ސްކޭމާއި ފްރޯޑް ހުއްޓުވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޕީޖީ ގޮވާލައްވައިފި

03 ޖޫން 2026

މަކަރާއި ޙީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް އިންތިޒާމުވެގެން މަސައްކަތްކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޛް ޢައްބާސް ޝަރީފް ގޮވާލައްވައިފިއެވެ.

އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ ކުށްކުރުން ހުއްޓުވުމާއި، ޖިނާއީ ޢަދުލާ ގުޅޭ ބައިނަލްއަޤްވާމީ ކޮމިޝަން – "ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" ގެ 35 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޛް ޢައްބާސް ޝަރީފް ވިދާޅުވީ ޓެކްނޮލޮޖީގެ ވަސީލަތްތައް ދުނިޔޭގައި ކުރިއަރަމުންދާ ވަރަކަށް، އެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގައިވެސް އިންތިޒާމުވެވިގެން މިފަދަ ކުށްތައްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި އެކަނިވެސް ސްކޭމް މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ޢަދަދު އަހަރަކު 18 ބިލިއަނާއި 37 ބިލިއަން ޑޮލަރަށް އަރާނެކަމަށް އަންދާޒާކުރެވޭކަމަށާއި، މީގެ ތެރޭގައި ޓްރާންސް-ނޭޝަނަލް ފްރޯޑް މައްސަލަތައް ގިނަ ޢަދަދަކަށް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފަދަ ސްކޭމްތައް ހުއްޓުވުމަކީ ޤައުމުތަކަށް ވަކިވަކިން ކުރެވޭނެ މަސައްކަތެއްކަމުގައި ދެކިގެން ނުވާނެ ކަމަށާއި، މި މަސައްކަތްކުރެވޭނީ ޤައުމުތަކުގެ ޤާނޫނު ތަންފީޛްކުރާ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމާއި، ގުޅިގެން ތަޙުޤީޤުތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެންކަމަށް ޕީޖީ ވިދާޅުވިއެވެ. 

ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ފަހަތުގައި ފޮރުވިގެންތިބެ ހިންގާ ސްކޭމްތައް ބެލުމުގެ ވަސީލަތް އެކި ޤައުމުގައި ހުރީ އެކިވަރަށްކަމުން، އެއްޤައުމުގައި ހުންނަ ވަސީލަތް އަނެއް ޤައުމާ ހިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކުން، ވަސީލަތްތައް ހުރި ބޮޑެތި ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ދިވެހިރާއްޖެ މިއޮތީ މި ދާއިރާއިން އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށާއި، އެހެން ޤައުމުތަކުން ހިންގާ މިބާވަތުގެ ތަޙުޤީޤުތަކަށް ދިވެހިރާއްޖެއަށް ދެވެން އޮތް އެންމެހައި އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެކަމަށް ވިދާޅުވިއެވެ.

"ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" އަކީ ޖިނާއީ ޢަދުލާ ގުޅޭ ސިޔާސަތު ކަނޑައަޅާ އދ ގެ މައިގަނޑު އިދާރާއެކެވެ. 

މިއަހަރުގެ ކޮންފަރެންސްގައި ކުރިއަށްގެންދިޔަ އެކި ސެޝަންތަކުގައި ރާއްޖޭގެ ފަރާތުން ޕްނަލް ޑިސްކަޝަންތަކުގައި ބައިވެރިވެފައިވެއެވެ. އަދި ކޮންފަރެންސްގެ ހަވާސާގައި ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ޤައުމުތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިސްވެރިންނާ ބައްދަލުކުރައްވައި، އެހީތެރިކަން ބަދަލުކުރުމާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. 

މިއަހަރުގެ ކޮންފަރެންސްގައި މި އޮފީހުގެ ފަރާތުން ބައިވެރިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުރުން، ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް މުޙައްމަދު ޢަބްދުﷲއާއި، އަޝްފާޤު ނަޢީމްއާއި، އަޙްމަދު އައިމަން ޢަލީއެވެ.

މި ކޮންފަރެންސް ކުރިއަށްދަނީ އޮސްޓްރިއާގެ ވިއެނާގައި މިޖޫން މަހުގެ 1 އިން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.