• 12 ސެޕްޓެންބަރު 2022


  • 22 އޮގަސްޓް 2022

    ބަނގްލަދޭޝް ރައްޔިތަކާއި، އިތުރު ބަޔަކު އެއްޖިންސުން ޖިންސީގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 04 (ހަތަރެއް) މީހެއްގެ މައްޗަށް، އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ 18 އޮގަސްޓު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    އެއީ އެމްޑީ އަލަމްގިރް، އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު، މުޙައްމަދު ނަޝީދު، ޢަބްދުއްރަޙްމާނު ރަފީޢުއެވެ.


  • 04 ޖުލައި 2022

    ށ. ފޭދޫ ރެޑިއަމްގެ، އާދަމް، 02 ޖޫން 2022 ދުވަހު 21:18 ހާއިރު ށ. ފޭދޫ ރެޑިއަމް ގޭގައި މީނާގެ އަނބިމީހާއަށް އަނިޔާކޮށް ތޫނު ވަޅިއަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މައްސަލައިގައި، އާދަމްގެ މައްޗަށް ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ 30 ޖޫން 2022 ދުވަހު ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިން.


  • 03 ޖުލައި 2022

    31 ޖުލައި 2020 ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައްޑޫސިޓީ ހިތަދޫގައި ނަފްސާނީ ގޮތުން ނުކުޅުދުންތެރިކަމެއް ހުންނަ އަންހެނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާމެދު ގަދަކަމުން ބަދުއަޙްލާޤީ ޢަމަލު ހިންގި މައްސަލާގައި،

    ކ. މާލެ، ދަފްތަރު ނަންބަރު 963، މަޚްތޫމް މޫސާ ދީދީއާއި، ސ. ހިތަދޫ، ޒަހާމަންޒިލް، ޢަލީ ޝިމާޢު ޒުބައިރުގެ މައްޗަށް،

    ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި، ނުކުޅުދުންތެރިކަމެއް ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވެއްޖެކަމަށް ކަނޑައަޅައި،

    ޖިންސީ ކުށުގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގެ ދަށުން، މި ދެމީހުން 15 (ފަނަރަ) އަހަރަށް ޖަލަށްލުމަށް 30 ޖޫން 2022 ގައި ޙުކުމްކޮށްފި.


  • 13 ޖޫން 2022

    ޕާކިސްތާނު ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދު، 16 އެޕްރީލް 2022 ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅިގައި ހުންނަ ޚާންޖީ ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި މުޙައްމަދު އާބިދުގެ މައްޗަށް، ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ 15 ޖޫން 2022 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން.


  • 02 ޖޫން 2022

    24 މާރިޗު 2022 ދުވަހު މ. ލަވްނެސްޓް ގޭގައި ބަރުދަނުގައި ގައިގަނޑަކަށް 42 (ސާޅީސް ދޭއް) ކިލޯ ހުންނަ ވަރުގެ މަސްތުވާތަކެތި (ޑައިމޯފިން) ރައްކާކޮށްފައި ހުއްޓާ ފެނިގެން ފުލުހުން ތަޙުޤީޤުކޮށް މި އޮފީހަށް ހުށަހެޅި މައްސަލައިގައި ދަޢުވާ ނުކުރުމަށް މި އޮފީހުން ނިންމައިފީމެވެ.

    މި އޮފީހުގެ ނިންމުން ބިނާވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ.

    1. މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުޞަތު ލިބިމެ، އެގެ ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވުމާއި، ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވާތީ، މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ. ލަވްނެސްޓަށް ފުލުހުން ވަދެ ބަލައިފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 149 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވުން.

    2. މި މައްސަލައިގެ ސީންގައި ކަންވީގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން  ފާހަގަވެފައިވުން.

    3. މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު އެ ތަންތަނުގައި ހުރި، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަޙުޤީގަށް ނަގައި، ތަޙުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތަތީއާއި، މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ޤަރީނާ ހޯދިފައި ނުވުން.


  • 01 ޖޫން 2022

    ކ. މާލެ، ގ. ޗެރީހައުސް، ޢަލީ ޙަސަން 02 މޭ 2022 ދުވަހުގެ 04:30 ހާއިރު، ގއ. ވިލިނގިލި، ޝާދީވިލާ ގެއަށް ހުއްދަނުހޯދައި ވަދެ، އެގޭގައި ތިބި ބަޔަކާމެދު މާރާމާރީ ހިންގައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި، ޢަލީ ޙަސަންގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 06 ޖޫން 2022 ގައި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިން.

    1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 230 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ.

    އަސާސީ އަދަބު: 4 މަހާއި 24 ދުވަސް

    2. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ.

    އަސާސީ އަދަބު: 1 މަހާއި 6 ދުވަސް

    3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ i ގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ 02 (ދޭއް) ދަޢުވާ.

    އަސާސީ އަދަބު: ކޮންމެ ދަޢުވާއަކަށް 1 އަހަރާއި 7 މަހާއި 6 ދުވަސް

    4. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ.

    އަސާސީ އަދަބު: 2 މަހާއި 12 ދުވަސް

    5. މީނާ ޝަރީޢަތް ނިމެންދެން ބަންދުކޮށްދެއްވުން އެދި 07 ޖޫން 2022 ގައި ފޯމް ހުށަހަޅާފައިވީނަމަވެސް، ބަނދާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގެ އަޑުއެހުމެއް މިމަހުގެ 13 ވަނަ ދުވަހަށް ކޯޓުން ތާވަލުކޮށްދެއްވައިފި.


