައި އޮތުމާއި، އެ ކަންކަން އެ މަގަށް ހިނގުމަށްޓަކައި، ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންޞާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ޤައުމީ މަޞްލަޙަތާ ސީދާގޮތުން ގުޅުން ހުރި ކަމަކަށްވާތީ، ދިވެހިރާއްޖެއާ މުޢާމަލާތްކުރާ ބައިނަލްއަޤްވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުޞޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުޞޫލުތަކާއި ޤާނޫނުތަކާ ޚިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓަރ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ.

     

    އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މައްދާގެ (ޅ) އާއި ޤާނޫނު ނަންބަރު: 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންގާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާ ޙީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަޙުޤީޤުކޮށްދެއްވައި، އެ މައްސަލައިގައި ދަޢުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދަޢުވާ ކުރުމަށް މި އޮފީހަށް ފޮނުއްވުމަށް އަމުރު ކޮށްފައިވެއެވެ. 


  • 16 އޮކްޓޫބަރު 2023

    މަޢުލޫމާތު ހާމަކުރުރުން އައު އުސްމިންތަކަކަށް: ޕީޖީ އޮފީހުގެ މީޑިއާ ވެބްސައިޓް

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތައް، ނޫސްވެރިން މެދުވެރިކޮށް ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، މީޑިއާއަށް ޚާއްޞަ ވެބްސައިޓެއް ތަޢާރަފްކޮށްފީމެވެ. މި ވެބްސައިޓުގައި އަންނަނިވި ބައިތައް ހިމެނޭނެއެވެ.

    ޚަބަރުފީތާ: ޕީޖީ އޮފީހުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އުޅުމުގެ ބަދަލުގައި، މިއޮފީހުން ބުނަން ބޭނުންވާ ވާހަކަތައް، ޚަބަރު ފީތާގައި ޝާއިޢުކުރާނެއެވެ. ޚަބަރު ފީތާގެ ލިންކު އެކި ތަންތަނުގައި ޙިއްސާ ކުރެވޭގޮތަށް ހަމަޖެހިފައި ހުންނާނެއެވެ. މީގެ ބޭނުމަކީ، މިއޮފީހުން ބުނާ އެއްޗެއްގެ އަޞްލު މަޞްދަރު، މިއޮފީހުން ކޮންޓްރޯލްކުރާ ޕްލެޓްފޯމެއްގައި، ޢާންމުންނަށް ފެންނާނޭހެން ބޭއްވުމެވެ. ބަހާއި މާނަފުރޮޅުމުގެ ޝިކާރައަކަށް ޕީޖީ އޮފީސް ނުވުމެވެ. 

    ޢާންމު ޝައުޤު: މުޖްތަމަޢުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ އަދި ޢާންމު ރައްޔިތުންގެ މެދުގައި ޚާއްޞަ ޝައުޤެއް އުފެދިފައިވާ މައްސަލަތަކުގައި، އެމައްސަލައެއް މިއޮފީހަށް ލިބުނު ތާރީޚާއި، ކޯޓަށް ހުށަހެޅި ތާރީޚާއި، ކުރާ ދައުވާއާއި ދައުވާ ކުރާ ސަބަބާއި އެމައްސަލައިގެ ޝަރީޢަތްތައް ތާވަލުކުރަމުންދާގޮތް އެނގޭނޭހެން، ހުރިހާ މަޢުލޫމާތެއް "ޢާންމު ޝައުޤު" ޕޭޖުގައި ޝާއިޢުކުރަމުންދާނެއެވެ.

    ޢުންޞުރު: މިއޮފީހުގެ ނިއުސްލެޓަރގެ ހުރިހާ ނުސްޚާތަކެއް، އެއްތަނަކުން ފެންނާން ހުންނާނެއެވެ.

    ނޫސްބަޔާން: އެކި ކަންކަމުގައި ނެރޭ ނޫސްބަޔާންތައް ފެންނަން ހުންނާނެއެވެ.

    ފޮޓޯ ގެލަރީ: އެކި މުނާސަބަތުތަކުގައި ނަގާ ފޮޓޯތައް ވެބްސައިޓުގައި ހުންނާނެއެވެ.

    "ޕީޖީއާއެކު 12 މިނިޓް": ޕީޖީ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑާ ގުޅިގެން ކުރިއަށްގެންދާ "ޕީޖީއާއެކު 12 މިނިޓް" ޕްރޮގްރާމްގެ ހުރިހާ ރެކޯޑިންގެއްވެސް ވެބްސައިޓަށް އަޅަމުން ގެންދާނަމެވެ.

     

    https://media.pgoffice.gov.mv/newsletter/9/article/50


  • 12 އޮކްޓޫބަރު 2023

    ރައީސް އަލްމުންތަޚަބް، ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ފޮނުއްވި ޓްރާންސިޝަން ކޮމިޓީއާ ބައްދަލުކުރުން

    އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ޝަރްޢީ ދާއިރާއާއި، ޖިނާއީ ޢަދުލުގެ ނިޒާމާއި، މިނިވަން މުއައްސަސާތަކާބެހޭ މަސައްކަތްތައް މިހާރު ހުރި ގޮތް ވަޒަންކުރައްވަން ފޮނުއްވި ޓްރާންސިޝަން ކޮމިޓީގެ ބޭފުޅުންނާ ޕްރޮސިކިއުޓަރ ޖެނެރަލާއި މިއޮފީހުގެ އިސްވެރިން ބައްދަލުކުރައްވައި، އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާބެހޭ ގޮތުން މަޢުލޫމާތު ބަދަލު ކުރައްވައިފިއެވެ. 

     

    މިބައްދަލުވުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާބެހޭ ތަފާސް ހިސާބު ޢާންމުކުރާ ވެބްސައިޓް www.stats.pgo.mv އާއި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ހުރިހާ ޤާނޫނުތަކާއި ގަވާއިދުތައް އެއްތަނަކުން ފެންނާނޭގޮތަށް ތައްޔާރުކޮށްފައިވާ www.laws.pgo.mv  އާއި، ޕީޖީ އޮފީހާ ޢާންމުންގެ ފަރާތުން މުޢާމަލާތުކުރަން އުފައްދާފައިވާ www.online.pgo.mv އާބެހޭ މަޢުލޫމާތު ޓްރާންސިޝަން ކޮމިޓީއާ ޙިއްސާ ކުރެވުނެވެ. ޖިނާއީ ޢަދުލުގެ ނިޒާމު މިހާރު ހިނގާ ގޮތާއި، ކުރިއަށް އޮތްތަނުގައި މިނިޒާމާމެދު ޢާންމުންގެ އިތުބާރު އިތުރު ކުރުމަށް ކުރެވެން ހުރި ކަންކަމާބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. 


  • 09 އޮކްޓޫބަރު 2023

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަމިއްލަ ބްރޯޑްކާސްޓިންގ ޕްލެޓްފޯމް އުފެއްދުން

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަމިއްލަ ބްރޯޑްކާސްޓިންގް ޕްލެޓްފޯމެއް ތަޢާރަފުކޮށްފީމެވެ. މިވަގުތު، ޕީއެސްއެމްއާއެކު 13 ޕްރޮގްރާމް ހެދުމުގެ އެއްބަސްވުމެއްގެ ދަށުން، ހަދަމުން ގެންދާ ޕްރޮގްރާމްތައް ތިރީގަައިވާ ލިންކުން އަޑުއައްސަވައި ލެއްވޭނެއެވެ. 

     

    ނަމަވެސް، މި ޕްލެޓްފޯމާއެކު، އަމިއްލަ ޕްރައިވެޓް މީހަކަށް، ކުންފުންޏަކަށް، ބްރޯޑްކާސްޓަރަކަށް ބަރޯސާ ނުވެ، ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޤާބިލްކަން ލިބުނީއެވެ. މުހިންމު މައްސަލަ ތަކާބެހޭ ގޮތުން، ނުވަތަ ޤާނޫނީ ބަހުސްތަކާބެހޭ ގޮތުން ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތު، މި ޕްލެޓްފޯމުން، މިނިވަންކަމާއެކު ފޮނުވަމުން ގެންދާނަމެވެ.

     

    މި ޕްލެޓްފޯމްގެ ހުރިހައި ކަމެއް، ޚިޔާލުން ފެށިގެން ގޮސް، ތަންފީޒުކޮށް، ވެބްސައިޓް ހަދައި، ކޮންޓެންޓު އަޅައި، ފޮޓޯ ޑިޒައިންކުރީ ހުސް ދިވެހިންނެވެ. ހަމަ އެންމެ ބިދޭސީއަކުވެސް މިމަސައްކަތުގައި ޝާމިލުނުވާކަން އުފަލާއެކު ފާހަގަކުރަމެވެ.

     

    https://media.pgoffice.gov.mv/radio-program