ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ތަޙްޤީޤުކޮށް ދަޢުވާކުރުމާ ގުޅޭ

ޑައުންލޯޑް

ފެނަކައިގެ ޚިޔާނާތުގެ މައްސަލަތަކަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޚާއްޞަ ސަމާލުކަމެއްދީގެން، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަންގައި ދަންނަވާފައިވާ މައްސަލަތަކެކެވެ. އެގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައްދުވާ ގޮތަށް ނެރެފައިވާ، މި އޮފީހުގެ ނަންބަރު: 1/2025 (26 ޖަނަވަރީ 2025) އަމުރާ އެކު، އިރުޝާދެއް ތައްޔާރުކޮށް، އެ އިރުޝާދުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި މި މައްސަލަތަކުގެ ތަޙްޤީޤު ފުރިހަމަކޮށް، ހުށަހެޅުމަށްވާނީ ދަންނަވާފައެވެ.

ހަމަ މިފަދައިން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގައި، ވަކި ބައެއްގެ މައްޗަށް ދަޢުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާޠިލްކޮށް، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށް، މި އޮފީހަށް ހުށަހެޅުމަށްވެސް 19 ޖަނަވަރީ 2025 ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަންގައި ދަންނަވާފައި ވާނެއެވެ. އަދި ދެންނެވުނު އެއްބަސްވުންތައް ރައްދުވާ މީހުންގެ މައްސަލަތަކުގެ ތަޙްޤީޤު ކުރިޔަށް ގޮސްފައިވާ ހިސާބު މިއޮފީހާ މަޝްވަރާކުރުމަށް 08 އޮކްޓޫބަރު 2025 ދުވަހުގެ ކުރިން ހުށަހެޅުމަށް މިއަދުވާނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައެވެ. އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އިސްވެ ދެންނެވުނު މައްސަލަތަކުގައި މިއޮފީހުގެ އެހީތެރިކަން 7/24 އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް ލިބޭނޭ ގޮތަށް ކަންކަން މަގުފަހިކުރުމުގެ ބޭނުމުގައި، ޕްރޮސިކިއުޝަން ޓީމްތަކެއްވަނީ އެކުލަވާލާފައެވެ. އަދި މި މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން، މި މައްސަލަތަކުން ނުޙައްޤު މަންފާ ލިބިފައިވާ އާންމު މީހުންގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ފުޅާ ތަޙްޤީޤެއް ކުރިޔަށް ގެންދިޔުމަށް ދަންނަވާފައިވާނެއެވެ. މީގެ އިތުރުން، މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ މަސައްކަތް މިދަނީ ކުރެވެމުންނެވެ.

ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގެ މަސައްކަތް، އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމަށް މިއޮފީހާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކުރަމެވެ.