"އާމަހި" އާއަކު މަޢުލޫމާތު އާންމުކުރުމަށް ބޮޑު ބަދަލެއް

17 މާރިޗު 2023

ޤާނޫނުއަސާސީގެ 221 ވަނަ މާއްދާގައި އޮތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އަސާސް ބިނާކުރާންވާނީ ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީވުމުގެ މައްޗަށް ކަމަށެވެ.

"ޢާންމުކުރާ މަޢުލޫމާތާއި ހިސާބު – އާމަހި" އަކީ މި އޮފީހުގެ މަސައްކަތްތައް ވީހާވެސް ހާމަކަމާއެކު ޢާންމުނަށް ފެންނާނެގޮތް ހެދުމަށްޓަކައި, ކުރަމުންދާ މަސައްކަތަށް މިދިޔަ އަހަރު ޑިސެންބަރު މަހު އިތުރުކުރި ބޮޅެކެވެ. ޖަވާބުދާރީވަނިވި މަސައްކަތެއް ކުރެވޭނީ ޖަވާބުދާރީ ކުރެވޭ ވަރަށް މަޢުލޫމާތު ހާމަކޮށްގެންނެވެ.

"އާމަހި" އަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދުވަހުން ދުވަހަށް ކުރާ ހުރިހާ މަސައްކަތެއްގެ ތަފާސްހިސާބު ހިމެނޭ ވެބްސައިޓެކެވެ. އާމަހި ފަރުމާކޮށްފައިވާނީ އޮޓަމެޓިކުން ޑާޓާ އެއްކޮށް، ރިޕޯޓްކުރާ ގޮތަށެވެ. މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމުން މައްސަލަތަކުގައި އަޅާ ފިޔަވަޅުތަކުގެ ޑާޓާ ކަލެކްޓްކޮށް ތަފާސްހިސާބުގެ ގޮތުގައި އާމަހި ވެބްސައިޓަށް އޮޓަމެޓިކުން ޖެނެރޭޓް ކުރާނެއެވެ. ކޮންމެ 6 ގަޑިއިރަކުން މަޢުލޫމާތު އަޕްޑޭޓްވާނެއެވެ.