ހެކިބަސް ދިނުމަށް މިހާރު ލާޒިމުކުރެވޭ

17 މާރިޗު 2023

ހެކިބަސް ދިނުމަށް ގޮވާލުމުން، އެމީހަކަށް އެނގިހުރި މިންވަރަކުން ހެކިބަސް އަދާކުރުމަކީ އިސްލާމީ ޝަރީޢަތުގައި ބާރުއަޅުއްވައި އަމުރުކުރައްވާފައިވާ ކަމެކެވެ.

ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ގޮތް ނިންމޭނީ ހެކީގެ މައްޗަށެވެ. އޭގެ ތެރެއިންވެސް އެންމެ ބާރުގަދައީ ކަމެއް ދުށް ނުވަތަ ތަޙައްމަލުކުރި މީހަކު ޝަރީޢަތުގައިދޭ ބަޔާނެވެ. ނުވަތަ ހެކިބަހެވެ. މީހަކު ކުށެއް ކުރިކަން އެންމެންނަށް އެނގޭތީ، އޭނާގެ މައްޗަށް ކުށް ސާބިތުވާނެކަމަށް ބައެއް ފަހަރު ބެލެވިފައި އޮވެއެވެ. ނަމަވެސް އެއީ ކިތަންމެ ފާޅުކަންބޮޑު ގޮތެއްގައި މީހަކު ކުރި ކުށެއްކަމުގައި ވިޔަސް، ކޯޓުން މައްސަލައެއް ސާބިތުވާކަމަށް ނިންމާނީ، އެމީހަކު ކުށް ކުރިކަމަށް ލިބޭ ހެއްކާއި ޤަރީނާގެ މައްޗަށް އެކަންޏެވެ. ޝަރްޢީ ނިޒާމު ހިނގާ ގޮތަކީ އެއީއެވެ.


ޖިނާއީ މައްސަލަތައް ކޯޓުގައި ސާބިތުނުވާ މައިގަނޑު އެއް ސަބަބަކީ، އެކިއެކި ސަބަބުތަކާހުރެ ހެކިން ކޯޓަށް ޙާޟިރުވެ ހެކިބަސް ދިނުމަށް ފަސްޖެހުމެވެ. ކޯޓަށް ޙާޟިރުވުމަށް އެންގުމުން، ޙާޟިރުވުމަކީ ޤާނޫނީ ގޮތުން ލާޒިމުކަމެވެ. އަބަދުވެސް އެކަން އޮތީ އެގޮތަށެވެ. ނަމަވެސް، ކޯޓަށް ޙާޟިރުކުރުން މަޖުބޫރުކޮށްގެން ގެންނަ ހެކި މީހާއަށް، ހެކިބަސް ދިނުން ޤާނޫނީ ގޮތުން ލާޒިމުވާ ސާފު ޤާނޫނީ އަސާސެއް މިހާތަނަށް ރާއްޖެއަކު ނެތެވެ. ޙާޟިރުވާންޖެހެއެވެ. ހެކިބަސް ދޭން ޖެހޭކަމެއް ނުވަތަ ނޫންކަން ސާފުނުވަނީއެވެ.

ނަމަވެސް، ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ވަކި ޙާލަތްތަކެއްގައި ހެކިން ކޯޓަށް ޙާޟިރުވެ ހެކިބަސް ދިނުމަށް ލާޒިމުކުރެވޭނެކަމަށް ލިޔެފައި އެބައޮތެވެ. ހެއްކާބެހޭ ޤާނޫނުގެ 53 ވަނަ މާއްދާގައި، ވަކިކަމެއް ސާބިތުކުރުމަށް ހެކިބަސްދޭނެ އެހެން މީހަކު ނެތް ޙާލަތުގައި، އަދި އެ ހެކިވެރިޔާގެ ހެކިބަހުން ނޫނީ ސާބިތުކޮށްދެވެން ނެތް ކަންކަމާ ގުޅިގެން، ހެކިންނަށް ކޯޓަށް ޙާޟިރުވެ ހެކިބަސްދިނުން ލާޒިމު ކުރެވިދާނެއެވެ. މިއުޞޫލުގެ އިސްތިސްނާއެއް ޤާނޫނުގައި އެބައޮތެވެ. އެއީ، މައިންބަފައިންނާއި ދަރިންނާއި އަނބިފިރިންނަށް، އެކަކު އަނެކަކާ ދެކޮޅަށް ހެކިބަސްދިނުން ލާޒިމުކުރެވޭނީ ވަކި ޚާއްޞަ ޙާލަތްތަކެއްގައި، ވަކި ބާވަތްތަކެއްގެ މައްސަލަތަކުގައި ކަމަށް އޮތް އިސްތިސްނާއެވެ.

ހެކިވެރިންނަށް ރައްކާތެރިކަން ދިނުމާއި، ދުވަސްވީ މައްސަލަތަކުގައި ހެކިންގެ ހަނދާން ތާޒާކޮށްދިނުމާގުޅޭ ޒަމާނީ އުޞޫލުތައްވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު އިޞްލާޙްތަކާއި، ހެއްކާބެހޭ ޤާނޫނުގެ ދަށުން މިހާރު އޮތީ ކަނޑައެޅިފައެވެ.

މައްސަލައިގެ މަޢުލޫމާތު އެނގޭ މީހުން، އެ ކަމުގެ ޙަޤީޤަތް ކިޔައި ދިނުމަކީ މުޅި މުޖުތަމަޢުގެ މަސްލަޙަތު އެ ކަމުގައި ހިމެނޭ ކަމެކެވެ. އަނިޔާ ލިބުނު މީހަކަށް އިންސާފު ލިބުމާއި، ކުށެއްކުރި މީހަކަށް އެ ކަމުގެ އަދަބު ލިބުމާއި ނުލިބުމުގެ ބޮޑު ހިއްސާއެއް އޮތީ ހެކިންގެ އަތްމަތީގައެވެ.