އައްޑޫސިޓީގައި ހަރަކާތްތެރިވާ "ސްކޫޕު" ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް (ގޭންގް) އެއް ކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި ހައިކޯޓަށް ހުށަހެޅުން

ޑައުންލޯޑް

އައްޑޫސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ޤާނޫނު ނަންބަރު: 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ކޯޓަށް ހުށަހެޅުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުން މި އޮފީހަށް ހުށަހަޅާފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހުށަހެޅި ހުށަހެޅުމާއި، ހެކިތައް މި އޮފީހުން ދިރާސާކޮށް ބެލިއިރު "ސްކޫޕު" ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" އެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ، އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއްކަމަށް މި އޮފީހަށް ފެނެއެވެ.

އެހެންކަމުން، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އޮފީހުން މިއަދު ވާނީ "ސްކޫޕު"، "ސްކޫޕު ކަންމަތި" ނުވަތަ  "SKP” ގުރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަވާ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް (ގޭންގެއް) ކަމަށް ކަނޑައަޅުއްވައިދެއްވައި، އެ ގްރޫޕަށް ނިސްބަތްވާ މީހުންކަމަށް ފާހަގަވެފައިވާ 9 މީހަކު އެ ގްރޫޕްގެ މެންބަރުންކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައެވެ.

މި ހުށަހެޅުމާއެކު މި އޮފީހުން ވާނީ އެ ގްރޫޕަށް ނިސްބަތްވާކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި،"ސްކޫޕު"، "ސްކޫޕު ކަންމަތި" އަދި "SKP" ލިޔެފައިވާ ފާރުތަކާއި، އެންމެހައި ތަންތަނުން އެނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދެއްވުމަށް ކޯޓުގައި އެދިފައެވެ.

މިއީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ދިވެހި ފުލުހުންގެ ޚިދުމަތުން މި އޮފީހަށް ހުށަހެޅި މިފަދަ ދެވަނަ ހުށަހެޅުމެވެ. ކުރީގެ ހުށަހެޅުން މި އޮފީހުން ދިރާސާކޮށް ބެލިއިރު،  ގޭންގެއްކަމަށް ކަނޑައެޅުމަށްޓަކައި ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަމަށް ސާބިތުކުރުމަށް ބޭނުންވާވަރަށް ތަޙުޤީޤު ފުރިހަމަވެފައި ނުވާތީ އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ހުށަހެޅުން ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާފައިވާނެއެވެ. އެހެންކަމުން، މިއީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް (ގޭންގް)" އެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ ހުށަހެޅުމެވެ. މިކަމާ ގުޅިގެން ކޯޓުން ގޮތެއް ކަނޑައެޅުއްވުމުން ޤާނޫނުގެ ދަށުން އެ ގްރޫޕާއި، ގްރޫޕްގެ މެންބަރުންނާމެދު އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރަމުން ގެންދާނަމެވެ.

ޤާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" މާނަކޮށްދީފައިވަނީ ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށްވުރެ ގިނަ ކުށް ކުރުމަށް، ނުވަތަ އެނޫންވެސް ޖިނާއީ ކުށް ކޮށްގެން ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް މާލީ ނުވަތަ އެނޫންވެސް މާއްދީ މަންފާއެއް ހޯދުމަށް، ގުޅިގެން މަސައްކަތްކުރާ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމުވެފައިވާ ގްރޫޕަކަށެވެ. މި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅެނީ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު "އެކްޓިވް" ގްރޫޕްތަކާ މެދުގައެވެ.

ދިވެހިރާއްޖޭގައި އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މިގެންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައިވެސް ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ކުށްކުރާ ގްރޫޕްތަކާމެދު ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ފިޔަވަޅު އަޅަމުން ގެންދާނަމެވެ.