މައްސަލަތަކުގައި ފިޔަވަޅުއެޅުމުގެ ނިޒާމު - މަފިނި

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޝްފާޤް ނަޢީމް 30 ޖޫން 2024

ކޮވިޑް-19 ގެ ޢާލަމީ ވަބާއިން މުޅި ދުނިޔެ އަރައިގަނެވުނުއިރު ބަދަލުވި އެންމެ ބޮޑު ކަމަކީ، ޓެކްނޮލޮޖީ ބޭނުންކުރާވަރު އިންތިހާއަށް އިތުރުވުމެވެ. އެގޮތުން ދިވެހިރާއްޖޭގެ ގިނަ އޮފީސްތަކުގައި، މުވައްޒަފުން ގޭގައިތިބެ މަސައްކަތްކުރެވޭނެފަދަ އިންތިޒާމުތައް ހަމަޖެއްސިއެވެ. އެ އިންތިޒާމުތަކާއެކު އޮފީސްތައް ހިންގުނީ އެކަމަށްޓަކައި ނިޒާމެއް ޤާއިމުކޮށްފައި އޮތުމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އައި ފުރަބަންދާ ގުޅިގެން މި އޮފީހުގެ މަސައްކަތްތަކަށްވެސް ބޮޑު ބަދަލެއް ވަރަށް އަވަހަށް ގެންނަށް މަޖުބޫރުވިއެވެ. މުވައްޒަފުން އޮފީހަށް ޙާޟިރުނުވެ ގޭގައި މަސައްކަތްކުރުމުގެ އިންތިޒާމު ހަމަޖައްސަން ޖެހުނެވެ. އެއީ ފުރަބަންދުގެ މުއްދަތުގައިވެސް ޖިނާއި ޢަދުލުގެ ނިޒާމު ހިނގަހިނގައި އޮތުން ކަށަވަރުކުރުމަށްޓަކައެވެ.

މި އޮފީހުގެ މަސައްކަތް ހިނގަހިނގައި އޮތުން ކަށަވަރުކުރުމަށް އެންމެ ބޮޑު އެހީތެރިކަމަކަށްވީ މި އޮފީހުގެ މައްސަލަތަކުގައި ފިޔަވަޅުއަޅާ ނިޒާމު – "މަފިނި" އެވެ. މި އޮފީހަށް ހުށަހެޅޭ ހުރިހާ މައްސަލަތަކުގައި ނިންމާ އެންމެހައި ނިންމުންތަކާއި، ކުރާ މަޝްވަރާތަކާއި، ލިޔާ ސިޓީފަދަ އެންމެހައި ލިޔެކިއުމެއް ބަލަހައްޓައި މުޢާމަލާތުކުރަނީ "މަފިނި" ތެރެއިންނެވެ.

"މަފިނި" އަކީ 100 އިންސައްތަ މި އޮފީހުގެ ފިކުރީ މުދަލެކެވެ. އެހެންކަމުން މި އޮފީހުގެ މަސައްކަތްތަކަށް ފަހިވާގޮތަށް "މަފިނި" ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އިތުރު ބައިތައް އިތުރުކުރަން ފަސޭހަވެއެވެ. އެކަމަށް ޚާއްޞަ މުވައްޒަފުން މި އޮފީހުގައި އެބަތިއްބެވެ. އެކި ފަހަރުމަތިން "މަފިނި" އިތުރަށް ފުރިހަމަކޮށް އަޕްގްރޭޑް ކުރަމުންގޮސް، މިހާރު ޖިނާއީ މައްސަލައެއް މަޝްވަރާއަށް މިއޮފީހަށް ހުށަހެޅޭ ހިސާބުން ފެށިގެން، މައްސަލަ ކޯޓުން ޙުކުމް ކުރުމާ ހަމައަށް ކުރާ ހުރިހާ މަސައްކަތެއް މިކުރަމުން މިގެންދަނީ މަފިނި ސިސްޓަމް ތެރެއިންނެވެ. އެއީ ކޯޓަށް ފޮނުވަންޖެހޭ ފޯމެއް ތައްޔާރުކުރުންވިޔަސް، ސިޓީއެއް ފޮނުވުން ނުވަތަ އަމިއްލަ މީހަކު ފޮނުވާ ސިޓީއަކަށް ޖަވާބުދިނުންވިޔަސް، މައްސަލައެއްގެ ޚުލާޞާ ބަޔާން ތައްޔާރުކުރުން ވިޔަސް ހުރިހާ މަސައްކަތެއް މިކުރަނީ މަފިނިންނެވެ. އެހެންކަމުން ޖިނާއީ މައްސަލަތަކުގައި ފިޔަވަޅުއެޅުމުގައި މައިކްރޮސޮފްޓް ވޯޑް ފަދަ ސޮފްޓްވެއަރތައް މިއޮފީން މިހާރު ބޭނުން ނުކުރަމެވެ. މަފިނިއަކީ މި އޮފީހުގެ މަސައްކަތަށް އެކަށޭނެ ގޮތަށް މި އޮފީހުން ފަރުމާކޮށްފައިވާ ނިޒާމަކަށް ވުމަކީ ފަޚުރެކެވެ. އަދި ޢާންމު ރައްޔިތުންނަށް މިކަމުގައި އޮތް ފަސޭހައަކީ "މަފިނި" ސިސްޓަމުގެ ސަބަބުން މި އޮފީހުންދޭ ޚިދުމަތްތައް ހަރުދަނާވެފައި، އަވަސްވުމެވެ.

މި އޮފީހުން ނިންމާ ނިންމުންތައް ނިންމާ ސަބަބާއި، ވަކީލުންގެ މެދުގައި ކުރެވޭ މަޝްވަރާތައް، ފަހުން ބަލަން ބޭނުންވިޔަސް މަފިނީގެ ތެރެއިން ފެންނަން ހުންނާނެއެވެ. ވަކީލަކު މައްސަލައެއްގައި ޚިޔާލު ތަފާތުވިނަމަ، އެކަން ސަބަބާއެކު ލޮގް ކުރެވިފައި ހުންނާނެއެވެ. މައްސަލަތަކުގައި ފުލުހުންނަށްދޭ މަޝްވަރާތަކާއި، ފުލުހުން އެ މަޝްވަރާއާ ގުޅިގެން ވިދާޅުވާ އެއްޗެއްވެސް ސިސްޓަމުތެރޭގައި ލޮގްކުރެވޭނެއެވެ. އަދި ކޯޓާ ކުރެވޭ މުޢާމަލާތްތަކާއި، މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށްދިޔަ ގޮތްވެސް ލޮގްކުރެވިފައި ހުންނާނެވެ.

ޤާނޫނުއަސާސީ ބުނާގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އަސާސް ބިނާކުރާންވާނީ ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީވުމުގެ މައްޗަށެވެ. "މަފިނި" ސިސްޓަމް ފަރުމާކޮށްފައިވާނީ މި އޮފީހުގެ މަސައްކަތް އެކައުންޓަބަލް ކުރެވޭނެ ގޮތުގެ މަތިންނެވެ. މި އޮފީހުން ނިންމާ ނިންމުންތަކަކީ ސަބަބުތަކެއްގެ މައްޗަށް ނިންމާ ނިންމުންތަކެއްކަން ކަށަވަރުކުރަމެވެ. މީގެ އަހަރުތަކެއް ފަހުން ބަލަން ޖެހުނު ނަމަވެސް އެ ފިޔަވަޅުތައް ފެންނަން ހުންނާނެއެވެ.