ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފް މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި އެއް މަސައްކަތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލެއްވުމުގެ މަސައްކަތެވެ.
މި އޮފީހުގެ ކުރިއަށްއޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 6 މާރިޗު 2025 ގައި ވަނީ އިފްތިތާޙްކޮށްފައެވެ. މިކަމަށްޓަކައި މީރުމާގެ ކޮންފަރެންސް ހޯލުގައި ބޭއްވި ޚާއްޞަ ޙަފްލާއަކީ މިއޮފީހަށް ވަރަށް ތާރީޚީ ޙަފްލާއެކެވެ.
މި ޙަފްލާގައި، 6 މާރިޗު 2025 އާ ހަމައަށް ބޭނުންކުރަމުންއައި ބްރޭންޑިންގ ބަދަލުކޮށް އައު ލޯގޯއަކާއެކު މި އޮފީސް ވަނީ ޒަމާނަށް އަންނަމުންދާ ބަދުލުތަކަށް ފައިހަމަކުރެވޭނެ ފަދައިން ރީބްރޭންޑް ކޮށްފައިވެއެވެ.
ފޮތަކާއި، އިނގިލީގެ ނިޝާނާއި، އިންސާފުގެ ތަރާދު ދައްކުވައިދޭ ލޯގޯ ގެ ބަދަލުގައި، ދިވެހި އަކުރުގެ ޕ އަދި ޖ އަސްލަކަށް ބަލައިގެން އަލަށް އެކުލަވާލާފައިވާ ލޯގޯއަކީ ދިވެހިވަންތަ އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތާއި މަސައްކަތް ރަމްޒުކޮށްދޭ ލޯގޯއެކެވެ. މި ލޯގޯ ޑިޒައިންކޮށްފައިވަނީ، ރާއްޖޭގެ އިހުޒަމާނުގެ މިސްކިތްތަކުގައި ހުންނަ ހިރިގަލުގެ ޑިޒައިނާ އެއްގޮތް ސިފަތަކެއް އެކުލެވޭ ގޮތަށެވެ.
އައު ލޯގޯ ފަރުމާކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފްގެ ސީދާ އިރުޝާދުގެ ދަށުން ފަރުމާކުރުމުގެ ދާއިރާގައި ފާހަގަކޮށްެލެވޭ ލޫޕް ކްރާފްޓްގެ ފަރާތުންނެވެ.
މި ޙަފްލާ ޚާއްޞަވާ އަނެއް ސަބަބަކީ، ދިވެހިރާއްޖޭގައި މިހާތަނަށް ޕްރޮސިކިއުޓަރ ޖެނެރަލްކަން ކުރެއްވި ހުރިހާ ޕްރޮސިކިއުޓަރ ޖެނެރަލުން މި ޙަފްލާގައި ބައިވެރިވެވަޑައިގަތުމެވެ. އެގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޛް ޢައްބާސް ޝަރީފްގެ އިތުރުން، ދިވެހިރާއްޖޭގެ ފުރަތަމަ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް އަޙްމަދު މުޢިއްޒާއި، ދެވަނަ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މުޙުތާޒް މުޙުސިނާއި، ތިންވަނަ ޕްރޮސިކިއުޓަރ ޖެނެރަލް އަދި ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމާއި، ހަތަރުވަނަ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު ބައިވެރިވެވަޑައިގެންފައިވެއެވެ.
މިއީ ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލްކަން ކުރެއްވި ހުރިހާ ބޭފުޅުން އެއް ޙަފްލާއެއްގައި ބައިވެރިވެވަޑައިގެންނެވި އަދި އެ ހުރިހާ ޕްރޮސިކިއުޓަރ ޖެނެރަލުން އެކީ އެއް ފުރޭމަކަށް ތާރީޚީ ފޮޓޯއެއް ނެގުނު ފުރަތަމަ ފަހަރެވެ.
މި އޮފީހުން ކުރިއަށް އޮތް 5 އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި، ޤާނޫނީ ދާއިރާގެ ފަންނީ ތަޢުލީމާއި ތަމްރީނު ދޭ އެކަޑަމީއެއް "ޕީޖީ އެކަޑަމީ" ގެ ނަމުގައި އުފެއްދުމާއި، ޖިނާއީ މައްސަލަތަކުގައި ވިކްޓިމައިޒްވާ ފަރާތްތަކަށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާއި، މި އޮފީހުގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމާއި، މި އޮފީހުން ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އެއް ކުޑައެއްގެ ދަށަށް ބަދަލުކޮށް "ޕީޖީ ޓީވީ ޕްލަސް" ގެ ގޮތުގައި ލޯންޗުކުރުން ހިމެނެއެވެ.