ޝަރީޢަތް ނިމެންދެން ބަންދުކުރުމާގުޅޭ މައްސަލަތައް ޙައްލުކުރުމަށް ޝަރުޢީ ކޯޓުތައް ފިޔަވައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކެއް ހިމެނޭ ގޮތަށް، މި އޮފީހުން އިސްނަގައިގެން ބޭއްވި "ބަންދު ފޯރަމް" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ފޯރަމް ބޭއްވި މަޤްޞަދަކީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ ޝަރުތުތައް މުރާޖަޢާކޮށް މުޠާލިޢާކުރުމުގައި، ގެންގުޅޭނެ ހަމަތަކާއި އުޞޫލުތައް ކަނޑައެޅުމުގައާއި، މި ނިޒާމު މިހާރަށްވުރެ ފުރިހަމަކޮށް، ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ޙައްޤުތަކާއި މުޖުތަމަޢުގެ ޙައްޤުތައް ރައްކާތެރިކޮށް އެއްހަމަކުރެވޭނެ ގޮތަށް މި ނިޒާމަށް އީޖާދީ އަދި އީޖާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުމެވެ.
އަދި ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކަށް ކުރިމަތިވާ މައްސަލަތައް ދެނެގަތުމެވެ. އަދި އެ ކަންކަމަށް އޮތް ޙައްލު ހުރިހާ އިދާރާތަށް ގުޅިގެން ދެނެގަތުމެވެ.
ބަންދު ފޯރަމް ކުރިއަށްދިޔަ ގޮތް:
1. ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ ބަދަލުގައި، އެޅިދާނެ އެހެން ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އެޅުމަށް މިހާރު އޮތް ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާއި، މޮނިޓަރިންގ މެކޭނިޒަމްއެއް ތަންފީޛްކުރުމަށް ތަންފީޛީ އިދާރާތަކުން ތައްޔާރުވެފައިވާ މިންވަރާ ގުޅިގެން ތަފްޞީލީ ގޮތެއްގައި މަޝްވަރާ ކުރެވުނު.
2. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިއަށްގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، ޤާނޫނަށް ގެންނަންޖެހޭ އިސްލާޙްތަކާމެދު މަޝްވަރާކުރެވުނު.
3. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށްގެންދިއުމަށް ކޯޓުތަކަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި، ބަންދުގައި ތިބޭ މީހުން ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޝަރީޢަތް ކުރިއަށްގެންދިއުމުގެ ވަސީލަތް އިތުރު ކުރުމަށް މަޝްވަރާ ކުރެވުނު.
4. ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މީހުންގެ ތެރެއިން ރިމާންޑް ޖަލުތަކަށް ބަދަލުކުރަންޖެހި، ބަދަލު ނުކުރެވިވާ ފަރާތްތަކަށް، ކަސްޓޯޑިއަލް ޖަލުގައި ރިމާންޑް ޖަލެކޭ އެއްފެންވަރަކަށް ޚިދުމަތް ދިނުމާމެދު މަޝްވަރާ ކުރެވުނު.
5. ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ ބިދޭސީންގެ މަޢުލޫމާތު މޯލްޑިވްސް އިމިގްރޭޝަނާ ޙިއްޞާކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ނިންމުނު. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިގެން ޝަރީޢަތް ނިމެންދެން ބަންދުކުރާ ބިދޭސީންގެ މަޢުލޫމާތު މޯލްޑިވްސް އިމިގްރޭޝަނާ ގަވާއިދުން ޙިއްޞާކުރަމުންދިއުމަށް ނިންމުނު.
6. ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ ވަކި ދެ ޚިދުމަތެއްނަމަވެސް، އެއް ކުޑައިގެ ދަށުން މަސައްކަތްކުރާ ދެ އިދާރާކަމުން، ބަންދުގައި ބަހައްޓާ މީހުންގެ ކަންކަމުގައި އެއް އިދާރާ އަނެއް އިދާރާއާ ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުން މަޝްވަރާ ކުރެވުނު.
ޕެނަލް ޑިސްކަޝަން:
ފޯރަމްގެ މައުޟޫއާ ގުޅޭ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވީ:
1. ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް އަޙްމަދު މުޢިއްޒު – މޮޑަރޭޓަރ
2. ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފް
3. ބަންޑާރަނާއިބު އަލްއުސްތާޛް އަޙްމަދު އުޝާމް
4. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ކެޕްޓަން (ރިޓަޔަރޑް) ޢަލީ އިޙްސާން
5. ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު
6. ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު
7. އަލްއުސްތާޛް އިބްރާހީމް ޝަމީލް
8. އަލްއުސްތާޛް ޙަމްޒާ ލަޠީފް
ބައިވެރިވި ފަންނީ އިދާރާތައް:
1. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
2. އެޓާރނީ ޖެނެރަލްގެ އޮފީސް
3. ދިވެހި ފުލުހުންގެ ޚިދުމަތް
4. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
5. މޯލްޑިވްސް އިމިގްރޭޝަން
6. ހިއުމަން ރައިޓްސް ކޮމިޝަން
އޮބްޒަރވަރުންގެ ގޮތުގައި ބައިވެރިވި ފަރާތްތައް:
1. ދިވެހި ފުލުހުންގެ ޚިދުމަތް
2. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
3. މޯލްޑިވްސް އިމިގްރޭޝަން
4. ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
5. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ
6. ހިއުމަން ރައިޓްސް ކޮމިޝަން
7. އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސް
8. ވިލާ ކޮލެޖް
9. މީޑިއާ
ބަންދު ފޯރަމް ސިލްސިލާކޮށް ކޮންމެ އަހަރަކު ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ.