• 13 އެޕްރީލް 2026

    އަޙްމަދު މޫސާ މުޙައްމަދުގެ މައްސަލަ އިސްތިއުނާފު ކުރުމާއި، ޕާސްޕޯޓް ހިފެހެއްޓުން

    ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޚިޔާނާތްތެރިވުމުގެ ކުށުގެ 42 (ސާޅީސް ދޭއް) ދަޢުވާ ސާބިތުނުވާކަމަށް 9 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް، 11 އެޕްރީލް 2026 ދުވަހު ދިވެހިރާއްޖޭހެ ހައިކޯޓަށް ހުށަހަޅައިފީމެވެ.

     

    މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ މި މައްސަލައިގެ ހެކި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައިވަނީ އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މި ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ. 

     

    މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، 13 އެޕްރީލް 2026 ދުވަހު އަޙްމަދު މުސާ މުޙައްމަދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވެއެވެ. 


    • 09 އެޕްރީލް 2026

      ސީލައިފް ޚިޔާނާތާ ގުޅިގެން އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ޤަޞްދުކުރުން

      ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުން، ހައުސިންގ ޔުނިޓުތައް އެޅުމަށް ދީފައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޚިޔާނާތްތެރިވުމުގެ ކުށުގެ 42 (ސާޅީސް ދޭއް) ދަޢުވާ 30 މޭ 2021 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ. 

      މި މައްސަލައިގެ ޝަރީޢަތް ހިންގުމަށްފަހު، ދަޢުވާތައް ސާބިތުނުވާކަމަށް މިއަދު، 9 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.

      ދަޢުވާތައް ސާބިތުނުވާކަމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ، މި ދަޢުވާތަކަކީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއްކަމަށާއި، އަޙްމަދު މޫސާ މުޙައްމަދުގެ މި ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަތުމެވެ.  

      މި މައްސަލާގައި އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާ ދަޢުވާތަކެއްކަމަށް މި އޮފީހުން ދެކެމެވެ. މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ދަޢުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމާ ނުލައި އަދި ޤާނޫނުގައި ޚިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ދެކެމެވެ. 

      އެހެންކަމުން، މި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ޤަޞްދުކުރަމެވެ.

  • 09 އެޕްރީލް 2026

    ސީލައިފް ޚިޔާނާތާ ގުޅިގެން އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ޤަޞްދުކުރުން

    ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުން، ހައުސިންގ ޔުނިޓުތައް އެޅުމަށް ދީފައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޚިޔާނާތްތެރިވުމުގެ ކުށުގެ 42 (ސާޅީސް ދޭއް) ދަޢުވާ 30 މޭ 2021 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ. 

    މި މައްސަލައިގެ ޝަރީޢަތް ހިންގުމަށްފަހު، ދަޢުވާތައް ސާބިތުނުވާކަމަށް މިއަދު، 9 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.

    ދަޢުވާތައް ސާބިތުނުވާކަމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ، މި ދަޢުވާތަކަކީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއްކަމަށާއި، އަޙްމަދު މޫސާ މުޙައްމަދުގެ މި ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަތުމެވެ.  

    މި މައްސަލާގައި އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާ ދަޢުވާތަކެއްކަމަށް މި އޮފީހުން ދެކެމެވެ. މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ދަޢުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމާ ނުލައި އަދި ޤާނޫނުގައި ޚިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ދެކެމެވެ. 

    އެހެންކަމުން، މި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ޤަޞްދުކުރަމެވެ.


  • 17 މާރިޗު 2026

    ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި ހިމެނޭ އެފް.އޭ.އެމްގެ 1 މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުން

    ގ. ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް އެ ކޯޓުން ކަނޑައެޅިއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 1000،000 USD (އެއްމިލިއަން ޑޮލަރު) ގެ ޗެކަކީ އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ގެ އަމީން އެވެނިއު A1205 އަދި A1206 އެޕަރޓްމަންޓް ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތުނުވާކަމަށާއި، އެ ފައިސާއަކީ އެފް.އޭ.އެމްއާއި އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާ ދެމެދު ކުރެވުނު ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް ސާބިތުވާކަމަށް ނިންމާފައިވެއެވެ.  

    ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 1000،000 USD (އެއްމިލިއަން ޑޮލަރު) ގެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށް ހެކި ވަޒަންކޮށްގެންކަމަށް މި އޮފީހުން ދެކޭތީއާއި، މި ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް މި އޮފީހުން ދެކޭތީ، އެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފީމެވެ.

    މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ، ދަޢުވާގެ އެ ބައި ސާބިތުކުރުމަށް ހުށަހެޅި އެންމެހައި ހެކިންގެ ހެކިބަސް ނަގައި، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތައް އަލުން ވަޒަންކޮށް، މި 1000،000 USD (އެއްމިލިއަން ޑޮލަރު) ގެ ޗެކާ ގުޅޭ މުޢާމަލާތަކީ މަނީ ލޯންޑްރިންގގެ ޢަމަލެއްކަމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ. 

    ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށުގެ މި ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކަށް މި އިސްތިއުނާފާ ގުޅިގެން އަސަރެއް ނުކުރާނެއެވެ. ސަބަބަކީ، ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ސާބިތުވެފައިވާ ދަޢުވާގައި އެފް.އޭ.އެމްގެ އެހެން ޗެކްތަކާއި ފައިސާ ހިމެނޭއިރު، އެ ފައިސާ ލޯންޑަރކޮށްފައިވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް މި އިސްތިއުނާފުގައި ތަޢުނުކޮށްފައިނުވާނެތީއެވެ. 

    މި 1000،000 USD (އެއްމިލިއަން ޑޮލަރު) ގެ ޗެކާ ގުޅިގެން އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ގެ މައްޗަށް އުފުލި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް އެ ކޯޓުން ނިންމި ނިންމުން 2 މާރިޗު 2026 ގައި މި އޮފީހުން ވާނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. 


  • 17 މާރިޗު 2026

    ނަޢީމާ މުސާ މަރާލި މައްސަލާގައި ދަޢުވާލިބޭ ޙަސަން ފަވާޛްގެ ބަންދާ ގުޅޭ

    6 އެޕްރީލް 2023 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނ. މަނަދޫ، އަންނާރުމާގޭގައި، އެގޭ ނަޢީމާ މޫސާ މަރާލި މައްސަލާގައި، ނ. މަނަދޫ، ވިނަރެސް، ޙަސަން ފަވާޛްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ 30 ނޮވެންބަރު 2023 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.

    ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާއިން ފެށިގެން ޙަސަން ފަވާޛް ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައެވެ. 

    ޙަސަން ފަވާޛްގެ ޞިއްޙީ ޙާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 9 މާރިޗު 2026 ދުވަހު މި އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

    ޙަސަން ފަވާޛްގެ ބަލި ޙާލަތާ ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާއި، ބަލީގެ ޙައްސާސްކަމަށް ރިޢާޔަތްކޮށް، ޙަސަން ފަވާޛަށް ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށް އަޅާ ޚާއްޞަ ފިޔަވަޅެއްގެ ގޮތުން، އަންނަނިވި ޝަރުޠުތަކާއެކު އޭނާ ބަންދަށް ލުއިދިނުމަށް މި އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައިވާނެއެވެ.

    1. ބަންދުން ދޫކޮށްލާފައި ހުންނައިރު ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުން.

    2. ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުން. 

    3. ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން. 

    4. ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ޙާލަތް ފިޔަވައި އެނޫން ހުރިހާ ޙާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން. 

    5. މާލެއިން ބޭރަށް ނުދިއުން.

    6. މައްސަލާގައި ހެކިބަސްދޭނެކަމަށް ޤަބޫލުކުރެވޭ އެއްވެސް މީހަކާ މުޢާމަލާތު ނުކުރުމާއި، ބައްދަލު ނުކުރުމާއި، ހެކިންނަށް ނުފޫޒު ނުފޯރުވުން. 

    7. ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު މި އޮފީހަށާއި، ކްރިމިނަލް ކޯޓާ ޙިއްޞާކުރަމުންދިއުން. 

    އިސްވެ ދެންނެވުނު ޝަރުޠުތަކަށް ޙަސަން ފަވާޛް އެއްބަސްވެފައިވާތީއާއި، އޭނާގެ ބަލި ޙާލަތަށް ރިޢާޔަތްކޮށް، މި އޮފީހުން އެދިފައިވާގޮތަށް ގޮތަށް ޙަސަން ފަވާޛް ޝަރުޠުކޮށްފައި ބަންދުންދޫކޮށްލުމަށް 17 މާރިޗު 2026 ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ. 

