-
13 ސެޕްޓެންބަރު 2023
ސ. މަރަދޫފޭދޫ ، ބްލޫސްޓާރ، އަޙްމަދު ޝުޢައިބު މަރާލި މައްސަލަ ސާބިތުވާކަމަށް ކަނޑައެޅުން
ސ. މަރަދޫފޭދޫ، ބްލޫސްޓަރ، ޙުސައިން މަވާޒު، 31 މޭ 2023 ދުވަހު އޭނާގެ ބޭބެ ސ.މަރަދޫފޭދޫ ، ބްލޫސްޓާރ، އަޙްމަދު ޝުޢައިބު (27އ) އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެން އޭނާއަށް ފަރުވާދެމުންދަނިކޮށް 01 ޖޫން 2023 ވަނަ ދުވަހުގެ 04:36 ހާއިރު ނިޔާވެފައިވާ މައްސަލައިގައި، ޙުސައިން މަވާޒުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 110 ވަނަ މާއްދާގެ ދަށުން އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާ 20 ޖުލައި 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.
މި މައްސަލައިގައި ޙުސައިން މަވާޒު އިޢުތިރާފުވެފައިވާތީ ޙުސައިން މަވާޒާއި މި އޮފީހާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާނެއެވެ.
މި މައްސަލައާ ގުޅިގެން 11 ސެޕްޓެންބަރު 2023 ގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ޙުސައިން މަވާޒުގެ މައްޗަށްކުރާ ދަޢުވާއަށް ޢިޢުތިރާފުވެ، ޝަރީޢަތުން އިޢުތިރާފުގެ ޞައްޙަކަން ކަށަވަރުކޮށް، މި ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވެއެވެ.
އަދި 13 ސެޕްޓެންބަރު 2023 ގައި ބޭއްވުނު އަޑުއެހުމުގައި ޙުސައިން މަވާޒުގެ މައްޗަށް އަދަބު ކަނޑައަޅުއްވާފައިވެއެވެ. އަދަބު ކަނޑައަޅުއްވާފައިވަނީ، މި އޮފީހާއި ޙުސައިން މަވާޒާ ދެމެދު އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަނެ، އެ އެއްބަސްވުމުގައިވާގޮތަށެވެ.
އަދަބު ކަނޑައެޅިގޮތް:
އެނގިހުރެ މީހަކު މެރުމުގެ ކުށުގެ އަސާސީ އަދަބު: 10 އަހަރަށް ޖަލަށްލުން
ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމުން ޤާނޫނުލްޢުޤޫބާތުގެ 1103 ވަނަ މާއްދާގެ ދަށުން އަސާސީ މިންގަނޑުން 1 ދަރަޖަ މަތިކުރުމުން: 12 އަހަރާއި 6 މަހަށް ޖަލަށްލުން
ތަޙުޤީޤު އަދި ޝަރީޢަތް ނިމެންދެން ބަންދުގައި ހޭދަކުރި މުއްދަތު (74 ދުވަސް) އުނިކުރުމުން: 12 އަހަރާއި 3 މަހާއި 18 ދުވަހަށް ޖަލުގައި ބަންދުކުރުން