-
01 ޑިސެންބަރު 2025
ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މ. ފެހިވިދުވަރުގެ، އިސްމާޢީލް ޝަމްޢޫންއާއި، ޏ. ފުވައްމުލައް، ހޯދަޑު، މައިޒާން، މަރްޔަމް ދީނާ ޞާލިހުގެ މައްޗަށް، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ 1 ޑިސެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
މި ދަޢުވާ ކޮށްފައިވަނީ މަރްޔަމް ދީނާ ޞާލިޙް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ ގޮތުގައި ހުރެ، އަދި އިސްމާޢީލް ޝަމްޢޫން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕަރޓްމަންޓްގެ ހެޑުގެ ގޮތުގައި ހުރެ، 25 ޖޫން 2018 ދުވަހު ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި، ހެޑް އޮފީހުގައި ކޮމާންޑް ސެންޓަރަކާއި، އަދި ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމް ގާއިމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުގައި ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ކެއިރެޓްސޫ ކުންފުނިން ފެނަކަ އަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުގައި މި ދެމީހުންގެ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީއެވެ.
އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
* މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
-
25 ނޮވެންބަރު 2025
ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށްނުގެންދިއުމަށް ނިންމުން
2015 ވަނަ އަހަރު ހިނގި އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތާ ގުޅުންހުރި މައްސަލާގައި، އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރގެ މަޤާމުގައި ހުރި މ. އާސްތާނާ، ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް، މަނީ ލޯންޑްރިންގއަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ 17 ފެބްރުވަރީ 2019 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.
މި ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް ޢާއިޝަތު އާޒިމާ ޝަކޫރުގެ ފަރާތުން މި އޮފީހަށް ހުށަހަޅާފައިވާ ކަންކަމަށާއި، ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޢަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިންގ ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވާތީ، ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށްގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނާތީ މި ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވަނީ ނިންމާފައެވެ.
-
25 ނޮވެންބަރު 2025
ޢަބްދުﷲ މަޙްޒޫމް މާޖިދާއި، ޢާއިޝަތު ޝިމަން އަޙްމަދުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމުން
1 މޭ 2025 ދުވަހު މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ ތެރޭގައި ޖިނާއީ ކުށުގެ ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ނ. ކުޑަފަރީ، ބަގީޗާގެ، ޢަބްދުﷲ މަޙްޒޫމް މާޖިދުގެ މައްޗަށް ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ އަދި ކ. މާލެ މ. ހަސްތީ، ޢާއިޝަތު ޝިމަން އަޙްމަދުގެ މައްޗަށް ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ 25 ޖޫން 2025 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.
މި ދަޢުވާތައް މުރާޖަޢާކުރުމަށްފަހު، މި ދެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތަތީއާއި، މި މީހުންގެ ޢަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީއާއި، މި ކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބާއި، މައްސަލައިގެ ހާދިސާގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް، މި ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވަނީ ނިންމާފައެވެ.
-
19 ނޮވެންބަރު 2025
އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް މަރާލި މައްސަލަ
13 ޖުލައި 2025 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް، އއ. މާޅޮސް، މާހިޔާގޭގެ ކޮޓަރިއެއްގައި ނިދާފައި އޮއްވައި، ފުރާނައަށް ގެއްލުން ލިބޭފަދަ ބޮޑެތި ޒަހަމްތަކެއްދީ މަރާލާފައިވާ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 18 ނޮވެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
އއ. މާޅޮސް، ފިޔަ، އަޙްމަދު އާޝިދުގެ މައްޗަށް:
ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ.
އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމްއާއި، އއ. މާޅޮސް، ފިނިވާގެ، އަޙްމަދު ފާރިސްގެ މައްޗަށް:
ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.
* މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
-
18 ނޮވެންބަރު 2025
3 އޮކްޓޫބަރު 2025 ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭގައި ބޭއްވި އެއްވުމުގެ ބައިވެރިން ޖިނާއީ ކުށުގެ ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަ
3 އޮކްޓޫބަރު 2025 ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭގައި ބޭއްވި އެއްވުމުގެ ބައިވެރިން ޖިނާއީ ކުށުގެ ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަންނަނިވި މީހުންގެ މައްޗަށް ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 532 ވަނަ މާއްދާގެ ދަށުން ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި، 533 ވަނަ މާއްދާގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ކުރުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މައްސަލަ މި އޮފީހަށް ހުށަހަޅާފައިވެއެވެ.
1. ޙުސައިން ޝާކިރު
2. ޔަޢުޤޫބު ޢަބްދުﷲ
3. ޔާސިރު ޢަބްދުއްލަޠީފް
4. ޙަސަން ޞަލާޙް
5. ޢަޒީމް ޢަލީ
6. ޢަލީ ޖުމާން
7. މުޙައްމަދު ޚަލަފް އިބްރާހީމް
މި މައްސަލާގައި ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ބެލިއިރު، ތުހުމަތުކުރެވޭ ޢަމަލުތައް އެމީހުން ހިންގާފައިވަނީ އަސާސީ ޙައްޤެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭތީއާއި، މި މީހުންގެ ޢަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ، މި މީހުންގެ މައްޗަށް ދަޢުވާކުރުމުގެ މަޞްލަޙަތު އޮތް ކަމަށް މި އޮފީހަށް ނުފެންނާތީ، މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމާފައިވާނެއެވެ.
3 އޮކްޓޫބަރު 2025 ދުވަހު މާލޭގައި ބޭއްވި އެއްވުމާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. އެ ބައިގެ ތަޙުޤީޤު ނިމުމުން ދަޢުވާކުރުމާމެދު ގޮތެއް ނިންމާނަމެވެ.
-
30 އޮކްޓޫބަރު 2025
ކިންގްސްއިން ހިންގި އިންވެސްޓްމެންޓް ސްކީމާ ގުޅިގެން ކުރި ދަޢުވާތަކުގައި ބަދަލުލިބެންޖެހޭ މީހުންނަށް ބަދަލު ދީފައިވާތީ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމުން
ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ދިވެހިރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ޤާނޫނާއި ޤަވާއިދާއި އުސޫލުތަކާއި ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް، އިންވެސްޓަރުންނަށް މަންފާލިބޭނެކަމަށް ދައްކައި މަކަރާއި ޙީލަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދައި، އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީއާއި، މ. ފިނިވާގެ، 2 ނަންބަރުބައި، ޞަޙުބާން ފަހުމީ އަދި މ. ފިނިވާގެ 2 ނަންބަރުބައި، އަލްހާން ފަހުމީގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ 23 ނޮވެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.
މި ދަޢުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، ދަޢުވާލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 (ތޭރަ) ފަރާތަށް ބަދަލުދީ ޚަލާޞްކޮށްފައިވާކަމަށް ބަޔާންކޮށް، ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް ދަޢުވާލިބޭ ފަރާތްތަކުން މި އޮފީހުގައި އެދިފައިވެއެވެ. އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރިއިރު، މި މައްސަލާގައި ބަދަލުލިބޭންޖެހޭ މީހުންނަށް ބަދަލުލިބިފައިވާކަން ކަށަވަރުވެފައިވެއެވެ. އަދި މި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.
މިއާއެކު، މި މައްސަލާގައި ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެންނަށް، ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީއާއި، މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވުމުން، މި މައްސަލާގައި މިހާތަނަށް ކޯޓަށް ހުށަހެޅި ދަޢުވާތައް (ޓެކުމުގެ ކުށުގެ 13 ދަޢުވާ) އިތުރަށް ކުރިއަށްގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނާތީ، އެ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވާނީ ނިންމާފައެވެ.
ނަމަވެސް، މި މައްސަލާގައި ބަދަލުލިބެންޖެހޭ އިތުރު މީހުންގެ ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. އެ ބައިތަކުގެ ތަޙުޤީޤު ނިންމައި މި އޮފީހަށް ހުށަހެޅުމުން، އެ ބައިތަކުގައި ދަޢުވާކުރުމުގެ ކަންކަން ކުރިއަށްގެންދާނަމެވެ.
އެހެންކަމުން، މި މައްސަލާގައި ބަދަލުލިބެންޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކެނޑިނޭޅި އެބަ ކުރިއަށްގެންދަމެވެ.
-
15 އޮކްޓޫބަރު 2025
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑު މައްސަލައެއްގެ އިސްތިއުނާފު ރަޖިސްޓްރޭޝަން ފީ މި އޮފީހުން ނުދެއްކިކަމަށް ބުނާ މައްސަލަ
ސ. ހުޅުދޫ، ދޭލިޔާގެ، ޢިރުފާން ތަޤިއްޔުގެ މައްޗަށް ރައްދުވާގޮތަށް މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާތީކަމަށް ބުނެ ރަޖިސްޓްރަރގެ ނިންމުމުން މައްސަލަ ބަލައިގަނެވެން ނެތްކަމަށް ނިންމާފައިވެއެވެ.
މިއީ 2020 ވަނަ އަހަރުގެ ނޮވެންބަރު އަދި ޑިސެންބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ޢިރުފާން ތަޤިއްޔުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތު ނުވާކަމަށް އެ ކޯޓުން ޙުކުމްކުރުމުން މި އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ.
މި އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމަށް ނިންމައި، އިސްތިއުނާފު ރަޖިސްޓްރީކުރުމަށްޓަކައި ދަންކަންޖެހޭ ފީ ދެއްކުމަށް އަންގާ ލިޔުން 5 އޮކްޓޫބަރު 2025 ގައި މި އޮފީހަށް މެއިލްކުރިކަމަށް ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމުމުގައި ބަޔާންކޮށްފައިވީނަމަވެސް، އީމެއިލް މި އޮފީހުގެ ކަނޑައެޅިފައިވާ އީމެއިލްއަށް ލިބިފައިނުވެއެވެ.
އެފަދަ ލިޔުންތައް މިއޮފީހަށް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލްއަށް އެ ދުވަހާއި ޖެހިގެން އައި ދުވަހުވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައި ހުރިނަމަވެސް، ޢިރުފާން ތަޤިއްޔުގެ މައްޗަށް ރައްދުވާ އިސްތިއުނާފު މައްސަަލައާ ގުޅޭ އީމެއިލް ލިބިފައި ނުވާކަން ފާހަގަވެއެވެ.
އެހެންކަމުން މި ނިންމުން މުރާޖަޢާކުރުމަށް މި އޮފީހުން ހުށަހަޅާނަމެވެ. އަދި މި ނިންމުމަކީ ހައިކޯޓުން އިސްވެ މުރާޖަޢާކުރަންޖެހޭ ނިންމުމެއްކަމަށް ދެކެމެވެ.
-
18 ސެޕްޓެންބަރު 2025
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓު ދިނުމުގައި އުޞޫލާ ޚިލާފަށް ޢަމަލުކޮށްފައިވާ މައްސަލަ
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން 27 ޖޫން 2022 ދުވަހު ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރި ޢިއުލާނާއި، "ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު" އާ ޚިލާފަށް، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް ފަރާތްތަކަށް ފޮއިންޓު ދީ، ފްލެޓް ލިބުމަށް ޝަރުޠު ފުރިހަމަނުވާ ފަރާތްތަކެއް، ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާ ކުރުމަށް 10 ސެޕްޓެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.ދަޢުވާ: ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ ދަށުން، ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.ދަޢުވާލިބޭ ފަރާތްތައް:- މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމާއި، ގެދޮރުވެރިން ކޮމިޓީގެ ޗެއަރމަންގެ މަޤާމުގައިހުރި މއ. އެވަރލާސްޓް، އަކްރަމް ކަމާލުއްދީން.
- މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަދި ގެދޮރުވެރިން ކޮމިޓީގެ މެންބަރު، ހއ. އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފް.
- މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލްގެ އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި، މއ. އިހާދޫ، އަޙްމަދު ވިޝާން ނަސީމް.
- މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި، މއ. ވިރާޙް، ޟިރުޣާމް ވަޙީދު.
މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި، ޢާންމު ފަރުދުންގެ މަޞްލަޙަތާ ގުޅުންހުރި ތަޙުޤީޤުތައް އަވަސްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަޙުޤީޤު އަވަހަށް ކުރިއަށްގެންގޮސްފައިވާ މައްސަލައެކެވެ.މި މައްސަލައާ ގުޅުންހުރި އިތުރު ބައިތައް މި އޮފީހުގެ ލަފާއާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. އެބައިތައް އެކަށީގެންވާ ވަރަށް ތަޙުޤީޤުކުރެވުމުން، ދަޢުވާކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނަމެވެ.* މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
-
01 ސެޕްޓެންބަރު 2025
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލުން
މި އަހަރުގެ މޭ މަހުގެ 10 އިން 12 އަށް ވިލާ ނޯޓިކާގައި ކުރިއަށްގެންދިޔަ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ކޮންފަރެންސްއަކީ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑު (ޔުނިސެފް) ގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު މި އޮފީހުން ރާވައި އިންތިޒާމުކުރި ކޮންފަރެންސްއެކެވެ.
މި ކޮންފަރެންސްގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކުން ބައިވެރިވެފައިވެއެވެ. މި ކޮންފަރެންސްގެ މައިގަނޑު ބަޔަކީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކުން މި ކޮންފަރެންސްއަށް ތައްޔާރުކޮށްފައިވާ ދިރާސީ ކަރުދާސްތައް ހުށަހަޅައި، އެ ކަރުދާސްތަކާމެދު މަޝްވަރާކުރުމެވެ.
މިއަދު މި ކޮންފަރެންސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި މި ދިރާސީ ކަރުދާސްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "މަލްޓި-އިންސްޓިޓިއުޝަނަލް ރިސާރޗް އިންޓު ޖުވެނައިލް ޖަސްޓިސް" ފޮތް ރަސްމީކޮށް ޝާއިޢުކޮށްފައިވާނެއެވެ.
މި ފޮތް ނެރުއްވައިދެއްވީ ޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އެޑްވާރޑް އެޑާއިއެވެ.
މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދެވެ.
ކޮންފަރެންސާ ގުޅޭ އެންމެހައި މަޢުލޫމާތު، ކޮންފަރެންސް ވެބްސައިޓުން ފެނިވަޑައިގަންނަވާނެއެވެ. އަދި ދިރާސީ ކަރުދާސް ފޮތް މި އޮފީހުގެ "ލެތުން" ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެއެވެ.