-
22 އޮކްޓޫބަރު 2023
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާގެ މައްސަލައެއް ތަހްޤީޤުކުރަން އަމުރުކުރުން
ދިވެހިރާއްޖެއަކީ، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ޤައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަޤީންކަން ދިވެހިރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކަށް އަބަދުމެ ލިބިފައި އޮތުމާއި، އެ ކަންކަން އެ މަގަށް ހިނގުމަށްޓަކައި، ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންޞާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ޤައުމީ މަޞްލަޙަތާ ސީދާގޮތުން ގުޅުން ހުރި ކަމަކަށްވާތީ، ދިވެހިރާއްޖެއާ މުޢާމަލާތްކުރާ ބައިނަލްއަޤްވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުޞޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުޞޫލުތަކާއި ޤާނޫނުތަކާ ޚިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓަރ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މައްދާގެ (ޅ) އާއި ޤާނޫނު ނަންބަރު: 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންގާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާ ޙީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަޙުޤީޤުކޮށްދެއްވައި، އެ މައްސަލައިގައި ދަޢުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދަޢުވާ ކުރުމަށް މި އޮފީހަށް ފޮނުއްވުމަށް އަމުރު ކޮށްފައިވެއެވެ.
-
16 އޮކްޓޫބަރު 2023
މަޢުލޫމާތު ހާމަކުރުރުން އައު އުސްމިންތަކަކަށް: ޕީޖީ އޮފީހުގެ މީޑިއާ ވެބްސައިޓް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތައް، ނޫސްވެރިން މެދުވެރިކޮށް ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، މީޑިއާއަށް ޚާއްޞަ ވެބްސައިޓެއް ތަޢާރަފްކޮށްފީމެވެ. މި ވެބްސައިޓުގައި އަންނަނިވި ބައިތައް ހިމެނޭނެއެވެ.
ޚަބަރުފީތާ: ޕީޖީ އޮފީހުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އުޅުމުގެ ބަދަލުގައި، މިއޮފީހުން ބުނަން ބޭނުންވާ ވާހަކަތައް، ޚަބަރު ފީތާގައި ޝާއިޢުކުރާނެއެވެ. ޚަބަރު ފީތާގެ ލިންކު އެކި ތަންތަނުގައި ޙިއްސާ ކުރެވޭގޮތަށް ހަމަޖެހިފައި ހުންނާނެއެވެ. މީގެ ބޭނުމަކީ، މިއޮފީހުން ބުނާ އެއްޗެއްގެ އަޞްލު މަޞްދަރު، މިއޮފީހުން ކޮންޓްރޯލްކުރާ ޕްލެޓްފޯމެއްގައި، ޢާންމުންނަށް ފެންނާނޭހެން ބޭއްވުމެވެ. ބަހާއި މާނަފުރޮޅުމުގެ ޝިކާރައަކަށް ޕީޖީ އޮފީސް ނުވުމެވެ.
ޢާންމު ޝައުޤު: މުޖްތަމަޢުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ އަދި ޢާންމު ރައްޔިތުންގެ މެދުގައި ޚާއްޞަ ޝައުޤެއް އުފެދިފައިވާ މައްސަލަތަކުގައި، އެމައްސަލައެއް މިއޮފީހަށް ލިބުނު ތާރީޚާއި، ކޯޓަށް ހުށަހެޅި ތާރީޚާއި، ކުރާ ދައުވާއާއި ދައުވާ ކުރާ ސަބަބާއި އެމައްސަލައިގެ ޝަރީޢަތްތައް ތާވަލުކުރަމުންދާގޮތް އެނގޭނޭހެން، ހުރިހާ މަޢުލޫމާތެއް "ޢާންމު ޝައުޤު" ޕޭޖުގައި ޝާއިޢުކުރަމުންދާނެއެވެ.
ޢުންޞުރު: މިއޮފީހުގެ ނިއުސްލެޓަރގެ ހުރިހާ ނުސްޚާތަކެއް، އެއްތަނަކުން ފެންނާން ހުންނާނެއެވެ.
ނޫސްބަޔާން: އެކި ކަންކަމުގައި ނެރޭ ނޫސްބަޔާންތައް ފެންނަން ހުންނާނެއެވެ.
ފޮޓޯ ގެލަރީ: އެކި މުނާސަބަތުތަކުގައި ނަގާ ފޮޓޯތައް ވެބްސައިޓުގައި ހުންނާނެއެވެ.
"ޕީޖީއާއެކު 12 މިނިޓް": ޕީޖީ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑާ ގުޅިގެން ކުރިއަށްގެންދާ "ޕީޖީއާއެކު 12 މިނިޓް" ޕްރޮގްރާމްގެ ހުރިހާ ރެކޯޑިންގެއްވެސް ވެބްސައިޓަށް އަޅަމުން ގެންދާނަމެވެ.
-
12 އޮކްޓޫބަރު 2023
ރައީސް އަލްމުންތަޚަބް، ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ފޮނުއްވި ޓްރާންސިޝަން ކޮމިޓީއާ ބައްދަލުކުރުން
އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ޝަރްޢީ ދާއިރާއާއި، ޖިނާއީ ޢަދުލުގެ ނިޒާމާއި، މިނިވަން މުއައްސަސާތަކާބެހޭ މަސައްކަތްތައް މިހާރު ހުރި ގޮތް ވަޒަންކުރައްވަން ފޮނުއްވި ޓްރާންސިޝަން ކޮމިޓީގެ ބޭފުޅުންނާ ޕްރޮސިކިއުޓަރ ޖެނެރަލާއި މިއޮފީހުގެ އިސްވެރިން ބައްދަލުކުރައްވައި، އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާބެހޭ ގޮތުން މަޢުލޫމާތު ބަދަލު ކުރައްވައިފިއެވެ.
މިބައްދަލުވުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާބެހޭ ތަފާސް ހިސާބު ޢާންމުކުރާ ވެބްސައިޓް www.stats.pgo.mv އާއި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ހުރިހާ ޤާނޫނުތަކާއި ގަވާއިދުތައް އެއްތަނަކުން ފެންނާނޭގޮތަށް ތައްޔާރުކޮށްފައިވާ www.laws.pgo.mv އާއި، ޕީޖީ އޮފީހާ ޢާންމުންގެ ފަރާތުން މުޢާމަލާތުކުރަން އުފައްދާފައިވާ www.online.pgo.mv އާބެހޭ މަޢުލޫމާތު ޓްރާންސިޝަން ކޮމިޓީއާ ޙިއްސާ ކުރެވުނެވެ. ޖިނާއީ ޢަދުލުގެ ނިޒާމު މިހާރު ހިނގާ ގޮތާއި، ކުރިއަށް އޮތްތަނުގައި މިނިޒާމާމެދު ޢާންމުންގެ އިތުބާރު އިތުރު ކުރުމަށް ކުރެވެން ހުރި ކަންކަމާބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.
-
09 އޮކްޓޫބަރު 2023
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަމިއްލަ ބްރޯޑްކާސްޓިންގ ޕްލެޓްފޯމް އުފެއްދުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަމިއްލަ ބްރޯޑްކާސްޓިންގް ޕްލެޓްފޯމެއް ތަޢާރަފުކޮށްފީމެވެ. މިވަގުތު، ޕީއެސްއެމްއާއެކު 13 ޕްރޮގްރާމް ހެދުމުގެ އެއްބަސްވުމެއްގެ ދަށުން، ހަދަމުން ގެންދާ ޕްރޮގްރާމްތައް ތިރީގަައިވާ ލިންކުން އަޑުއައްސަވައި ލެއްވޭނެއެވެ.
ނަމަވެސް، މި ޕްލެޓްފޯމާއެކު، އަމިއްލަ ޕްރައިވެޓް މީހަކަށް، ކުންފުންޏަކަށް، ބްރޯޑްކާސްޓަރަކަށް ބަރޯސާ ނުވެ، ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޤާބިލްކަން ލިބުނީއެވެ. މުހިންމު މައްސަލަ ތަކާބެހޭ ގޮތުން، ނުވަތަ ޤާނޫނީ ބަހުސްތަކާބެހޭ ގޮތުން ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތު، މި ޕްލެޓްފޯމުން، މިނިވަންކަމާއެކު ފޮނުވަމުން ގެންދާނަމެވެ.
މި ޕްލެޓްފޯމްގެ ހުރިހައި ކަމެއް، ޚިޔާލުން ފެށިގެން ގޮސް، ތަންފީޒުކޮށް، ވެބްސައިޓް ހަދައި، ކޮންޓެންޓު އަޅައި، ފޮޓޯ ޑިޒައިންކުރީ ހުސް ދިވެހިންނެވެ. ހަމަ އެންމެ ބިދޭސީއަކުވެސް މިމަސައްކަތުގައި ޝާމިލުނުވާކަން އުފަލާއެކު ފާހަގަކުރަމެވެ.
-
04 އޮކްޓޫބަރު 2023
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ދަޢުވާކުރުން
1 މޭ 2023 ދުވަހުގެ މެންދަމުގެ ވަގުތެއްގައި، މާލެ، "ހަބީބީ" ކެފޭތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޙަސަން ޒަރީރަށް ނުރައްކާތެރި ހަތިޔާރާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ، މާރާމާރީ ހިންގި މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 19 ސެޕްޓެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
1. މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲގެ މައްޗަށް:
ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން
2. ތ. ކިނބިދޫ، ދީފުރަމްގެ، އަޙްމަދު އަވްޝަމްއާއި،
3. މ. ތާޖް، މުލާއިމް މުޙައްމަދުގެ މައްޗަށް:
ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުން.
-
03 އޮކްޓޫބަރު 2023
ޕީޖީ ޙުސައިން ޝަމީމު, ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ މަހާސިންތާގައި ތަޤުރީރުކުރައްވައިފި
އިންގިރޭސި ވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގެ އަހަރީ މަހާސިންތާގައި ޕްރޮސިކިއުޓަރ އަލްއުސްތާޛް ޙުސައިން ޝަމީމު ބައިވެރިވެވަޑައިގެންފިއެވެ.
މި ސެޕްޓެންބަރު މަހުގެ 24 އިން 27 އަށް ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގެ ކޮންފަރެންސް އަދި ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު ވަނީ މި އޮފީހުން ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އަލަށް ފަށާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.
އެގޮތުން މި އޮފީހުގެ ތަފާސް ހިސާބު ވަގުތުން ވަގުތަށް ބަލާލެވޭ ވެބްސައިޓް "އާމަހި" ގެ މަޢުލޫމާތާއި, މި އޮފީހުން އަލަށް ތަޢާރަފުކުރި މީޑިއާ ވެބްސައިޓްގެ މަޢުލޫމާތާއި އޭގައިހިމެނޭ ޚާއްޞަ ފީޗަރތަކުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. އެފަދަ ވެބްސައިޓްތައް އެހެން ޤައުމުތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ބޭނުންކުރެވިދާނެ ގޮތްތައް ބަޔާންކުރެއްވިއެވެ.
މި އޮފީހުގެ "އާމަހި" ވެބްސައިޓްގެ ޚާއްޞަކަމަކީ ވަގުތުން ވަގުތަށް އަޕްޑޭޓް ވެފައިވާ ތަފާސްހިސާބު ލިބެންހުރުމެވެ. އެ ވެބްސައިޓަކީ މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމުން އޮޓަމެޓިކުން ޖެނެރޭޓް ކުރާ މަޢުލޫމާތުކަމަށްވާތީ, އޭގައި ހިމެނޭ މަޢުލޫމާތަށް އުނި އިތުރު ނުގެނެވުމެވެ.
މީޑިއާ ވެބްސައިޓުގެ ޚާއްޞަކަމަކީ ވައިބަރ ގުރޫޕާއި އެހެނިހެން މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ނޫސްވެރިންނާ ޙިއްޞާކުރާ މަޢޫލޫމާތު ޢާންމުންނަށްވެސް ފެންނަގޮތް ހެދުމެވެ. އެހެން ހެދުމުން މި އޮފީހުން ދޭ މަޢުލޫމާތަށް ބިނާކޮށް ނޫސްތަކުގައި ލިޔެ ޝާއިޢުކުރާ ޚަބަރުގެ ތެދު ދޮގު, އަދި މި އޮފީހުން އަސްލު ދިން މަޢުލޫމާތަކީ ކޮބާކަން ކޮންމެ މީހަކަށްވެސް ބަލާލެވުމެވެ. އަދި އަމިއްލަ އެކި ފަރާތްތަކުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރަސްމީ މަޢުލޫމާތު ޝާއިޢުކުރުމުން އެތަކެތި ބެލެހެއްޓި ރެކޯޑު ނުކުރެވޭނެތީ, އެކަން ކުރެވޭނެ ހަރުދަނާ ޕްލެޓްފޯމެއް ޤާއިމުކުރުމެވެ.
މި ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ މި އޮފީހުން އޮންލައިންކޮށް ދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ބައިވެރިންނާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އޮންލައިންކޮށް ސިޓީ ފޮނުވުމާއި, ކުށުގެ ރެކޯޑަށް އެދުމާއި, އެމީހެއްގެ މައްސަލައިގެ މަޢުލޫމާތާއި މައްސަލަ އޮތް ހިސާބެއް އޮންލައިންކޮށް ބަލާލެވޭނެ ނިޒާމުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.
މީގެ އިތުރުން ޖިނާއީ މައްސަލަތަކުގައި ވިކްޓިމުންނަށްވާ މީހުންނަށް, އެމީހުންގެ މައްސަލައިގެ މަޢުލޫމާތު އޮންލައިންކޮށް ބަލާލެވޭގޮތަށް ތަޢާރަފުކޮށްފައިވާ ވިކްޓިމް ޕޯޓަލްގެ މަޢުލޫމާތުވެސް ޙިއްޞާކުރެއްވިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު ވަނީ ހާމަކަމާއި ދެފުއްފެންނަ ގޮތަށް, ޢާންމުންނަށް ފަސޭހަކަމާއެކު މަޢުލޫމާތު ހޯދޭނެ ނިޒާމަކުން ޕްރޮސިކިއުޝަންގެ މަސައްކަތް ބައްޓަންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ލަންޑަންގައި ކުރިއަށްގެންދިޔަ "އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސް" ގެ އަހަރީ ކޮންފަރެންސާއި, ޢާންމު ބައްދަލުވުމުގެ މި އަހަރުގެ މަޢުޟޫއަކީ ކުށްކުރުމުގެ އާދަތަކަށް އަންނަ ބަދަލުތަކާއި އެކަމަށް ހުރި ޙައްލުތަކެވެ. ކުށްކުރުމުގެ އާދަތައް ބަދަލުކުރުމުގައި ހާމަކަންބޮޑު ސިޔާސަތެއް ގެންގުޅުމުގެ މުހިންމުކަމުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާހަކަފުޅުގައި އައި އަޅުއްވާލެއްވިއެވެ.
މި ބައްދަލުވުމުގެ ހަވާސާގައި އެހެންޤައުމުތަކުގެ ޕްރޮސިކިއުޝަންގެ ވެރިންނާއެކު ކުރިއަށްގެންދިޔަ ބައްދަލުވުންތަކުގައި އެ ޤައުމުތަކުންވަނީ މި އޮފީހުން އަލަށް ތަޢާރަފުކުރި ޕްލެޓްފޯމްތަކަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި އެފަދަ މަސައްކަތްތަކުގައި މި އޮފީހުގެ ފަންނީ އެހީތެރިކަން ދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.
މި މަހާސިންތާގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމުގެ އަރިހުގައި ޕަބްލިކް ޕްރޮސިކިއުޓަރ ފާތިމަތު މީޝާއާއި, ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ ފާޠިމަތު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.
-
27 ސެޕްޓެންބަރު 2023
ޕީޖީ އޮފީހުގެ ނިއުސްލެޓަރ، "ޢުންޞުރު" ގެ 4 ވަނަ ޢަދަދު ނެރުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތަކާބެހޭ މަޢުލޫމާތުތައް، މީޑިއާއަށާއި ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ކޮންމެ ހަތަރު މަހަކުން އެއްފަހަރު ނެރޭ ނިއުސްލެޓަރ "ޢުންޞުރު" ގެ 4 ވަނަ ޢަދަދު މިހަފްތާގައި ނެރެފީމެވެ. މިޢަދަދުގައި، ތަފާތު އެކި ކަންކަމާގުޅޭ ލިޔުންތައް ހިމެނޭނެއެވެ. އޭގެ ތެރޭގައި، އިންތިޚާބުތަކުގައި ވޯޓުދިނުމާބެހޭ ޝަރްޢީ ރައުޔާއި، ހައްޔަރުކުރުމާއި ބަންދުކުރުމުގެ ކަންކަން ހިނގާ ގޮތާއި، ޕީޖީ އޮފީހުގެ މީޑިއާ ވެބްސައިޓުގައި ހުރި ބައިތަކާބެހޭ މަޢުލޫމާތާއި، ދިވެހިރާއްޖެއަށް ސިއްރުން ރަން އެތެރެކުރާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި ހޯދިފައިވާ ކާމިޔާބީތައް ހިމެނޭ ލިޔުންތައް ހުންނާނެއެވެ.
މީގެ އިތުރުން، ޕީޖީ އޮފީހުގެ މަޝްހޫރު ފުޓްސަލް އަދި ބަހުސްޓީމުގެ ކާމިޔާބީތަކާބެހޭ ވާހަކަވެސް އޮންނާނެއެވެ.
މިއޮފީހުގެ އަމާޒަކީ، މިއޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، އާދަޔާ ޚިލާފަށް މޮޅަށް، ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމެވެ. އެކަން ކުރާ ގޮތް، ޢާންމުންނަށް ސާފުވާނޭހެން ކިޔައިދިނުމެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގެ އިތުބާރު އާލާކޮށް ދެމެހެއްޓޭނެ މިމަގަށް މަސައްކަތް ކޮށްގެންނެވެ.
-
24 ސެޕްޓެންބަރު 2023
ޢަބްދުﷲ ޢަލީ މަނިކު ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށް ސާބިތުވުން
6 މެއިގެ ހާދިސާގެ ވަށައިގެން ހިންގި ތަޙްޤީޤާ ގުޅިގެން، ޢަބްދުﷲ ޢަލިމަނިކާއި މުޙައްމަދު ތަސްލީމްގެ މައްޗަށް ދައުލަތުން ކުރި 'ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާގެ މައްސަލައިގައި މިއަދު ޙުކުމް ކުރައްވައިފިއެވެ.
ޢަބްދުﷲ ޢަލިމަނިކްގެ މައްޗަށް ކުރި ދައުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރެއްވިއެވެ. މިގޮތަށް ޙުކުމް ކުރުމާއެކު، މިމައްސަލއިގައި މީނާ އެންމެ ފުރަތަމަ ހައްޔަރުކުރި ދުވަހުން ފެށިގެން މިހާތަނަށްވެސް ހުރީ ބަންދުގައި ކަމަށްވާތީ، އެމުއްދަތު ޙުކުމުން އުނިކުރުމުން ބާކީ ތަންފީޒުކުރަންޖެހޭ ޙުކުަކީ 2 އަހަރާއި 9 މަހާއި 29 ދުވަހެވެ. ހުކުމް ތަންފީޛުގެ ބާކީ މުއްދަތު (2 އަހަރާއި 9 މަހާއި 29 ދުވަސް)
މުޙައްމަދު ތަސްލީމްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާކަމަށް ކަނޑައެޅުއްވިއެވެ. އެއީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 27-1 ވަނަ މާއްދާގައި ހެކީގެ ނިސްބަތަކީ މި ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ހަތަރު ބާވަތެއްގެ ހެކި ހުރުންކަމާއި، މިމައްސަލައިގައި މުޙައްމަދު ތަސްލީމްގެ މައްޗަށް މިމިންވަރަށް ހެކި ލިބިފައި ނެތްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެއްވިގެންނެވެ.
މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން، މުޙައްމަދު ތަސްލީމްގެ ބައި ހައިކޯޓުގައި އިސްތިއުނާފުކުރުމާމެދު ގޮތެއް ނިންމާނަމެވެ.
-
21 ސެޕްޓެންބަރު 2023
މި އޮފީހުގެ އޮންލައިން ޚިދުމަތްތައް ކޯޓުތަކަށް ތަޢާރަފްކުރުން
މި އޮފީހުން ތަޢާރަފްކޮށްފައިވާ އޮންލައިން ޚިދުމަތްތައް ކޯޓުތަކަށް ތަޢާރަފްކޮށް އެރުވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ހިންގަމުންގެންދާ ޕްރޮގްރާމް ކ. މާފުށީގައި ކުރިއަށްގެންގޮސްފީމެވެ. މީގެ ކުރިން މި ޕްރޮގްރާމް ޑްރަގް ކޯޓަށްވެސް ކުރިއަށްގެންގޮސްފައިވާނެއެވެ. އަދި ކުރިއަށްއޮތް ތަނުގައި މާލޭގައި ޤާއިމުވެފައިހުރި ކޯޓުތަކާއި, މެޖިސްޓްރޭޓް ކޯޓުތަކަށް މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވެއެވެ.
މި އޮފީހުން ތަޢާރަފްކުރި އޮންލައިން ޚިދުމަތްތަކުގެ މަޤްޞަދަކީ މި އޮފީހާއި މުއައްސަސާތަކާ ދެމެދު ސިޓީ ބިޓީ ބަދަލުކުރުމުގެ ބަދަލުގައި މިހާރަށްވުރެ މާ އަވަސް އަދި ފަސޭހަ އިންތިޒާމެއްގެ ދަށުން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
އެގޮތުން މުއައްސަސާތަކަށް އަދި ޢާންމުންނަށް މި އޮފީހުގެ އޮންލައިން ޚިދުމަތްތައް މިހާރު ހޯއްދެވޭނެއެވެ.
އޮންލައިން ޚިދުމަތްތައް ހޯއްދެވުމަށް:
online.pgo.mv