-
13 އެޕްރީލް 2026
އަޙްމަދު މޫސާ މުޙައްމަދުގެ މައްސަލަ އިސްތިއުނާފު ކުރުމާއި، ޕާސްޕޯޓް ހިފެހެއްޓުން
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޚިޔާނާތްތެރިވުމުގެ ކުށުގެ 42 (ސާޅީސް ދޭއް) ދަޢުވާ ސާބިތުނުވާކަމަށް 9 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް، 11 އެޕްރީލް 2026 ދުވަހު ދިވެހިރާއްޖޭހެ ހައިކޯޓަށް ހުށަހަޅައިފީމެވެ.
މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ މި މައްސަލައިގެ ހެކި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައިވަނީ އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މި ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ.
މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، 13 އެޕްރީލް 2026 ދުވަހު އަޙްމަދު މުސާ މުޙައްމަދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވެއެވެ.
-
09 އެޕްރީލް 2026
ސީލައިފް ޚިޔާނާތާ ގުޅިގެން އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ޤަޞްދުކުރުން
ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުން، ހައުސިންގ ޔުނިޓުތައް އެޅުމަށް ދީފައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޚިޔާނާތްތެރިވުމުގެ ކުށުގެ 42 (ސާޅީސް ދޭއް) ދަޢުވާ 30 މޭ 2021 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.
މި މައްސަލައިގެ ޝަރީޢަތް ހިންގުމަށްފަހު، ދަޢުވާތައް ސާބިތުނުވާކަމަށް މިއަދު، 9 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.
ދަޢުވާތައް ސާބިތުނުވާކަމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ، މި ދަޢުވާތަކަކީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއްކަމަށާއި، އަޙްމަދު މޫސާ މުޙައްމަދުގެ މި ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަތުމެވެ.
މި މައްސަލާގައި އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާ ދަޢުވާތަކެއްކަމަށް މި އޮފީހުން ދެކެމެވެ. މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ދަޢުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމާ ނުލައި އަދި ޤާނޫނުގައި ޚިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ދެކެމެވެ.
އެހެންކަމުން، މި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ޤަޞްދުކުރަމެވެ.

17 މާރިޗު 2026
ނަޢީމާ މުސާ މަރާލި މައްސަލާގައި ދަޢުވާލިބޭ ޙަސަން ފަވާޛްގެ ބަންދާ ގުޅޭ
6 އެޕްރީލް 2023 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނ. މަނަދޫ، އަންނާރުމާގޭގައި، އެގޭ ނަޢީމާ މޫސާ މަރާލި މައްސަލާގައި، ނ. މަނަދޫ، ވިނަރެސް، ޙަސަން ފަވާޛްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ 30 ނޮވެންބަރު 2023 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.
ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާއިން ފެށިގެން ޙަސަން ފަވާޛް ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައެވެ.
ޙަސަން ފަވާޛްގެ ޞިއްޙީ ޙާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 9 މާރިޗު 2026 ދުވަހު މި އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.
ޙަސަން ފަވާޛްގެ ބަލި ޙާލަތާ ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާއި، ބަލީގެ ޙައްސާސްކަމަށް ރިޢާޔަތްކޮށް، ޙަސަން ފަވާޛަށް ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށް އަޅާ ޚާއްޞަ ފިޔަވަޅެއްގެ ގޮތުން، އަންނަނިވި ޝަރުޠުތަކާއެކު އޭނާ ބަންދަށް ލުއިދިނުމަށް މި އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައިވާނެއެވެ.
1. ބަންދުން ދޫކޮށްލާފައި ހުންނައިރު ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުން.
2. ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުން.
3. ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން.
4. ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ޙާލަތް ފިޔަވައި އެނޫން ހުރިހާ ޙާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން.
5. މާލެއިން ބޭރަށް ނުދިއުން.
6. މައްސަލާގައި ހެކިބަސްދޭނެކަމަށް ޤަބޫލުކުރެވޭ އެއްވެސް މީހަކާ މުޢާމަލާތު ނުކުރުމާއި، ބައްދަލު ނުކުރުމާއި، ހެކިންނަށް ނުފޫޒު ނުފޯރުވުން.
7. ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު މި އޮފީހަށާއި، ކްރިމިނަލް ކޯޓާ ޙިއްޞާކުރަމުންދިއުން.
އިސްވެ ދެންނެވުނު ޝަރުޠުތަކަށް ޙަސަން ފަވާޛް އެއްބަސްވެފައިވާތީއާއި، އޭނާގެ ބަލި ޙާލަތަށް ރިޢާޔަތްކޮށް، މި އޮފީހުން އެދިފައިވާގޮތަށް ގޮތަށް ޙަސަން ފަވާޛް ޝަރުޠުކޮށްފައި ބަންދުންދޫކޮށްލުމަށް 17 މާރިޗު 2026 ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.
ޙަސަން ފަވާޛްގެ މައްޗަށް ކޯޓުން ކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކުރަމުން ގެންދާނެއެވެ. އަދި ޙަސަން ފަވާޛްގެ މައްޗަށް ކޮށްފައިވާ ޝަރުޠަކާ ޚިލާފުވެއްޖެނަމަ، އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް މި އޮފީހުން ކޯޓުގައި އެދޭނަމެވެ.