• 06 ޖޫން 2024

    ޕީޖީ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" އިފްތިތާޙުކުރުން

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދެވަނަ ނިއުސްލެޓަރ 'ނިޔާވެހި' އިފްތިތާޙުކޮށްފިއެވެ. މިއީ، ކުށުގެ ސަބަބުން އަނިޔާލިބޭ މީހުންނަށް ރައްކާތެރިކަން ހޯދައިދީ، ޢަދުލް އިންޞާފު ޤާއިމުކޮށްދިނުމުގެ ޒިންމާއާ ޙަވާލުވެތިބި ކަމާބެހޭ ފަންނީ މީހުނަށް، މި ނިޒާމަށް ދުވަހުން ދުވަހަށް އަންނަ ބަދަލުތައް، ފަސޭހަކަމާއެކު ބެލޭގޮތަށް ގެނެސްދިނުމުގެ މަޤްޞަދުގައި ފަށާ މަސައްކަތެކެވެ. 

     

    މިއީ މަހަކު އެއްފަހަރު، ކޮންމެ މަހަކުވެސް، އެމަހެއްގައި ދިމާވި މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވާލާ ނެރޭ ނިއުސްލެޓަރއެކެވެ. މި ނިއުސްލެޓަރގެ އަމާޒަކީ، ދުނިޔޭގެ ފެންވަރުގެ ވިކްޓިމް ސަޕޯޓް ޚިދުމަތެއް ދިނުަމަށް ކުރާ މަސައްކަތަށް އެހީތެރިވެދިނުމެވެ. ކުށުގެ ސަބަބުން އަނިޔާ ލިބޭ މީހުންނަށް އެހީތެރިވާންތިބޭ މީހުންނަށް އެހީތެރިވުމެވެ. އެމީހުންނަށް ޤާނޫނުތަކާއި ގަވާއިދުތަކުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

     

    މިނިއުސްލެޓަރ ބެއްލެވޭނީ ސަބްސްކްރައިބް ކުރައްވައިގެންނެވެ. ސަބްސްކްރައިބް ކުރެއްވުމުން، މިއޮފީހުން އޮންލައިން ޕޯޓަލްގެ ތެރެއިން ނިއުސްލެޓަރ ފެނިވަޑައިގަންނަވާނެއެވެ. އޮންލައިން ޕޯޓަލަށް ވަދެވަޑައިގެންނެވޭނީ ސަރުކާރުން ތަޢާރަފުކޮށްފައިވާ އީފާސް މެދުވެރިކޮށް ލޮގްއިން ކުރައްވައިގެންނެވެ.