-
25 މޭ 2025
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ދަޢުވާކުރުން
ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދާއި، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 25 މޭ 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުރި ގ. ލިޓޯނިޔާ، މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް:
1. ދިވެހިރާއްޖާގެ ޤާނޫނުލްޢުޤޫބާތުގެ 213 ވަނަ މާއްދާއާއި، އެ ޤާނުނުގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.
2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.
3. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގގެ ދަޢުވާ.
މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް މި ދަޢުވާތައް ކޮށްފައިވާނީ، މޯލްޑިވްސް އިމިގްރޭޝަންގައި ޢަމަލުކުރާ ޢާންމު އުޞޫލާ ޚިލާފަށް، ކޮންޓްރޯލަރގެ ބިއުރޯގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ފޮނުވައިގެން 11 މާރިޗު 2025 ދުވަހުގެރޭގެ ވަގުތެއްގައި ބިދޭސީންތަކެއް ދިރިއުޅޭ ގެއަކަށް "އިމިގްރޭޝަން ޗެކް" އަކަށް ކަމަށް ބުނެ ވަދެގަނެ، އެތަނުގައި ހުރި ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މައިނުއްދީން، 530،000 (ފަސްލައްކަ ތިރީސްހާސް) ރުފިޔާއާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، މައިނުއްދީން ދޫކޮށްދިނުމަށް އެދި އޭނާގެ ސްޕޮންސަރުގެ ނަމުގައި ޞައްޙަ ނޫން ސިޓީއެއް ހުށަހެޅިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މައިނުއްދީން ބަންދުން ދޫކޮށްލުމަށް ޝަމްޢާން އެންގުމުން، ކޮންޓްރޯލަރގެ ބިއުރޯގައި މަސައްކަތްކުރަމުން ދިޔަ ގ. ހެޕީސައިޑް، އިބްރާހީމް އަޙްމަދު، މޯލްޑިވްސް އިމިގްރޭޝަންގައި ބޭނުންކުރަމުން ދިޔަ ކާރަކަށް މައިނުއްދީން އަރުވައިގެން ގެންދިޔަ ވަގުތު، އޭނާގެ އަތުގައި ހުރި ފައިސާގެ ތެރެއިން 500،000 (ފަސް ލައްކަ) ރުފިޔާ އަތުލުމަށް ޝަމްޢާން، އިބްރާހީމް އަޙްމަދަށް އަންގާފައިވާތީއާއި، މީނާ އެންގި ގޮތަށް އެފައިސާ މައިނުއްދީން އަތުން އަތުލުމުން، އެ ފައިސާގެ ތެރެއިން 400،000 (ހަތަރު ލައްކަ) ރުފިޔާއާ ޝަމްޢާން ޙަވާލުވެ، އެ ފައިސާ ޝަމްޢާންގެ އަތުގައި ބެހެއްޓުމަށްފަހު، ހަމަ އެދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުންކޮށްގެން މީނާގެ ނަމުގައި ނަގާފައިވާ 02 (ދޭއް) ސްޓޫޑަންޓް ލޯންއަކަށް ފައިސާ ދައްކާފައިވާތީ.
މި ދަޢުވާތަކާ ގުޅިގެން ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި މައިނުއްދީން އަށް 500،000 (ފަސްލައްކަ) ރުފިޔާ އަދި ދައުލަތަށް އިތުރު 400،000 (ހަތަރު ލައްކަ) ރުފިޔާ މުޙައްމަދު ޝަމްޢާން ވަޙީދު އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެއެވެ.
އިމިގްރޭޝަން އޮފިސަރ ގ. ހެޕީސައިޑް، އިބްރާހީމް އަޙްމަދުގެ މައްޗަށް:
1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދަޢުވާ.
މި ދަޢުވާކޮށްފައިވަނީ އިސްވެ ދެންނެވުނު ޙާދިސާގައި މައިނުއްދީންއަތުން ފައިސާ ފޭރިގަނެފައިވަނީ މީނާކަމުގައިވާތި.
2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211 ވަނަ މާއްދާގެ (ހ) ގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާ.
މި ދަޢުވާ ކޮށްފައިވާނީ އިސްވެ ދެންނެވުނު "އިމިގްރޭޝަން ޗެކް" އޮޕަރޭޝަން ތެރޭގާއި، އެތަނުގައި ހުރި ކަބަޑެއްގެ ތެރޭގައި ހުރި ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަބޫ ލަޔެސް މިއާގެ ފައިސާތަކުގެ ތެރެއިން 5000 (ފަސްހާސް) އެމެރިކާ ޑޮލަރު މީނާ ނަގާފައިވާތީ.
3. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.
މި ދަޢުވާކޮށްފައިވާނީ އިސްވެ ދެންނެނުވު ޙާދިސާގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު މައިނުއްދީން، އިމިގްރޭޝަން ބަންދުން ދޫކޮށްލުމަށް ޞައްޙަނޫން އީމެއިލްއެއްކޮށްފައިވަނީ މީނާކަމަށްވާތީއާއި، އެ ޙާދިސާގައި މީނާގެ ރަސްމީ ޙައިޞިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްފައިވާތީ.
4. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދަޢުވާ.
މި ދަޢުވާކޮށްފައިވާނީ، އިސްވެ ދެންނެވުނު ޙާދިސާގައި މީނާ މައިނުއްދީން އަތުން ފޭރިގަތް ފައިސާ ޝަމްޢާން ވަޙީދުއާ ޙަވާލުކޮށް، އޭގެތެރެއިން 100،000 (އެއްލައްކަ ދިވެހި ރުފިޔާ) މީނާ އަތުގައި ބަހައްޓާފައިވާތީ.
މި ދަޢުވާތަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، މައިނުއްދީންގެ އަތުން ފޭރިގަނެފައިވާ 500،000 (ފަސްލައްކަ ދިވެހި ރުފިޔާ) އަށްވާ ބަދަލު މައިނުއްދީންއަށް ނަގައިދިނުމަށާއި، އެ ފައިސާގެ ތެރެއިން މީނާ އަމިއްލައަށް ނަގާފައިވާ 100،000 (އެއްލައްކަ ރުފިޔާ) ދައުލަތަށް ނަގައިދިނުމަށާއި، އަބޫ ލަޔެއް އަތުން "ވަގަށް" ނަގާފައިވާ 5000 (ފަސްހާސް) އެމެރިކާ ޑޮލަރު އަބޫ ލަޔެސްއަށް ނަގައިދިނުމަށް އެދިފައިވާނެއެވެ.
އިމިގްރޭޝަން އޮފިސަރ ގ. ބުރުނި، މޫނިމާގެ، މުޙައްމަދު އަލްސަން އިސްމާޢީލްގެ މައްޗަށް:
1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.
މި ދަޢުވާކޮށްފައިވާނީ އިސްވެ ދެންނެވުނު "އިމިގްރޭޝަން ޗެކް" އޮޕަރޭޝަންގައި މީނާ ބައިވެރިވެފައިވާތީ.
ގ. ހެޕީސައިޑް، ޙަސަން ސެހެޝާންގެ މައްޗަށް:
1. ދިވެހިރާއްޖާގެ ޤާނޫނުލްޢުޤޫބާތުގެ 213 ވަނަ މާއްދާއާއި، އެ ޤާނުނުގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.
މި ދަޢުވާކޮށްފައިވަނީ، އިސްވެ ބަޔާންކޮށްފައިވާ ޙާދިސާގައި މައިނުއްދީން އަތުން 500،000 (ފަސްލައްކަ) ރުފިޔާ ފޭރިގަތުމުގައި މީނާ ބައިވެރިވެފައިވާތީ.
2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.
މި ދަޢުވާކޮށްފައިވަނީ، އިސްވެ ބަޔާންކޮށްފައިވާ ޙާދިސާގައި މައިނުއްދީން އަތުން 500،000 (ފަސްލައްކަ) ރުފިޔާ ފޭރިގަތުމުގައި އިމިގްރޭޝަން އޮފިސަރ އިބްރާހީމް އަޙްމަދުގެ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގައި މީނާ ބައިވެރިވެފައިވާތީ.
ސީނިއަރ އިމިގްރޭޝަން އޮފިސަރު މ. ހަޒާރީވިލާ، އަޙްމަދު ލައްސާންގެ މައްޗަށް:
1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދަޢުވާ.
މި ދަޢުވާކޮށްފައިވަނީ، އިސްވެ ބަޔާންކޮށްފައިވާ ޙާދިސާގައި މައިނުއްދީން އަތުން 500،000 (ފަސްލައްކަ) ރުފިޔާ ފޭރިގަތުމުގައި މީނާ އެތަނުގައި ހުރެ، އެކުށުގައި ޢަމަލީގޮތުން ބައިވެރިވެފައިވާތީ.
2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.
މި ދަޢުވާކޮށްފައިވާނީ އިސްވެ ދެންނެވުނު "އިމިގްރޭޝަން ޗެކް" އޮޕަރޭޝަންގައި މީނާ ބައިވެރިވެފައިވާތީއާއި، މައިނުއްދީން އަތުން 500،000 (ފަސްލައްކަ) ރުފިޔާ ފޭރިގަތުމުގައި މީނާގެ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ.
މި މައްސަލައިގައި ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒުފޯރުވުމުގެ އިޙްތިމާލު އޮތުމުން، މުޙައްމަދު ޝަމްޢާން ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުގައެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.
* މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.