ކޮވިޑް ޕީ.ސީ.އާރ ޚިދުމަތް ދިން އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި، ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އެ ކުންފުނިތަކުގެ މަސްޢޫލުވެރިންގެ މައްޗަށް ދަޢުވާކުރުން

ޑައުންލޯޑް

އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާދާރުން ކަމަށްވާ ހ. އޯކިޑް، ޑރ. އިކްލީލް ޝަރީފްއާއި، މ. ގައްދަޑުގެ، ޑރ. ޢަލީ ޢަބްދުﷲ ލަޠީފާއި، މި ދެމީހުންގެ މަޞްލަޙަތު އޮންނަ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޓެކްސް ބަޔާންތައް ހުށަހެޅުމުގައި އޮޅުވާލައި، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ތަޙުޤީޤުކޮށް މި އޮފީހަށަ ހުށަހަޅާފައިވެއެވެ. އެ މައްސަލަ މި އޮފީހުން ދިރާސާކުރުމަށްފަހު ތުހުމަތުކުރެވޭ ކުންފުނިތަކާއި މީހުންގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 20 ޖަނަވަރީ 2026 ދުވަހު ކްރިމިނަލް ކޯޓަށް ވާނީ ހުށަހަޅާފައެވެ. 

އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް:

1. ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 3 ދަޢުވާ.

2. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 533 ވަނަ މާއްދާގެ ދަށުން، ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން.

ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް:

1. ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 2 ދަޢުވާ.

ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ މައްޗަށް:

1. ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 3 ދަޢުވާ.

ޑރ. އިކްލީލް ޝަރީފްއާއި، އދ. މާމިގިލި، ބޯވެލި، ޢަލީ ފަޔާޟްގެ މައްޗަށް:

1. ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 5 ދަޢުވާ.

ކުންފުނިތަކުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކާ ގުޅޭ:

މި މައްސަލާގައި ދަޢުވާލިބޭ ކުންފުނިތަކުން މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައިވާ ޢަދަދުތަކާއި، ކުންފުނިތަކުގެ އަސްލު ޢާމްދަނީއަށް ބަލައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ހިސާބުކޮށްފައިވާ ޢަދަދުތަކަށް ބަލާއިރު، މި ދެ ކުންފުނިން -/20،200،401ރ (ވިހި މިލިއަން ދެ ލައްކަ ހަތަރު ސަތޭކަ އެއް ރުފިޔާ) ގެ ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވެފައިވެއެވެ. މި މައްސަލާގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ކުންފުނިތަކުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ސާބިތުވާ ޙާލަތުގައި، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 93 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޓެކްސް ދެއްކުމުން އެއްކިބާވި ޢަދަދުގެ ދެ ގުނައަށްވާ -/40،400،802ރ (ސާޅީސް މިލިއަން ހަތަރު ލައްކަ އަށް ސަތޭކަ ދޭއް) ރުފިޔާއިން ކުންފުނިތައް ޖޫރިމަނާކުރުމުގެ އަދަބު ކަނޑައަޅުއްވައިދެއްވުމަށް ކޯޓުގައި އެދުމަށް މި އޮފީހުން ޤަޞްދުކުރަމެވެ.

ވަކިވަކި މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކާ ގުޅޭ:

މި މައްސަލާގައި ވަކިވަކި މީހުންގެ މައްޗަށް ދަޢުވާކޮށްފައިވާނީ ދަޢުވާލިބޭ ކުންފުނިތަކުގައި އެ މީހުން އަދާކުރާ ދަޢުރަށް ބަލައެވެ. އެގޮތުން ޑރ. އިކްލީލް ޝަރީފަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި، ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެޖޯރިޓީ ޙިއްޞާދާރެވެ. އަދި ޑރ. ޢަލީ ޢަބްދުﷲ ލަޠީފްއަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ 50 އިންސައްތަ ޙިއްޞާ އޮންނަ، ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރާ މީހެކެވެ. ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީވެސް ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ މަޞްލަޙަތު އޮންނަ ކުންފުންޏެއްކަމާއި، ކޮވިޑް ދުވަސްވަރު މި ކުންފުނިތަކަށް ހިންގުމުގައި ޑރ. ޢަލީ ޢަބްދުﷲ ލަޠީފް އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ތަޙުޤީޤަށް ހޯދިފައިވެއެވެ. އދ. މާމިގިލި، ބޯވެލި، ޢަލީ ފަޔާޟްއަކީ މި ދެ ކުންފުނީގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތެވެ. ދަޢުވާލިބޭ ވަކިވަކި މީހުންގެ މައްޗަށް ކުށް ސާބިތުވާ ޙާލަތުގައި ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް ކޯޓުގައި އެދެން މި އޮފީހުން ޤަޞްދުކުރަމެވެ.

މި ދަޢުވާތަކަކީ 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ކުންފުނިތަކުން ހުށަހެޅި ޓެކްސް ބަޔާންތަކުގައި ދޮގު މަޢުލޫމާތު ހިމަނައި އޮޅުވާލާފައިވާތީ ކޮށްފައިވާ ދަޢުވާތަކެކެވެ.