ޝަރީޢަތުގެ ވަގުތު ސަލާމަތްކުރުމަށް ލިޔުންތަކުގެ ޚުލާޞާ ހުށަހެޅިދާނެ

17 މާރިޗު 2023

ޖިނާއީ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާއަކީ ބުރަ ބޮޑު، އަދި ގިނަ ވަގުތު ހޭދަވާ މަރުޙަލާއެކެވެ. މިހެން ދިމާވާ އެއް ސަބަބަކީ ކޯޓަށް ހުށަހެޅޭ މައްސަލަތަކަށްވުރެ ނިމޭ މައްސަލަތައް މަދުވުމެވެ. އަހަރުތަކެއް ކުރީގެ ބެކް ލޮގެއް އުފެދިފައިވުމެވެ. ޖިނާއީ މައްސަލަތައް ސާބިތުކޮށްދިނުމުގެ މިންގަނޑަކީ "އެކަށީގެންވާ ޝައްކެއް ނެތް މިންވަރު" ކަމަށްވެފައި، ހެކި ހުށަހަޅައިގެން އެ މިންވަރަށް ކަމެއް ސާބިތުކުރުމަށްވެސް ވަގުތު ނަގަނީއެވެ.

މީހެއްގެ މައްޗަށް ކުށެއް ކުރިކަން ސާބިތުވާނީ އޭނާ އެ ކުށްކުރިކަމުގެ އެކަށީގެންވާ ޝައްކެއްނެތި ސާބިތުކޮށްދީގެންނެވެ. މި އަސާސް އެގޮތުގައި ހިފެހެއްޓުމާއެކު، ކޯޓު މަރުޙަލާ އަވަސް ކުރުމަށް ހޯދިދާނެ ބައެއް ފަރުވާތައް ހެއްކާބެހޭ ޤާނޫނުގައި އެބަހުއްޓެވެ.

ޢާންމު ގޮތެއްގައި، ޝަރީޢަތަށް ހެކީގެ ގޮތުގައި ލިޔުމެއް ހުށަހަޅާނަމަ ހުށަހަޅަންޖެހެނީ އޭގެ އަސްލެވެ. ނަމަވެސް އެއްފަހަރާ ގިނަ ލިޔުންތަކެއް ހުށަހަޅާ ޙާލަތުގައި، އެ ލިޔުންތައް ދިރާސާކުރުމަށް ޝަރީޢަތަށް ބުރަ ބޮޑުވެ، ގިނަ ވަގުތު ހޭދަވެދާނެކަމަށް ފެންނަ ޙާލަތުގައި، އެ ލިޔުންތައް ދިރާސާކޮށް އެއިން ދޭހަވާ ނަތީޖާއާމެދު މީހަކަށް ހެކިބަސް ދެވިދާނެއެވެ. އަދި އެ ލިޔުންތަކުގެ ޚުލާޞާއެއް ކޯޓަށް ހުށަހެޅިދާނެއެވެ. މިއީ ހެއްކާބެހޭ ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލެވެ.

މިއީ ދިވެހިރާއްޖެއަށް އައު މަފްހޫމެކެވެ. ނަމަވެސް އޮސްޓްރޭލިއާ، މެލޭޝިއާ އަދި އިންޑިއާ ފަދަ ޤައުމުތަކުގައި މިއީ ކާމިޔާބުކަމާއެކު ޢަމަލުކުރަމުން އަންނަ އުޞޫލެކެވެ. މަޤްޞަދަކީ ޝަރީޢަތުގެ ވަގުތު ސަލާމަތްކުރުމާއި، ލިޔުންތައް ދިރާސާކުރުމުގައި އޮޅުންއެރުމުގެ ފުރުޞަތު ކުޑަކޮށް، ހެއްކަށް ދެވޭ ބުރަދަން ވަޒަންކުރަން ފަސޭހަވުމެވެ.

އެއްކަމެއް ސާބިތުކުރުމަށް ބައެއް ޙާލަތްތަކުގައި ޤަބޫލުކުރަންވެސް ދަތިވާހާ ގިނަ ލިޔުންތައްވެސް ހުށަހަޅަންޖެހެއެވެ. މިސާލަކަށް ޓެކުހަށް މަކަރު ހެދުމުގެ މައްސަލައެއްގައި ވިޔަފާރިއެއްގެ ހަތަރު އަހަރުގެ ވިކުރާއާއި ބިލްތައް ހުށަހަޅަންޖެހިދާނެއެވެ. ނުވަތަ ވިޔަފާރީގެ 10 އަހަރުގެ ބޭންކް ސްޓޭޓްމަންޓްތައް ހުށަހަޅަންޖެހިދާނެއެވެ. މި ހުރިހާ ޑޮކިއުމަންޓްތައް ދިރާސާކޮށް އެއިން ނަތީޖާއެއް ނެރުމަކީ ގިނަ ވަގުތުތަކެއް ހޭދަވާނެ ކަމެކެވެ. ލިޔުންތައް ދިރާސާކުރަންޖެހެނީ ހަމައެކަނި ޝަރީޢަތަކުން ނޫނެވެ. ދެ ޚަޞްމުންނަށްވެސް އެ ބުރަ އެބައޮތެވެ. ނަމަވެސް އެ ލިޔުންތައް ދިރާސާކުރުމުގެ ހުނަރު ލިބިފައިވާ ޚަބީރަކު އެ ލިޔުންތަކުގެ ޚުލާޞާއެއް ތައްޔާރުކޮށް، އޭގެ ޢާންމު ނަތީޖާއާ ގުޅޭގޮތުން ހެކިބަސްދިނުމުން، ތިން ފަރާތުންވެސް ސާފުކުރަންހުރި ކަންކަން އެ ޚަބީރު ކުރެން ސާފުކުރެވޭނެއެވެ. ލިޔުންތައް ބަލައި ދިރާސާކުރުމުގެ ކަންކަން ޚަބީރުގެ އަތްމައްޗަށް ދޫކޮށްލެވިދާނެއެވެ. އެއީ ވަކި ކޮޅަކަށް ބުރަނުވާ ކަމާބެހޭ މާހިރެކެވެ.