ޕްރޮސިކިއުޓަރ ޖެނެރަލްގެ ގަލަމުން

30 ޖޫން 2024

ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، އޭގެ ހުރިހާ މާނައަކާއި ސިފައެއްގައި، ކޮރަޕްޝަނެވެ. ކޮރަޕްޝަންގެ ސަބަބުން އިޤްޠިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ ހަމަޖެހުމާއި ކުރިއެރުމަށްވެސް އަސަރުކޮށް، ދައުލަތަށް މީހުން ކުރާ އިތުބާރު ކުޑަވެއެވެ.

ޖިނާއީ ޢަދުލުގެ ނިޒާމު އެކުލެވިގެންވަނީ ގިނަ އިދާރާތަކެއްގެ މައްޗަށެވެ. ނަމަވެސް، މުޅި ނިޒާމު އެކީ މަސައްކަތްކުރަންޖެހޭތީ، މިދާއިރާގެ އެންމެ ގުނަވަނެއްގައި ކޮރަޕްޝަންގެ ތުހުމަތު އޮތަސްވެސް މި މުޅި ނިޒާމަށް ރައްޔިތުންކުރާ އިތުބާރަށް އޭގެ ނުރަނގަޅު އަސަރު ކުރެއެވެ. މިކަން ޙައްލުކުރެވޭނީ ކޮންމެ އިދާރާއެއް ވަކިން، އަދި ހުރިހާ އިދާރާއެއް އެއްކޮށްވެސް ކޮރަޕްޝަން ނައްތާލުމަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްގެންނެވެ. އެ މަސައްކަތްކުރާ ކަމާއި، އެމަސައްކަތާމެދު އިދާރާތަކުން ސީރިއަސްކަން ރައްޔިތުންނަށް ފެނި، އިހުސާސް ކުރެވިގެންނެވެ.

ކޮރަޕްޝަން ނައްތާލުމަށް ޕީޖީ އޮފީހުގައި ތިން ބާވަތެއްގެ މަސައްކަތެއް ކުރަމެވެ. ފުރަތަމަ ކަމަކީ، އޮފީހުގެ މަސައްކަތްތައް މީހުންނަށް ބަރޯސާނުވެ، ނިޒާމުތަކަކަށް ބަރޯސާވާ އުޞޫލަކަށް ރުކުރުވައިލުމެވެ. އޮފީހުގެ ކޮންމެ ނިންމުމަކީވެސް ލިޔެފައި ހުރި އުޞޫލުތަކަކާއި އެސްއޯޕީތަކެއްގެ މައްޗަށް، މަދުވެގެން 3 މީހުންގެ ބައިވެރިވުން ހިމެނިގެން ނިންމާ ނިންމުމަކަށް ހެދުމެވެ. އޭރުން ކޮރަޕްޓް ވިޔަސް ވާނީ ތިން މީހުން އެއްކޮށެވެ. މިއީ، ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ދެވަނައީ، ކޮންމެ މަސައްކަތެއް ކުރާ މީހަކުވެސް، އަހަރަކު އެއްފަހަރު ބަދަލުވުމެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި މަސައްކަތްކުރާ ޕްރޮސިކިއުޓަރު، މިއަންނަ އަހަރު ޖިންސީ ކުށުގެ މައްސަލަތަކުގައި މަސައްކަތްކުރަން ޖެހިދާނެއެވެ. މީގެ ބޭނުމަކީ ކޮރަޕްޓް ނެޓްވަރކެއް އުފެދުމަށް ފުރުޞަތުވެސް ނުދިނުމެވެ. ތިންވަނަ ނިޒާމަކީ، މަޢުލޫމާތު ހާމަކުރުމެވެ. ޕީޖީ އޮފީހުގެ ފަލްސަފާއަކީ، ކޮންމެ ކަމެއްގެ އަޞްލަކީވެސް ހާމަކުރުންކަމެވެ. އެހެން ގޮތަކަށް ޤާނޫނުގައި ނުވަތަ މައްސަލައެއްގައި އަނިޔާ ލިބުނު މީހެއްގެ ޚާއްޞަ މަޞްލަޙަތެއް ނެތްނަމަ، ހުރިހާ މަޢުލޫމާތެއް ޢާންމު ކުރުމެވެ. ޖަވާބުދާރީކުރުވަން ފުރުޞަތު ދިނުމެވެ. މަޢުލޫމާތު ޢާންމުނުކޮށް، ޖަވާބުދާރީކުރުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ޕީޖީ އޮފީހުގައި އޮތީ، ނިޒާމުތަކަށް ބަރޯސާވާގޮތަށް މަސައްކަތް ބައްޓަންކޮށްފައެވެ. ކޮރަޕްޓް ނެޓްވަރކްތައް ނައްތާލައި، މަޢުލޫމާތު ޢާންމުކުރުމުގެ މާޙައުލުގެ ތެރޭގައި ކޮރަޕްޝަނަކަށް ދިރިއެއް ނޯވެވޭނެއެވެ.