-
07 ސެޕްޓެންބަރު 2023
އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތުގެ މައްސަލައިގައި ހ. އާހަމަ, ޢަބްދުالله ޒިޔާތުގެ މައްޗަށް އިތުރު 12 އަހަރުގެ އަދަބެއް ކަނޑައެޅުން
2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ އެކި ކުންފުނިތަކުން މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) އަށް ފައިސާ ހޯދުމަށްފަހު އެފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައާއި، ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭ ގޮތަށް އެމް.އެމް.ޕީ.އާރު.ސީ އިން އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި ފައިސާ ދޫކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި, ހ. އާހަމަ, ޢަބްދުالله ޒިޔާތުގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 04 ސެޕްޓެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.
1. ޚިޔާނާތްތެރިވުން
ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން
ދަޢުވާކުރާ ސަބަބު: މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި މީނާ ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރސީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ޑޮލަރު ހޯދައިދުނުމުގެ ނަމުގައި އެ ކުންފުނިން އެކި ފަހަރުމަތިން ދިވެހި ރުފިޔާ ހޯދައި، އެފައިސާތަކުގެ ތެރެއިން 203,784,546.30 (ދުއިސައްތަ ތިން މިލިއަން ހަތްސަތޭކަ އައްޑިހަ ހަތަރު ހާސް ފަސްސަތޭކެ ސާޅީސް ހަ ރުފިޔާ ތިރީސް ލާރި) އެކި ކުންފުނިތަކަށް ދޫކޮށް، އެ ފައިސާތަކަށް ޚިޔާނާތްތެރިވެފައިވާތީ.
އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަސް
ކަނޑައެޅި އަދަބު: 4 އަހަރަށް ޖަލަށް ލުމަށް
2. ޚިޔާނާތްތެރިވުން
ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން.
ދަޢުވާކުރާ ސަބަބު: މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި މީނާ ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރސީގެ ޑޮލަރު އެކައުންޓުގައި ހުރި ފައިސާތައްކެއް އަމިއްލަ އެކި ކުންފުނިތަކަށް ލޯނުގެ ނަމުގައި ދޫކޮށް، އެ ކުންފުނީގެ USD 6,850,000 (ހަ މިލިއަން އަށް ލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އަށް ޚިޔާނާތްތެރިވެފައިވާތީ.
އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަސް
ކަނޑައެޅި އަދަބު: 4 އަހަރަށް ޖަލަށް ލުމަށް
3. ޚިޔާނާތްތެރިވުން
ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން.
ދަޢުވާކުރާ ސަބަބު: މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި މީނާ ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޮމްޕެނީ (އެމްޓީޑީސީ) އިން އެމްއެމްޕީއާރސީއަށް ލޯނުގެ ގޮތުގައި USD 1,000,000 (އެއް މިލިއަން އެމެރިކާ ޑޮލަރު) ހޯދައި، އެ ފައިސާތައް އަމިއްލަ ކުންފުންޏަކަށް ދޫކޮށް، އެ ފައިސާތަކަށް ޚިޔާނާތްތެރިވެފައިވާތީ.
އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަސް
ކަނޑައެޅި އަދަބު: 4 އަހަރަށް ޖަލަށް ލުމަށް
މި މައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޢަބްދުالله ޒިޔާތާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާނެއެވެ. އެ އެއްބަސްވުމުގެ ދަށުން ޢަބްދުالله ޒިޔާތުގެ މައްޗަށް ކަނޑައަޅާ އަދަބު, އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 4 ދަރަޖަ މަތިކުރުމަށާއި, ޢަބްދުالله ޒިޔާތު ކުށަށް އިޢުތިރާފުވެފައިވާތީއާއި, މައްސަލައިގެ ތަޙުޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދީފައިވާތީ, އަދަބު ކަނޑައަޅުމުގެ މިންގަނޑުން 3 ދަރަޖަ ދަށްކުރުމަށް އެއްބަސްވެފައިވާނެއެވެ.
އަދި އެމް.އެމް.ޕީއާރސީގެ ޚިޔާނާތުގައި ހިމެނޭ ފައިސާއެއް ނުވަތަ މުދަލެއް ދައުލަތަށް އަނބުރާ ނެގުމަށް، ހިންގޭ އިދާރީ ނުވަތަ މަދަނީ އެންމެހައި އިންތިޒާމުތަކާއި، ތަޙުޤީޤުތަކާކުގައި އެއްބާރުލުން ދިނުމަށާއި، އެ ފައިސާ ނުވަތަ މުދާ ދައުލަތަށް އަނބުރާ ޙަވާލުކުރުމަށް މި އެއްބަސްވުމުގެ ދަށުން ޢަބްދުﷲ ޒިޔާތު އެއްބަސްވެފައިވެއެވެ.
މި ތިން ދަޢުވާއަށް އެކު ޖުމްލަ 12 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅުމަށް ޢަބްދުالله ޒިޔާތާއި ދައުލަތާމެދު އެއްބަސްވެފައިވާނެއެވެ.
މި މައްސަލައާ ގުޅިގެން 07 ސެޕްޓެންބަރު 2023 ގައި ބޭއްވުނު އަޑުއެހުމުގައި ޢަބްދުالله ޒިޔާތުގެ މައްޗަށްކުރި ޚިޔާނާތްތެރިވުމުގެ ކުށުގެ 3 ދަޢުވާއަށްވެސް އިޢުތިރާފުވެފައިވާތީ, އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަނެ އެއްބަސްވުމުގައިވާގޮތަށް އަދަބު ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ.