• 06 ފެބުރުވަރީ 2024

    ޝަރީޢަތް ނިމެންދެން މީހުން ބަންދުކޮށްފައި ތިބޭ މީހުންގެ މައްސަލަތައް އަވަހަށް ނިންމުމުގައި ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދޭނަން

    ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީޢަތްތައް ނުހިނގައި ދިގުލައިގެންދާ މައްސަލަ ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާތީ، އެކަމަށް މި އޮފީހުން މަރުޙަބާ ދަންނަވަމެވެ.

    ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީޢަތްތައް ނުބޭއްވި ދިގުލައިގެންދާ މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލް އަބަދުވެސް ނުހަނު ކަނބޮޑުވެވަޑައިގަންނަވާ މައްސަލައެކެވެ. 2019 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތަށް މި މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރެވިފައިވެއެވެ. އެގޮތުން ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރާ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ލިޔެ، ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖަޢާކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަންޖެހޭ ޙާލަތު ބަދަލުވޭތޯ ގަވާއިދުން މިގެންދަނީ ބަލައި މުރާޖަޢާކުރަމުންނެވެ.

    ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީޢަތް ބޭއްވޭނެ ދުވަހެއް ނޭގި ދިގުލައިގެންދާ މައްސަލައިގެ އެއް ސަބަބު ގުޅިފައިވަނީ ޝަރުޢީ ކޯޓުތައް ހިނގާ ސްޕީޑާއެވެ. ޝަރީޢަތުގެ ސްޕީޑް ގުޅިފައި އޮތީ ކޯޓުތަކުގެ ޖާގައިގެ މައްސަލައާއެވެ. ސަރުކާރުން ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ ޕްރޮސިކިއުޓަރ ޖެނެރަލް އުފާކުރައްވައެވެ. އެކަމުގެ ޢަމަލީ މަސައްކަތްތައް އަވަހަށް ފެށޭނެކަމަށް އުންމީދުކުރަމެވެ.

    ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ މައްސަލައަށް ޤާނޫނީ ޙައްލެއް ހޯއްދެވުމަށްޓަކައި، ޤާނޫނަށް ގެންނަވަން ޤަޞްދުކުރައްވާ އިސްލާޙްތައް ރައްޔިތުންގެ މަޖިލީހުގެ މި ދަޢުރުގައި ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައިވާތީ، އެކަމުގައާއި ސަރުކާރުގެ ކަމާގުޅޭ ސިޔާސަތުތައް ތަންފީޛުކުރުމުގައި، ޤާނޫނީ ހަމަތަކުގެ މަތިން މި އޮފީހުން ދޭންޖެހޭ އެންމެހައި އެއްބާރުލުމާއި އެހީތެރިކަން، ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އެންމެހައި އިދާރާތަކާ ގުޅިގެން ދެމުންގެންދާނަމެވެ. މި މައްސަލައަށް ޤާނޫނީ ޙައްލެއް ހޯދުމަށް ބޭނުންވާ ބައެއް ބަދަލުތަކުގެ ތަޞައްވުރެއް މި އޮފީހުން މިހާރުވެސް އެބަ ގެންގުޅެމެވެ.

    މި އޮފީހުގެ ސިޔާސަތަކީ، ޖިނާއީ ކުށުގެ ޢަމަލުތަކުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި، މުޖްތަމަޢުގެ އަމަންމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށް، ކުށްކުރުން މަދުކުރުމަށް ދޭ އިސްކަމާއެކު، ކުށްވެރިންނަށް ރަނގަޅު މަގު ދައްކައިދީ، އިސްލާޙްވުމުގެ ފުރުޞަތު ޤާނޫނު ތަންދޭ އެންމެ ފުޅާމިނެއްގައި ފަހިކޮށްދިނުމެވެ.