    ޙަސަން ފަވާޛްގެ މައްޗަށް ކޯޓުން ކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކުރަމުން ގެންދާނެއެވެ. އަދި ޙަސަން ފަވާޛްގެ މައްޗަށް ކޮށްފައިވާ ޝަރުޠަކާ ޚިލާފުވެއްޖެނަމަ، އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް މި އޮފީހުން ކޯޓުގައި އެދޭނަމެވެ. 


  • 16 މާރިޗު 2026

    ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް ދަޢުވާ އުފުލުން

    ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 16 މާރިޗު 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.  

    1. ޤާނޫނު ނަންބަރު: 12/2009 (ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ.

    ދަޢުވާކުރާ ސަބަބު: ކުޑަ ކުއްޖެއްގެ ޢުމުރުން 7 އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް، އެކި ދުވަސް މަތިން، އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީ. 

    އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން.

    2. ޤާނޫނު ނަންބަރު: 12/2009 (ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ.

    ދަޢުވާކުރާ ސަބަބު: ކުޑަ ކުއްޖެއްގެ ޢުމުރުން 10 ނުވަތަ 11 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީ.

    އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން.

    3. ޤާނޫނު ނަންބަރު: 12/2009 (ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ.

    ދަޢުވާކުރާ ސަބަބު: ކުޑަ ކުއްޖެއްގެ ޢުމުރުން 9 ނުވަތަ 10 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީ.

    އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން.

    4. ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 530 ވަނަ މާއްދާގެ ދަށުން ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ.

    ދަޢުވާކުރާ ސަބަބު: ޙުސައިން ސަނީ ޢުމަރުގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ޤަރީނާ ހުރިކަމަށް ތުހުމަތުކުރެވިގެން، ކްރިމިނަލް ކޯޓުން މީނާގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައިވަނިކޮށް، މީނާގެ ފޯނު ގެއްލިފައިވާކަމަށް ބުނެ އެ ފޯނު ފުލުހުންނާ ހަވާލުކޮށްފައިނުވާތީ.

    އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން.

    5. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ.

    ދަޢުވާކުރާ ސަބަބު: ޙުސައިން ސަނީ ޢުމަރު ގެންގުޅުނުކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މަޢުލޫމާތު ދީފައިވާތީ. 

    އަސާސީ އަދަބު: 4 މަހާއި 24 ދުވަހަށް ޖަލަށްލުން.

    މި މައްސަލާގައި ކޮށްފައިވާ ދަޢުވާތައް ސާބިތުވާ ޙާލަތުގައި ޤާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް މި އޮފީހުން ކޯޓުގައި އެދޭނަމެވެ. އެ ޙާލަތުގައި މީނާގެ މައްޗަށް މަދުވެގެން 44 (ސާޅީސް ހަތަރެއް) އަހަރުގެ ޖަލު އަދަބެށް ކަނޑައެޅޭނެއެވެ.

    މި މައްސަލައާ ގުޅިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޙުސައިން ސަނީ ޢުމަރު 2 ޖަނަވަރީ 2026 އިން ފެށިގެން ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. 


  • 02 މާރިޗު 2026

    އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުން

    ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް 6 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
     
    މި މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން މި އޮފީހުން ދިރާސާކޮށް ބެލިއިރު، މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނުނެގުމަށް ކޯޓުން ނިންމާފައިވަނީ އަދި މައްސަލައިގެ ހެކި ޤަރީނާ ވަޒަންކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ފެނެއެވެ.
     
    އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް 2 މާރިޗު 2026 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފީމެވެ. މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި އެކޯޓަށް ތަޙްވީލުކޮށްދެއްވުމަށެވެ.
     
    މި އިސްތިއުނާފީ މައްސަލައާއެކު، މަނީ ލޯންޑްރިންގެ ކުށާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 އިން މުޢާމަލާތުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނެއެވެ. މި ގޮތަށް އެދިފައިވާނީ ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ ދަށުންނެވެ.

    • 06 ޖަނަވަރީ 2026

      އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ދަޢުވާއާ ގުޅޭ

      އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް 6 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
       
      އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ހިމެނޭ މުޢާމަލާތާ ގުޅިގެން ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. އެހެންކަމުން، ހަމަ މި މުޢާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް އެކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މި އޮފީހަށް ބެލެވެއެވެ.
       
      އެހެންކަމުން އަމީން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ޤަޞްދުކުރަމެވެ. 
       
      ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މި އޮފީހަށް ލިބުމުންކަމަށްވާތީ، އެ ިރިޕޯޓް މި އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނަމެވެ.
  • 01 މާރިޗު 2026

    ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ބީ.އެމް.އެލްގެ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލަ

    27 އޮކްޓޫބަރު 2025 ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ޓާރމިނަލް 1 ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓް ކޭސްއެއް، ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަނެފައިވާ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 8 ފެބްރުވަރީ 2026 ދުވަހާއި 26 ފެބްރުވަރީ 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ. 

    ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދުގެ މައްޗަށް:

    1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދަޢުވާ. 

    2. ޤާނޫނު ނަންބަރު: 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާ. 

    3. ޤާނޫނު ނަންބަރު: 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ ދަށުން، މަޤްބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ. 

    ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލްގެ މައްޗަށް:

    1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދަޢުވާ. 

    2. ޤާނޫނު ނަންބަރު: 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ. 

    ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރުގެ މައްޗަށް:

    1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުންނާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ. 

    ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދުއާއި،

    ލ. މާވައް، ރޭޝަމް، މާޒިން މޫސާއާއި،

    މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމްއާއި،

    ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފްއާއި، 

    ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްހާންގެ މައްޗަށް:

    1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުންނާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ. 

    މި ދަޢުވާތައް ކޮށްފައިވާނީ 27 އޮކްޓޯބަރ 2025 ދުވަހުގެ 4:15 އެހައިކަށްހައިއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށްޓަކައި، -/4,900 ޔޫރޯއާއި، -/1,735 ޕައުންޑާއި، -/2,610 ސިންގަޕޯރ ޑޮލަރާއި، -/1,345 އޮސްޓްރޭލިއަން ޑޮލަރާއި، -/510 ސްވިސް ފްރޭންކާއި، -/1,515 ކެނޭޑިއަން ޑޮލަރާއި، -/334,000 ޖަޕަނީސް ޔެންއާއި، -/10,420 ހޮންގކޮންގް ޑޮލަރާއި، -/106,120 ޔޫއެސް ޑޮލަރާއި، -/23,778 ދިވެހި ރުފިޔާއާއި، -/25,000 އިންޑިއަން ރުޕީސްއާއި، -/600 ޗައިނީސް ޔުއާން، ސޫޓް ކޭސްއަކަށް އަޅައިގެން ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފަކު އެއަރޕޯޓް އައު ޓަރމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، އެމީހުންނަށް ވަޅިން ބިރުދައްކައި، އެ މީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް ފޭރިގަނެފައިވާތީއާއި، އެ ކުށުގެ ޢަމަލު ފުރިހަމަކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީއެވެ. 

    މި ޢަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދަޢުވާލިބޭ މީހުންއަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެއެވެ. 


  • 01 މާރިޗު 2026

    ހުޅުމާލެއިން ގޯތި ލިބިފައިވާކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުންތަކެއް އުފައްދައި، އެ ލިޔުންތައް ހުށަހެޅި މައްސަލަ

    "ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިނުވާ މީހުން، ގޯތި ލިބިފައިވާކަމަށް ދައްކައި ޞައްޙަނޫން ލިޔެކިޔުން ހަދައިގެން ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަނަށް ހުށަހަޅާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 1 މާރިޗު 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    1. ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާ.

    ދަޢުވާލިބޭ މީހުން

    ދައުވާކުރާ ސަބަބު

    1. ގ. ޕޫލްބަހާރުއާގެ، އަޙްމަދު ޢަތީޤް ޢަބްދުالله

    2. ނ. ވެލިދޫ، ޑޭޒީމާގެ އަޙްމަދު މާޒިން

    ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީ ފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ދުވަސްވަރު، އާންމުން ހުށަހެޅި ފޯމުތަކުގެ މަސައްކަތްކުރުމުގައި އުޅެމުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިކަން އެނގޭނޭ ސައްހަނޫން ރަޖިސްޓްރީ އަދި އެއްބަސްވުން އުފައްދާފައިވާތީ.

     

    2. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ދަށުންނާއި، 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޞައްޙަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

     މ. ފަޅުމަތީގެ، އަރުޝަދު ޢަލީ ބިންވެރިޔާ ސްކީމްގެ މަސައްކަތުގައި އުޅެމުންދިޔަ، ނ. ވެލިދޫ، ޑޭޒީމާގެ، އަޙްމަދު މާޒިންއާ ބައިވެރިވެގެން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިންކަމަށް ރަމްޒުކޮށްދޭ ސައްހަނޫން ރަޖިސްޓްރީއާއި އެއްބަސްވުތަކެއް އުފައްދައިފައިވާތީ.

     

     3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދަޢުވާ.

    1. ސ. ހިތަދޫ، ހަޒާރުމާގެ، މަރްޔަމް ސާޢީ

    2. މ. ޒޭވަރު، މުޙައްމަދު ފަޟީލް ރަޝީދު

    3. ޏ. ފުވައްމުލައް، ދޫޑިގަން، ދިލް، އީމާ ވަހީދު

    4. ދަފްތަރު. ނަންބަރު ރސ 9044، ޢާއިޝަތު މަޢުރޫފާ

    5. ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ- 46، މުޙައްމަދު އާދަމް

    6. ހއ. ދިއްދޫ، ޖަމީލާ، ޢަބްދުލްމަޖީދު މާހިރު

    7. މ. ވެސްޓްކޯސްޓް، ޙުސައިން ޒާހިރު ޒައިނު

    8. މ. ފަޅުމަތީގެ، އަޝްހަދު ޢަލީ

    9. މ. ފަޅުމަތީގެ، އަޙްމަދު ޢަލީ

    ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދައްކައި، އެ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތްކުރުމުގެ ހުއްދަ ހޯދުމުގެ ގޮތުން، އެ ގޯތީގެ ސައްޙަނޫން އެއްބަސްވުމާއި، ސައްޙަނޫން ރަޖިސްޓްރީ ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަންއަށް ހުށަހަޅާފައިވާތީ.

     

    ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލާގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭތީ، އެ ބައިތައް ވަކި މައްސަލައެއް ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. އެ މައްސަލައިގެ ތަޙުޤީޤު ނިމުމުން ދަޢުވާކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނަމެވެ. 

     

     


  • 28 ފެބުރުވަރީ 2026

    3 އޮކްޓޫބަރު 2025 ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ބައެއްގެ މައްޗަށް ދަޢުވާކުރުން

    3 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރުކުރުމަށާއި، އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި،

    1. ޢަބްދުއްސަލާމްއާއި،

    2. މުޙައްމަދު ޙަމާއިދު ޢަބްދުލްޣަނީއާއި، 

    3. ޢަލީ ނައުފަލްއާއި،

    4. މަޢުރޫފް ޛާކިރުއާއި،

    5. ޢާއިޝަތު ނަޖުދާ ޢަލީއާއި،

    6. ޢަލީ މުޢައްވަޒްއާއި،

    7. ފާޠިމަތު ޒަހިއްޔާއާޢި،

    8. ޙުސައިން ރަޝީދުގެ މައްޗަށް، 

    ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ 26 ފެބްރުވަރީ 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ. 

    މި މައްސަލާގައި އިތުރު 7 މީހަކަށް ތުހުމަތުކުރެވެއެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤާރީނާ ލިބިފައި ނުވާތީއާއި، ދަޢުވާކުރުމުގެ ޢާންމު މަޞްލަޙަތު ނެތުމުން އެ މީހުންގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލާފައިވާނެއެވެ. 

    މުޒާހަރާއާ ގުޅުންހުރި މައްސަލަތަކުގައި ދަޢުވާކުރުމުގައި މި އޮފީހުން ހިފަހައްޓާ ހަމައަކީ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ހެކި، ނުވަތަ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިދާނެ ޙާލަތެއް ކުރިމަތިކުރުވާފައިވާކަމުގެ ހެކި ލިބިފައިވާނަމަ، ދަޢުވާކުރުމުގެ ޢާންމު މަޞްލަޙަތު އޮތްކަމަށް ބަލައި ދަޢުވާ ކުރުމެވެ.