ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފި

29 ޖުލައި 2025

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2015/2) ގެ ދަށުން ޤާއިމުކުރެވުނު އެއްބަސްވުމެކެވެ. އެ ޤާނޫނޫގެ ދަށުން، ޖިނާއީ މައްސަލަތަކުގައި ބޭރު ޤައުމުތަކާއެކު ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ މަސައްކަތްކުރާ މަރުކަޒީ އިދާރާއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.

ސްރީލަންކާއާއެކު ޤާއިމުކުރެވުނު އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) ޢައްބާސް ޝަރީފެވެ. ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި 28 ޖުލައި 2025 ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ދެ ޤައުމުގެ ރައީސުންގެ ޙާޟިރުގައި މި އެއްބަސްވުން ބަދަލުކޮށް، ޢަމަލުކުރަން ފަށާފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދެވޭ ނުވަތަ ހޯދޭ އެހީގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.

- ކުށްކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މުދަލާއި، ކުށުގެ ތުހުމަތުކުރެވޭ މީހުން ހޯދައި ދެނެގަތުން.

- ޝަރީޢަތެއްގައި ހެކިބަސް ދިނުމަށްޓަކައި ނުވަތަ ތަޙުޤީޤެއްގައި އެހީތެރިވުމަށްޓަކައި، ދިވެހިރާއްޖޭގައިވާ މީހަކު ބޭރު ޤައުމަކަށް ފޮނުވުން ނުވަތަ ބޭރު ޤައުމެއްގައިވާ މީހަކު ދިވެހިރާއްޖެއަށް ގެނައުން.

- އެއް ޤައުމުގައި ކުރެވޭ ޖިނާއީ ތަޙުޤީޤުތަކުގައި ހޯދާ ހެކިތައް އަނެއް ޤައުމަށް ފޯރުކޮށްދިނުން.

- މީހެއްގެ ބަޔާން ނެގުން ނުވަތަ ހެކިބަސް ހޯދުން.

- މުދަލުން މުޢާމަލާތުކުރުން ހުއްޓުވުމާއި މުދާ ހިފެހެއްޓުން.

މިނޫންވެސް، ޖިނާއީ ކުށްތަކާގުޅިގެން ކުރެވޭ ތަޙުޤީޤުތަކާއި، ހިންގާ ޝަރީޢަތްތަކުގައި އެއް ޤައުމުން އަނެއް ޤައުމަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދިނުން ހިމެނެއެވެ.

މިފަދަ އެއްބަސްވުމެއް ޤާއިމުކުރެވިފައި އޮތުމުގެ މުހިންމުކަމަކީ، ޑިޕްލޮމެޓިކް ޗެނަލްތައް އެއްފަރާތްކޮށް، ދެޤައުމުގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުގެ މެދުގައި ސީދާ ގުޅުން ޤާއިމުކުރުމެވެ. މިކަމުގެ ސަބަބުން ވަގުތުން ވަގުތަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަގުފަހިވެ، ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތްކުރުމަށް އަންނަ ލަސްކަން ނައްތާލެވޭނެއެވެ. އަދި އެހީތެރިކަން ދެވޭނެ އުޞޫލުތަކެއް ކަނޑައަޅައި ދެޤައުމުން ރަސްމީކޮށް އެއްބަސްވެފައި އޮތުމުން، ދެޤައުމުގެ އިދާރާތަކުގެ ބައިވެރިވުމާއެކު ތަޙުޤީޤުކުރެވޭ މައްސަލަތަކުގައި ހޯދާ ހެކިތަކާއި އެއްކުރެވޭ މަޢުލޫމާތު ދެޤައުމުގެ ކޯޓުތަކުގައި ބޭނުންކުރެވޭނެއެވެ.

ސްރީލަންކާއަކީ ދިވެހިރާއްޖެއިން މިފަދަ އެއްބަސްވުމެއް ޤާއިމުކުރި 2 ވަނަ ޤައުމެވެ. ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ ދަށުން މިފަދަ އެއްބަސްވުމެއް ފުރަތަމަ ޤާއިމުކޮށްފައިވާނީ 2019 ވަނަ އަހަރު އިންޑިއާއާއެކުއެވެ.