ސަބަބުވެރި ވިސްނުމުން ވިސްނުން

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު 30 ޖޫން 2024

މާތްﷲ އިންސާނާއަށް ދެއްވާފައިވާ އެންމެ މަރިވެރި ނިޢުމަތަކީ ބުއްދީގެ ނިޢުމަތެވެ. އިންސާނުންގެ އެންމެ ޚާއްޞަ ސިފައަކީވެސް ވިސްނުމާއި ފިކުރުގެ ތަނަވަސްކަމެވެ. އިސްލާމްދީނަކީ ހެޔޮ ގޮތުގައި ވިސްނާ ފިކުރުކުރުމަށް ބާރުއަޅާ ދީނެކެވެ.

އަލް-އަޢުރާފް ސޫރަތުގެ 179 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"...އެ ހިތްތަކުން (ހައްޤު ގޮތް) ނުވިސްނޭ ހިތްތަކެއް އެ އުރެންނަށްވެއެވެ. އަދި އެ ލޯތަކުން (ޙައްޤު މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށް ވެއެވެ. އަދި އެ ކަންފަތްތަކުން (ޙައްޤު އަޑު) ނާހާ ކަންފަތްތަކެއްވެސް އެއުރެންނަށް ވެއެވެ. އެއުރެން ގެރި ބަކަރި ޖަމަލު ފަދައެވެ..."

ކީރިތި ޤުރުއާނުގެ އިސްވެ ދެންނެވުނު އާޔަތުން އެނގޭގޮތުގައި އިންސާނުންނާ ޖަނަވާރުން ފަރަގު ކޮށްދޭ މައިގަނޑު ކަމަކީ އިންސާނުންނަށް ލިބިފައިވާ ބުއްދީގެ ނިޢުމަތެވެ. ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުކުރާނަމަ އިންސާނަކާ ޖަނަވާރެއްގެ މާބޮޑު ތަފާތެއް ނެތެވެ.

ދެ އިންސާނަކު އެއްކަމެއްގައި މުޅީން ޚިޔާލު އެއްގޮތް ނުވާނެކަމީ ދުނިޔެ ދައްކާ ޙަޤީޤަތެކެވެ. ޚިޔާލު ތަފާތުވުމަކީ މައްސަލައެއްވެސް ނޫނެވެ. އެކި މީހުން އުޅެ ބޮޑުވަނީ އެކި ޙާލަތްތަކުގައި، އެކި މާޙައުލުތަކުގައިކަމަށްވެފައި، ދުނިޔެމަތީގައި އެކި މީހުންނަށް ދިމާވަނީ އެކި ކަންކަން ކަމަށްވާތީ، ކަންކަމުގައި ވިސްނޭގޮތް ތަފާތުވަނީއެވެ.

ނަމަވެސް ވިސްނުމުގައި ކްލެރިޓީ ނުވަތަ ސާފުކަން ހުރުމަކީ ވަރަށް މުހިންމުކަމެވެ. މިކަމަށް އޮތް މަގަކީ ސަބަބުވެރި ވިސްނުމެވެ. ސަބަބުވެރި ވިސްނުމަކީ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ތިމާގެ ވިސްނުން ބައްޓަންކުރުމެވެ. ތިމާ ކުރާ ކޮންމެ ކަމެއްގައި، އަދި ނިންމާ ނިންމުމެއްގައި އެކަން ކުރުމަށް އެކަށީގެންވާ، ޖާއިޒު ސަބަބަބެއް އޮތުމެވެ. ސަބަބުވެރި ވިސްނުމުން ވިސްނާ މީހަކު އެ މީހާގެ ކުރިމަތީގައި އޮތް މައްސަލައިގައި ގޮތެއް ނިންމާނީ އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ޙާލަތްތަކާއި ޙަޤީޤަތްތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. އެ ނިންމި ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރެވޭނީ އޭރުންނެވެ. މިތަނުގައި "މައްސަލަ" ކަމަށް މި މާނަކުރީ އިންސާނެއްގެ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކަށެވެ. ކޮންމެ ކަމަކީވެސް މައްސަލައެކެވެ. އަޅުގަނޑުމެން ހޯދަނީ އެކަމަށް ޙައްލެކެވެ. އެ ޙައްލު ހޯދުމުގެ ސާފު ސީދާ މަގަކީ ސަބަބުވެރި ވިސްނުން ބޭނުންކުރުމެވެ.

ޖިނާއީ މައްސަލަތަކުގައިވެސް ސަބަބުވެރި މީހެއްގެ ވިސްނުމުން ވިސްނައި އަޅާކިއުމަކީ އޮންނަ ހަމައެކެވެ. މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެެނެރަލް މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރަޢުޔުގައި މިކަން އިތުރަށް ތަފްޞީލުކޮށްދެއްވާފައިވެއެވެ. އެ މައްސަލައިގައި، މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ ވަޒަންކުރުމުގައި ފަރުވާތެރި, ސަބަބުވެރި މީހެއްގެ ވިސްނުން ފަނޑިޔާރު ތަތުބީޤުކުރަންވީގޮތް ބަޔާންކުރައްވާފައިވެއެވެ.

އެ ޤަޞިއްޔާގައި ފަރުވާތެރި ސަބަބުވެރި މީހެއްގެ މިސާލެއް ފަނޑިޔާުރު ދެއްވާފައިވެއެވެ. އެއީ "އާދައިގެ ދިރިއުޅުމެއް އުޅޭ، މަގުމަތިން ދިމާވާ، ނުވަތަ މާލެއިން ރަށަކަށް ދަތުރުކުރާ ފެރީއަކުން ދިމާވާ މުދައްރިސެއް ނުވަތަ މާވަޑިއެއް ނުވަތަ ކެޔޮޅެއްކަމަށް" ފަނޑިޔާރު ލިޔުއްވާފައިވެއެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި ފަނޑިޔާރު އެ މޭރުމުން މިސާލު ޖައްސަވާފައި އެވަނީ މުޖުތަމަޢުގައި ދިރިއުޅޭ ހަރުދަނާ މީހެއްގެ މިސާލު ނެންގެވުމަށްޓަކައެވެ. ސަބަބުވެރި ވިސްނުމުގެ މީހަކީ ހަރުދަނާވާނެ މީހެކެވެ. ތުހުމަތުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގައި ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުރިތޯ ވަޒަންކުރުމުގައި ފަނޑިޔާރު މި ރުޖޫޢަވާންޖެހެނީ ފަރުވާތެރި ސަބަބުވެރި މީހެއްގެ ވިސްނުމަށެވެ. ހަމަ އެގޮތަށް ފަނޑިޔާރު ކުރިމައްޗަށް ހުށަހެޅޭ ޖިނާއީ މައްސަލަތަކުގައި ގޮތް ނިންމުމުގައިވެސް ސަބަބުވެރި ވިސްނުމުގެ މީހެއްގެ ނަޒަރުން ވަޒަންކުރުން ހުއްދަކުރެއެވެ. އޭގެ މިސާލަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭސްކުރުން ހުއްޓުވުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 10/2014) ގެ 5 ވަނަ މާއްދާގެ ދަށުން "އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތު" އޮތްތޯ ފަނޑިޔާރު ވަޒަންކުރަންޖެހެނީ ސަބަބުވެރި މީހެއްގެ ވިސްނުމުންނެވެ.

ޤާނޫނީ ފަންނުގެ މީހުން ކަންކަން ނިންމަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. ޤާނޫނަކީ ސަބަބުވެރި ވިސްނުމުގެ ތެރެއިން ވުޖޫދުވާ އެއްޗެކެވެ. 

އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާރސިޓިން "ކްރިޓިކަލް ތިންކިންގ" އާ ގުޅޭގޮތުން ހަދާފައިވާ ދިރާސާއެއްގައި، އެފަދަ ވިސްނުން ހުރިކަން އަމިއްލައަށް ދެނެގަންނާނެ ގޮތްތަކެއް ބަޔާންކޮށްފައިވެއެވެ. އެގޮތުން ދިމާވާ ކަންކަމުގައި ސުވާލު ކުރެވުމާއި، އިތުރަށް ކަންކަން ސާފުކުރަން ބޭނުންވުމާއި، ލިބޭ މަޢުލޫމާތު ކުރިން ލިބިފައިވާ މަޢުލޫމާތާ އަޅާކިޔައި، އެ މަޢުލޫމާތުގެ އަލީގައި އަމިއްލައަށް ނިންމާ ނިންމުމުގައި ހުރި އުނިކަންކަންވެސް ދެނެގަނެވުމެވެ.

ސަބަބުވެރި ވިސްނުންގެންގުޅުމަކީ ދިރިއުޅެން ފަސޭހަވާކަމެކެވެ. ދުނިޔޭގައި ކަންކަން ހިނގަނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެންނެވެ. އެ ސަބަބުތަކާމެދު ވިސްނައި ފިކުރުކޮށް، އެ ސަބަބުތަކުގައި ހިފައިގެން ކުރިއަށްދާނަމަ މާ އުފާވެރި ހަޔާތެއް ވޭތުކުރެވޭނެއެވެ. އިސްލާމްދީނުގައިވެސް އަންގަވާފައިވާ ގޮތަކީ އެއީއެވެ.