ޖިނާއީ ކުށާއި، ކުށުގެ އަދަބަކީ ޤާނޫނުގައި ކުރިން ކަނޑައެޅިފައިވާ އެއްޗެކެވެ. އުޞޫލެއްގެ ގޮތުން ކުށަށް ދެވޭނީ ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބެކެވެ.
ނަމަވެސް ކުށެއް ކުރުމަށްފަހު އެ ކުށަށް އިޢުތިރާފުވެ، ކުށުގެ ޒިންމާ އުފުލާ މީހުންނަށް ޖިނާއީ ޤާނޫނު ލުއި ގޮތްތައް ހޯދައިދެއެވެ. ކުދި ކުށްތަކަށް އިޢުތިރާފުވުމުން ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތުގެ އެއްބަސްވުމެއް ވުމުގެ ފުރުޞަތު އޮވެއެވެ. އެނޫން މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވުމަކީ، ކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަށްވުރެ ކުޑަ އަދަބެއް ދިނުން ހުއްދަކުރާ ޙާލަތެކެވެ.
އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން ތުހުމަތުކުރެވޭ މީހާ އެއްބަސްވާނީ ކޯޓުގައި ކުށަށް އިޢުތިރާފުވާށެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އެއްބަސްވާނީ އޭނާ ކޯޓުގައި ކުށަށް އިޢުތިރާފުވެއްޖެނަމަ ދޭނެ ލުއިތަކާ މެދުގައެވެ. ކުށުގެ ބާވަތުން އަދަބު ދެބައިކުޅަ އެއްބައި ނުވަތަ އެއަށްވުރެ ބޮޑުބައި ކުޑަކުރުން ޤާނޫނު ހުއްދަކުރެއެވެ. އަދި ޖަލު އަދަބު ނޫން އެހެން އަދަބުތައް ކަނޑައެޅުންވެސް ހުއްދަކުރެއެވެ. އަދި ވަކި ދަޢުވާއެއް ނުކުރުމަށާއި, ކޮށްފައިވާ ދަޢުވާއެއް އަނބުރާ ގަނައުމަށްވެސް އެއްބަސްވެވިދާނެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު 4 ވަނަ އިސްލާޙްގެ ދަށުން ތަޙުޤީޤު މަރުޙަލާއިން ފެށިގެން މައްސަލަ ޝަރީޢަތަށް ހުށަހެޅި ޚުލާޞާ ބަޔާން ހުށަހެޅުމުގެ މަރުޙަލާއާ ހަމައަށް އިޢުތިރާފުގެ އެއްބަސްވުން ވެވިދާނެއެވެ. މިހާރު ހިނގަމުންދާ މައްސަލަތައްވެސް ހިމެނޭ ގޮތުންނެވެ.
ތަޙުޤީޤު މަރުޙަލާގައި އިޢުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދޭނަމަ ތަޙުޤީޤުކުރާ ފަރާތަށް އަދި އެނޫން މަރުޙަލާތަކުގައި އެކަމާ ގުޅޭ ފޯމުން މި އޮފީހަށް ހުށަހެޅޭނެއެވެ. ތަޙުޤީޤު މަރުޙަލާގައި އިޢުތިރާފުގެ އެއްބަސްވުމެއް ވުމަށް ނިންމާ މީހުންގެ މައްސަލަތައް 5 ދުވަސް ތެރޭގައި މި އޮފީހަށް ހުށަހަޅަންޖެހެއެވެ. އަދި ކޯޓަށް ހުށަހެޅުމާއެކު ބޭއްވޭ ފުރަތަމަ އަޑުއެހުމުގައި އިޢުތިރާފުގެ އެއްބަސްވުމާ އެއްގޮތަށް ޙުކުމްކޮށް މައްސަލަ ނިމޭނެއެވެ.
ދައުލަތާއި ކުށުގެ ތުހުމަތުކުރެވޭ މީހާގެ މަސްލަޙަތުވެސް އޮތީ މައްސަލަތައް އަވަހަށް ނިމުމުގައެވެ. އިޢުތިރާފުގެ އެއްބަސްވުމެއް ވުމުގައި ދައުލަތަށް އޮތް ފައިދާއަކީ ދައުލަތުގެ ވަގުތާއި ވަސީލަތްތައް ސަލާމަތް ކުރެވުމެވެ. މުއްތަޙަމަށް އޮތް ފައިދާއަކީ ލުއި އަދަބާއެކު، އޭނާގެ މައްސަލަ "ފާސްޓް ޓްރެކް" ގައި ނިމިގެން ދިއުމެވެ.