އައު ލޯގޯއަކާއި އައު ތަޞައްވުރަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ރީބްރޭންޑް ކުރުން
އަލްއުސްތާޛް އަޙްމަދު ޝަފީޢު
މި އޮފީހުގެ ކުރިއަށްއޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 6 މާރިޗު 2025 ގައި ވަނީ އިފްތިތާޙްކޮށްފައެވެ. މިކަމަށްޓަކައި މީރުމާގެ ކޮންފަރެންސް ހޯލުގައި ބޭއްވި ޚާއްޞަ ޙަފްލާއަކީ މިއޮފީހަށް ވަރަށް ތާރީޚީ ޙަފްލާއެކެވެ. މި ޙަފްލާގައި، 6 މާރިޗު 2025 އާ ހަމައަށް ބޭނުންކުރަމުންއައި ބްރޭންޑިންގ ބަދަލުކޮށް އައު ލޯގޯއަކާއެކު މި އޮފީސް ވަނީ ޒަމާނަށް އަންނަމުންދާ ބަދުލުތަކަށް ފައިހަމަކުރެވޭނެ ފަދައިން ރީބްރޭންޑް ކޮށްފައިވެއެވެ.ފޮތަކާއި، އިނގިލީގެ ނިޝާނާއި، އިންސާފުގެ ތަރާދު ދައްކުވައިދޭ ލޯގޯ ގެ ބަދަލުގައި، ދިވެހި އަކުރުގެ ޕ އަދި ޖ އަސްލަކަށް ބަލައިގެން އަލަށް އެކުލަވާލާފައިވާ ލޯގޯއަކީ ދިވެހިވަންތަ އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތާއި މަސައްކަތް ރަމްޒުކޮށްދޭ ލޯގޯއެކެވެ. މި ލޯގޯ ޑިޒައިންކޮށްފައިވަނީ، ރާއްޖޭގެ އިހުޒަމާނުގެ މިސްކިތްތަކުގައި ހުންނަ ހިރިގަލުގެ ޑިޒައިނާ އެއްގޮތް ސިފަތަކެއް އެކުލެވޭ ގޮތަށެވެ. އައު ލޯގޯ ފަރުމާކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފްގެ ސީދާ އިރުޝާދުގެ ދަށުން ފަރުމާކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ލޫޕް ކްރާފްޓްގެ ފަރާތުންނެވެ.