-
14 ޖަނަވަރީ 2024
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އާ ޑިރެކްޓަރ ޖެނެރަލް، ޕްރޮސިކިއުޓަރ ޖެނެރަލާ ބައްދަލުކުރައްވައިފި
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ އައު ޑިރެކްޓަރ ޖެނެރަލް , މޭޖަރ (ރޓ) ވައިޘް ވަޙީދު، ޕްރޮސިކިއުޓަރ ޖެނެރަލާ ބައްދަލު ކުރައްވައިފިއެވެ. މިއަދު އޮތް މި ބައްދަލުވުމުގައި އެންސީޓީސީޢިން މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި، ކުރިއަށް ރާއްވަވާފައިހުރި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
މިބައްދަލުވުމުގައި؛
ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމާއި، ތަޙްޤީޤުކޮށް، ޕްރޮސިކިއުޓްކުރުމުގައި ހުރި ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރަން ކުރެވެން ހުރި ކަންކަމާއި؛ އަދި،
ޓެރަރިޒަމް ހުއްޓުވުމުގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކާއި؛ އަދި،
ތަފާތު އެކި ޤައުމުތަކުގެ އިދާރާތަކާއެކު ގުޅިގެން، ކުރެވިފައިވާ ދުނިޔޭގެ ފެންވަރުގެ މަސައްކަތްތަކާއި؛ އަދި
ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާކުރަންޖެހޭ ދާއިރާތަކާބެހޭ ގޮތުން މުޅި ސަރުކާރާއި ދައުލަތުގެ އިދާރާތައް އެއްކޮށް މަސައްކަތްކުރުމާބެހޭ ގޮތުންނާއި؛ އަދި
މީޑިއާއަށް މަޢުލޫމާތުދިނުމާއި، މިދާއިރާގައި ދައުލަތުގެ އިދާރާތައް ކުރާ މަސައްކަތްތައް މީޑިއާ މެދުވެރިކޮށް ޢާންމުންނަށް އެނގޭނޭގޮތް ހެދުމަށް ކުރާނެ ކަންތައްތަކާބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
އެންސީޓީސީއިން ހިންގަވާ ޕްރޮގްރާމްތަކުގައި، އެންސީޓީސީގެ ލީޑަރޝިޕްގެ ފަހަތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދާއިރާއިން ކުރެވެން ހުރި ހުރިހާ ކަމެއްގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ޕްރޮސިކިއުޓަރ ޖެނެރަލް، ޑިރެކްޓަރ ޖެނެރަލް، މޭޖަރ ރޓ، ވައިޘް ވަޙީދަށް އެރުވިއެވެ.
މިބައްދަލުވުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުން ކަމުގައިވާ އަލްއުސްތާޛު މަޙްމޫދު ސަލީމާއި އަލްއުސްތާޛު ޢަލީ ސަމީރާއި، މޭޖަރ ކްރައިމް ޔުނިޓުގެ ހެޑު، ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ފަރަހަނާޒް މުޙައްމަދު ދީދީއާއި ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛު މުޙައްމަދު އަފްރާޙު ބައިވެރިވެވަޑައިގެންނެވިއެވެ.
-
12 ޖަނަވަރީ 2024
ގދ. ހޯނޑެއްދޫ, އަލަމާގެ, މުޙައްމަދު ޔުނާން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމުން
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދަޢުވާލިބޭ ގދ. ހޯނޑެއްދޫ, އަލަމާގެ, މުޙައްމަދު ޔުނާން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް, އޭނާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވަނީ 14 ޑިސެންބަރު 2023 ގައެވެ.
އެ ނިންމެވުން މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނިކޮށް, މުޙައްމަދު ޔުނާންގެ މައްޗަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅި ޝަރުތުތަކާ ޚިލާފުވެފައިވާތީ, އޭނާ އަލުން ބަންދުކޮށްދެއްވުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާނެއެވެ.
ނަމަވެސް މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅުއްވުމާ ހަމައަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މުޙައްމަދު ޔުނާންގެ ބަންދު މުރާޖަޢާ އަޑުއެހުން ތާވަލުކޮށްދެއްވާފައި ނުވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން 10 ޖަނަވަރީ 2024 ދުވަހު ނިންމަވާފައިވަނީ މުޙައްމަދު ޔުނާންގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވުމުގެ އިޙްތިމާލު އަދިވެސް އޮތްކަމަށެވެ. އަދި 7 ދުވަހުގެ ތެރޭގައި މުޙައްމަދު ޔުނާންގެ ބަންދާގުޅޭ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެކަށީގެންވާ އަވަސްމިނެއްގައި އެ ހުށަހެޅުމާ ގުޅޭގޮތުން ދަށު ކޯޓުން ގޮތެއް ނިންމަންވާނެކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމާ ގުޅިގެން, ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން 11 ޖަނަވަރީ 2024 ދުވަހު ފުލުހުން, މުޙައްމަދު ޔުނާން ހައްޔަރުކުރީއެވެ.
އަދި މިއަދު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން އޭނާ އަލުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެ ކޯޓުން ނިންމަވާފައިވެއެވެ.
މުޙައްމަދު ޔުނާންގެ މައްޗަށް ދަޢުވާކުރާ މައްސަލަ މިހާރު އޮތީ ހެކިބަސް ނަގައި ނިމި, ޚުލާޞާ ބަޔާން ހުށަހެޅުމުގެ މަރުޙަލާގައެވެ.
-
09 ޖަނަވަރީ 2024
ޕްރޮސިކިއުޓަރ ޖެނެރަލް، އައު ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރެއްވުން
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް، އަލަށް ޢައްޔަންކުރެވުނު ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ދެއިދާރާއިން ގުޅިގެން ކުރާން ހުރި ކަންކަމާބެހޭ ގޮތުން ފުޅާކޮށް މަޝްވަރާ ކުރެވުނެވެ. މިބައްދަލުކުރެއްވުމުގައި، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު މަޙްމޫދު ސަލީމާއި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢަލީ ސަމީރާއި، ދެއިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމިޝަނަރގެ ވާހަކަފުޅުގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އެތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށާއި ގޭންގުތަކުން ހިންގާ ކުށުގެ ޢަމަލުތަކާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް މީހުން ހިންގާ ކަންކަން ހުއްޓުވުމަށް ފުލުހުން ހިންގަވަން ޤަޞްދުކުރައްވާ ޕްރޮގްރާމްތަކާބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ. އެޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ޕްރޮސިކިއުޓަރ ޖެނެރަލް އެރުވިއެވެ.
ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ކުށްކުރާ މީހުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާއާއި ޙައްޤުނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާބެހޭ ގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން، މުވައްޒަފުން ތާޒާކުރުމަށް ޕްރޮގްރާމްތަކާއި އިންޓަރންޝިޕް ޕްރޮގްރާމްތައް ހިންގުމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވި، ކުރިއަށްދާނެ ގޮތްތަކެއް ކަނޑައެޅުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލާއި، މިއޮފީހުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ، ކޮމިޝަނަރ ޢަލީ ޝުޖާޢުއާއި އެމަނިކުފާނުންގެ ޓީމާއެކު ވޭތުވެދިޔަ ފަނަރަ އަހަރު އެކި ފެންވަރުގައި، އެކި ގޮތްގޮތަށް އެއްކޮށް މަސައްކަތްކޮށް، އެކުވެރި، ހަރުދަނާ ގާތް ގުޅުމެއް އޮތް ބައެކެވެ. މިއޮފީހުން އެދެނީ، ކޮމިޝަނަރ ޢަލީ ޝުޖާޢުއަށް، އެމަނިކުފާނުގެ މަސައްކަތްޕުޅުގައި އިތުރު ކާމިޔާބާއި ރޯޝަންކަން ލިބުމެވެ.
-
03 ޖަނަވަރީ 2024
ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ނުހިނގާތީ ޕްރޮސިކިއުޓަރ ޖެނެރަލް ކަންބޮޑުވުން ފައުޅުކުރުން
ދާދި ފަހުން މާލެއަށް ވެހުނު ބޯ ވާރޭގައި، ކްރިމިނަލް ކޯޓު ހިންގާ ޢިމާރާތަށް ފެނުގެ އަސަރުކޮށް، ޝަރީޢަތްތައް ނުހިންގޭ ވަރަށް ޢިމާރާތަށް ގެއްލުންވެފައިވާތީ، ޝަރީޢަތްތައް ހިންގުން މަޑުޖެހިފައިވާކަމީ ޕްރޮސިކިއުޓަރ ޖެނެރަލް ކަންބޮޑުވާކަމެކެވެ. މިމައްސަލަ ޙައްލުކޮށްދެއްވައި، ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނޭ ވަޞީލަތްތައް ހަމަޖައްސަވައި ދެއްވުމަކީ ދައުލަތުގެ ކަމާބެހޭ އެންމެހައި އިދރާތަކަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެކެވެ. އެޒިންމާ އދާކޮށްދެއްވައި، ކޯޓުގެ ވަޞީލަތްތައް ރަނގަޅު ކޮށްދެއްވުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިލްތިމާސެކެވެ.
ކްރިމިނަލް ކޯޓުގެ އެހީތެރިކަން ލިބިގެން، ރަަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ޝަރީޢަތްތައް ހިންގަނީ ޢާންމު ގޮތެއްގައި ހަފްތާއަކު އެއް ދުވަހުއެވެ. އެހެންކަމުން، އެ ދުވަސް ފިޔަވައި، އެހެން ދުވަސްދުވަހު، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި މައްސަލަތައް ކުރިއަށް ގެންދެވޭނޭ އިންތިޒާމު ހަމަޖެހިފައިހުރީތީ، އެމައްސަލަތައް ބާރަށް ހިންގުމަކީވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދުމެވެ.
-
31 ޑިސެންބަރު 2023
ޕީޖީ އޮފީހުގެ ނިއުސްލެޓަރ، "ޢުންޞުރު" ގެ 5 ވަނަ ޢަދަދު ނެރުން
ޕީޖީ އޮފީހުގެ ނިއުސްލެޓަރ، "ޢުންޞުރު" ގެ 5 ވަނަ ޢަދަދު، 28 ޑިސެމްބަރ 2023 ދުވަހު ނެރެފީމެވެ. މިޢަދަދުގައި، ޕީޖީ އޮފީހާއި ފުލުހުންނާ އޮންނަ ގުޅުމާއި އެކްސިޑެންޓުތަކާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅާގޮތާއި، ކޭޕާކް މައްސަލައިގައި ކުށްކޮށްގެން ހޯދިކަމަށް ބެލެވޭ މުދާ ދައުލަތަށް ނެގުމުގައި ޢަމަލުކުރި ގޮތާބެހޭ ލިޔުންތައް ޝާއިޢުކޮށްފައިވާނެއެވެ. މީގެ އިތުރުންވެސް، އެކި މައުޟޫޢުތަކަށް ތަފާތު، މުއްސަނދި މަޢުލޫމާތު ހިމެނޭ ލިޔުންތައް ހުންނާނެއެވެ.
ޢުންޞުރު ގެ 5 ވަނަ ޢަދަދު، މިލިންކުން ވިދާޅުވެވޭނެއެވެ.
ޢުންޞުރާބެހޭގޮތުން އެއްވެސް ޚިޔާލެއް އޮތްނަމަ، [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
-
27 ޑިސެންބަރު 2023
ވ. ތިނަދޫ ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުން
ވ. ތިނަދޫ ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް, އޭނާގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު މި އޮފީހުން ދިވެހިރާއްޖޭގައި ހައިކޯޓުގައި އިސްއިތުނާފު ކުރުމުން, ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދުކޮށް މައްސަލަ ނިންމަވާފައިވެއެވެ.
މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމާމެދު މި އޮފީހުން ހިތްހަމަ ނުޖެހޭތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމައިފީމެވެ. އަދި އިސްތިއުނާފުކުރުމަށް މިއަދުގެ ވަގުތެއްގައި ހުށަހެޅޭނެއެވެ.
އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމަވާފައި އޮތީ 06 ޑިސެންބަރު 2023 އިން ފެށިގެން 25 ޑިސެންބަރު 2023 އާ ހަމައަށެވެ. އެހެންކަމުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމެވިއިރު އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓް ވަގުތީގޮތުން ދޫކޮށްލުމަށް ނިންމި މުއްދަތު އޮތީ ހަމަވެފައެވެ.
މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ނިންމާފައިވަނިކޮށް އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓް އަމުރު މުރާޖަޢާކުރުމުގެ އަޑުއެހުމެއް މިއަދު (27 ޑިސެންބަރު 2023) ގެ 13:00 ގައި ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވެއެވެ. ނަމަވެސް އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓާ ގުޅޭ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަވަންދެން އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖަޢާކުރުމުގެ އަޑުއެހުން ކުރިއަށް ނުގެންދެވުމަށް މި އޮފީހުންވާނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ.
-
07 ޑިސެންބަރު 2023
ވ. ތިނަދޫ ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ދަޢުވާކުރާ މައްސަލަތަކާގުޅޭ
ވ. ތިނަދޫ ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން 16 ޖޫން 2021 ދުވަހު އަހްމަދު މޫސާ މުޙައްމަދު ޝަރީޢަތް ނިމެންދެން ފުރުން މަނާކޮށް މީނާގެ ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކުރައްވާފައިވެއެވެ.
މިއަމުރު މުރާޖަޢާކުރުމަށް އެދި އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން 29 ނޮވެންބަރު 2023 ގައި އެދުމުން، އަމުރު މުރާޖަޢާކޮށް 06 ޑިސެންބަރު 2023 ދުވަހު ވަނީ ޕާސްޕޯޓު ދޫކުރުމަށް އަމުރެއް ނެރުއްވާފައެވެ.
މިއަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމައި, ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ދިވެހިރާއްޖޭގެ ހައި ކޯޓުގައި މިއޮފީހުން ވާނީ އެދިފައެވެ.
-
-
13 ޑިސެންބަރު 2023
ކޭ-ޕާރކް ރެޒިޑެންސްއިން އެޕާޓްމަންޓް ވިއްކުމުގައި އޮޅުވާލައި މަކަރާ ޙީލަތް ހަދާފައިވާ މައްސަލަ
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 51 (ފަންސާސް އެކެއް) މީހުންނާ ގުޅިގެން އަންނަނިވި ދަޢުވާތައް ކުރުމަށް 12 ޑިސެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
މިމައްސަލައިގައި މިއޮފީހުން ކުރި ދައުވާތަކާއި، އިތުރަށް ތަހްޤީޤުކުރަމުންދާ މައްސަލަތަކުގެ ތަފްޞީލް، މިޚަބަރުން ފެނިވަޑައިގަންނަވާނެއެވެ.
މިތަޙްޤީޤަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންވެސްޓިގޭޓަރުން އިސްވެ ތިއްބަވައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިކޮނޮމިކް އެންޑް ފައިނޭންޝަލް ކްރައިމް ޔުނިޓާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ފަންނީ ލަފައާއި އިރުޝާދު ލިބިގެން ތަޙްޤީޤުކުރެވި، ދައުވާކުރުމާ ހިސާބަށް ގެނެވިފައިވާ މައްސަލައަކަށްވާތީ، މިފުރުޞަތުގައި، މިމަސައްކަތުގައި ޝާމިލުވި ހުރިހާ މީހުން ކޮށްދެއްވި އަގުހުރި މަސައްކަތަށް ޝުކުރު ދަންނަވަމެވެ. ދެން އޮތީ، މައްސަލައިގެ ޝަރީޢަތުގައި، ތަޙްޤީޤަށް ހޯދިފައިވާ ހެކިތަކާއި ޤަރީނާތައް ހުށަހަޅައި، މިމައްސަލައިގައި އިންޞާފު ޤާއިމުކުރުމުގެ އެންމެ ފަހު މަރްޙަލާގެ ފެށުމެވެ.
-
08 ޑިސެންބަރު 2023
ކްލާސާ ފިހާރަ ތެރޭގައި ތޫނުއެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މީހަކު މަރުވި މައްސަލަ
24 ފެބްރުއަރީ 2023 ވަނަ ދުވަހު 21:30 ހާއިރު ކ. މާލެ، މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސާ" ފިހާރަ ތެރެއަށް ބަޔަކު މީހުންވަދެ އެ ފިހާރަތެރޭގައިހުރި ސ. ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދުދީދީ އަށް ތޫނު ހަތިޔާރުން ހަމަލާދީ ޒަޚަމްކޮށްލާފައިވުމުގެ ސަބަބުން މުޙައްމަދު އަޙްމަދުދީދީއަށް ލިބުނު އަނިޔާތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ މައްސަލައިގައި އަންނަނިވި ދަޢުވާ ކުރުމަށް 30 ނޮވެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށް؛
ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ.
-
07 ޑިސެންބަރު 2023
ވ. ތިނަދޫ ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ދަޢުވާކުރާ މައްސަލަތަކާގުޅޭ
ވ. ތިނަދޫ ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން 16 ޖޫން 2021 ދުވަހު އަހްމަދު މޫސާ މުޙައްމަދު ޝަރީޢަތް ނިމެންދެން ފުރުން މަނާކޮށް މީނާގެ ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކުރައްވާފައިވެއެވެ.
މިއަމުރު މުރާޖަޢާކުރުމަށް އެދި އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން 29 ނޮވެންބަރު 2023 ގައި އެދުމުން، އަމުރު މުރާޖަޢާކޮށް 06 ޑިސެންބަރު 2023 ދުވަހު ވަނީ ޕާސްޕޯޓު ދޫކުރުމަށް އަމުރެއް ނެރުއްވާފައެވެ.
މިއަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމައި, ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ދިވެހިރާއްޖޭގެ ހައި ކޯޓުގައި މިއޮފީހުން ވާނީ އެދިފައެވެ.