ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި އެކި މުއައްސަސާތަކުން، ރައްޔިތުންނަށް އެކި ޚިދުމަތްތައް ފޯރުކޮށްދޭއިރު، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު އެހެން އިދާރާތަކުން ހޯދަންޖެހޭ ޙާލަތުތައް އާދެއެވެ. މިޙާލަތުގައި ދައުލަތުގެ ތެރޭގައި ސިޓީބިޓީ ހިންގައިލަންޖެހެއެވެ. ސިޓީއެއް ލިޔެ ފޮނުވަން މަދުވެގެން ދެތިން ދުވަސް ނަގައެވެ. ސިޓީ ރައްދުވާ އިދާރާއަށް ސިޓީ ލިބި، އެސިޓީގައި އެދޭ މަޢުލޫމާތު ހޯދައި، ޖަވާބެއް ތައްޔާރުކޮށް އަނބުރާ ފޮނުވަން އަނެއްކާ މަދުވެގެން ހަފްތާއެއްހައި ދުވަސްނަގައެވެ. އެ ދުވަސްތަކުގެ ތެރޭގައި، ޚިދުމަތް ހޯދަން ބޭނުންވާ ރައްޔިތުން ތިބެންޖެހެނީ މަޑުކޮށްގެންނެވެ.
ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ މީހުންގެ މަސައްކަތަކަށްވާންވީ ޚިދުމަތް އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމެވެ. ރައްޔިތުން މަޑުކޮށްގެން ތިބެންޖެހޭ މުއްދަތު ކުރުކުރުމެވެ. ދައުލަތުގެ ތެރޭގައި ހުންނަ ނިޒާމުތައް ވީހާވެސް ހަލުއިކުރުމެވެ. ފަސޭހަކަމާއެކު މަޢުލޫމާތު ބަދަލުކުރުމެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަމާޒަކީ، މިއޮފީހުގައި ހުރި މަޢުލޫމާތުތައް، ވީހާވެސް ފަސޭހައިން ދައުލަތުގެ އިދާރާތަކަށް ލިބޭނޭގޮތް ހެދުމެވެ. މިކަމަށްޓަކައި ތަޢާރަފުކުރި މިއޮފީހުގެ ގަވަރންމަންޓް އޮންލައިން ޚިދުމަތުގެ ތެރެއިން، ދައުލަތުގެ އިދާރާއަކުން ބޭނުންވާ މަޢުލޫމާތެއް ޕީޖީ އޮފީހުގައި ހުރިނަމަ، ސިޓީބިޓީ ބަދަލުކުރުމަކާ ނުލައި، އޮންލައިންކޮށް ރިކުއެސްޓެއް ފޮނުވައިގެން، އެ މަޢުލޫމާތު ބެލޭނޭ އިންތިޒާމު އެހުރީ މިހާރު ހަމަޖެހިފައެވެ. މިގޮތަށް މަޢުލޫމާތު ހޯދާ އިދާރާތައް މިހާރުވެސް އެބަހުއްޓެވެ.
ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގައި، ޖިނާއީ ބޮޑު މައްސަލައެއްގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއް ހަމަޖައްސައިދޭން ލާޒިމުކުރެއެވެ. އެކަން ޢަމަލީ ގޮތުން ކުރަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ނަމަވެސް، ދައުލަތުން ޢައްޔަންކުރާ ޤާނޫނީ ވަކީލަށް ދޭންޖެހޭ ލިޔުންތައް ހުންނަނީ ޕީޖީ އޮފީހުގައެވެ. އެ ލިޔުންތައް ހޯދުމަށް، ބަންޑާރަ ނައިބު އޮފީހުން މިއޮފީހަށް ސިޓީއެއް ފޮނުއްވައެވެ. އެސިޓީއާ ލިބުމުން، އެ މައްސަލައެއްގެ ލިޔުންތައް ހުރިތަނަކުން ހޯދައި، އެ ލިޔުންތައް ފޯރުކޮށްދެމެވެ. މިއީ ޤާނޫނުއަސާސީއިން ބާރު ލިބިގެން ހިނގާ ކަމަކަށްވާތީ، މަޢުލޫމާތު ނުދޭނެ އެއްވެސް ޙާލަތެއް ނޯވެއެވެ. މިކަން ކުރަމުން އައީ ސިޓީބިޓީ މެދުވެރިކޮށެވެ.
2023 ވަނަ އަހަރު، މި ބާވަތުގެ 38 ސިޓީއެއް ބަންޑާރަ ނައިބު ޕީޖީ އޮފީހަށް ފޮނުއްވައި، ޖަވާބު ދީފައިވެއެވެ. އާދައިގެ ގޮތެއްގައި، މި 38 ސިޓީ ބަދަލުކުރުމުގެ މަރްޙަލާތަކަށް ކޮންމެ ސިޓީއަކަށް 10 މަސައްކަތު ދުވަހުގެ މަގުން ބެއްޔަސް ޖުމުލަ 380 ދުވަސް (އެއް އަހަރާއި 15 ދުވަސް) ނަގާފައިވާނެއެވެ.
މިއަހަރު މިހައިތަނަށް، މި ބާވަތުގެ 21 ރިކުއެސްޓެއް ބަންޑާރަ ނައިބުގެ އޮފީހުން ފޮނުއްވާފައިވެއެވެ. މިއަހަރުން ފެށިގެން ގަވަރންމަންޓް އޮންލައިން ޚިދުމަތް ބޭނުންކުރަން ފެށުމުން، އެ 21 ރިކުއެސްޓުގެ ޖަވާބު ދިނުމަށް، ރިކުއެސްޓް ހުށަހެޅި ވަގުތުން، މިއޮފީހުން އެކަމާބެހޭ މަޢުލޫމާތު ފޮނުވުމާ ހަމައަށް ނަގާފައި އޮތީ ޖުމުލަ 438 ގަޑިއިރެވެ. އެއީ 18.25 ދުވަހެވެ. މިއީ، އެވްރެޖްކޮށް، ކޮންމެ ސިޓީއަކަށް 21 ގަޑިއިރާއި 54 މިނިޓު 49 ސިކުންތެވެ. ކުރީގައިނަމަ، 10 ދުވަސް (5040 ގަޑިއިރު) ނަގާ ކަމެއް، މިހާރު 22 ގަޑިއިރުން ކުރެވެނީއެވެ. އެފިޝަންސީ %99.5 އިތުރު ކުރެވުނީއެވެ.