ޢުންޞުރުގެ 7 ވަނަ ޢަދަދު

30 ޖޫން 2024

ޕްރޮސިކިއުޓަރ ޖެނެރަލްގެ ގަލަމުން

ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، އޭގެ ހުރިހާ މާނައަކާއި ސިފައެއްގައި، ކޮރަޕްޝަނެވެ. ކޮރަޕްޝަން ނައްތާލުމަށް ޕީޖީ އޮފީހުގައި ތިން ބާވަތެއްގެ މަސައްކަތެއް ކުރަމެވެ. ފުރަތަމަ ކަމަކީ، އޮފީހުގެ މަސައްކަތްތައް މީހުންނަށް ބަރޯސާނުވެ، ނިޒާމުތަކަކަށް ބަރޯސާވާ އުޞޫލަކަށް ރުކުރުވައިލުމެވެ. އޮފީހުގެ ކޮންމެ ނިންމުމަކީވެސް ލިޔެފައި ހުރި އުޞޫލުތަކަކާއި އެސްއޯޕީތަކެއްގެ މައްޗަށް، މަދުވެގެން 3 މީހުންގެ ބައިވެރިވުން ހިމެނިގެން ނިންމާ ނިންމުމަކަށް ހެދުމެވެ. އޭރުން ކޮރަޕްޓް ވިޔަސް ވާނީ ތިން މީހުން އެއްކޮށެވެ.

މައްސަލަތަކުގައި ފިޔަވަޅުއެޅުމުގެ ނިޒާމު - މަފިނި

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޝްފާޤް ނަޢީމް

ކޮވިޑް-19 ގެ ދަތި ޙާލަތުގައިވެސް އަދި މިހާރުވެސް މި އޮފީހުގެ މަސައްކަތް ހިނގަހިނގައި އޮތުން ކަށަވަރުކުރުމަށް އެންމެ ބޮޑު އެހީތެރިކަމަކަށްވީ މި އޮފީހުގެ މައްސަލަތަކުގައި ފިޔަވަޅުއަޅާ ނިޒާމު – "މަފިނި" އެވެ. މި އޮފީހަށް ހުށަހެޅޭ ހުރިހާ މައްސަލަތަކުގައި ނިންމާ އެންމެހައި ނިންމުންތަކާއި، ކުރާ މަޝްވަރާތަކާއި، ލިޔާ ސިޓީފަދަ އެންމެހައި ލިޔެކިއުމެއް ބަލަހައްޓައި މުޢާމަލާތުކުރަނީ "މަފިނި" ތެރެއިންނެވެ. "މަފިނި" އަކީ 100 އިންސައްތަ މި އޮފީހުގެ ފިކުރީ މުދަލެކެވެ. އެހެންކަމުން މި އޮފީހުގެ މަސައްކަތްތަކަށް ފަހިވާގޮތަށް "މަފިނި" ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އިތުރު ބައިތައް އިތުރުކުރަން ފަސޭހަވެއެވެ. އެކަމަށް ޚާއްޞަ، ފަންނީ މުވައްޒަފުން މި އޮފީހުގައި އެބަތިއްބެވެ.

ޝަރީޢަތުގައި ހިނގާ މައްސަލަތަކާ ގުޅިގެން "އަނގަ ބަންދުކުރުވުން"

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އާމިނަތު ޝާމާ ނަޞީރު

މި ފަހަކަށް އައިސް ބައެއް ކޯޓުތަކުން ގެންދަނީ ޖިނާއީ މައްސަލަތަކުގައި ދަޢުވާލިބޭ މީހުންނަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިދޭ، ކުށް ސާބިތުނުވަނީސް މައުސޫމެއްކަމަށް ބެލުމުގެ ޙައްޤާ ފުށޫއަރާގޮތަށް ޚިޔާލުފާޅުކޮށް ނުހެދުމަށް އަމުރުކުރަމުންނެވެ.

ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅޭ ވާހަކަދެއްކުން ހުއްޓުވައި "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ އުޞޫލެއްގޮތުގައި ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫނެވެ. މިފަދަ އަމުރެއް އެންމެ ފުރަތަމަ ނެރުއްވާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު އަމީން މައްސަލައިގައި 30 ސެޕްޓެންބަރު 2021 ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުންނެވެ. ސުޕްރީމް ކޯޓުގެ އެ އަމުރަށް ރިޢާޔަތްކޮށް އޭގެފަހުން އެހެން ކޯޓުތަކުންވެސް މިފަދަ އަމުރުތައް ނެރެމުންދެއެވެ.

ޖޫރިމަނާ ފައިސާ ނުދައްކާ މީހުން ޖަލަށް

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އާމިނަތު ޝާމާ ނަޞީރު

ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުމެވެ. ޖޫރިމަނާ އަދަބެއް ނުވަތަ ތަފާތު އަދަބެއް ކަނޑައެޅުމަކީ އިސްތިސްނާ ޙާލަތެކެވެ. އެހެންކަމުން ކުށް ސާބިތުވުމުން ކަނޑައަޅަންޖެހޭ ޖަލު އަދަބުގެ ބަދަލުގައި ކަނޑައަޅާ ޖޫރިމަނާ ނުދެއްކުމުން ނުކުންނާނެ ނަތީޖާއަކީ، އޭނާ އެ ކުރި ކުށަށް އަދަބު ނުލިބުމެވެ.  މި މައްސަލަ ޖިނާއީ ޢަދުލުގެ ނިޒާމުގައި ދަނީ ކުރިމަތިވަމުންނެވެ. ޤާނޫނުލްޢުޤޫބާތުން ދިން މި ލުއި ކުށްވެރިން ނަހަމަ ގޮތުގައި ބޭނުންކުރަނީއެވެ. ކޯޓުން ކަނޑައަޅާ މުއްދަތުގައި، ތަކުރާރުކޮށް އެންގުމުންވެސް ޖޫރިމަނާ ފައިސާ ނުދައްކަނީއެވެ. މިކަމުގެ ޙައްލުވެސް އެބައޮތެވެ. އެއީ ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައްޗަށް ކަނޑައެޅި އަސްލު އަދަބު (ޖަލު އަދަބު) އަށް ރުޖޫޢަވުމެވެ.

ސަބަބުވެރި ވިސްނުމުން ވިސްނުން

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު

ދެ އިންސާނަކު އެއްކަމެއްގައި މުޅީން ޚިޔާލު އެއްގޮތް ނުވާނެކަމީ ދުނިޔެ ދައްކާ ޙަޤީޤަތެކެވެ. ޚިޔާލު ތަފާތުވުމަކީ މައްސަލައެއްވެސް ނޫނެވެ. އެކި މީހުން އުޅެ ބޮޑުވަނީ އެކި ޙާލަތްތަކުގައި، އެކި މާޙައުލުތަކުގައިކަމަށްވެފައި، ދުނިޔެމަތީގައި އެކި މީހުންނަށް ދިމާވަނީ އެކި ކަންކަން ކަމަށްވާތީ، ކަންކަމުގައި ވިސްނޭގޮތް ތަފާތުވަނީއެވެ.

ނަމަވެސް ވިސްނުމުގައި ކްލެރިޓީ ނުވަތަ ސާފުކަން ހުރުމަކީ ވަރަށް މުހިންމުކަމެވެ. މިކަމަށް އޮތް މަގަކީ ސަބަބުވެރި ވިސްނުމެވެ. ސަބަބުވެރި ވިސްނުމަކީ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ތިމާގެ ވިސްނުން ބައްޓަންކުރުމެވެ. ތިމާ ކުރާ ކޮންމެ ކަމެއްގައި، އަދި ނިންމާ ނިންމުމެއްގައި އެކަން ކުރުމަށް އެކަށީގެންވާ، ޖާއިޒު ސަބަބަބެއް އޮތުމެވެ. ސަބަބުވެރި ވިސްނުމުން ވިސްނާ މީހަކު އެ މީހާގެ ކުރިމަތީގައި އޮތް މައްސަލައިގައި ގޮތެއް ނިންމާނީ އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ޙާލަތްތަކާއި ޙަޤީޤަތްތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. އެ ނިންމި ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރެވޭނީ އޭރުންނެވެ. މިތަނުގައި "މައްސަލަ" ކަމަށް މި މާނަކުރީ އިންސާނެއްގެ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކަށެވެ. ކޮންމެ ކަމަކީވެސް މައްސަލައެކެވެ. އަޅުގަނޑުމެން ހޯދަނީ އެކަމަށް ޙައްލެކެވެ. އެ ޙައްލު ހޯދުމުގެ ސާފު ސީދާ މަގަކީ ސަބަބުވެރި ވިސްނުން ބޭނުންކުރުމެވެ.

ދައުލަތުގެ ތެރޭގައި މަޢުލޫމާތު ބަދަލުކުރުމަށް މާ އަވަސް ނިޒާމެއް

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ މީހުންގެ މަސައްކަތަކަށްވާންވީ ޚިދުމަތް އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމެވެ. ރައްޔިތުން މަޑުކޮށްގެން ތިބެންޖެހޭ މުއްދަތު ކުރުކުރުމެވެ. ދައުލަތުގެ ތެރޭގައި ހުންނަ ނިޒާމުތައް ވީހާވެސް ހަލުއިކުރުމެވެ. ފަސޭހަކަމާއެކު މަޢުލޫމާތު ބަދަލުކުރުމެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަމާޒަކީ، މިއޮފީހުގައި ހުރި މަޢުލޫމާތުތައް، ވީހާވެސް ފަސޭހައިން ދައުލަތުގެ އިދާރާތަކަށް ލިބޭނޭގޮތް ހެދުމެވެ. މިކަމަށްޓަކައި ތަޢާރަފުކުރި މިއޮފީހުގެ ގަވަރންމަންޓް އޮންލައިން ޚިދުމަތުގެ ތެރެއިން، ދައުލަތުގެ އިދާރާއަކުން ބޭނުންވާ މަޢުލޫމާތެއް ޕީޖީ އޮފީހުގައި ހުރިނަމަ، ސިޓީބިޓީ ބަދަލުކުރުމަކާ ނުލައި، އޮންލައިންކޮށް ރިކުއެސްޓެއް ފޮނުވައިގެން، އެ މަޢުލޫމާތު ބެލޭނޭ އިންތިޒާމު އެހުރީ މިހާރު ހަމަޖެހިފައެވެ. މިގޮތަށް މަޢުލޫމާތު ހޯދާ އިދާރާތައް މިހާރުވެސް އެބަހުއްޓެވެ.

ޕީޖީ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ - ނިޔާވެހި

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު

ވިކްޓިމް ސަޕޯޓަށް ޚާއްޞަކޮށް މި އޮފީހުން ނިއުސްލެޓަރއެއް ނެރެންފެށި މަޤްޞަދަކީ ޖިނާއީ ޢަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އަންނަ ބަދަލުތައް ދާއިރާގެ ފަންނީ ބޭފުޅުންނަށް ދުވަހުން ދުވަހަށް ފެންނާނެގޮތް ހެދުމެވެ. އެގޮތުން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި ޢަމަލުކުރާ އުޞޫލުތަކަށް އަންނަ ބަދަލުތަކާއި، ކޯޓުތަކުން ނިންމަވާ ނިންމެވުންތަކުން ކަނޑައެޅޭ އުޞޫލުތަކާއި، އެ ކަހަލަ މައްސަލަތަކުގައި މި އޮފީހުން ޢަމަލުކުރާ އުޞޫލުތަކަށް އަންނަ ބަދަލުތައް މި ނިއުސްލެޓަރގައި ޝާއިޢުކުރެވޭނެއެވެ."ނިޔާވެހި" ނެރުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހުން ފެށިގެން ކޮންމެ މަހަކު އެއްފަހަރުއެވެ.