ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ގ. ލިޓޯނިޔާ، މުޙައްމަދު ޝަމްއާން ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި، ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި 6 އެޕްރީލް 2025 އިން ފެށިގެން އޭނާ ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ.
މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ތެރެއިން އިމިގްރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ބިދޭސީން ހިމެނޭގޮތުން މައިގަނޑު ހެކިންގެ ހެކިބަސް މިއަދާ ހަމައަށް ވަނީ ނަގައި ނިމިފައެވެ. އެހެންކަމުން، މުޙައްމަދު ޝަމްޢާން ވަޙީދު ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އެކަށީގެންވާ މިންވަރަކަށް ކުޑަކުރެވިދާނެކަމަށް މި އޮފީހަށް ފެންނާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޙައްމަދު ޝަމްޢާން ވަޙީދު ޝަރުތުކޮށްފައި ބަންދުން ދޫކޮށްދެއްވުމަށް މިއަދު ކްރިމިނަލް ކޯޓުގައި އެދިފައިވާނެއެވެ.
އަދި ބަންދުން ދޫކޮށްލާއިރު، މުޙައްމަދު ޝަމްޢާން ވަޙީދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރެއް ނެރެދެއްވުމަށް ކޯޓުގައި އެދިފައިވާނެއެވެ.
ކްރިމިނަލް ކޯޓުން ވަނީ މި އޮފީހުން އެދުނު ގޮތަށް، މުޙައްމަދު ޝަމްޢާން ވަޙީދު ޝަރުތުކޮށް ބަންދުން ދޫކޮށްލުމާއެކު، އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ނެރުއްވާފައެވެ.