ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2021/R-105) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގައި، ދަޢުވާ ނުކުރެވޭނެކަމަށް މި އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް، އެ ނިންމުން ނިންމާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރު ތެރޭގައި ނައްތާލެވިދާނެ ޙާލަތްތަކެއް އަދި އިޖުރާއަތްތަކެއް ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، މި އޮފީހުން ޖިނާއީ ދަޢުވާ ނުކުރެވޭނެކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިއުންތަކުގެ އަސްލު، ޖިނާއީ އެހެން ދަޢުވާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ޙާލަތްތަކެއް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެކަންކަމަށް ރިޢާޔަތްކޮށް، ދަޢުވާ ނުކުރެވޭނެކަމަށް މި އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް ރައްކާތެރިކުރުމާއި، ނައްތާލުމާ ގުޅޭ އިރުޝާދެއް ތަޙުޤީޤީ އިދާރާތަކަށް ފޮނުވުމަށްޓަކައި މި އޮފީހުން މިގެންދަނީ އެކުލަވާލަމުންނެވެ.
އެ އިރުޝާދު އެކުލަވާލައި ދިވެހި ފުލުހުންގެ ޚިދުމަތާ ޙިއްޞާކުރެވެންދެން، މި އޮފީހުގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މިއަދު ވާނީ ދަންނަވާފައެވެ.