  • 30 މޭ 2022

     

    ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތައް އެއްތަނަކުން ފެންނަން ހުންނާނެގޮތަށް ޕީޖީ އޮފީހުން އެކުލަވާލާފައިވާ "ލެތުން" ޑޭޓާބޭސް އިފްތިތާޙްކޮށްފިއެވެ.

    މިކަމަށްޓަކައި ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި "ލެތުން" ޑޭޓާބޭސް ލޯންޗްކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއް ސުޢޫދެވެ.

    "ލެތުން" ޑޭޓާބޭސްއަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅުންހުރި ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުޞޫލުތަކާއި، އެހެން ޤާނޫނީ ވަޞީލަތްތައް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ފަރުމާކޮށްފައިވާނީ އެ ޤާނޫނުތަކާއި ގަވާއިދުތަކަށް އެކި ފަހަރުމަތިން ގެނެސްފައިވާ އިޞްލާޙްތައް ޤާނޫނާ އެއްކޮށް، ކޮންސޮލިޑޭޓްކޮށްގެންނެވެ. އަދި ވަކި ވަކި ކަމަކާ ގުޅޭގޮތުން ހޯދުމެއް ހޯދާނަމަ ވެބްސައިޓް މެދުވެރިކޮށް ސާރޗްކުރެވޭނެއެވެ. ވަކި މަޢުޟޫޢަކާ ގުޅޭގޮތުން ހޯދާނަމަ "ޓެގްސް" ސާރޗްކޮށްގެން އެ މަޢުޟޫޢަކާ ގުޅޭގޮތުން ހުރި ކޮންޓެންޓް ފެންނަން ހުންނާނެއެވެ. އަދި ފަހުން ބެލުމަށްޓަކައި މާއްދާތައް ބުކްމާރކްވެސް ކުރެވޭނެއެވެ.

    މި ޑޭޓާބޭސް ލޯންޗްކުރުމަށްޓަކައި ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ވިދާޅުވީ މި މަސައްކަތުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ކަންކަމުގައި ދިރާސާކުރާ މީހުންނަށްކަމަށެވެ. އެގޮތުން އެއް މަޢުޟޫޢަކާ ގުޅުންހުރި މަޢުލޫމާތު އެކި މުއައްސަސާތަކުގެ ވެބްސައިޓްތަކުން އެއްކުރުމުގެ ބަދަލުގައި މިހާރު "ލެތުން" މެދުވެރިކޮށް ހުރިހާ އެއްޗެއް ބެލޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިމަސައްކަތް ފެއްޓެވުމުގެ ޚިޔާލު އުފަންވެގެން އައީވެސް، ކަމެއް ދިރާސާކުރުމަށް މަޢުލޫމާތު އެއްކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ. މި މަސައްކަތް ކާމިޔާބު ކުރުމުގައި އެކި ގޮތްތޮތުން އެހީތެރިކަން ދެއްވި ފަރާތްތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި ޕީޖީ އޮފީހުގެ މުވައްޒަފުން މިކަމުގައި އަދާކުރެއްވި ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

    މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއް ސުޢޫދު ވަނީ ކަންކަން ޙައްލުކުރުމުގައި ތަފާސްހިސާބު ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން "ލެތުން" އަކީ ޤާނޫނީ އެކި ދިރާސާތައް ކުރުމުގައި ބޭނުންކުރެވޭނެ މުހިންމު ވަސީލަތަކަށް ވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

    މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ޔޫއެންޑީޕީ ގުޅިގެން ހަދާފައިވާ އޯޑިއޯ ވީޑިއޯ ފޮތްތަކެއް ނެރުންވެސް ކުރިއަށްދިޔައެވެ. މިއީ ޖިނާއީ މައްސަލަތަކުގައި އަނިޔާލިބޭ މީހުންނާއި، ހެކިބަސްދޭ މީހުންނަށް މި ނިޒާމު ހިނގާގޮތް ދަސްކޮށްދިނުމުގެ ބޭނުމުގައި އެކުލަވާލާފައިވާ ފޮތްތަކެކެވެ. މި ފޮތްތައްވެސް "ލެތުން" އިން ފެންނަން ހުންނާނެއެވެ.

    މި ރަސްމިއްޔާތުގައި ބަންޑާރަނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތާއި، ޤާނޫނީ ފަންނުގެ އިސްވެރިންނާއި، ޤާނޫނީ ވަކީލުން ބައިވެރިވެވަޑައިގެންނެވިއެވެ.

    https://lethun.pgo.mv/

     


  • 23 މޭ 2022

    މއ. އުދުހޭކޮކާ ޙުނައިން ބިން ޢަލީއާއި، ލ.މާވަށް، ރެޑިއަމްގެ ހުނޭސާ އާދަމް ނަސީރާއި، ގއ.ދާންދޫ، ޕެލަސްހައުސް، މުހައްމަދު އާދަމް 28 މާރިޗު 2022 ދުވަހު މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެތަކަތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 18 މޭ 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން.

    ގއ.ދާންދޫ، ޕެލަސްހައުސް، މުޙައްމަދު އާދަމްގެ މައްޗަށް:

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 111 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

     

    މއ. އުދުހޭކޮކާ ޙުނައިން ބިން ޢަލީގެ މައްޗަށް:

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 111 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

     

    ލ.މާވަށް، ރެޑިޔަމްގެ، ހުނޭސާ އާދަމް ނަސީރުގެ މައްޗަށް:

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 111 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

     

    މި މައްސަލައިގައި ކޮށްފައިވާ ދަޢުވާތަކުގައި ހިމެނެނީ ގައިގަނޑަކަށް 353 ގްރާމް ޑައިމޯފިންއާއި، 18 ގްރާމް މެތްއާއި، 139 ގްރާމް ކެނެބިސްއެވެ.