• 21 މާރިޗު 2024

    ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަތައް ބަލައި ދަޢުވާކުރާނެގޮތާ ބެހޭ އިރުޝާދު ނެރުން

    ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 122 ވަނަ މާއްދާ (ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށް) ގައި، ތަފާތު އެކިއެކި ކުށް ކުރުމަށްޓަކައި ކުޑަކުދިން ރެކްރޫޓްކޮށް، ނުވަތަ އެނޫން ގޮތަކަށްވެސް ބޭނުންކުރުމަކީ، އޭގެ ޒާތުގައި ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ.

     

    މިބާވަތުގެ ކުށްތަކަކީ، އެކުށްތައް ތަޙްޤީޤުކުރުމާއި ދައުވާކުރުމުގައި ގޮންޖެހުންތަކެއް ހުރި ބާވަތެއްގެ ކުށަކަށްވާތީއާއި، މިކަމުގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ޙަރަކާތްތެރިވާ ހުރިހާ އިދާރާތަކުން އެއްގޮތަކަށް ޢަމަލުކުރާކަން ކަށަވަރުކުރުމަށްޓަކައި، ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައާއި ދަޢުވާކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދުގެ ނަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދެއް މިއަދު ނެރުއްވައިފިއެވެ. މިއިރުޝާދަކީ، ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް) ގެ (ރ) ގައި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙްޤީޤުތައް ބަލައި އެކަންކަން ހިނގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމަށް އޮތް މަސްއޫލިއްޔަތުގެ ދަށުން ނެރެފައިވާ އިރުޝާދެކެވެ.

     

    މިއިރުޝާދުގެ ސަބަބުން، ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަދި ކުޑަކުދިން ގްރޫމްކޮށްގެންނާއި ރެކްރޫޓުކޮށްގެން އެކުދިން ލައްވާ ކުށްކުރުވާ މީހުންގެ މައްސަލަތައް، ރާއްޖޭގެ ހުރިހާ ދިމާއެއްގައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެއެވެ. މިބާވަތުގެ މައްސަލަތަކުގައި ފުލުހުން ތަޙްޤީޤުގައި ބަލާނެކަންކަމާއި ދައުވާކުރުމުގައި ގެންގުޅޭ އުޞޫލުތައް، މިދާއިރާގައި މަސައްކަތްކުރާ ހުރިހާ އިދާރާތަކަށް ސާފުވެފައި އޮންނާނެއެވެ.