• 19 ސެޕްޓެންބަރު 2023

    ޝަރީޢަތް ނިމެންދެން ބަންދުކުރުމާއި ނުކުރުން

    ބައެއް މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން މީހުން ބަންދު ނުކޮށްވަނީ ކީއްވެތޯ ބައެއް ނޫސްވެރިން ސުވާލުކުރައްވައެވެ. ޝަރީޢަތް ނިމެންދެން މީހަކު ބަންދު ނުކޮށްވަނީ ކީއްވެކަން އެއީ ޖަވާބުދިނުން ދަތިވާ ސުވާލެކެވެ. އެހެނީ އަސްލަކީ ބަންދު ނުކުރުމެވެ. ޝަރީޢަން ނިމެންދެން ބަންދުކުރުމަކީ އިސްތިސްނާ ޙާލަތްތަކެއް ވުޖޫދުވެގެން ވަކި ޚާއްޞަ މިންގަނޑަކުން މިނެކިރުމަށްފަހު ނިންމާ ނިންމުމެކެވެ. 

    ޤާނޫނުއަސާސީ ތަޞައްވުރުކުރާ ގޮތުން މީހަކު ބަންދުކުރާންވާނީ ޙުކުމެއްކޮށް މައްސަލަ ސާބިތުވުމުންނެވެ. ނަމަވެސް ވަކި ޚާއްޞަ ޙާލަތްތަކެއްގައި ތަޙުޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައިވެސް މީހުން ބަންދުގައި ބެހެއްޓެއެވެ. އެއީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ 4 ޙާލަތެވެ.

    އެފަދަ ޙާލަތެއް ވުޖޫދުވެއްޖެކަން ފަނޑިޔާރަށް ޤަބޫލުކުރެވޭ މިންވަރަށް ހެކިތަކުން ސާބިތުވާން އޮންނަންޖެހެއެވެ. އެހެންކަމުން ކޮންމެ މައްސަލައެއްގައިވެސް ޝަރީޢަތް ނިމެންދެން މީހަކު ބަންދުކުރަންޖެހޭ ޙާލަތެއް އޮތްކަން ވަޒަންކުރަނީ އެ މައްސަލައެއްގެ ނިސްބަތުންނެވެ. މާނައަކީ ކޮންމެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރަންޖެހޭ ޙާލަތެއް އޮތްތޯ ވަޒަންކުރަން ޖެހޭނީ އެ މައްސަލައަކަށް ވަކިންނެވެ. ހެކި ޤަރީނާ ލިބިފައިވާ މިންވަރާއި، ތުހުމަތުކުރެވޭ މީހާ ކުޅަ ޢަމަލާއި، އޭނާގެ ކުށުގެ ރެކޯޑާއި، މުޖުތަމަޢުގައި އަދާކުރާ ދަޢުރާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތް މިންވަރަށް ބަލައި އެމީހެއްގެ ނިސްބަތުންނެވެ.

    ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ޙުކުމް ކުރުމުގެ ކުރިން މީހުން ބަންދުގައި ބެހެއްޓިދާނެ 2 ޙާލަތެއް ވެއެވެ. އެއީ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވުން ނުވަތަ މުޖުތަމަޢުގެ ކުޑަކުދިންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުޞަތު އޮތުމެވެ.

    ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި މީހުން ބަންދުކުރުމުގައި ޢަމަލުކުރަން ޤާނޫނުގައި އޮންނަ އިޖުރާޢަތަކީ އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރުމަށްފަހު، އިސްވެ ދެންނެވުނު 2 ޙާލަތް ނުވަތަ އެއިން ޙާލަތެއް ވުޖޫދުވާކަމަށް ތަޙުޤީޤަށް ބެލެވޭނަމަ، އެކަން މި އޮފީހަށް ސިޓީއަކުން މަޢުލޫމާތު ދިނުމެވެ. އަދި ފުލުހުން މީހަކު ބަންދުކުރުމަށް އެދި ހުށަހަޅައިފިނަމަ އަދި މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް މި އޮފީހަށްވެސް ފެންނަމަ، އެކަން ކޯޓަށް ހުށަހަޅާނީއެވެ.

    ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި ތުހުމަތުކުރެވޭތީ ހަމައެކަނި އެ ސަބަބުގެ މައްޗަށް، މީހަކު ބަންދުގައި ބަހައްޓާކަށް ޤާނޫނު ހުއްދަ ނުކުރެއެވެ. ހުއްދަކުރަނީ އިސްވެ ދެންނެވުނު ސަބަބުތަކުން ކުރެ ސަބަބެއް އޮތްނަމައެވެ. އަދި އެކަން ސާބިތުކޮށްދެވޭނެނަމައެވެ.

    ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ރިޕޯޓް ކުރެވުމުން ވިކްޓިމައިޒްވާ ކުއްޖާއާއި ޢާއިލާގެ އިޖްތިމާއީ ޙާލަތާއި ކުއްޖާގެ ނަފްސާނީ ޙާލަތު ދެނެގަތުމަށް އެސެސްމަންޓް ރިޕޯޓްތައް ތައްޔާރުކުރެއެވެ. ވިކްޓިމާއި ވިކްޓިމްގެ ޢާއިލާއަށް ކުށުގެ ސަބަބުން އަސަރުކޮށްފައިވާ މިންވަރާއި، ތުހުމަތުކުރެވޭ ފަރާތުގެ ނުފޫޒު އޮތް މިންވަރު އެ އެސެސްމަންޓްތަކުން ދެނެގަނެވެއެވެ. އަދި އެންމެ ފުރަތަމަ ކަމަކަށް ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރެވެއެވެ.

    ކުޑަކުދިން ވިކްޓިމައިޒްވާ މައްސަލަތަކުގައި މިނިސްޓްރީ އޮފް ޖެންޑަރ، ޕޮލިސް އަދި މި އޮފީހު ވިކްޓިމް ސަޕޯޓް ޔުނިޓުގެ ފަރާތުން ކުދިންނާއި ޢާއިލާއާއެކު މަސައްކަތް ކުރަމެވެ. އަދި މުޖުތަމައުގެ ކުޑަކުދިންނަކީ ޖިންސީ ގޯނާއިން ރައްކާތެރިކަން ލިބިގެންވާ ކުދިންކަން ކަށަވަރުކުރުމަށް ޤާނޫނީގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މިދަނީ އަޅަމުންނެވެ.

    ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަކީ އިސްވެ ދެންނެވުނު ފަދައިން ވަކި ޚާއްޞަ ޙާލަތްތަކެއްގައި ނިންމާ ނިންމުމެއްކަމަށްވާތީ، އެކަމުގައި މި އޮފީހުން މި ގެންދަނީ ލިޔެވިފައިވާ ޚާއްޞަ ހަމަތަކެއް ހިފަހައްޓަމުންނެވެ. މަޤްޞަދަކީ ޙުކުމެއް ކުރުމުގެ ކުރިން ކޮންމެހެން ބަންދުގައި ހުންނަން ނުޖެހޭ މީހަކު ބަންދުގައި ނުބެހެއްޓުމެވެ.