-
23 އޮގަސްޓް 2023
ކުރީގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދުގެ މައްޗަށް ކުރި ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅުއްވުން
ގދ. ތިނަދޫ، ގާކުރެލި، އިބްރާހީމް ރަޝީދުގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ 13 އޮގަސްޓު 2017 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.މި ދަޢުވާ ކޮށްފައިވާނީ 28 މޭ 2016 ދުވަހު 00:49 އެހައިކަށްހައިއިރު، މީނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ގދ. ތިނަދޫ ގޯލްޑްސްމިތް ދެކުނުގެ ހުންނަ ކަންމައްޗަށް ފުލުހުން ދިޔައިރު، މީނާ އެގޭ ކުރިމަތީގައި ހުރި ވޭވް ސައިކަލަކާ ދިމާލަށް ދަނިކޮށް ފުލުހުން މީނާ ހުއްޓުވި ވަގުތު، މީނާގެ ވައަތުން ނަގައި އެއްލާލި ރަބަރު ޕެކެޓުގައި 0.0123 ގްރާމް ޑައިމޯފިން ހުރިކަމަށް އޭގެ ތަހްލީލް ރިޕޯޓުން ދައްކާތީއެވެ.މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅުއްވައި، 23 އޮގަސްޓު 2023 ގައި ޙުކުމް ކުރައްވާފައެވެ. މިކުށުގެ އުޤޫބާތެއްގެ ގޮތުން އިބްރާހީމް ރަޝީދު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 25000 (ފަންސަވީސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށް މިފައިސާ މިއަދުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ޙުކުމްކުރައްވާފައިވެއެވެ.މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނުއިރު އިބްރާހީމް ރަޝީދު ހުރީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމުގައެވެ.