މި އޮފީހުން ވިކްޓިމް ސަޕޯޓް ދާއިރާ ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، މި ދާއިރާގެ ފަންނީ ބޭފުޅުންނަށް އަމާޒުކޮށްގެން "ނިޔާވެހި" ގެ ނަމުގައި ނިއުސް ލެޓަރއެއް ނެރެން ފަށައިފީމެވެ.
ވިކްޓިމް ސަޕޯޓަށް ޚާއްޞަކޮށް މި އޮފީހުން ނިއުސްލެޓަރއެއް ނެރެންފެށި މަޤްޞަދަކީ ޖިނާއީ ޢަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އަންނަ ބަދަލުތައް ދާއިރާގެ ފަންނީ ބޭފުޅުންނަށް ދުވަހުން ދުވަހަށް ފެންނާނެގޮތް ހެދުމެވެ. އެގޮތުން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި ޢަމަލުކުރާ އުޞޫލުތަކަށް އަންނަ ބަދަލުތަކާއި، ކޯޓުތަކުން ނިންމަވާ ނިންމެވުންތަކުން ކަނޑައެޅޭ އުޞޫލުތަކާއި، އެ ކަހަލަ މައްސަލަތަކުގައި މި އޮފީހުން ޢަމަލުކުރާ އުޞޫލުތަކަށް އަންނަ ބަދަލުތައް މި ނިއުސްލެޓަރގައި ޝާއިޢުކުރެވޭނެއެވެ.
"ނިޔާވެހި" ނެރުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހުން ފެށިގެން ކޮންމެ މަހަކު އެއްފަހަރުއެވެ.
ވިކްޓިމް ސަޕޯޓް ދާއިރާއަކީ، އިޖްތިމާއީ ޚިދުމަތްތެރިންގެ ދާއިރާއާއި، ޖިނާއީ ޢަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާއި، ޤާނޫނީ ނިޒާމާ ގުޅޭ ހިސާބެއްގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުން ހިމެނޭ ދާއިރާއެކެވެ.
މި އޮފީހުގެ އަމާޒަކީ ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ވިކްޓިމް ސަޕޯޓް ދާއިރާގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުންނަކީ، މި ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއްދޭ ބަޔަކަށް ހެދުމުވެ. އެކަން ކުރުމަށްޓަކައި މި ދާއިރާއަށް އަންނަ ބަދަލުތަކަށް ފަންނީ ބޭފުޅުން އަހުލުވެރިވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.
މިސާލަކަށް، ކުޑަކުދިން ޢަދުލުގެ ނިޒާމާގުޅޭ މުހިންމު ގަވާއިދެއް އަލަށް އެކުލަވާލައިފިނަމަ، ނުވަތަ ސުޕްރީމް ކޯޓުގެ ނިންމެވުމަކުން މިހާރު ޢަމަލުކުރަމުންދާ އުޞޫލަކަށް ބަދަލު ގެންނަވައިފިނަމަ، އެކަމެއްގެ މަޢުލޫމާތު، މިދާއިރާގައި މަސައްކަތްކުރާ އެންމެންނަށް އެއް ގޮތަކަށް ލިބިފައި އޮތުމަކީ މުހިންމު ކަމެކެވެ. އެއީ ވިކްޓިމަށް އިންސާފު ހޯދައިދިނުމަށް، އެންމެން އެއް އަމާޒަކަށް މަސައްކަތްކުރަން ޖެހޭނެތީއެވެ.
މި ދާއިރާގެ ކަންކަމާބެހޭ މަޢުލޫމާތު ހިމެނޭ ރަސްމީ ނިއުސްލެޓަރއެއް ނުވަތަ އެނޫންވެސް ޕަބްލިކޭޝަނެއް މިވަގުތަކު ނެތެވެ. މިއީ، މި މަސައްކަތްކުރައްވާ ބޭފުޅުންނަށް އޮތް ހުސްކަމެކެވެ. "ނިޔާވެހި" ނިއުސްލެޓަރއަކީ މި ހުސްކަން ފިލުވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމުގެ އިސްނެންގެވުމަކަށް ކުރާ މަސައްކަތެކެވެ. މި ނިއުސްލެޓަރގައި ލިޔުމުގެ ފުރުޞަތު މި ދާއިރާގެ ފަންނީ ބޭފުޅުންނަށް ވަނީ ހުޅުވާލެވިފައެވެ.
"ނިޔާވެހި" ގެ ފުރަތަމަ ޢަދަދު 4 ޖޫން 2024 ގައި ވާނީ ނެރެފައެވެ. ކޮންމެ މަހަކު އެއްފަހަރު މި ނިއުސްލެޓަރގެ މުޅިން އައު ޢަދަދެއް ނެރޭނަމެވެ.
މި އޮފީހުގެ އަމާޒަކީ ކުރިއަށްއޮތް ތަނުގައި ސަބްސްކްރިޕްޝަން ބޭސްޑް ނިއުސްލެޓަރއަކަށް މި ނިއުސްލެޓަރ ބަދަލުކުރުމެވެ.
ނިއުސްލެޓަރއަށް ސަބްސްކްރައިބް ކުރެއްވުމަށް މި ލިންކަށް ފިއްތަވާށެވެ.