ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަންކުރައްވައިފި

18 ސެޕްޓެންބަރު 2024

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛް ޢައްބާސް ޝަރީފު އައްޔަންކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އަލްއުސްތާޛު ޢައްބާސް ޝަރީފު އައްޔަން ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 221 ވަނަ މާއްދާ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ. އަލްއުސްތާޛު ޢައްބާސް ޝަރީފު އެންމެފަހުން އަދާކުރައްވަމުން ގެންދެވި މަޤާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒް މަޤާމާއި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސަރވިސް އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ މެންބަރުކަން ހިމެނެއެވެ.

އޭގެ ކުރިން އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމާއި އަދި ޤާނޫނީ ދާއިރާގެ އެކިއެކި މަޤާމުތައް ހިމެނެއެވެ. އަލްއުސްތާޛު ޢައްބާސް ޝަރީފު ވަނީ އޮސްޓްރޭލިއާގެ ޓަސްމޭނިއާ އިން ބެޗްލަރ އޮފް ލޯ ހާސިލުކުރައްވާފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އައްޔަންކުރެއްވި އަލްއުސްތާޛު ޢައްބާސް ޝަރީފަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ.