• 17 މޭ 2023

    ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައި ލެވަލް ކޮންފަރެންސް ބޭއްވުން

    ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ އިސްވެރިންގެ ހިމެނޭ ގޮތަށް "ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައި ލެވަލް ކޮންފަރެންސް" ބާއްވައިފިއެވެ.

    މިއީ މި އޮފީހާއި ޔުނިސެފް ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ "ކްރިމިނަލް ޖަސްޓިސް ޑޭޓާ މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ބޭއްވި ކޮންފަރެންސްއެކެވެ.

    މި ކޮންފަރެންސްގެ މަޤްޞަދަކީ ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި ޑޭޓާ ބަދަލުކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އެއްގޮތް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް, މި ނިޒާމުގައި ހިމެނޭ މުއައްސަސާތަކުން ނިންމާ ނިންމުންތަކަކީ ތަފާސްހިސާބާއި މަޢުލޫމާތުގެ އަލީގައި ނިންމާ, އެއްގޮތް ނިންމުންތަކެއްކަމަށް ހެދުމެވެ.

    މި ކޮންފަރެންސްގައި ބައިވެރިވި މުއައްސަސާތައް:

    1.      ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

    2.      ދިވެހި ފުލުހުންގެ ޚިދުމަތް

    3.      މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

    4.      އެޓާރނީ ޖެނެރަލްގެ އޮފީސް

    5.      ހިއުމަން ރައިޓްސް ކޮމިޝަން

    6.      އެންޓި-ކޮރަޕްޝަން ކޮމިޝަން

    7.      ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން

    8.      ޗިލްޑްރަންސް އޮމްބޮޑްސްޕާރސަންގެ އޮފީސް

    9.      ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

    10.  ޖުޑީޝަލް ސަރވިސް ކޮމިޝަން

    11.  މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

    12.  މޯލްޑިވްސް ކަސްޓަމްސް ސަރވިސް

    13.  ޔުނިސެފް

    14.  އޮސްޓްރޭލިއާ ހައިކޮމިޝަން

    ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވި އެއް ދުވަހުގެ މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ 17 މޭ 2023 ދުވަހު ހޮޓެލް ޖެންގައެވެ.

    "އެވިޑެންސް ބޭސްޑް މެނޭޖްމަންޓް އެންޑް ޑިސިޝަން މޭކިން އިން ކްރިމިނަލް ޖަސްޓިސް ސެކްޓަރ" ގެ ނަމުގައި، މި އޮފީހުން އޮސްޓްރޭލިޔާ ސަރުކާރުގެ އެހީގައި، ޔުނިސެފާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަންނީ އެހީތެރިކަމާއެކު ހިންގާ ޑޭޓާ މެނޭޖްމަންޓް ޕްރޮޖެކްޓުގައި ހިމެނެނީ މުހިންމު ތިން ބައެކެވެ.

    1.      ޑޭޓާ ޕްލޭނެއް ހެދުމާއި، ޑޭޓާ ބޭނުންކޮށްގެން، ސިޔާސަތު ބައްޓަންކުރާނެ ގޮތާބެހޭ ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ހިންގުން.

    2.      ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތައް ހިމެނޭ އިންޓަގްރޭޓެޑް ޑޭޓާބޭސްއެއް އުފެއްދުން.

    3.      ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުން ކުރާ މަސައްކަތްތައް ޢާންމުންނަށް ފެންނާނެ ޕަބްލިކް ސްޓެޓިސްޓިކްސް ޕޯޓަލެއް ހެދުން.

    މި މަސައްކަތްތަކުގެ ތެރެއިން ޑޭޓާ ޕްލޭނެއް ހެދުމާއި، ޑޭޓާ ބޭނުންކޮށްގެން، ސިޔާސަތު ބައްޓަންކުރާނެ ގޮތާބެހޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމް 20 ފެބްރުވަރީ 2023 އިން ފެށިގެން 23 ފެބްރުވަރީ 2023 ގެ ނިޔަލަށް ކުރިއަށްގެންގޮސްފައެވެ.

    މި ކޮންފަރެންސްގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތަކުގެ މެދުގައި ޑޭޓާ ޙިއްސާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "ކްރިމިނަލް ޖަސްޓިސް ޑޭޓާބޭސް" ލޯންޗްކޮށްފައިވެއެވެ. މި ޑޭޓާބޭސް ލޯންޗްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމެވެ.

    މި ކޮންފަރެންސްގައި, މިއަދު މި އިފްތިތާހު ކުރި "ކްރިމިނަލް ޖަސްޓިސް ޑޭޓާބޭސް" ގެ ތެރެއިން މި އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު މައުލޫމާތާއި ތަފާސްހިސާބު ބަދަލުކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ.


  • 14 މޭ 2023

    ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނެގުމުގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް 07 މޭ 2023 ދުވަހު ހުށަހަޅައިފީމެވެ.

    މީގެ ތެރޭގައި ހިމެނެނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ލޯންޑަރކުރިކަމަށް ސާބިތުވެފައިވާ 1 މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއާ އެއްކޮށްފައިވާ 2،413،230 (ދެމިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާ އެވެ.

    ފަސްފަހަތް:

    މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު އިސްވެ ދެންނެވުނު ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރެއް ނެރެދެއްވުމަށް އެދިފައިވާނެއެވެ. ނަމަވެސް މައްސަލަ ސާބިތުވާކަމަށް ނިންމަވައި ޙުކުމްކުރެއްވިއިރު މި ފައިސާއާމެދު ކްރިމިނަލް ކޯޓުން ވަކި ގޮތެއް ނިންމަވާފައިނުވެއެވެ. އެހެންކަމުން އެކަން ސިޓީއަކުން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނެސް، ދެން ކުރިއަށްދާންވީގޮތް ސާފުކޮށްދެއްވުމަށް އެދުމުން، "ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުން" ގެ އަމުރެއް އެކޯޓުން ނެރުއްވާފައިވެއެވެ. އަދި އިސްވެ ދެންނެވި އަމުރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފުކުރުމުން އެ އަމުރު ބާޠިލުކަމަށް ކަނޑައަޅުއްވާފައިވެއެވެ.

    މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާނީ ހައިކޯޓުގެ އިސްވެ ދެންނެވުނު ޤަޟިއްޔާއިން އިސްވެ ދެންނެވުނު ކޯޓު އަމުރު ބާޠިލުކުރެއްވުމާ ގުޅިގެންނެވެ.


  • 08 މޭ 2023

    ފުވައްމުލައް ސިޓީގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަލަތައް މި އޮފީހުގެ ފުވައްމުލައް ގޮފިން ބަލައިގަންނަން ފަށައިފީމެވެ.

    މީގެ ކުރިން ފުވައްމުލަކުގައި ތަޙުޤީޤުކުރާ ޖިނާއީ މައްސަލަތައް ބަލައިގަންނަމުން ދިޔައީ މި އޮފީހުގެ އައްޑޫ ގޮފިންނެވެ. ފުވައްމުލަކަށް ސިޓީއަކަށް ބަދަލުވުމާއެކު މި އޮފީހުގެ އަމާޒަކަށްވީ ފުވައްމުލަކުގައި ޤާއިމުވެތިބި ތަޙުޤީޤީ އިދާރާތަކާ ގާތުން މަސައްކަތް ކުރުމެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން މި އޮފީހުގެ ޕްރޮސިކިއުޓަރަކު ފުވައްމުލަކުގައި ދަނީ މަސައްކަތްކުރަމުންނެވެ. މިހާރު އިދާރީ މުވައްޒަފުންނާއެކު މައްސަލަ ބަލައިގަތުމުގެ އިންތިޒާމުވެސް ވާނީ ހަމަޖައްސާފައެވެ.

    މީގެ ސަބަބުން ފުވައްމުލަކުގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަަލަތައް އިތުރަށް އަވަސްވެގެންދާނެއެވެ.

    އަމާޒަކީ މި އޮފީހުގެ ފުވައްމުލަކު ގޮފިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ތަޙުޤީޤީ އިދާރާތަކަށް ފޯރުކޮށްދިނުމެވެ. އަދި ފުވައްމުލަކުގައި އަމަން އަމާންކަން ޤާއިމުކުރުމަށް ފުލުހުންނާއި ސިޓީކައުންސިލް އަދި މުއައްސަސާތަކުން ކުރައްވާ މަސައްކަތަށް ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.


  • 26 އެޕްރީލް 2023

     

    މއ. ހަނީސަކްލް-1، ޙުސައިން ޝިފާޢު، އިތުރު މީހަކާ ބައިވެރިވެގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއިޙީލަތް ހަދާފައިވާ މައްސަލައިގައި މއ. ހަނީސަކްލް-1، ޙުސައިން ޝިފާޢުގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 26 އެޕްރީލް 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 09 (ނުވައެއް) ދަޢުވާ.

    2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ދަށުން، މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ 07 (ހަތެއް) ދަޢުވާ.

    3. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ 07 (ހަތެއް) ދަޢުވާ.

    އެކު ޖުމްލަ 23 (ތޭވީސް) ދަޢުވާ.

    މި ދަޢުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

    މީނާ މި ކުށުގެ ޢަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން މީނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ. 

     

    މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 (އެއްލައްކަ ތޭވީސްހާސް އައްސަތޭކަ އައްޑިހަ ހަތަރެއް ޕޮއިންޓް ފަހެއް ހަތަރެއް) އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1،909،682 (އެއް މިލިއަން ނުވަލައްކަ ނުވަހާސް ހަސަތޭކަ އައްޑިހަ ދޭއް) އެވެ.

    މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ހުށަހަޅާފައިވާނެއެވެ.

     


  • 17 އެޕްރީލް 2023

    ދިޔަރެސް ނޫހުގައި، "ނުފޫޒު ނެތްނަމަ ޔާމީން މިނިވަންވާނެކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކަދެއްކެވި" ކަމަށް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވި ވާހަކައަކީ ކަނޑައެޅިގެން ދޮގެކެވެ.

    މިއަދުގެ ބައްދަލުވުމަކީ، ރައީސް ޔާމީންގެ ޝަރީޢަތުގެ ކަންކަން ހިނގަމުންދާގޮތާބެހޭގޮތުން މަޝްވަރާ ކުރުމަށް، ޕީޕީއެމް/ޕީއެންސީއިން އެދިވަޑައިގެން ބޭއްވި ބައްދަލުވުމެކެވެ.

    މިއަދުގެ ބައްދަލުވުމުގައި، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލަ އަވަހަށް ނިމުމަކީ ޕީޖީ އޮފީހުންވެސް އެދޭ ގޮތްކަމަށް ޕީޖީ ވިދާޅުވިއެވެ. ނަމަވެސް، މިމައްސަލަ މިހާރުވެސް ލަސްވެފައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ނުކުތާތައް ލިޔުއްވައި، ހުށަހެޅުއްވުންވެސް ލަސްވެފައި އޮތުމުން ކަމަށާއި، ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަކަށް ގެންގޮސް، މައްސަލައިގައި އަވަހަށް ޙުކުމެއް ކުރުމަށް، ޕީޖީ އޮފީހުން އެއްބާރުލުން ދޭންޖެހޭ ހަމަ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެކަމަށް ދެންނެވިއެވެ.

    ސަރުކާރުގެ ނުފޫޒާބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކީ، ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އަމިއްލަފުޅަށް ފައުޅުކުރެއްވި ޝުޢޫރެކެވެ. އެކަމަކީ މިއޮފީހުގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމަކަށް ނުވާތީ، އެ ޝަކުވާއާ ގުޅިގެން މިއޮފީހުން ކޮށްދެވޭނެ ކަމެއް ނެތްކަމަށް ދެންނެވިއެވެ.

    ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ޝަރީޢަތުން އޮތީ ޙުކުމެއް ކޮށްފައެވެ. އެ ޙުކުމް، މަތީ މަރްޙަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، އެ ޙުކުމަކީ ޞައްޙަ، ޤާނޫނީ ބާރު ލިބިގެންވާ، ޙުކުމެކެވެ. މިޙާލަތުގައި ރައީސް ޔާމީނަކީ ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީއެކެވެ. ޤައިދީންގެ ޝަކުވާތައް ބަލާ އިދާރާއަކީ ކަރެކްޝަންސް ސަރވިސްކަމަށްވާތީ، ރައީސް ޔާމީންގެ ބަންދުގެ ޙާލަތާ ގުޅޭގޮތުން ހުރި ޝަކުވާތައް، ކަމާބެހޭ އިދާރާތަކަށް ހުށަހެޅުއްވުމަށް ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ.


  • 22 މާރިޗު 2023

    https://bit.ly/UNSURU-March_2023

    PGO quarterly newsletter “Unsuru” March 2023 issue is out now.

    This issue contains information on:

    - Conditional cautioning and plea agreements

    - ‘Aamahi’ website - information on day-to-work of PGO

    - Highlights on Evidence Act

    - Training programmes of PGO


  • 03 މާރިޗު 2023

    28 ޑިސެންބަރު 2022 ދުވަހުގެ ވަގުތެއްގައި ފިއުލް ޕަވަރ ކުންފުނީގެ "ހެދޭކުރި" ދޯނީގައި މަސައްކަތްކުރާ ބަނގަލަދޭޝް ރައްޔިތެއްކަމަށްވާ މޮހައްމަދު ލިޓޮން އަދި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޡާމް "ހެދޭކުރި" ދޯނީގައި ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު، އޭގެ ފަހުން މޮހައްމަދު ލިޓޮންއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޡާމްގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 02 މާރިޗު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    1. ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، ޤަޞްދުގައި މީހަކުމެރުމުގެ ކުށުގެ ދަޢުވާ.

    އަސާސީ އަދަބު: 10 އަހަރަށް ޖަލަށްލުން / ޤިޞާޞްއާއި ދިޔަ

    2. ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ވައްކަންކުރުމުގެ ކުށުގެ ދަޢުވާ.

    އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން.

    3. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 107 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ.

    އަދަބު: 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 25,000 (ފަންސަވީސްހާސް) ރުފިޔާއިން ފެށިގެން 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.

     

    މުހައްމަދު ނިޡާމް، މުޙައްމަދު ލިޓޮން މަރާލާފައިވަނީ މުޙައްމަދު ލިޓޮން އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ހޯދިފައިވޭ. މުޙައްމަދު ލިޓޮން މަރާލާފައިވަނީ މުހައްމަދު ލިޓޮންއަށް ނޭނގި ހުއްޓައި، ކ.ގަލުފަޅު ކިޔާ ސަރަޙައްދު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެން. މިކަން ހިނގާފައިވަނީ 28 ޑިސެންބަރު 2022 ދުވަހުގެ 19:00 އާއި، 20:30 އާ ދެމެދުގެ ވަގުތެއްގައި. ހެދޭކުރި ދޯނީގައި ހުރި މުޙައްމަދު ލިޓޮންގެ 51000 (ފަންސާސް އެއްހާސް ރުފިޔާ) އަށް ވުރެ ގިނަ ފައިސާ، މުޙައްމަދު ނިޡާމް ވަގަށް ނަގާފައިވޭ. މަސްތުވާތަކެތިން މުޢާމަލާތުކުރުމުގެ ދަޢުވާ ކޮށްފައިވާނީ މި މައްސަލައިގެ ތުހުމަތުގައި މުޙައްމަދު ނިޡާމް ކުއްޔަށް ހިފައިގެން އުޅޭ މއ.ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު، ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާތީ. މުޙައްމަދު ނިޡާމް މަސްތުވާތަކެތި ގަނެފައިވަނީ ހެދޭކުރި ދޯނިން ވަގަށްނެގި ފައިސާއިންކަމަށް ތުހުމަތުކުރެވޭ.


