ކަސްޓަމްސްގެ ބެލުމުގެދަށުގައި ހުރި ސިނގިރޭޓް ކޮންޓެއިނަރ ވަގަށްނެގި މައްސަލަ

ޑައުންލޯޑް

26 އެޕްރީލް 2025 ދުވަހު ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި ވަގަށްނަގާފައިވާ މައްސަލާގައި 11 (އެގާރަ) މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އެދި 3 ޑިސެންބަރު 2025 ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން މި އޮފީހަށް ހުށަހަޅާފައިވެއެވެ.

މި މައްސަލާގައި ދަޢުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މި އޮފީހުން މި ގެންދަނީ ކުރަމުންނެވެ. އަދި ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅާނަމެވެ. 

ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ ޢަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި، އެމީހުންގެ މައްޗަށް ކުރެވެންހުރި ދަޢުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް ރިޢާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު މި އޮފީހުން މިއަދު ވާނީ މުރާޖަޢާކޮށްފައެވެ.

އެގޮތުން މި ކުށުގެ ޢަމަލު ރޭވިކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް އަދި ކޮންޓެއިނަރ ވަގަށްނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ޙަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މި އޮފީހުން އެދުނުގޮތަށް އެ މީހުންގެ ބަންދާމެދު ކޯޓުން ގޮތް ނިންމަވާފައިވެއެވެ. 

ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީއެވެ. އަދި ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީއެވެ. 

ކ. މާލެ، ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފަކީ މި މައްސަލަ މި އޮފީހަށް ހުށަހެޅުނުއިރު ބަންދުގައި ހުރި މީހަކަށް ނުވާތީ، އޭނާގެ ބަންދު މުރާޖަޢާކުރަންޖެހޭ ޙާލަތެއް ނެތެވެ. 

އެހެންކަމުން، މި މައްސަލާގައި މިހާރު ބަންދުގައި ތިބީ ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންއާއި، ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދާއި، ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާ، ހ. ނިއުހެޕިނަސް، މުޢާޛު ޢަލީއެވެ. އެ މީހުންގެ ބަންދު މުރާޖަޢާކުރުމަށްފަހު، މިވަގުތު ބަންދަށް ބަދަލެއް ގެންނަންޖެހޭ ޙާލަތެއް ނެތްކަމަށް ނިންމާފައިވާނެއެވެ. ސަބަބަކީ، އެމީހުންނަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި، އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެތިބެ މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީއެވެ.  

މި މައްސަލާގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު ބަންދުގައި ތިބި މީހުންގެ ބަންދާމެދު ތަފާތު ގޮތަކަށް ނިންމަންޖެހޭކަމަށްވާނަމަ އެ މީހުންގެ ބަންދު މި އޮފީހުން މުރާޖަޢާކުރާނަމެވެ.