  • 28 ފެބުރުވަރީ 2023

    ކޮންޓްރެކްޓް އުސޫލުން ތަކެތި ހޯދުމަށް ފެނަކަ ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން އެއްބަސްވެފައިވާ މުއްދަތަށް ތަކެތި ފޯރުކޮށް ނުދެވުމުގެ ސަބަބުން ލިކްއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ކަނޑަންޖެހޭ 2.54 މިލިއަން ރުފިޔާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 28 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހެޅެހިފައެވެ.

    މ. ކޮކާހަނދުވަރު، މުޙައްމަދު ނިމާލްއާއި،

    ދަފްތަރު ނަންބަރު ރސ 13520، މިންހާޖު ވަޙީދުގެ މައްޗަށް؛

    ޤާނޫނު ނަންބަރު: 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުން.

    ދަޢުވާކުރާ ސަބަބު:

    2013 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް މުޙައްމަދު ނިމާލް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމުގައިހުރެ، އަދި މިންހާޖު ވަޙީދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފައިނޭންސް ޑިވިޝަންގެ ޑިރެކްޓަރ ގެ މަޤާމުގައިހުރެ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ، ޕްލާންކްޓަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާ, ނިއުމެޓިކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު މުދާ ގަތުމަށް ވެފައިވާ އެއްބަސްވުންތަކުގައި އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓް ޕޮލިސީގައި، މުދާ ޑެލިވަރކުރުމަށް ކަނޑައަޅާ މުއްދަތު ފާއިތުވާ ފަހުން މުދާ ޑެލިވަރކޮށްފިނަމަ، ލަސްވި ދުވަސްތަކަށް ލިކުއިޑޭޓެޑް ޑެމޭޖަސް އުނިކުރަންވާނެކަމަށް ބަޔާންކޮށްފައިވަނިކޮށް،  ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި، ޕްލާންކްޓަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، އަދި ނިއުމެޓިކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ކޮށްފައިވާ މުޢާމަލާތްތަކެއްގެ ތެރެއިން އެއްބަސްވި މުއްދަތުގައި ދައުލަތަށް މުދާ ލިބިފައިނުވާއިރު، އޭގެ ބަދަލުގައި ދައުލަތަށް ލިބެންޖެހޭ ލިކުއިޑޭޓް ޑެމޭޖެސް ދައުލަތަށް ލިބިފައިނުވަނީ މި ދެމީހުންގެ ޢަމަލުތަކުގެ ސަބަބުންކަމުގައިވާތީ.

    މި މައްސަލައިގައި އިތުރު 2 މީހެއްގެ މައްޗަށް ތުހުމަތުކުރެވުނު ނަމަވެސް، އެ ދެމީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާތީއާއި, ދަޢުވާކުރުމުގެ މަސްލަޙަތު އޮތްކަމަށް ނުފެންނާތީ އެ ދެމީހުންގެ ބައި އަނބުރާ ފޮނުވާލާފައިވާނެއެވެ.


  • 19 ފެބުރުވަރީ 2023

    ޢައްބާސް ޢާދިލް ރިޟާގެ މައްޗަށް ދަޢުވާކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން.

    ދަޢުވާ: ފަނާކޮށްފާނެކަމުގެ ބިރުދެއްކުން

    ޤާނޫނު ނަންބަރު 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން.

    ދަޢުވާކުރާ ސަބަބު: 22 ޑިސެންބަރު 2022 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި ޢައްބާސް ޢާދިލް ރިޟާ ވާހަކަ ދައްކަމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީއާއި، 23 ޑިސެންބަރު 2022 ދުވަހު ޢައްބާސް ޢާދިލް ރިޟާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާތީ.

    ކުށުގެ އަދަބު: 1އ 7މ 6ދ